އެގާރަ ވަނަ ބައި
ނައުރާގެ ޖަވާބެއް ނުލިބުނީމަ ސާޖިދު ނައުރާއަށް ގޮވައިލިއެވެ.
“ނިދީ ތަ!”
ސާޖިދު ބޭނުންވީ ނައުރާ ނިދަން ބޭނުމިއްޔާ އުދަނގޫ ނުކުރުމެވެ.
“ނޫން! އަދި ހޭލާ! އެކަމު ދެން ނިދާނީ!”
ނައުރާ އަވަސްއަވަހަށް ޖަވާބު ލިޔުނެވެ.
“ވަކިވުމުގެ ކުރިން އަހަންނަށް ކަމަކަށް ހުއްދަ ދިނުން އެދެން!”
ސާޖިދު އެދޭކަމެއް އޮތުމުން ބިރުން ހުއްޓަސް ޖެހިލުންވެ ހުރެ ހުށަހެޅިއެވެ.
ނައުރާ ފޮނުވައިލީ ހަމައެކަނި ސުވާލުމާކެކެވެ. އެވަރުން ސާޖިދު ބޭނުންވަނީ ކޮންކަމެއްކަން ބުނަން ބޭނުމިއްޔާ ބުނާނީއެވެ. ނައުރާގެ މާބޮޑު ޝައުގެއް އެއަކަށް ނެތެވެ.
“އޯކޭ! ފަހުން ބުނާނަން! މިރޭ ދެން ނިދާލާ! ………. ވަރަށް އުފާވެއްޖެ ވާހަކަ ދައްކާލެވުނީމަ! އަދި ….. ތޭންކްސް!” ސާޖިދު ލިޔުނެވެ.
ނައުރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހާދަ ތަފާތު މީހެކެވެ. މާކުރީއްސުރެ ދަންނަ ރަޙުމަތްތެރިއެކޭ އެއްފަދައެވެ. ނައުރާއަށް ވިސްނާ ވިސްނާ އޭނަގެ ވާހަކަޔާ ގަޔާނުވާނެ އެންމެ ތަންކޮޅެއް ވެސް ނުފެނުނެވެ. ވާހަކަ ދެއްކީ އެހާ އޯގާތެރިކޮށެވެ. ވާހަކާގައިވަނީ އަޅާލުމެވެ. ހިތް ހެޔޮ ކަމެވެ.
ނައުރާ ވިސްނާލިއެވެ. ނޫނެކެވެ. އެއީ ފިރިހެނުންގެ ވައްތަރެވެ. މަޒީދު ވެސް ވާހަކަ ދެއްކީ އެހާ އޯގާތެރިކޮށެވެ. ގާތްކޮށެވެ. އެކަމަކު އެވާހަކާގައި ހުރީ ކިހައި ކެހިވެރިކަމެއްކަން ނޭނގުނީ އަހަންނަށެވެ. އެމީހުންގެ މަޅީގައި ޖައްސަން އެމީހުން ބޭނުންވާ ޝިކާރަ އަތުލެވެންދެން އެހާ އޯގާތެރި ވާނެއެވެ.
ނައުރާ ގަބޫލުކުރަން ބޭނުންވީ ހުރިހާ ފިރިހެނުންނަކީ ވެސް ކެހިވެރިން ކަމަށެވެ. މަކަރުވެރިން ކަމަށެވެ. އޮޅުވާލާ އަނިޔާވެރިން ކަމަށެވެ.
ނައުރާގެ ދަރިފުޅު އެބޯޓުވިތާ ހަފުތާއެއް ވީފަހުން ނައުރާ އެކަން އަންގަން ޖެހޭ ފަރާތްތަކެއް ވާކަމަށް ނައުރާގެ ސިކުނޑިއަށް ވިސްނައި ގަނެވުނެވެ. އެ ދަރިފުޅުގެ ބައްޕައެވެ. އަދި ހިދާޔާއާއި މަޒީދުގެ ބޮޑުބޭބެއެވެ. ނުބުނެވި މިހާރު މާލަސް ވެސް ވެއްޖެއެވެ. އަމުދުން ހިދާޔާމެންނަކަށް ނައުރާ އިނީ ބަލިވެކަމެއް ނުވެސް އެނގޭނެއެވެ.
ވަރަށް ވިސްނުމަށްފަހު ހިދާޔާގެ ނަމްބަރަށް ގުޅިއެވެ. އެއީ ނައުރާ މާލެއިން ފުރި ފަހުން ހިދާޔާއަށް އިސްވެ ގުޅާ ދެވަނަ ފަހަރެވެ. އޭގެ ކުރިން ދެ ދުވަހަކު ހިދާޔާ ގުޅިއެވެ. އޭގެތެރެއިން އެއްދުވަހު ވާހަކަ ދެކެވި އަނެއް ދުވަހު ކޯލް މިސްވުމުން ނައުރާ ގުޅިއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހިދާޔާ ޝަކުވާ ކުރީ ނައުރާ ނުގުޅާތީއެވެ. އުޅޭލެއް ދުރުކަމުންނެވެ. އެކަމަކުވެސް ނައުރާ އެމީހުންނާ މާބޮޑު ގުޅުމެއް ބާއްވަން ބޭނުން ނުވާތީ ނުގުޅަނީއެވެ. ފަހަރުގައި އެ ދެމެދަށް މަޒީދު ނުވަންނަމަ ނައުރާ އެމީހުންނާ އޮންނަ ގުޅުން މިއަށްވުރެ ރަނގަޅަށް ދެމެހެއްޓީސް ކަންނޭނގެއެވެ.
އެއީ ރޭގަނޑެއްގެ ކެއުމުގެ ފަހެވެ. ހިދާޔާ އިނީ ޓީވީއިން އައި ދިވެހި ޑްރަމާއެއް ބެލުމުގައި މަޝްޣޫލުވެގެންނެވެ. ފޯނުގެ ރިންގްގެ އަޑު އިވުމުން ހިދާޔާ އިޝާރާތް ކުރުމުން ފޯނު ގެނެސްދިނީ އަނިލްއެވެ. ނައުރާގެ ނަން ފެނުމުން ހިދާޔާގެ މޫނު އިހުނަށްވުރެ އަލިވެ އުޖާލާވެގެން ދިޔައެވެ. ނައުރާ އެމީހުންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެމީހުން ނައުރާ ދެކެނީ އަމިއްލަ ދަރިއަކު ފަދައިންނެވެ.
“ހަލޯ! ނައުރާ!”
ހިދާޔާ އޯގާތެރިކަން އެކުލެވޭ އަޑަކުން ނައުރާއަށް ގޮވައިލިއެވެ.
“ހަލޯ!”
ނައުރާ ފުރަތަމަ އެހީ މަޒީދުގެ ބޮޑުބޭބެއާ ހިދާޔާގެ ހާލުއަހުވާލުގެ ވާހަކައެވެ. އެއަށްފަހު އަނިލްގެ ހާލު ވެސް އެހިއެވެ. ވިޔަފާރި ރަނގަޅުތޯއާ ގޭތެރޭގެ ކަންތައްތަކުގެ ވާހަކަ ވެސް އެހިއެވެ. ހިދާޔާއަށް ހައިރާންކަން ލިބެމުން ދިޔައީ އެހެން ފަހަރުތަކަށްވުރެ ގިނަ ވާހަކަ ނައުރާ އަމިއްލައިން ދައްކަން ފެށުމުންނެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކު މަޒީދުގެ ވާހަކައެއް ނާހާތީ އަދި ވަކިން ބޮޑަށް ހިދާޔާ އިނީ ސުވާލު އުފެދިފައެވެ.
“ދައްތަމެން ގާތު ބުނަން ޖެހޭ ވަރަށް މުހިންމު ވާހަކައެއް އޮތުމުން މިގުޅީ!”
އަސްލު މައުޟޫއަށް ދާން ނައުރާ އެންމެފަހުން ވިސްނިއެވެ.
“ކޮން ވާހަކައެއް! އަވަހަށް ބުނޭ! ނައުރާއަށް ދައްތަމެން ގާތު ނުބުނެވޭނެ ވާހަކައެއް ނޯންނާނެ!”
ހިދާޔާގެ ހިތުގައި ނުތަނަވަސްކަމެއް އޮތަސް ނައުރާއަށް ވާހަކަ ދައްކަން ފުރުސަތު ދިނީ ވިސްނުންތެރިކަމާއެކުގައެވެ.
“ދައްތަމެން މިވާހަކަ އަޑު އަހާފަ އަހަންނާދޭތެރޭ ނުބައި ހީއެއް ނުކުރުން އެދެން …………..!”
ނައުރާއަށް ތަންކޮޅެއް ބުނަން އުދަގޫވިއެވެ. ބުނަންޖެހޭ ވާހަކައިގެ ގޮތުންނެވެ.
“އަހަރެން އިނީ މަޒީދުގެ ދަރިއަކަށް ބަލިވެ! އެކަމަކު …….!”
ނައުރާއަށް ކުރިއަށް ނުގެންދެވި ހުއްޓާލުމުން ހިދާޔާގެ ލޭ ހިނގުން އަވަސްވިއެވެ. ހިތް ތެޅިލިއެވެ. ނައުރާ ބުނަން އުޅެނީ ކީކޭކަން ނޭނގި ހާސްވެއްޖެއެވެ. ހިތުގައި ބިރުވެރިކަން ހިނގައިލިއެވެ.
“ނައުރާ ……….!” ހިދާޔާ ބޭނުންވީ ވެގެން އުޅޭ ގޮތަށް އަވަހަށް ބުނުމަށެވެ.
“ވެގެން ތިއުޅޭ ގޮތެއް އަވަހަށް ބުނެބަލަ!”
“ދައްތާ! އަހަރެންގެ ދަރިފުޅު ………. .ދަރިފުޅު އެބޯޓުވެއްޖެ!”
ނައުރާއަށް ގިސްލެވުމުގެ ތެރެއިން ބުނަން ބޭނުންވި ވާހަކަ ވަރަށް އުދަނގުލުން ދުލުން ބޭރު ކުރެވިއްޖެއެވެ. އެ ބުނެވުނު ވާހަކައިން ހިދާޔާގެ ހިތްވެސް އެފުށް މިފުށަށް ޖެހިގެން ދިޔަފަދައެވެ. އެމީހުން މަޒީދު ބެލީ އަމިއްލަ ދަރިއަކު ފަދައިންނެވެ. މަޒީދު ވެސް އެމީހުންނާއެކު އުޅުނީ އެމީހުންނަކީ މަޒީދުގެ މައިން ބަފައިން ކަމަށް ބަލައިގެންނެވެ.
“ކޮން އިރަކު! ކީއްވެ! …… ކީއްވެ މިހާ ލަހުން ބުނީ! ކީއްވެ އެބޯޓު ވީ!”
ހިދާޔާ ބޭނުންވީ އެންމެ ސުވާލެއްގެ ޖަވާބެވެ. ދަރިފުޅު އެބޯޓުވާން ޖެހުނު ސަބަބެކެވެ. އޭރު ހިދާޔާގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ. ހިތްހަމަ ނުޖެހުމެވެ.
“އެއްވެސް އުނދަގުލެއް ވެސް ނުވޭ! އަހަރެން މިކޮޅުގެ ޑޮކުޓަރަށް ވެސް ދެއްކިން! ގޯހެއް ހުރި ވާހަކައެއް ނުބުނޭ! ދެން އެއްރޭ ފަތިހު ދަށްބޮޑުކޮޅުގަ ރިއްސާފަ ……!”
ނައުރާއަށް ވާހަކަ ދައްކަން އުދަނގޫ ވުމުން އަނެއްކާ ވެސް ހުއްޓައިލިއެވެ. އެކަމަކު ދެންވެސް އޭނަ ބުނަން ބޭނުން ވާހަކަ ހިދާޔާ ފޯނު ބޭއްވުމުގެ ކުރިން ބުނަން ޖެހޭތީ ބުނެ ނިންމައިލިއެވެ.
“ދައްތާ! ……. .އަހަރެންބަލިވެ އިނީ މަޒީދުއާ އިނުމުގެ ކުރިން!”
ހިދާޔާގެ ކަންފަތް ބުޑުގައި މީހަކު ބޮމެއް ގޮއްވައިލިޔަސް ޖެހިލުންވާނީ އެވަރަށެވެ. ބުނާނެ އެއްޗެއް ހިދާޔާގެ ދުލުކުރިއަކަށް ނައެވެ. ނައުރާއަކީ މިކަހަލަ ވިއަޔާ ނުދާ އަންހެނެއްކަމަށް ހިދާޔާއަކަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
“މަޒީދުއަހަންނަށް ނިދާބޭސް ދީގެން ……….. އަހަރެން ރޭޕް ކުރީ!”
މިރެއަކީ މީ ކޮންކަހަލަ އަޖާއިބު ކުރުވަނިވި ވާހަކަ ތަކެއް އަޑު އިވޭ ރެއެއްހެއްޔެވެ! ހިދާޔާއަށް ފައުޅުވަމުންމިދާ ސިއްރުތައް މިއީ ކިހިނެއް ކޮންއިރަކު ހިނގާފައި ހުރި ކަންކަމެއް ހެއްޔެވެ!
“އެހާ އަވަސްގޮތަކަށް އަހަރެން މަޒީދުއާ އިންނަން ޖެހުނު ސަބަބަކީ މިއީ!…….. ދަރިފުޅާ ދޭތެރޭކަންތައް ދިމާވި ގޮތުގެ ވާހަކަ ދައްތަމެން މަޒީދު ގާތު ބުނެލަދީ! މަޒީދުއަށް އެނގޭނެ އަހަރެން ބަލިވެ އިންކަން!”
ނައުރާ ހިދާޔާއަށް ގުޅި އަސްލު ބޭނުމަކީ އެވާހަކަ މަޒީދަށް އަންގަން ހިދާޔާމެން ގާތު ބުނުމެވެ. އެހެންކަމުން ހިދާޔާ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ނައުރާ ފޯނު ބޭއްވީއެވެ.
ހިދާޔާހުރީ އަޑުއިވުނު ވާހަކަ ތަކުގެ ސަބަބުން ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައެވެ.
އަނެއްކޮޅުން ހިދާޔާއަށް ގުޅާ އެ ވާހަކަ ބުނެވުމުން ނައުރާގެ ބޮލުން އެތައް ޓަނެއްގެ ބަރުދަން ލުއިވި ކަމުގެ އިޙުސާސް ކުރެވުނެވެ. ދެން އޮތީ ވެސް ވަރުގަދަ ހަނގުރާމައެކެވެ. މިހާތަނަށް ކުރި ހުރިހާ ހަނގުރާމައަކާ ކުރިމަތިލީ ނައުރާ އެކަންޏެވެ. އެކަމަކު މި ފަހަރު ޒީނިޔާއްތަ އެހީވާނެކަމަށް ބަލާ އެ ވާހަކަ ނައުރާ ޒީނިޔާއާ ޙިއްސާ ކުރިއެވެ. ޒީނިޔާ ބުނީ ރާމިޒު ގާތު ބުނެގެން ތިކަން ފަސޭހައިން ނިންމާލެވޭނެ ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.
ފުރަން ޖެހޭ ފޯމުތައް ފުރާ ހޯދަން ޖެހޭ މައުލޫމާތުތައް އެއްކުރުމަށްފަހު މަޒީދު ގާތުން ވަރިވާން ނައުރާ ފޯމު ލިޔެވެ. ކޯޓުގައި އެ މައްސަލަ ދެން ކުރިޔަށް ދާނެތާއެވެ. ނައުރާ ކުރަން ޖެހޭ ކަންތައްތައް އެއޮތީ ނިންމާފައެވެ.
ސާޖިދުއާ ވާހަކަ ދެކެވުނު ފުރަތަމަ ފަހަރަށްފަހު ދެން ސާޖިދު ނައުރާއަށް ގޮވައިލީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ފާއިތުވެގެން ދިޔަ އެއް ހަފުތާތެރޭ އެންމެ ފަހަރަކުވެސް ނައުރާ ސާޖިދުގެ މައްޗަކުން ހަނދާނެއް ނުކުރެއެވެ. މެސެޖެއް ކުރިތޯ ވެސް ބަލައި ނުލައެވެ. އިއްޔެ މެންދުރު ފެނުނު ނުދަންނަ މީހަކަށް ހުސްކުރާނެ ވަގުތެއް ވެސް ނައުރާއަކަށް ނެތެވެ.
ހަފުތާއެއް ފާއިތުވެ ދިޔަފަހުން އަނެއްކާ ވެސް އެއްރޭ ސާޖިދު ނައުރާއަށް ގޮވައިލިއެވެ. ހާލު އަހުވާލު އެހިއެވެ. ހުރީ ކައިގެންތޯ އެހިއެވެ. ދުވަސް ދަނީ ރަނގަޅަށްތޯ ވެސް އެހިއެވެ.
ސާޖިދު ކުރި ބައެއް ސުވާލުގެ ޖަވާބު ނައުރާ ދިން ވެސް މެއެވެ. އެކަމަކު ސާޖިދާބެހޭގޮތުން ނައުރާ މިކަހަލަ އެއްވެސް ވާހަކައެއް ނާހައެވެ.
ތިންހަފުތާވަރު ފާއިތުވެ ދިޔައިރު ސާޖިދުގެ އާދައަކަށް މިކަންވެ ނައުރާ ވެސް އެ ސުވާލުތަކުގެ ޖަވާބުތަކަށް އާދަވެއްޖެއެވެ. އެހެންކަމުން ސާޖިދު އެގޮތަށް އަބަދު ސުވާލުކުރާއިރު ނައުރާ އެންމެ ފަހަރަކު ނޫނީ އެންމެ ކުޑަމިނުން ސާޖިދުގެ ހާލުގެ ވާހަކަ ވެސް ނާހާކަން ހަނދާން ހުރީމާ އެއީ އަދި އެންމެ ރަނގަޅު ގޮތްކަމަކަށް ގަބޫލެއް ނުކުރެވުނެވެ.
ހުކުރުވިލޭރޭކަމުން ނައުރާ ބޭނުންވީ ތަންކޮޅެއް ލަހުން ނިދުމަށެވެ. އެހެންކަމުން ރާމިޒުމެންގޭގައި އެގޭ ކުދިންނާއެކު ސަކަރާތް ޖަހާލާ ވާހަކަ ދައްކާލާ ހަދާލަން އިރުކޮޅަކު މަޑުކޮށްލިއެވެ.
ނައުރާ ގެއަށް ގެންގޮސް ދިނީ ޒީނިޔާއާ ރާމިޒުއެވެ. އެމީހުން ދިއުމުން ނައުރާވަނީ ކޮޓަރިއަށެވެ. ނިދާ ހެދުން ލައިގެން އޮށޯތަސް ނައުރާގެ ލޮލަކަށް ނިންޖެއްނައެވެ. ކުދިންނާއެކު ސަކަރާތްޖަހާލާ ހެދީމާ ނިދި ފިލީ ނޫންބާވައޭ ވެސް ނައުރާ ހިތަށް އެރިއެވެ. ނުނިދިގެން ދެއަތަށް ފުރޮޅިފުރޮޅި އޮއްވާ ހަނދާނަށް އައީ ސާޖިދެވެ. ސާޖިދު މަތިން ނައުރާ ހަނދާންވީ ކީއްވެކަމެއް ނައުރާއަކަށް ވެސް ނޭނގެއެވެ. ފޯނުގެ ޑާޓާ ޖެއްސުމަށްފަހު ސާޖިދު އޮންލައިންގައި އިންތޯ މެސެންޖަރ ޗެކްކޮށްލިއެވެ. އޭރު ސާޖިދު ނަސީބަކުން އޮންލައިންގައި އިނެވެ.
ފުރަތަމަ ފަހަރަށް އިސްވެ ނައުރާ ސާޖިދަށް ގޮވައިލިއެވެ. ޖަވާބު އަންނަން އިރުކޮޅެއް ނެގިއެވެ.
“ޔެސް! ނާ! ……” ޖަވާބު ލިބުނު ގޮތުން ނައުރާއަށް ހުއްޓުމެއް އައެވެ. ނައުރާއަށް “ނާ” ކިޔާ މިހާތަނަށް މުޚާތަބުކުރީ އެންމެ މީހެކެވެ. އެއީ ޒަކުވާންއެވެ.
“ހެ ހެ ހެ!” ނައުރާ ޖަވާބުގައި ލިޔުނެވެ.
ޖަވާބުގައި ސާޖިދު ވެސް ހީނލިއެވެ. އަދި ނައުރާގެ ހުނުމުގެ އަޑުން ކަންފަތަށް ފަސޭހަކަން ލިބިއްޖެކަމަށް ސާޖިދު ބުނުމުން ނައުރާ އިތުރަށް ޙައިރާންވިއެވެ.
“ނާ ކިޔާފަ އަހަރެންނަށް މިހާތަނަށް މުޚާތަބު ކުރީ އެންމެ މީހެއް!”
ނައުރާ ލިޔުނެވެ.
“އެހެންތަ! ތިވާނީ ނައުރާ ދެކެ ވަރަށް ލޯބިވާމީހަކަށް!”
މިފަހަރު ސާޖިދު ބޭނުން ކުރީ ނައުރާގެ ފުރިހަމަ ނަމެވެ.
“އާންން! ފެމެލީގައި އުޅޭ އެންމެންގެ ތެރެއިން ވެސް އަހަރެންނަށް އެންމެ ހެޔޮވާނީ ޒަކުވާން! އޭނަ ވަރަށް މަދުފަހަރަކު އެނަމުން ގޮވާލާނެ!”
މާޒީގެ ތެރެއަށް ފީނާގަންނަމުން ނައުރާ ވާހަކަ ދެއްކިއެވެ.
“އަހަރެން ވާހަކައެއް އަހަންތަ!”
ސާޖިދު ހުއްދައަށް އެދުނެވެ. ހީވީ ކުރިން ބުނި ވާހަކައަށް މާބޮޑު ޝައުޤެއް ނެތްހެންނެވެ.
“ހަމްމް!”
ނައުރާގެ ޖަވާބު ވަރަށް ކުރެވެ.
“ނައުރާ ކީއްކުރަނީ ޢާއިލާޔާ ވަކިން ތިރަށުގައި!”
ސާޖިދު އަހާނީ ނައުރާގެ ޙަޔާތާ ބެހޭ ކޮންމެވެސް ބޮޑު ވާހަކައެއްކަމަށް ނައުރާ ހީކުރިއެވެ.
“ވަޒީފާއެއްގައި!”
ނައުރާ ޖަވާބުދިނެވެ.
(ނުނިމޭ)
ޚިޔާލުތައް