A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 12

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ބާރަވަނަބައި

“ނައުރާ ކީއްކުރަނީ ޢާއިލާޔާ ވަކިން ތިރަށުގައި!”

ސާޖިދު އަހާނީ ނައުރާގެ ޙަޔާތާ ބެހޭ ކޮންމެވެސް ބޮޑު ވާހަކައެއްކަމަށް ނައުރާ ހީކުރިއެވެ.

“ވަޒީފާއެއްގައި!”

ހީކުރި ކަހަލަ ސުވާލެއް ނޭހިއަސް ނައުރާ ޖަވާބުދިނެވެ.

“އަހަންނަކީ ޤުރުއާން ޓީޗަރެއް!”

ނައުރާ އިތުރުކޮށްލިއެވެ.

އެރޭ ސާޖިދާއި ނައުރާ ވާހަކަ ދައްކަން އެތައް އިރަކު ތިއްބެވެ. އެހެންނަމަވެސް އެރެއަށްފަހު އަނެއްކާ ވެސް ސާޖިދުގެ ޚަބަރެއްވީ ތިން ދުވަސް ފަހުންނެވެ. ޚަބަރެއް ނުވެ ފާއިތުވި ދެ ދުވަހު ސާޖިދުގެ ޚަބަރެއް ވޭތޯ ނައުރާ އެތައް ފަހަރަކު ހައި، ހަލޯ ޖެހިއެވެ. އެކަމަކު ސާޖިދަށް ފެނުމުގެ ކުރިން ޑިލީޓް ކޮށްލައެވެ. ސާޖިދުގެ ޚަބަރެއް ވުން ލަސްވީމާ ނައުރާ ހުރީ ވަރަށް ފޫހިވެ މާޔޫސް ވެފައެވެ. ކީއްވެކަމެއް ނޭނެގެއެވެ. ސާޖިދުގެ ވާހަކަ ދެއްކުމުގައި ހުންނަ އަޅާލުމާ އޯގާތެރިކަމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އިރު އިރުކޮޅާ ފޯނުހުޅުވާ ބަލާލެވެނީ ސާޖިދުގެ އެއްވެސް ޚަބަރެއް ވުން އެދިގެންނެވެ.

ތިންވަނައަށް ވީ ރޭ އަނެއްކާ ވެސް ސާޖިދު އޮންލައިން ވީތަނާ ނައުރާއަށް ފެނިއްޖެއެވެ. ނައުރާ އަމިއްލައިން ނުގޮވަން ލައްކަ ގިނައިރު މަޑުކުރިއެވެ. އެހެންނަމަވެސް ސާޖިދު ނައުރާއަށް ނުގޮވާފާނެހެން ހީވުމުން ނައުރާ އަމިއްލައިން ސާޖިދަށް ގޮވިއެވެ.

“ސޮރީ ނައުރާ! ތަންކޮޅެއް ބިޒީކަމުން …….! އަދި ގޮވައި ނުލެވިގެން މިއުޅެނީ! ކިހިނެތްތަ!” ސާޖިދު ލިޔުނެވެ.

“ވަރަށް ފޫހި!” ނައުރާ ލިޔުނީ ނައުރާގެ ހާލެވެ.

“ކީއްވެ ފޫހިވާންވީ!” ސާޖިދު އޮޅުން ފިލުވަން ބޭނުންވިއެވެ.

“މިހެން އެކަނި މާއެކަނި އުޅެން ވީމަ!”

ނުބުނަންވާ ވާހަކައެއް ބުނެވިއްޖެކަން ނައުރާއަށް ރޭކާލީ މެސެޖު ސެންޑް ވީފަހުންނެވެ.

“ކީއްވެ އެކަނި ވާންވީ! ހުންނާނެނު ނައުރާގެ ބޯއިފްރެންޑް!”

ސާޖިދު އޮޅުން ފިލުވަން އެންމެ އެދިގެން ހުރި ސުވާލު އަހަން ފުރުސަތު ލިބުމުން ވަގުތުން އެ ސުވާލު ކުރިއެވެ. އޭރު ސާޖިދުގެ ހިތް އޮތީ ތެޅިތެޅިއެވެ.

“ހެ ހެ ހެ! ތި ބުނި ކަހަލަ ފުރެންޑެއް ނުހުރެއޭ ބުނެފިއްޔާޔޯ! ގަބޫލުކުރާނަންތަ!”

ފަހަރަކަށްވުރެ ފަހަރެއް ދެމީހުން ދޭތެރޭ އޮތް ގުޅުން ރަނގަޅުވަމުން ގާތްވަމުން ދިޔަކަން ދެމީހުންނަށް ވެސް އިޙުސާސް ވެއެވެ.

ނައުރާ ބުނިއެއްޗަކަށް ރައްދު ލިޔަން ސާޖިދަށް ވަގުތުކޮޅެއް ނެގިއެވެ.

“ޔަގީނުންވެސް ގަބޫލުކުރަން ނައުރާ ދޮގެއް ނަހަދާނެކަން! ……… އެއަށްވުރެ ބޮޑަށް ނައުރާއަށް އިތުބާރު ކުރެވޭ!” ސާޖިދުގެ ޖަވާބުން ނައުރާއަށް އެކަން އެނގި ކަށަވަރު ވިއެވެ. އެކަމާ ނައުރާ އިންތިހާއަށް އުފާ ވެސް ވިއެވެ.

ސާޖިދަކީ ކޮންކަހަލަ މީހެއް ހެއްޔެވެ! ސާޖިދާއެކު މިފަދަ ގަޑިއެއްގައި ވާހަކަ ދައްކަން މި އޮވެވެނީ ކީއްވެހެއްޔެވެ! ސާޖިދާ އެހެންމީހުންނާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ! ނައުރާ ވިސްނާލިއެވެ.  ރައްޓެހި އަންހެން ކުދިން ބުނާއަޑު ނައުރާއަށް އިވެއެވެ. ފިރިހެނުން ދެ ފަހަރަކު އަނގައިން ބުނެލާފައި ދެން އާދޭސް ކުރާނީ ފޯނު ނަމްބަރަށެވެ! ފޯނު ނަމްބަރު ދީފިއްޔާ ދެން ނުދައްކާނެ ޒާތެއްގެ ވާހަކައެއް އަމުދުން ނޯންނާނެއެވެ. ވީއިރު ސާޖިދު ނައުރާގެ ފޯނު ނަމްބަރ ދޭން ނުބުނަނީ ކީއްވެހެއްޔެވެ! އަނެއްކާ ސާޖިދުގެ ގާރލްފްރެންޑެއް ހުންނަނީހެއްޔެވެ.! ނައުރާއަށް ބޭއިޚުތިޔާރުގައި ދެއަތަށް ބޯ ހޫރާލެވުނެވެ.

“އަހަރެންވެސް ތި ސުވާލު ހަމަ ތި ގޮތަށް ކޮށްފިއްޔާ ތެދަށް ޖަވާބު ދޭނަންތަ!”

ވަރަށް ނުކެރިހުރެފައި ވެސް ނައުރާ ލިޔުނެވެ. މެސެޖު ސެންޑްކުރާނީތޯ ނުކުރާނީތޯ ވިސްނަން އޮއްވާ އަނެއްކާ ވެސް އައީ ސާޖިދުގެ މެސެޖެކެވެ.

“ތި ލިޔުނު މެސެޖް ފޮނުވަބަލަ!”

ނައުރާގެ އިނގިލި ހަރަކާތްކުރީ ނައުރާގެ އިޚުތިޔާރުން ބޭރުގައެވެ. ލިޔުނު މެސެޖު ވަގުތުން ސެންޑް ކޮށްލެވިއްޖެއެވެ.

“ނައުރާ!”

ސާޖިދުގެ އަޑުގައިވަނީ ރިހުންކަން އެއީ އަނގައިން ބޭރުވި އަޑެއްނަމަ އަދި އެ އަޑު ނައުރާއަށް އިވުނުނަމަ ކަށަވަރުން ވެސް އެނގުނީހެވެ. ދެރަކަމަކީ ސާޖިދުގެ ހިތުގެ އަޑު ނައުރާއަށް ފޯރުކޮށް ނުދެވޭކަމެވެ.

“ހަމްމް! ކިޔާބަލަ!”

ނައުރާ ވެސް އެހެން ބުނީ ޝަކުވާގެ ރާގުގައިކަން ސާޖިދަށް އެނގޭނެމައެވެ.

“އަހަރެންގެ ގާރލް ފްރެންޑެއް ނުހުރޭ! އަހަރެންގެ ހަޔާތުގެ އެއްވެސް ސަފުޙާއެއްގައ ތި މަގާމު ދިން ކުއްޖެއްގެ ނަމެއް ނޯންނާނެ ……!”

ސާޖިދުގެ ޖަވާބުން ނައުރާއަށް ލިބުނީ ހިތްހަމަ ޖެހުމެވެ. ހިތަށް ލިބުނީ ފިނިކަމެކެވެ.

“ވަރަށް އުފާވެއްޖެ!”

ނައުރާއަށް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ.

“ކޮންކަމަކާ!”

ވަގުތުން ސާޖިދު ސުވާލުކޮށްލިއެވެ.

“ރޭގަނޑު ދަންވަރު އަހަންނަށް ވާހަކަ ދައްކަން މި އޮވެވެނީ މީހެއްގެ ފިރިއަކާ ނޫންކަން އަދި މީހެއްގެ ބޯއިފްރެންޑަކާ ނޫންކަން ޔަގީންވީމަ!”

ތެދަށް ހިތުގައި އޮތްވާހަކަ ނައުރާ ލިޔުނެވެ. އަދި އެއަށްވުރެ ބޮޑަށް ސާޖިދަކީ ހުސް ހިތެއްގެ ވެރިއެއްކަން އެނގުނީމައެވެ. އެކަމަކު އެހެން ބުނާނީ ކިހިނެތްހެއްޔެވެ!

“އަހަރެންވެސް ބުނަން ބޭނުންވީ ހަމަ ތިހެން!”

މި ފަހަރު ސާޖިދު ބުނިއެއްޗަކުން ނައުރާއަށް ވިސްނާލަން ޖެހުނެވެ.

“ގާރލް ފުރެންޑަކަށް ނުވިއަސް މީހެއްގެ އަނތްބަކަށް ވެދާނެނު!”

ސާޖިދު ނިންމީ ނައުރާ ސަމާސާ ކުރަނީ ކަމަށެވެ.

“ދޯ!” ސާޖިދު ޖަވާބު ކުރުކޮށްލިއެވެ.

“ހިނގާ ދެން ނިދަމާ!” އެ ރެއަށް މާގިނަ ވާހަކަ ދެކެވިއްޖެ ކަމަށް ނިންމާ ނައުރާ ބޭނުންވީ ފޯނު ކުރުކޮށްލާށެވެ! “ނިދިއައީތަ! …….. އޯ ކޭ ނިދާލާ! އަހަރެން މިހިރީ ޑިއުޓީގައި!”

ސާޖިދު އިތުރަށް ވާހަކަ ދައްކަން ބޭނުންވިޔަސް ނައުރާގެ ނިންމުމަށް އިޙުތިރާމް ކުރިއެވެ. ސާޖިދަށް ނޭނގުނީ ފޯނު ކުރުކޮށްލަން ބުންޏަސް ނައުރާ ވެސް ބޭނުންވަނީ އިތުރަށް ވާހަކަ ދައްކަން ކަމެވެ.

ސާޖިދާ ނައުރާގެ ގުޅުން ބަދަހިވަމުން ދެމެދުގައި އުފެދެމުން ދިޔަ ގާތްކަން އެހެން ނަމެއް އިޚުތިޔާރު ކުރަމުން ދާކަން ނައުރާއަށް އޮތީ އިޙުސާސް ނުވެފައެވެ. ސާޖިދުގެ މެސެޖެއް ނުލިބެއްޏާ ނައުރާ ދެރަވެއެވެ. ކަންބޮޑުވެއެވެ. އަބަދުވެސް ސާޖިދާ ވާހަކަދައްކަން ނައުރާގެ ހިތް އެދެއެވެ. ބައެއް ފަހަރު ނޫންކަމަށް ހަދާފައި އެހެން ބުނެވި ވެސް ދެއެވެ. އެހެންނަމަވެސް ސާޖިދު ސާޖިދުގެ ބަހުގައި ހިފެހެއްޓިއެވެ. ނައުރާ ނުރުހިދާނެހެން ހީވާ އެއްވެސް މައުޟޫއަކަށް ސާޖިދު ވާހަކައެއް ނުދައްކައެވެ. ވާހަކައިގެ ބާވަތުން ތަންކޮޅަށް ފުނަށް ދެވޭހެން ހީވަންޏާ ސާޖިދު ފޯނު ކުރުކޮށްލައެވެ.

ސާޖިދުގެ ޢަމަލު ހުންނަގޮތުން ނައުރާ ދެކެ ފޫހިވަނީއޭ ވެސް ބައެއް ފަހަރު ނައުރާ ހިތަށް އަރައެވެ. އެކަހަލަ ދަނޑިވަޅުތަކުގައި ހިތުގެ ޙާލަތު ބަންޑުންކޮށްލަން ވެސް ނައުރާ ކިތަންމެ ފަހަރަކު ވިސްނިއެވެ. އެހެންނަމަވެސް ކެތްތެރިކަމާއެކު ނައުރާ އިންތިޒާރުކުރަމުން އައީ އެދެމުދުގައި އޮތް ގުޅުން ރަޙުމަތްތެރިކަމުގެ ނަން ނޫން ނަމެއްގައި ކުރިއަށް ގެންދަން ފުރުސަތު ލިބޭތޯއެވެ.

ދެފަރާތުގައި ދެކެވުނު ވާހަކަތަކުން ނައުރާއަށް އެނގި ޔަގީންވީ ސާޖިދުއަށްޓަކައި ނައުރާގެ ހިތުގައި ޚާއްސަކަމެއް ދެވިފައިވާކަމެވެ. ރަޙުމަތްތެރިއެއްގެ ނަޒަރުން ސާޖިދާ ދޭތެރޭ ބެލުން މިހާރު އުނދަގޫކަމެވެ. ސާޖިދު އެއީ މިހާރު …….. ނައުރާ ދެއަތަކަށް ބޯހޫރައިލިއެވެ. ނޫނެކެވެ. ސާޖިދުގެ ވިސްނުން ހުރި ގޮތެއް ނުބަލާ މިގޮތަށް ޚިޔާލު ކުރުމުން ފަހަރުގައި ކޮޅުކެހި ލިބޭ މީހަކަށް ނައުރާ ވެދާނެއެވެ. އޭރުން ނައުރާގެ ހިތް ކުދިކުދިވެދާނެއެވެ. އެހެންމީހަކަށްޓަކައި ނައުރާގެ ހިތުގައި ވިންދު ޖަހަން ޖެހޭނީ އެމީހަކީ ނައުރާ ދެކެ ލޯބިވާ މީހަކަށް ވާނަމައެވެ. ސާޖިދުމެން ކަހަލަ ކިޔަވައިގެންތިބޭ ފިރިހެންކުދިންނަށް ނައުރާއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ކުދިން ލިބޭނެއެވެ.

ނައުރާގެ ހިތަށް އެރި އެއްޗަކުން ދެލޯ ތެމިގެން އައެވެ. އަމިއްލަ ނަފުސާދޭތެރޭ ފުރަތަމަ ފަހަރަށް ވިސްނާ ލެވުނެވެ.

ނައުރާއަކީ ރަށުގައި ހުރި އެ އުމުރުގެ އެންމެ ދޮން ކުއްޖާއެވެ. ބޮލުގައި އޮތީ ފަން ދިގު އިސްތަށިގަނޑެކެވެ. ޒާހިޔާގެ އޮންނަނީ ބުޅި އިސްތަށިގަނޑެކެވެ. ޒާހިޔާގެ އިސްތަށިގަނޑު ބުޅިވުމުން އެކަމާ ޒާހިޔާ ވަރަށް ޝަކުވާކުރެއެވެ. ނައުރާގެ އިސްތަށިގަނޑު ފަންވެފައި ޒާހިޔާގެ އިސްތަށިގަނޑު ބުޅިވުން އެއީ އަނީސާއްތަ ނައުރާ ދެކެ ރުޅިއަންނަން ޖެހޭ ސަބަބެއްހެއްޔެވެ!

ނައުރާގެ ހަނދާނަށް އައީ އެއް ދުވަހަކު ޒަކުވާން ނައުރާގެ އިސްތަށިގަނޑުގައި ފުނާ އަޅައިދޭން ހުއްޓާ ޒަކުވާންގެ މަންމަ އައިސް ނައުރާގެ އިސްތަށިގަނޑު ކޮށައިލި ހަނދާނެވެ. ދެން ގައިމު އަމިއްލައިން ފުނާއެޅޭނެ ނޫންހެއްޔޭ ކިޔަމުންނެވެ. އިސްތަށިގަނޑު ދިގުކޮށްގެން ގެންގުޅުމަކީ އަބަދުވެސް ނައުރާ އުފާވާކަމެކެވެ. އަނީސާއްތަ ނައުރާގެ އިސްތަށިގަނޑު ކޮށައިލި ދުވަހު ނައުރާ ވަރަށް ރުޔެވެ. އޭގެ ފަހުން ދެ އަހަރުވަންދެން ނައުރާގެ އިސްތަށިގނޑު ދެމަހުން އެއް މަހު އަނީސާއްތަ ކޮށާނެއެވެ. އެކަން ހުއްޓީ އެއްދުވަހު ބޮޑުބޭބެ ހަޅެއްލަވައި ގަތީމައެވެ.

ނައުރާއަކީ ހިމަތޮޅިކޮށް ހުންނަ ކުއްޖެކެވެ. ފަހަރެއްގައި ހަށިގަނޑަށް ބޭނުންވާވަރަށް ކާނާ ނުލިބޭތީ ހިކިކޮށް ހުންނަނީއެވެ. އެކަމަކު ނައުރާ މާލެ އައިސް ބޭނުންވަރަކަށް ރަނގަޅު ކާނާ ކާން ލިބުނީމަ ވެސް ހަށިގަނޑަކަށް މާބޮޑަކަށް އެނގުންވެ ނުލިއެވެ.

އެކުގައި ކިޔެވި ވަރަށް ގިނަ ކުދިން ނައުރާ ރީތިވެގެން އުޅެއެވެ. މޫނުގެ ބައްޓަމެވެ. ހަމުގެ ދޮންކަމެވެ. ކުލަ ޖެއްސުމުގެ ނަސީބު ލިބިފައި ނުވާ ދެތުންފަތެވެ. ޢާންމު ގިނަ އަންހެން ކުދިންގެ ލޮލަށްވުރެ ތަންކޮޅެއް ބޮޑުކޮށް އިންނަ ދެލޮލެވެ. މިހުރިހާ ހަނދާންތަކެއް އާވެގެން އައި ހިނދު ނައުރާގެ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ގެނުވި އެއް ޚިޔާލެއް އެ ހަނދާންތަކުގެ ތެރެއިން އުފަންވިއެވެ. ނައުރާ ރީތިވެގެން އެވާހަކަ ދެއްކީ މުޅިންވެސް އަންހެން ކުދިންނެވެ. މަޒީދު ފިޔަވައެވެ.

މިހާރުގެ ހުރިހާ އަންހެން ކުދިން ފަދައިން ނައުރާއަށް ވެސް ހެނދުނު ތެދުވެ ފުރަތަމަ ބެލެނީ މެސެންޖަރއިން މެސެޖެއް އައިސް އޮއްތޯއެވެ. ނެތިއްޔާ މޫނު ކުނިކޮށްލެވެއެވެ. އޮތިއްޔާ މަލެއްފަދައިން މޫނު ފޮޅިގެން ދެއެވެ.

ސާޖިދުގެ މެސެޖެއް ލިބިފައި ނެތިއްޔާ ހެނދުނުގެ ސަލާމް ފުރަތަމަ ނައުރާ ފޮނުވައެވެ. ބައެއް ދުވަހު ސާޖިދު ހުންނަނީ އެ މެސެޖްގެ އިންތިޒާރުގައިހެން ހީވާ ފަހަރު ވެސް އާދެއެވެ. ޖަވާބު ލިބޭލެއް އަވަސްކަމުންނެވެ. އަނެއްބައި ދުވަހު ސާޖިދުގެ މެސެއްޖެއް ނައުރާ ތެދުވާއިރު ލިބިފައި އޮންނާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރާ ކަމަކީ އެ މެސެޖްގެ ޖަވާބު ދިނުމެވެ.

ސާޖިދުގެ މެސެޖްތަކާ ނުލާ މިހާރު ނައުރާއަށް ދިރިއުޅުމަކީ ފޫހިކަމެކެވެ. ހިތްދަތި ކަމެކެވެ. ފޯނު ބޭއްވުމަށްފަހު ވެސް ރޭގަނޑު އެތައް ދަމެއް ވަންދެން ސާޖިދާ އެކު ދެކެވޭ ވާހަކަތަކުގެ ފޮނި މީރުކަން ނައުރާގެ ސިކުނޑީގައި އެނބުރި އެނބުރި ހުރެއެވެ. މިއީ ވެސް ނައުރާގެ ހިތުގައި ކުރަހާލެވިފައިވާ ސާޖިދުގެ ތަސްވީރުގެ ކުލަ ގަދަވަމުންދާ އެއްސަބަބެވެ.

ދުވަހަކު ވެސް ސާޖިދު ނައުރާ ދެކެ ލޯބިވާކަމަކަށް އަދި ނައުރާ އެއީ ސާޖިދަށް ޚާއްސަ މީހެކޭވެސް ނުބުނެއެވެ. ޑިއަރ، ޑާރލިންގ، ހަނީ، ސްވީޓްހާޓް ފަދަ ލަފުޒަކުން އެކަކު ވެސް އަނެކަކާ މުޚާޠަބު ނުކުރެއެވެ.

މީހަކުދެކެ ލޯބި ވުމަކީ ކިހާ ވޭން ހުރިކަމެއްކަމާ ލޯތްބެއްގައި ނާކާމިޔާބު ވުމަކީ ކިހާ ހިތްދަތިކަމެއްކަން ނައުރާއަކަށް ނޭނގެއެވެ. އެއީ މީހަކުދެކެ ލޯބި ވުމުގެ ފުރުސަތު ނައުރާގެ ހިތް މިހާތަނަށް ނައުރާއަށް ހޯދައިދީފައި ނުވަތީއެވެ. އެހެންނަމަވެސް އެއީ ފިނި ފޮނި ޚިޔާލެއްކަމަށާ އެއީ ހިތުގައި ޖަހާ ރީތި ވިންދެއްކަން ނައުރާއަށް މިހާރު އިޙުސާސްވާން ފަށައިފިއެވެ. އަބަދުވެސް ސާޖިދުގެ ޚިޔާލު ނައުރާގެ ހިތުގައި ވިކައެވެ. ތަދު ނުވާ ގޮތަށެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !