A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 14

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ސާދަވަނަ ބައި

ސާޖިދުގެ ސިފަ ފޮޓޯއަކުން ނަމަވެސް ފެނުމުގެ ނަސީބު ލިބިފައިނުވާ ނައުރާގެ ހިތުގައި އެ ސޫރަ ކުރަހާލެވިފައި ވަނީ އެންމެ ހިތް އެދޭ ގޮތަށެވެ. ނައުރާ އެންމެ ބޭނުންވާ ގޮތަށެވެ. ބައެއްފަހަރު މާކުރިން ދެކެ ފަރިތަ ސިފަ ތަކަކާ އެ ސިފަ ވައްތަރު ގޮތެއް ވެސް އިޙުސާސް ވެއެވެ.

ދަތުރުގެ ވަރުބަލިކަމާއެކު ނިދީގެ ޢާލަމަކަށް ވަރަށް ފަސޭހައިން ނައުރާ ގެންދިޔައެވެ. ހޭލެވުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ.

އޭރު ބަނޑުހައިވެގެން ގޮސް މީހާ ހުރީ ހާންތިވާވަރު ވެފައެވެ. ތެދުވެ މޫނު ދޮވެލާ ހަދައިގެން ކައުންޓަރަށް ގުޅައި ކާއެއްޗިއްސަށް އޯޑރު ދިނުމަށްފަހު ފާޚާނާއަށްވަދެ ކުޑަގޮތަކަށް ފެންވަރާ ތާޒާވެލިއެވެ.  އެއަށްފަހު ދެން އަނެއްކާ ވެސް ބަލައިލެވުނީ ފޯނަށެވެ.

ސާޖިދުގެ ހަނދާންތައް އައިސް ނައުރާ ވަށާލުމުން އަވަސްވެގަތީ ސާޖިދަށް ފޮނުވި މެސެޖުގެ ޖަވާބު ލިޔުނުތޯ ބެލުމަށެވެ. މެސެޖް ސާޖިދު ބަލާފައި އޮތްކަން އެނގުނެވެ. އެކަމަކު ދެރަވެ މާޔޫސްވީ އެއަށް ސާޖިދުއަށް ޖަވާބު ލިޔާނެ ވަގުތެއް ނުވީމައެވެ. ކޯހެއް ސެމިނާރެއް ކަހަލަ ކަމެއްގައި އުޅޭ ވާހަކައެއް ސާޖިދު ނުބުނެއެވެ.

“އަނެއްކާ އަހަންނަށް ސާޖިދު ގެއްލެނީބާ! ދިރިއުޅުމުގެ މިހިސާބުން ވެސް އަހަންނަށް އުފަލެއް ނެތީބާ!”

ނައުރާއަށް އަމިއްލަ ހިތާ ޝަކުވާ ކުރެވުނެވެ. މޮޅިއާ މާޔޫސްކަމުން ނައުރާގެ ހިތަށް ތަދުވިއެވެ.

ކައި ނިމިގެން ނައުރާ  އޮށޯތުމުގެ ކުރިން ޒީނިޔާއަށް ގުޅާ ޙާލުއަހުވާލު އަހާ ހެދިއެވެ. އެއަށްފަހު ފޯނުގެ ޑާޓާ އޮފްނުކޮށް މެސެޖެއް އަޔަސް އަޑު އިވޭވަރަށް އަޑު ބެހެއްޓުމަށްފަހު އޮށޯތީއެވެ.

މެންދުރުވުމުގެ މާކުރިން ނައުރާ ހުރީ ފުރަންދާން ތައްޔާރުވެގެންނެވެ. ލޯންޗް ދޮށަށް އެންމެ ކުރިން ދިޔަ މީހުންގެ ތެރެއިން އެކަކީ ނައުރާއެވެ. ހީވަނީ އެ ލޯންޗުން ޖާގަ ނުލިބިދާނެތީ އުޅޭހެންނެވެ. ހަޤީގަތަކީ އެ ފަސްގަނޑުގައި ހުރުމަށްވުރެ ކަނޑުމަތީ އުޅެން ޖެހުނަސް ނައުރާގެ ހިތަށް ލިބޭ ފިނިކަން މާ ބޮޑުކަމެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތު ނައުރާ ދަތުރުކުރަމުން ދިޔައީ އުމުރުގެ ފުރަތަމަ އަށާރަ އަހަރު ދިރިއުޅުނު އަމިއްލަ ފަސްގަނޑާ ދިމާއަށެވެ! އެ ފަސްގަނޑު ދޫކޮށް ނައުރާ މާލެ ދިޔައީ ވެސް މިކަހަލަ ހިތްފަސޭހަ މޫސުން ރީތި ދުވަހެއްގައެވެ. އެ ފަސްގަނޑުގައި ދެން ދުވަހަކު ވެސް ފައި ޖައްސާ ނުލާން ހިތާ ހިތާ ޢަޒުމު ކަނޑައަޅަމުންނެވެ.  އެދުވަހާ މިއަދާ ހުރި ތަފާތަކީ އެ ދުވަހު ނައުރާ އަކީ ގޮތް ހުސްވެ މަގެއް ހޯދަން ދަތުރު ކުރަމުން ދިޔަ މީހަކަށްވުމެވެ. ހުސްހަށިބަޔަށްހުރި ޚަރީފުގެ ރޯޅިއެއްގެ ބީހުމެއް ނެތް ފޮޅެން ތައްޔާރު ވަމުން ދިޔަ ފިނިފެންމަލެއް ފަދަ ކުއްޖެކެވެ. މިއަދު ނައުރާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވި ކުރާ ޙަލާލު މަސައްކަތުން އަމިއްލަ އެކައުންޓަށް ފައިސާ ވަންނަ މީހެކެވެ. މީހެއްގެ އަނތްބެއްގެ މަގާމުގައި ހުރި މީހެކެވެ. އެންމެ ތާޒާ ފިނިފެންމަލެކޭ ބުނުމުގެ ނަސީބު ގެއްލިފައިވާ މީހެކެވެ. އަނިޔާވެރި ޝިކާރަވެރިއެއްގެ ހީލަތްތެރިކަމުގެ ޝިކާރައަކަށްވެ އެކަން މާޒީވެފައިވާ އެހެނަސް ކުށެއްނެތް، ކުށެއް ނުކުރާ މީހެކެވެ.

ދުރުން މާދުރުން ފެނުނު ރަށުގެ ފެހިކުލައިގެ މަލަމަތި މަޑުމަޑުން ކައިރިވަމުން އައިއިރު ނައުރާ އިނީ އޭނަގެ ހަޔާތުގެ ބަލަން ބޭނުން ނުވާ ޞަފުޙާތަކެއްގެ ތެރެއަށް ގެއްލިފައެވެ.

ރަށުގެ ޖެޓީއާ ކައިރިކުރި ލޯންޗުން އެންމެ ފަހުން ފޭބި އެކަކީ ނައުރާއެވެ. ފައިބަން ބޭނުން ނުވެފައި ހުރި މީހެއް ކަހަލައެވެ. ތަޤުދީރު އަނެއްކާ ވެސް ނައުރާ އެ ފަސްގަނޑަށް ގެނައީއެވެ.

ރަށުގެ ގޮނޑުދޮށުގެ ދޮން ފަހުގައި ފައި ޖެހުމުން ނައުރާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ފިނިކަމެކެވެ. ހީކުރި ގޮތާ ޚިލާފަށް ރަށަށް  ފޭބުމުން ނައުރާއަށް ލިބުނީ ހަމަ ޖެހުމެކެވެ. ކުރެވުނީ އުފާވެރިކަމުގެ އިޙުސާސެކެވެ.

ނައުރާ ބަލާ  އެކަކުވެސް ނާންނާނެ ކަން ނައުރާއަށް އެނގެއެވެ. އަންނަން ހުރީވެސް ވަކި ކާކުހެއްޔެވެ! ޒަކުވާން …. ނައުރާގެ ޚިޔާލަށް އައީ ޒަކުވާންއެވެ. މިހާރު ޒަކުވާން މީހަކާ ވެސް އިނދެފާނެއެވެ. ޒަރީން ….. އެ ސޮރު ވެސް މިހާރު ވަރަށް ބޮޑު ވެދާނެއެވެ. ސްކޫލް ވެސް ނިމިދާނެއެވެ. ޒާހިޔާގެ ޚިޔާލު ނައުރާގެ ސިކުނޑިއަށް އައީ އެންމެ ފަހަށެވެ. ޒާހިޔާ ކިޔެވީ ކޯއްޗެއްބާ! … މީހަކާ ނީދޭބާ!

ގެނައި ފޮށި ދަމަމުން ނައުރާ ހިނގައިގަތީ އުޅެބޮޑުވި ގެއާ ދިމާއަށެވެ. އަދި މި ދާއިރު އެގޭގައި ނައުރާ ބަހައްޓާނެ ކަމެއް ވެސް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ގެއަކީ އޭނަގެ ބޮޑުބޭބެގެ ގެއެވެ. ވީއިރު ނައުރާއަށް އަދި އެގޭގައި ހުރެވޭނެއެވެ.

އިރު އޮއްސި މޫނުއަނދިރިކަން ވެރިވަމުން ދިޔަ ރަށުތެރެއިން ނައުރާއަށް ފެނުނީ ކުރިއަށްވުރެ ބޮޑަށް ތަރައްގީގެ ކުލަވަރެވެ. އެއްބުރިއަށް ހުރި ގެތައް ގިނަޔަސް ދެބުރިއަށް ނަގާފައި ހުރި ގެތަކާ އިންފާރުތައް ރާނާ ސިމެންތިޖަހާފައި ހުރި ގެތައް ވަރަށް ގިނައެވެ.  ކުރިއަށްވުރެ ރަށުގައި ގަސް މަދަސް އަދިވެސް ގޯތިތެރޭ ދެތިން ބަނބުކެޔޮގަސް ހުރި ގޭގެ ވެސް މަދެއް ނޫނެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ރަށުގެ ބޮޑުމަގުގައި ތާރު އަޅާފައި އޮތުމާއި ދެފަރާތުގައި ދިއްލާ ލެވިފައިވާ ބޮކިތަކެވެ. ކުޑަ ދުވަސްކޮޅެއްގެތެރޭ ރަށުން ފެނުނީ ބޮޑު ބަދަލެކެވެ.

ރަށުން ފުރިއިރު ނައުރާ އަކީ ބުރުގާ އަޅައިގެން ހުރި ކުއްޖެއް ނޫނެވެ. ލައި އުޅުނީ ހަރުވާޅު ހެދުމެވެ. ނައުރާގެ ހެދުން އެޅުމަށް އައި ބޮޑުބަދަލުން ކަމެއްވެސް ނޭނގެއެވެ. ރަށުގެ އެއްވެސް މީހަކު ނައުރާއަކާ ވާހަކައެއް ނުދައްކައެވެ. ރަށުމީހުންނަށް ނައުރާ ނޭނގުނީ ކަމަށް ވެސް ވެދާނެއެވެ. ކުރިންވެސް ނައުރާ އަކީ ރަށުތެރެއަށް ނިކުމެ އުޅުނު ކުއްޖަކަށް ނުވާތީ އަސްލު ވެސް ގިނަބަޔަކަށް ނައުރާ ނޭނގޭނެއެވެ.

ބޮޑުބޭބެމެންގެއާ ހަމައަށް ނުދެވެނީސް ހަމީދު އައިސް ނައުރާއާ ހަމަ ކުރިއެވެ.

“އަހަނ! ނައުރާ! …  އަޅޭ! ނުވެސް އެނގުނު!”

ނައުރާގެ މޫނާދިމާއަށް ކުޑަކޮށް ގުދުވެލަމުން ހަމީދު ވާހަކަދެއްކިއެވެ.

“ހަމީދުބޭ!”

ނައުރާއަށް ވެސް ހަމީދުގެ ނަމުން ގޮވައިލެވުނެވެ.

ނައުރާގެ ފުރާ ފުރިހަމަވެފައިވާ ރީތި ބުރުސޫރައަށް ބަލައިލުމަށްފަހު ނައުރާ އެހާ ރީތި ކުއްޖަކަށްވީތީ ހަމީދު އުފާވިއެވެ.

“ބޮޑުބޭބެމެންނަށް އެނގޭތަ އަހަރެން އަންނަކަން! ގޭގަތަ ބޮޑުބޭބެ ވީ! އަނެއްކާ އަހަންނަށް އެގޭގައި ހުރެވޭނެތަ!”

ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން ނައުރާއަށް އަހައިލެވުނެވެ.

“ނައުރާއަށް އެގޭގައި ހުރެވޭނެ! އަހަރެން އަނީސާ ގާތު ބުނިން ނައުރާ އަންނަ ވާހަކަ!”

ހަމީދު އޮޅުން ފިލުވައި ދިނެވެ.

ހަމީދު ހިނގައިގަތީ ކުރިއަށެވެ. ދެތިން ފިޔަވަޅު ކުރިއަށް ދިއުމަށްފަހު އަނެއްކާ ވެސް ހަމީދު ހުއްޓި އެނބުރި ލާފައި ވާހަކަ ދައްކަން ތައްޔާރު ވިއެވެ.

“ހަމީދުބެ ނަމާދަށް މިދަނީ! ނިމިގެން އަންނާނަން ނައުރާ ގޮވައިގެން ހޮސްޕިޓަލަށް ދާން! އެއްޗެއް ކާލާ ނަމާދުކޮށް ހަދާލާތި!”

ނައުރާ ބޯޖަހާލުމުން ހަމީދު ކުރިއަށް ހިނގައިގަތެވެ.

ދޮރާށީގެ ތަޅުގައި ހިފާ އަނބުރާލުމުން ނަސީބަކުން ގޭގެ ދޮރާށި ހުޅުވިއްޖެއެވެ. އޭގެ މާނައަކީ ކޮންމެ ވެސް ބަޔަކު ގޭގައި އުޅެނީއެވެ. ގެއާ ދިމާއަށް ހިނގަމުން ދިޔަ ނައުރާގެ މޭ ނެގިނެގިފައި ޖެހެއެވެ. މިއީ އެ ގެއަކުން ނައުރާއަށް އެތައް ވޭނަކާ ހިތްދަތިކަމަކާ އަދި ލަދު ގަންނަން ޖެހޭ ވެސް އެތައް ކަމަކާ ކުރިމަތިވި އެހެނަސް ލިބުނު ރައްކާތެރިކަމެއް ވެސް ލިބުނު ހިޔާވައްސެވެ. ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ވަރަކަށް ކުޑައިރުގެ ބައެއް އުފާވެރި ހަނދަންތައް ވެސް ނައުރާގެ ހަނދާނުގެ ވާފަށަށް ގެތެމުން ދިޔައެވެ. ގޭތެރެއަށް ވަންނަން ނެގި ފިޔަވަޅާއެކު ގޭތެރެ އޮތީ އަނދިރިކޮށްކަން ނައުރާއަށް ފާހަގަ ކުރެވުނެވެ. ކުޑަކޮށް މަޑުޖައްސައިލުމަށްފަހު ސިޓިންގރޫމުގެ ދޮރުގައި ހުރީ ތަޅުލާފައިތޯ ތަޅުގައި ހިފައިލިއެވެ. ނަސީބަކުން ތަޅުނުލާ ހުރުމުން ދޮރު ހުޅުވިއްޖެއެވެ.

“އަނީސާއްތަ ހުރީ ނަމާދަށް ކަމަށްވެދާނެ!”

ނައުރާ ހިތާ ހިތާ ކިޔައިލިއެވެ. ވަންނަންވީ ކޮންތަނަކަށްކަން ގޭމީހަކު ނުބުނަނީސް އެއްވެސް ތަނަކަށް ނުވަދެވޭނެއެވެ. އެހެންވެ ނައުރާ މަޑުކުރީ ސީޓިން ރޫމުގައެވެ. ގޭގައި ދިއްލާފައި ހުރީ އެންމެ ކޮޓަރިއެކެވެ. އެކަމަކު އެ ކޮޓަރީގެ އަލި ވެސް ވަރަށް ފަނޑެވެ. ނިދާބޮކި ކަމަށް ވެސް ވެދާނެއެވެ. އެއީ ޒާހިޔާގެ ކޮޓަރިއެވެ. ޒާހިޔާ ރަށުގައި އުޅެނީތާއެވެ.

އެއްވެސް މީހެއްގެ ހިލަން ނުވެ ނަމާދުކޮށް ނިމޭހާއިރު ވާތީ ނައުރާ ނިންމީ ޒާހިޔާއަށް ނައުރާ އައިސް އުޅޭކަން އަންގާލުމަށެވެ. އެހެންނޫނީ ހަމީދުބެ އަންނަން ވާއިރަށް ނައުރާއަށް ނަމާދު ވެސް ކޮށްނުލެވޭނެއެވެ.

މަޑުމަޑުން ތެދުވެގެން ގޮސް ޒާހިޔާގެ ކޮޓަރީގައި ޓަކި ދިނުމުގެ ކުރިން ދެ ފަހަރަކު ވިސްނައިލިއެވެ. ޒާހިޔާ ބުނެފާނެ އެއްޗަކަށް ތައްޔާރު ވުމަށެވެ. ޒާހިޔާގެ ފަރާތުން ރުޅިވެރިކަމާ ފޫއްސާ އަޅާނުލުން ފެނުނަސް ހިތަށް އެއްޗެއް ނޭރުމަށް ނިންމާ އެންމެ ފަހުން  ދެ ފަހަރަކު ޓަކި ޖަހައިލިއެވެ.

އަޑެއް ބަޑެއް ނީނވި އިރުކޮޅެއް ވުމަށްފަހު މީހެއްގެ އަޑު އިވުނުހެން ހީވެއްޖެއެވެ. ދެން ފެނުނީ ދޮރު ހުޅުވުނުތަނެވެ.

ޓަކި ޖަހާލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރި ނައުރާ އިސްއުފުލައި ބަލައިލިއެވެ. ފެނުނު މަންޒަރުން ނައުރާއަށް ހަޅެއްލަވައި ގަނެވުނެވެ. މޫނުގައި ދެއަތް އަޅާ ބާރުކޮށްލެވުނެވެ.

ކުރިމަތިން ފެނުނީ އެއްގޮތަކަށް ވެސް ނައުރާ އުންމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ. ޒަކުވާން ހުރީ ތުވާލި އެކަނި އަނދެގެން ދެއަތުން ބޮލުން ފެން ފޮޅާލަ ފޮޅާލައެވެ. ހީވާގޮތުގައި ޓަކި ޖެހިއަޑަށް ޒަކުވާން އެ ނިކުތީ ފެންވަރަށް ހުރެފައެވެ.

މަސްއަރާ ބާރުވެފައިހުރި ބަނޑުން ރޮނގަކަށް ފެން ފައިބައިގެން ގޮސް ތުވާލިގަނޑުގެތެރެއަށް ވަނދެ ޣާއިބުވަމުން ދިޔައެވެ. ނައުރާގެ ސިކުނޑިއަށް ވަން ހަމައެކަނި މަންޒަރަކީ އެވަގުތު އެ މަންޒަރެވެ.

ނައުރާގެ ހަޅޭކުގެ އަޑަށް ހޭވެރިކަންވި ޒަކުވާންއަށް ވެސް ވީ އެވަރެވެ. ނައުރާގެ މޫނުމަތީ އަޅާލެވިފައިވާ ދޮންދޮން ހިމަ އިނގިލިތަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ ނައުރާކަން އެނގުނީ ވެސް ކޮލުގެ އެއްފަރާތުގައި ހުރި ކަޅުތިލަ ފެންނަން އިނުމުންނެވެ.

ފުރަތަމަ ފަހަރަށް ޒަކުވާން ނައުރާގެ ހަމަ އިސްކޮޅަށް ބަލައިލިއެވެ. ވާންވަމުން ދިޔަ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހަމަ އެ އިސްކޮޅެވެ. އެއަށްވުރެން ވެސް ދޮން ކަމަށް ދައްކައެވެ. ކުރިއަށްވުރެ އަންހެން ވަންތަކަމަށް ދައްކައެވެ. މާބުރެއްގެ ހިލަން ވެސް ނުވެ ފަރިވެ ފޮޅެމުންދާ ލޮޓަސް މަލެއްފަދައެވެ. ހިތް އޮބި ނޯތުމުން ޒަކުވާން އަލުން ދޮރު ލައްޕައިލިއެވެ.

އެއަށްފަހު  ގޮސް ޑްރެސިންޓޭބަލް ކައިރީ ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އުމުރުން ދިހަވަރަކަށް އަހަރަށް އެޅީއްސުރެ އެއް ގެއެއްގެ ތެރޭ އުޅުނަސް ޒަކުވާން ގަމީސް ނުލާ ހުއްޓަކާ ނައުރާއަކަށް ނުފެންނާނެއެވެ. އަމިއްލަ ޚިޔާލުގެ ތެރެއަށް ގެނބިފައި އަދި ހިނގައިދިޔަ ހާދިސާއިން ލަދުގަނެފައި ހުރި ޒަކުވާން ކުއްލިއަކަށް ތެޅިގެންފައި އަވަހަށް ޓީޝާޓް ބޮލުން ވައްޓައިލިއެވެ.

ދެވަނަ ފަހަރު ދޮރު ހުޅުވައިލުމަށްފަހު ޒަކުވާން ނިކުތްއިރު ނައުރާއެއް ފެންނާކަށް ނެތެވެ. ގޭގެ އެކި ތަންތަން ބެލިއެވެ. ”ނައުރާ އަނެއްކާ އެހެން ގެއަކަށް ދިޔައީބާ!”

ނައުރާ ފެންނަން ނެތުމުން ވީދެރައިން ކަރު އެލުވާލަމުން އަނެއްކާ ވެސް ޒަކުވާން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ހަމީދު އައުމުން ނައުރާ ބޭނުންވީ އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ބޮޑުބޭބެ ދެކޭ ހިތުން ނައުރާ ހުރީ ހިތް އަވަސް ވެފައެވެ.

މި ފަހަރު ހަމީދު އައީ ސައިކަލުގައެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !