A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 13

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

ތޭރަވަނަ ބައި

މީހަކުދެކެ ލޯބި ވުމަކީ ކިހާ ވޭން ހުރިކަމެއްކަމާ ލޯތްބެއްގައި ނާކާމިޔާބު ވުމަކީ ކިހާ ހިތްދަތިކަމެއްކަން ނައުރާއަކަށް ނޭނގެއެވެ. އެއީ މީހަކުދެކެ ލޯބި ވުމުގެ ފުރުސަތު ނައުރާގެ ހިތް މިހާތަނަށް ނައުރާއަށް ހޯދައި ދީފައި ނުވަތީއެވެ. އެހެންނަމަވެސް އެއީ ފިނި ފޮނި ޚިޔާލެއްކަމަށާ އެއީ ހިތުގައި ޖަހާ ރީތި ވިންދެއްކަން ނައުރާއަށް މިހާރު އިޙުސާސްވާން ފަށައިފިއެވެ. އަބަދުވެސް ސާޖިދުގެ ޚިޔާލު ނައުރާގެ ހިތުގައި ވިކައެވެ. ތަދު  ނުވާ ގޮތަށެވެ. އެ ޚިޔާލުތަކުން ފޮނިކަން އިޙުސާސް ވެއެވެ. އިންތިޒާރު ކުރެވެނީ އެހެންވެއެވެ.

އަންހެންކުއްޖަކު ފިރިހެންކުއްޖާ ދެކެ ކިތަންމެ ލޯބިވިޔަސް އެވާހަކަ އިސްވެ ދެއްކުމަކީ ހުތުރުކަމެއްކަމަށް ނައުރާ ގަބޫލުކުރެއެވެ. ފަހަރެއްގައި އެއީ މިޒަމާނުގެ ކުދިން ގަބޫލުކުރާ ގޮތްކަމަށް ނުވެދާނެއެވެ. އެހެން ވިޔަސް ނައުރާގެ މައްސަލައެއްނެތެވެ.

ވަރަށް ވިސްނުމަށްފަހު ނައުރާ ނިންމީ ދެން ސާޖިދާ ވާހަކަ ދައްކާ ފަހަރަކުން ސީދާ މައުޟޫއަށް ދިއުމަށެވެ. ޢާންމުކޮށް ދެމީހުންނަށް ވެސް ރަނގަޅަށް ވާހަކަ ދައްކަން ވަގުތު ވަނީ ރޭގަނޑެވެ.

އެ ދުވަހުގެ ހަވީރެވެ. ނައުރާ ކުލާސް ގަޑިތައް ނިންމާލުމަށްފަހު ގެއަށް ވަންނަން ހިނގައިގަންނަމުން ފޯނު ހުޅުވައި ބަލައިލިއެވެ. ނައުރާ އަކީ ކުލާސްގަޑިތަކުގައި ފޯނުގައި އަތްލާ މީހެއް ނޫނެވެ. އެހެންކަމުން ސާޖިދުގެ މެސެޖެއް ނަމަވެސް އޮތްތޯ ބަލާލަން ފޯނު ހުޅުވައިލުމުން ފެނުނީ މެސެޖެއް އައިސް އޮތްތަނެވެ. އެއީ ދައުވަތެކެވެ.

ހިމްޔާގެ ނަމުގައި ނައުރާ ސޭވްކޮށްފައި އޮތް ނަމްބަރުން އެދިފައި އޮތީ ނައުރާ ހަވީރު އެގެއަށް ސައިބޯން އައިސް ދިނުމަށެވެ. ކުޑަކޮށް ހީނލަމުން ނައުރާ އެނބުރި ވަނީ އިންސްޓިޓިއުޓަށެވެ. އޭރު ދެން ހުރި ޓީޗަރ ވެސް ކިލާސް ނިންމާލުމަށްފަހު ގެއަށްދާން ނިކުންނަނީއެވެ.

“އޭ  މާން!  ހިނގާބަލަ އަހަންނާއެކު ހިމްޔާމެންގެއަށް! …….. ދެވިދާނެތަ! …. އެކަނިދާން ނުކެރިގެން!”

ނައުރާ އާދޭސް ކުރާ ރާގުގައި ބުނުމުން މާނާއަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެކަމަކު އެގެއަށް ދާން އެހާވަރުން ނައުރާ އުޅޭ ބޭނުން މާނާ އެހިއެވެ. ނައުރާ ބުނީ ދިޔައިމާ އެނގިދާނެކަމަށެވެ.

ދެކުދިން އެކީގައި ހިނގާފައި ހިމްޔާމެންގެއަށް ދިޔައިރު އެގެއިން ފެންނަން ތިބީ ހިމްޔާއާއި ހިމްޔާގެ މާމައެވެ. ނައުރާމެން ފެނުމުން ހިމްޔާ ދުވެއައިސް ނައުރާގެ އިނގިލީގާއި ހިފަމުން ނައުރާ ގެ ގައިގާ ލެނގިލިއެވެ. ނައުރާ ވެސް ހިމްޔާ ގަޔާ ކައިރިކޮށްލިއެވެ.

“އަވަހަށް އިށީނދޭ! ވަރަށް އުފާވެއްޖެ މިގެއިން ފޮނުވި ދަޢުވަތު ގަބޫލުކޮށް އައީތީ! ދޯ ދަރިފުޅު!”

ހިމްޔާއަށް ދޯދެމުން ސޯފާ ގޮނޑިއަށް ހިމްޔާގެ މާމަ އިޝާރާތް ކުރީ އިށީނުމަށެވެ. ނައުރާއާއި މާނާ، ހިމްޔާގެ މާމަ ދެއްކި ތަނުގައި އިށީނެވެ.

ނައުރާމެން އިށީނުމުން ހިމްޔާގެ މާމަ ވަނީ ކާބަޔަށެވެ. އިރުކޮޅަކުން ސައިބޯން އަންނަން ގޮވުމުން ނައުރާމެން ގޮސް ސައިބޯން  ތިއްބާ އެތަނަށް ގޮސް ވަނީ ހިމްޔާގެ ބައްޕަ އަދިޔާންއެވެ.

އަދިޔާންއަށް ނައުރާ ފެނުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ނައުރާ އެގެއިން ފެނުމުން ގަބޫލުކުރަން އުދަނގޫވީކަންނޭނގެއެވެ.

އަދިޔާން ފެނުމުން އަދިޔާންގެ މަންމަ އެދުނީ އަދިޔާން ވެސް އައިސް ސައިބޯން ނައުރާމެން ގާތު އިށީނުމަށެވެ. އެކަމަކު އަދިޔާން އެކަމާ އެއްބަސް ނުވެ ވަނީ ގޮސް ކޮޓަރިއަށެވެ. ސައި ބޮއެ ނިމިގެން ނައުރާމެން އެގެއިން ނިކުތީ ހިމްޔާގެ މާމައަށާ ހިމްޔާއަށް ޝުކުރު އަދާކުރަމުންނެވެ. ނައުރާ އެގެއަށް އައުމުން އެދެމައިން ތިބީ ޔަގީނުން ވެސް އުފާވެފައެވެ.

އެގޭ ހަތަރުފާރުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މާނާ ފެށީ ހޭށެވެ!

“ނައު! ތި މޭކަށިގަނޑު ތެރޭ އެބައޮތްތަ ވިންދު ޖަހާ ހިތެއް!”

މާނާގެ ސުވާލުން ނައުރާއަށް  ލިބުނީ ޙައިރާންކަމެކެވެ.

“ކީއްވީ! ….”  އެ ސުވާލުކުރަމުން ނައުރާ ފިރުމައިލީ މޭކަށިގަނޑުގެ ވައަތް ފަރާތުގައެވެ.

“މިހާރު ވެސް ވިންދު އެބަ ޖަހާ!”

“އެފަކީރަށް ވީވަރު ނުދެކެންތަ! ގައިމު މަށަށްފެނުނު!”

މާނާ ދެއްކީ ކާކުގެ ވާހަކަ އެއްކަމެއް ނައުރާއަކަށް ނޭނގުނެވެ.

ވިސްނައިގަނެވެނު އިރުން ނައުރާ ވިކައިގަތީ މާނާގެ ކޮލުގައެވެ.

“އަސްލު ވެސް އަދިޔަންގެ ނަޒަރުން އޭނަ ނައު ދެކެ ރުހޭވަރު އަހަންނަށް ފެނުނު! އުޅެންވިނު އެކަމާ! އަދިޔަން އަކީ ވަރަށް ރަނގަޅު މީހެއް!”

މާނާ އޭނަ ދެކޭ ގޮތް ނައުރާގެ ކުރިމަތީ ހާމަ ކުރިއެވެ.

“ތިކަހަލަ ޚިޔާލެއް އަދި ނެތް!”

ނައުރާ ބުނީ ތެދަށެވެ. މާނާގެ ވާހަކައާ މެދު ހިތްހަމަ ނުޖެހުނަސް އެކަމެއް މޫނުމައްޗަކުން ނުދައްކައެވެ.

“ކީއްވެ! ނައުގެ ނުހުރޭނު ބޯއިފްރެންޑެއް ވެސް!”

“އަހަރެން ވަރަށް ވަގުވާނެ!”

އެއްލޯ މަރާލަމުން ނައުރާ އެހެން ބުނި ރާގުން ދެމީހުންނަށް ހީނގަނެވުނީ އެއްފަހަރާއެވެ. ހެމުން ހެމުން ދެމީހުން ވެސް މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.

ނައުރާ ގެއަށް ވަދެ ދަބަސް އެނދުމަތީ ބޭއްވުމަށްފަހު ފާޚާނާއާ ދިމާއަށް ހިނގައިގަތް ވަގުތު ފޯނު ރިންގް ވާއަޑު އިވުމުން އެނބުރުނީ އެދިމާއަށެވެ.

އަވަސް އަވަހަށް ފޯނުނަގައި ބަލައިލި އިރު ގުޅަނީ ނައުރާ އެހިސާބަށް ގެނެސްދިނުމަށް އެހީތެރިވި މީހާ ހަމީދެވެ.

ހަމީދުގެ ކޯލް ފެނުމުން ކޮންމެވެސް ބޮޑުކަމެއް ދިމާވީއޭ ނައުރާ ހިތަށް އެރިއެވެ. އެހެން ނޫނިއްޔަކާ ހަމީދެއް ނުގުޅާނެއެވެ. ނައުރާ ރަށް ދޫކޮށް މާލެ އައިފަހުން މިވީ ހަތަރު ވަރަކަށް އަހަރުތެރޭ ހަމީދު ގުޅި ކޮންމެ ފަހަރަކު ވެސް ގުޅީ މުހިންމު ބޭނުމެއް ޖެހިގެންނެވެ. ތިންފަހަރު ބޮޑުބޭބެއާ ވެސް ގުޅައިދިނެވެ.

“ހަލޯ! ހަމީދުބޭ! އައްސަލާމު ޢަލައިކުމް!” ނައުރާ ސަލާމް ގޮވާލިއެވެ.

“ނައުރާ! ހަމީދުބެ މިގުޅީ ބޮޑުބޭބެ ވަރަށް ބަލި ވާހަކަ ނައުރާ ގާތު ބުނަން! ”

ހާލު އަހުވާލު ދެފަރާތުން އެހުމަށްފަހު ހަމީދު ގުޅި ބޭނުން ބުންޏެވެ.

‘ބޮޑުބޭބެއަށް ކީއްވީ!”

ވީދެރައިން ނައުރާގެ އަޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ.

“ސްޓްރޯކެއް ޖެހުނީ!  ނައުރާ ދެކޭހިތް ބޮޑުބޭބެ ވަރަށް ވާނެ! މީގެ ދެ ދުވަސް ކުރިން ވެސް އެވާހަކަ އަހަރެން ގާތު ދެއްކި! އެހެންވީމަ ބޮޑުބޭބެ ވަރަށް އުފާވާނެ ނައުރާ ފެނުނީމަ! ބައްދަލު ވީމަ!”

ހަމީދު ނައުރާއަށް ނަސޭޙަތް ދިނީ ކުރު ޗުއްޓީއެއް ނަގައިގެން ލަސްނުކޮށް ބޮޑުބޭބެއަށް ޒިޔާރަތް ކުރުމަށެވެ.

“އެބަބަލަން ވީ އެންމެ އަވަހަކަށް ދެވޭތޯ!  ބޮޑުބޭބެއަށް ސަލާމް ބުނެދޭތި ހަމީދުބެ! އަދި އަހަރެން އެބަދަމޭ ބުންޏޭ ވެސް ބުނެދޭތި!”

ފޯނު ނިންމާލުމަށްފަހު ނައުރާ އިށީނީ އެނދުގައެވެ. ދެން ކަންތައް ކުރަންވީ ގޮތަކާމެދު ވިސްނުން ހިންގާލުމަށެވެ.

އިރުކޮޅަކުން ދެން ގުޅީ ރާމިޒަށެވެ. އަދި ވެގެން އުޅޭ ގޮތުގެ ވާހަކަ ކިޔައިދިނުމަށްފަހު ހަފުތާއެއްގެ ޗުއްޓީއަށް އެދި ބޮޑުމީހާއަށް މެއިލް މެދުވެރިކޮށް ހުށަހެޅިއެވެ.

ދެންބެލީ ސާޖިދަށް މި ޚަބަރު ދެވޭނެ ގޮތެކެވެ. ސާޖިދު އޮންލައިން އަކު ނެތެވެ. އެކަމަކުވެސް ދެތިން ފަހަރު ނައުރާ ސާޖިދަށް ގޮވައިލިއެވެ. ޚަބަރެއް ނުވިއެވެ. މި އުދަނގޫ ވަގުތު ސާޖިދު އޮންލައިންގައި ނެތުމުން ނައުރާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

ގަޑިއެއްހާ އިރު ފަހުން ރާމިޒު ގުޅާފައި އެރޭފަތިހު މާލެ ދާ ލޯންޗަކުން ދަތުރު ހަމަ ޖެހުނު ވާހަކަޔާ މާދަމާ މެންދުރަށް މާލެއިން އެރަށަށް ދާން ވެސް ޖާގަ ހަމަޖައްސައިދިން ވާހަކަ ބުންޏެވެ. ނައުރާގެ ހިތް ރާމިޒަށްޓަކާއި ޝުކުރުން ފުރުނެވެ. އެތައް ފަހަރަކު ރާމިޒަށް ޝުކުރު އަދާކުރެވުނެވެ.

ދަތުރު ކުރަމުންދިޔަ ލޯންޗް މާލެއާ ކައިރިކުރަމުން ދިޔައިރު ނައުރާ އިނީ ނުތަނަވަސް ވެފައެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާ ހެދި ހިތަށް ވަނީ ބިރުވެރިކަމެއް ފެތުރިފައެވެ. މަޒީދު މިހާރު ކޮބައިބާވައެވެ. މިނިވަން ނުވާކަމެއްވެސް ނޭނގެއެވެ. ވަރީގެ ކަންތައް އަދިވެސް ހަމަ ނުޖެހޭތީ އަދިވެސް ނައުރާ ވާނީ މަޒީދުގެ އަނތްބަކަށެވެ. އުންމީދުކުރި ގޮތަށް އެކަންވެސް އަވަސް ވާކަށް ނޫޅުނެވެ.

ލޯންޗުން ފޭބުމަށްފަހު ނައުރާ ކާރަކަށް އަރައިގެން ދިޔައީ ގެސްޓްހައުސްއަކަށެވެ. މާލޭގައި ކުރިން އުޅުނު ހިދާޔާމެންގޭގައި ނައުރާއަށް ހުރެވޭނެކަން އެނގުނަސް އޭރު އެގެއަށް ދިޔައީ ހަމީދުގެ ގާތްބަޔަކަށް ވާތީ ހަމީދުގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އެމީހުންގާތަށް ދާކަށް ނައުރާ ބޭނުމެއް ނޫނެވެ. އެމީހުން ވެސް މިހާރު ނައުރާ އެގޭގައި ބަހައްޓާކަށް ބޭނުމެއް ވެސް ނުވާނެއެވެ. އެހެންނޫނަސް ނައުރާ މާލޭގައި އުޅޭކަން ނައުރާ ބޭނުމީ މުޅި ދުނިޔެއަށް ވެސް ސިއްރުކުރާށެވެ! ކައިވެނީގެ ފުރަތަމަ ރޭ ނައުރާއާ ދިމާކުރި ގްރޫޕު މިނިވަންކަމާއެކު މާލެ ތެރޭ އުޅެފާނެއޭ ހީވުމުން ނައުރާ ވަކިން ބޮޑަށް ޖެހިލުންވެ ބިރުގަތެވެ. އެމީހުން ނައުރާއަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއޭ ހިތަށް އެރުމުން ނައުރާ ވަރަށް ބިރުގަތެވެ.

އަނެއްކޮޅުން މަޒީދު……….. ނައުރާއަކީ އަދިވެސް މަޒީދުގެ އަނތްބެކެވެ. މަޒީދުގެ ނަން ހިތަށް އައުމުން ވެސް ނައުރާ ތުރުތުރު ލައިގަތެވެ. މަޒީދު އަދިވެސް ޖަލުގަބާ! ބަންދުގަބާ! ނޫނީ……..

ރަށަށް ފުރާ ލޯންޗުގެ ފުރުމާ ދޭތެރޭ އަދި ގަޑިތަކެއް އޮތުމުން ބޭނުންވީ އަނެއްކާ ވެސް ސާޖިދުގެ ޚަބަރެއް ވޭތޯއެވެ. ދަތުރުމަތީގައި އެންމެ ފަހަރަކު ވެސް ނައުރާ ފޯނު ހުޅުވައި ނުލައެވެ. ގެސްޓްހައުސްއަށް ވަދެ ފޯނުން ޑާޓާ ޖައްސައިލީ އުންމީދުގެ ހުޅުކޮޅެއް ހިތުގައި ދިއްލާލަމުންނެވެ.

ހީކުރި ގޮތަށް ސާޖިދުގެ ދެތިން މެސެޖު އޮތެވެ. އެހެނަސް ވަރަށް ކުރެވެ.

“ސަލާމް ނައުރާ! ކިހިނެތް ހާލު! އަހަރެން މި ދުވަސްކޮޅު ވަރަށް ބިޒީ! ޚަބަރެއް ނުވެވުނީ އެހެންވެ! ހީވާގޮތުން ކުރިޔަށް އޮތް ދުވަސްކޮޅު އުޅެން ޖެހޭނީ މި ގޮތަށް!”

ސާޖިދުގެ އެއް މެސެޖުގައި އޮތެވެ. ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު ދެވަނަ މެސެޖް ވެސް ކިޔައިލިއެވެ.

“ސޮރީ ނައުރާ! ފަހަރެއްގައި އަހަރެންގެ ޚަބަރެއް ނުވެ ދެތިން ދުވަސް ވެސް ނަގާފާނެ! އުންމީދުކުރަން އަހަންނަށް އިންތިޒާރު ކުރާނެކަމަށް! ރަނގަޅަށް ކައިގެން ހުންނާތި!”

ނައުރާގެ ލޮލުން ކަރުނަ ހިލެން ނެގީ ފަޅި ސިކުންތެކެވެ. ފުސްވަމުން ދިޔަ ނަޒަރުން އެންމެ ފަހު މެސެޖު ވެސް ކިޔައިލިއެވެ.

“ވިލް މިސް ޔޫ! … މިސްޔޫ ލޮޓް!”

ނައުރާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ފިރިހެނަކަށްޓަކައި ނައުރާގެ ލޮލުން ފުރަތަމަ ފަހަރަށް އައި ކަރުނައެވެ. އެ ކަރުނާގައި އަގެއް އޮންނަން ޖެހޭނެއެވެ. އަގެއް ލިބެން ވެސް ޖެހޭނެއެވެ.

ފޯނުގެ ސްކްރީންގައި މަޑު މަޑުން އިނގިލިތަކުން ފިރުމައިލެވުނެވެ. ސާޖިދުގެ ކޮލުގައި ފިރުމައި ލެވުނު ފަދައަކުންނެވެ.

ފުރަތަމަ ފަހަރަށް ސާޖިދުގެ ފޯނު ނަމްބަރުގެ މުހިންމުކަން ނައުރާއަށް ވިސްނުނެވެ. ސާޖިދު ފޯނު ނަމްބަރުގެ ވާހަކަ ނުދައްކާތީ ނައުރާއަށް ވެސް އޭރު އެއީ ކިހާ މުހިންމުކަމެއް ކަމެއް ވިސްނައިގަނެވިފާކާ ނެތެވެ.

ފޯނު އެނދުގެ އެއްފަރާތުގައި ބޭއްވުމަށްފަހު ނައުރާ އޮށޯތެވެ. ފަންކާ ވެސް އޭސީ ވެސް ޖައްސާނުލައި އޮވެވުނުކަން އެނގުނީ ފަންކާއަށް ނައުރާގެ ނަޒަރު ހުއްޓައި ލެވުމުނެނެވެ. އަލުން ތެދުވެ ފަންކާ ޖައްސާލާނެހާ ވެސް ހިތްވަރު ނެތް ނައުރާ އޭސީގެ ރިމޯޓް ނަގައި އޭސީ ޖައްސާލުމަށްފަހު ދެލޯ މަރައިލިއެވެ. ސާޖިދުގެ ސިފަ ފޮޓޯއަކުން ނަމަވެސް ފެނުމުގެ ނަސީބު ލިބިފައިނުވާ ނައުރާގެ ހިތުގައި އެ ސޫރަ ކުރަހާލެވިފައި ވަނީ އެންމެ ހިތް އެދޭ ގޮތަށެވެ.

ދަތުރުގެ ވަރުބަލިކަމާއެކު ނިދީގެ ޢާލަމަކަށް ވަރަށް ފަސޭހައިން ނައުރާ ގެންދިޔައެވެ. ހޭލެވުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !