ފަނަރަވަނަ ބައި
ނައުރާ ފެންނަން ނެތުމުން ވީދެރައިން ކަރު އެލުވާލަމުން އަނެއްކާ ވެސް ޒަކުވާން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ހަމީދު އައުމުން ނައުރާ ބޭނުންވީ އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ބޮޑުބޭބެ ދެކޭ ހިތުން ނައުރާ ހުރީ ހިތް އަވަސް ވެފައެވެ.
މި ފަހަރު ހަމީދު އައީ ސައިކަލުގައެވެ. އެހެންނަމަވެސް ސައިކަލުގައި ދާން ނައުރާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ނައުރާގެ ނިންމުމަށް އިޙުތިރާމް ކުރަމުން ހަމީދު ގުޅައި ދިނީ ކާރަކަށެވެ.
ކާރު ގޮސް ހޮސްޕިޓަލުގެ ބޭރުގައި މަޑުކުރުމުން ނައުރާ ކާރުން ފައިބާ ލާރި ދެއްކުމަށްފަހު އަވަސް އަވަހަށް ހިނގައިގަތީ އައިސީޔޫއާ ދިމާއަށެވެ. އެވަގުތު ހޮސްޕިޓަލުގެ ހުރިހާ ދިމާއަކުން މީހުންގެ ލޯތައް ހުރީ ނައުރާއަށް އަމާޒުވެފައެވެ. ލަދުން ދެފައި އޮޅެމުން ނައުރާ ކުރިއަށް ދިޔައީ މީހުންގެ ބެލުމުން ސަލާމަތް ނުވެވި ހުރެއެވެ. އައިސީޔޫ ހުރި ތަން ވެސް ކުޑަމިނުން ނައުރާ އަހަން ޖެހުނީ އެތަނުގެ ނަރުހެއްގެ ކައިރިންނެވެ. އަމިއްލަ ރަށުގައި ވެސް ނައުރާ ބީރައްޓެއްސެއް ފަދައެވެ.
އައިސީޔޫގެ ބޭރުގައި އެވަގުތު ތިބިތަން ނައުރާއަށް ފެނުނީ އަނީސާއްތައާއި ޒަރީން އެވެ. ނައުރާގެ ހިނގުން ހިސާބަކަށް މަޑު ޖެހިލި ނަމަވެސް ދިޔައީ ކުރިއަށެވެ. އަނީސާއްތަ ފެނުމުން ވެސް ނައުރާގެ ގައިން ހީބިހި ހިލުވައިލިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އެ ދެމައިން އެ ދިމާއަށް މޫނު އަނބުރައިލިއެވެ. އަނީސާ ވަގުތުން ކޮޅަށް ތެދުވިއެވެ. ޒަރީން އަކަށް ނައުރާއެއް ފުރަތަމަ ނޭނގުނެވެ.
ނައުރާ އައިސް އެ ދެމައިންނާ އަރާހަމަ ނުވަނީސް ކުރިއަށް ޖެހިލާ އަނިސާ ހިފީ ނައުރާގެ އަތުގައެވެ. އަދި އައީ ކޮން އިރަކުހޭ އަހައިލީ މަޑުމައިތިރި އަޑަކުނެވެ. އަނީސާއްތަގެ މޫނުމަތި ވަނީ މިލާފައެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފައެވެ.
“އިރުކޮޅެއް ކުރިން!”
ނައުރާ ކުޑަވެ ހިމަވެފައި ހުރެ ޖަވާބުދިނެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް އަނީސާގެ ކުރިމަތީ ޖަވާބުދޭ ފަދައިންނެވެ.
“ކޮބާ ބޮޑުބޭބެ! އަހަންނަށް ފެނިދާނެތަ!”
ނައުރާ ބަލައިލީ އައިސީޔޫގެ ދޮރާދިމާއަށެވެ. އެ ވަގުތަކީ ޑޮކުޓަރ އައިސީޔޫއިން ނިކުތް ވަގުތެވެ.
ދޮރުގެ އެއްފަރާތުގައި އައިސް ހުއްޓުނު ހަނދެއްފަދަ ރީތި އަންހެންކުއްޖާއަށް ޑޮކުޓަރ ބަލައިލީ ފުންނަޒަރަކުންނެވެ.
“ހަވް އިސް ހިމް!”
ނައުރާގެ އަޑުގައިވަނީ ކޮންފަދަ ބާރެއްކަމެއް ނައުރާއަކަށް ވަޒަނެއް ނުކުރެވޭނެއެވެ. އެ އަޑު ޑޮކުޓަރްގެ ކަންފަތަށް ފޯރީ މަޑު މިޔުޒިކެއް ފަދައިންނެވެ.
“ގެޓިންގ ބެޓަރ!”
ޑޮކްޓަރގެ ޖަވާބު އިވުމުން އަލްޙަމްދުލިﷲ އޭ ނައުރާއަށް ބުނެވުނެވެ. އޭރު ވެސް ޑޮކްޓަރ ހުރީ ސީދާ ނައުރާގެ މޫނަށް ބަލަހައްޓައިގެންނެވެ.
އަދި ވަންނަން ހުއްދައަށް އެދޭ ފަދައިން ނައުރާ ބަލައިލީ ނަރުސްކުއްޖާގެ މޫނަށެވެ.
އެ ކުއްޖާ ބޯޖަހައިލަމުން ޕޭޝެންޓަށް އަޑު އިވޭގޮތަށް ނުރޯށޭ ބުނަމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
އަރައިގެން ހުރި ބޫޓު ބޭލުމަށްފަހު ނައުރާ އެތެރެއަށް ދެމިގަތީ އެ ކުއްޖާ ޖަވާބުދީ ނުވެސް ނިމެނީހެވެ.
ހާރޫންގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އަޑުން ހާރޫނު އޮތް ހާލަތު ނައުރާއަށް އެނގުނެވެ. ބޮޑުބޭބޭއޭ ބުނަމުން ނައުރާ ގޮސް ހިފީ އައިވީ ގުޅާފައިވާ ހާރޫންގެ އަތުގައެވެ. ކިތަންމެ ނުރޯން ހުއްޓަސް ނައުރާގެ ދެ ލޮލުން ހޯސްލާފައި ފައިބާ ގަތީ ހޫނު ކަރުނައެވެ. ނުރޯން ނައުރާ ކުރި މަސައްކަތް ބޭކާރުވެ ގިސްލެވެން ފެށުމުން ބޮޑުބޭބެގެ އަތް ނަގާ މޫނުގައި ޖައްސައިލެވުނެވެ. ނައުރާގެ ކަރުނައިގެ ހޫނު އިޙުސާސްވީކަންނޭނގެއެވެ. ހާރޫނުގެ އިނގިލިތަކަށް ޙަރަކާތެއް އައިކަން އެނގުމުން ނައުރާ ގުދުވެ ހާރޫނުގެ މޫނަށް ބަލައިލިއެވެ.
“ބޮޑުބޭބޭ! މިއީ ނައުރާއޭ! ބޮޑުބޭބެގެ ނައުރާއޭ!”
ވާހަކަ ދައްކަން އުޅުމުން ނައުރާއަށް މާބޮޑަށް ރޮވިއްޖެއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ އަތްތިލަ ނައުރާގެ ކޮނޑުމަތީ ބޭއްވިހެން ހީވުމުން އިސްއުފުލާލަމުން ނައުރާ ތެދުވެ ބަލައިލިއެވެ.
ކައިރީގައި ހުރި ޒަރީން ފެނުމުން ނައުރާއަށް އޮޅުލައިގަނެވުނީ ޒަރީން ގައިގައެވެ. އެހެންތިބެގެން ދެބެން ރޯ މަންޒަރު ބަލަން ނަރުސް ކުއްޖާއަކަށް ނުހުރެވުނެވެ. އެދުނީ ދެ ބެން ވެސް ބޭރުގައި މަޑުކޮށްލުމަށެވެ.
ބޭރު ގޮނޑިބަރީގައި ނައުރާ އައިސް އިށީން އިރު އޭރު ވެސް އަނީސާ ދެލޯ ފޮހެނީއެވެ. އިރުކޮޅަކުން ފެނުނީ ތެދުވެގެން އައިސް ނައުރާއާ ޖެހިގެން ހުރި ގޮނޑީގައި އިށީންތަނެވެ. އަދި ނައުރާގެ އަތްތިލާގައި ހިފާ ގެނެސް އަނީސާގެ އުނގުމަތީ ބޭއްވިތަނެވެ.
އަނީސާއްތަގެ ފަރާތުން މި ފެނުނު އޯގާތެރިކަމުން އަނެއްކާ ވެސް ނައުރާއަށް ރޮވުނީއެވެ. އޭނަގެ މަންމަގެ ހުރި ހަމަ އެކަނި ތިމާގެ މީހަކީ ބޮޑުބޭބެ ކަމުން ބޮޑުބޭބެ އޮތް ޙާލަތުން ނައުރާ ހުރީ ވަރަށް ޖަޒުބާތީވެފައެވެ. އަނެއްކޮޅުން އަނީސާގެ ފަރާތުން ދުވަހަކު އޯގާތެރިކަމުގެ ބަހެއް ކީއްކުރަން ބަލާލުމެއް ވެސް ނުލިބި ހުރި ނައުރާއަށް އަނީސާގެ މިގާތްކަމުން ވަރަށް އަސަރު ކުރިއެވެ. އަނީސާއާ މެދު ހަމްދަރުދީވެ ކުލުނު އުފެދުނެވެ.
އިރުކޮޅަކު ނައުރާ އަތުގައި ހިފަހައްޓާލައިގެން އިނުމަށްފަހު އަނީސާ ވަނީ އައިސީޔޫއަށެވެ. ނައުރާގެ ވަށައިގެން ހިތާމަޔާ ހިތްދަތިކަން ނޫން އެއްޗެއް މިވަގުތަކު ނުވެއެވެ. ހަމަ އެކަނި ހުރި ޢާއިލާ މީހާ މިދުނިޔެއާ ވަކިވެގެން ހިނގައިދާނޭ ކަމުގެ ބިރުން ނައުރާ ހިތާމައިން ފޯކޮށްލައިފިއެވެ.
ފޯނު ނަގައިގެން ސާޖިދަށް މެސެޖު ލިޔަން ފެށީ ރުޅިއާ ހިތާމައިން އަސަރު ކޮށްފައިވާލެއް ބޮޑުކަމުންނެވެ. އޭރު ސާޖިދު އޮންލައިންގައި އޭގެ ފަސްވަރަކަށް މިނިޓް ކުރިން އިންކަމަށް ދައްކައެވެ.
“އަހަންނަކީ ކިހާ އެކަނިވެރިއެއްކަމާ މިދުނިޔޭގައި އަހަރެން ދެކެ ލޯބިވާ، އަހަންނަކީ މުހިންމު މީހެއްކަމަށް ދެކޭ އެއްވެސް މީހަކު ނެތްކަމުގެ އިޙުސާސް އަނެއްކާވެސް މިއަދު ކުރެވިއްޖެ! އަހަރެންނަކީ ކިހާ ނިކަމެތި މީހެއްކަމާ އެއްވެސް މީހަކަށް އަހަންނަކީ ޚާއްސަ މީހެއް ނޫންކަން ވެސް އެނގިއްޖެ! މިއަދު އަހަރެންގެ އެއްވެސް މީހަކު ހުރިނަމަ އަހަރެންގެ މި އެކަނިވެރިކަމާ ހިތްދަތިކަމުގައި ބައިވެރިވީސްކަން ކަށަވަރު!
ސާޖިދު!….. އަހަރެން މިވަނީ އެހެން އިންސާނެއްގެ އޯގާތެރިކަމާ ގާތްކަމާ އަޅާލުމަށް ނިހާޔަތަށް ބޭނުންވެފަ! އަދި މިހެން ބުނާކަށް މިއަދު އަހަރެން ފަހެއް ނުޖެހޭ!………….. ކޮންމެވެސް މީހެއްގެ އޯގާތެރި ……. ފިރުމުންތަކަށް ވެސް! …….. ހިތަށް އަރާ!،…….ހިތަށް އަރާ! …… ކޮންމެވެސް މީހަކު އައިސް އެމީހެއްގެ ގަޔާލާ އަހަރެން ބޮނޑިކޮށްލަދޭނެ ނަމައޭ! ……. އަދި ހިތަށް އަރާ އެމީހަކީ ……….!”
މެސެޖް ދިގު ސިޓީއެއް ހެން ލިޔެ ނައުރާ ސާޖިދަށް ފޮނުވައިލިއެވެ. އިރުކޮޅަކު ލިޔުނު މެސެޖަށް ބަލަން އިނުމަށްފަހު އަނެއްކާވެސް ލިޔުނެވެ.
“އަހަންނަށް ހީކުރެވުނީ ސާޖިދަށް އަހަރެން މިއީ ޚާއްސަ މީހަކަށް ވާނެ ކަމަށް! އެކަމަކު އެނގިއްޖެ އެ ނަސީބެއް އަހަރެންގެ ތަޤުދީރުގައި ލިޔެވިފައި ނެތްކަން! …. އަދި އެއީ އަހަންނަށް ކުރެވުނު ކުށްހީއެއް ކަން! އަހަންނަށް އަހަރެންގެ ފެންވަރު އޮޅުނީ! މަޢާފުކުރޭ! ….. އިންސާނުންނަކީ ކިހާ އަމިއްލަ އެދުން ބޮޑު ބައެއްކަން ފުރަތަމަ ފަހަރަށް ވިސްނިއްޖެ! …..މި ބުނީ ސާޖިދާ މެދު އެ ގޮތަށް ދެކެވުނީ އަހަރެންގެ ……..އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުންނޭ!”
ދެލޮލުން ފޭބި ކަރުނަ ތިކި އަތުގެ ނުފުށުން ނައުރާ ފޮހެލިއެވެ.
އަދި ސާޖިދު ކިތަންމެ މެސެޖެއް ކުރިއަސް ދެން ޖަވާބު ނުލިޔަން ނިންމިއެވެ.
ދެ ލޯ މަރާ ލުމަށްފަހު ނައުރާ އިރުކޮޅަކަށް އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހިތްވަރުގަދަ މީހަކަށް ވުމަށް ހިތްވަރުލާ މަސައްކަތް ކުރުމަށް ނިންމިއެވެ. އެއްވެސް ފިރިހެނަކަށް އިތުބާރު ނުކުރަން ވަކިން ބޮޑަށް އަޒުމު ކަނޑައެޅިއެވެ.
“ނައުރާ ދައްތާ! މަންމަ އެބަ ގޮވާ!”
ޒަރީންގެ އަޑު އިވުމުން ނައުރާ ލޯހުޅުވައި ބަލައިލިއެވެ. އަދި ހަށިގަނޑު ތެދުކޮށްލާ ރީތިކޮށް އިށީނެވެ.
މަންމަވީ ކޮންތާކުތޯ އަހާފަދަ ނަޒަރަކުން ޒަރީންއާ ދިމާއަށް ބަލަހައްޓައިގެން އިންދާ ނައުރާގެ ލޮލުގައި އަޅައިގަތީ ދުރުން ހިނގާފައި އައި ޒަކުވާންއެވެ. ދުރުން ފެނުނަސް ފުރަތަމަ ނަޒަރުން ވެސް އެއީ ޒަކުވާންކަން ނައުރާ ދެނެގަތެވެ.
އެވަގުތު ވެސް ލަދުން ގޮސް ބިމުއަޑިއަށް ވަންނާނެ ނަމައޭ ނައުރާ ހިތަށް އެރިއެވެ. ޒަކުވާން އައީ ސީދާ ނައުރާއާއި ދިމާއަށެވެ.
“ކޮބާ މަންމަ!”
ސުވާލުކުރީ ޒަރީން އާއެވެ. ބަލަހައްޓައިގެން ހުރީ ނައުރާ އާދިމާއަށެވެ.
އެވަގުތަކީ އަނީސާ އައިސީޔޫއިން ބޭރަށް ނިކުތްވަގުތެވެ.
“ދަރިފުޅު އައީ ސައިކަލުގަތަ!”
އަނީސާ ސުވާލުކުރީ ޒަކުވާންއާއެވެ.
“އާންން! މަންމަ ގެއަށް ދާންވީތަ!”
ޒަކުވާން އޭނަގެ މަންމައާ ވީފަރާތަށް އެނބުރެމުން ސުވާލުކުރިއެވެ.
“ނައުރާ އެހެރީ އަދި އެއްވެސް އެއްޗެއް ނުކައި! ނަމާދު ވެސް އަދި ނުކުރަން ދޯ ނައުރާ!”
އަނީސާގެ ޖަވާބުގެ ފަހުބައި އަމާޒު ކުރީ ނައުރާއަށެވެ.
ނައުރާ އިސްދަށަށް ޖަހާލައިގެން އިނދެ ބޮލުން އާނއެކޭ ބުނިތަން ޒަކުވާން ދުށްޓެވެ.
“ދަރިފުޅު ފުރަތަމަ ދާންވީނު ނައުރާ ގެއަށް ލާން! ނައުރާ ނަމާދުކޮށްގެން އެއްޗެއް ކެއީމަ އާދޭ ނައުރާ ގޮވައިގެން! މަންމައާ ޒަރީން މިތާ މަޑުކުރާނީ!”
އަނީސާއްތަގެ ނިންމުމަށް ނައުރާ ވަގުތުން ދެކޮޅުހެދިއެވެ. އެހެން ނަމަވެސް ނަމާދު ގަޑި ފަސްދީ ދާތީ އަވަހަށް ގެއަށް ގޮސްލަން ނައުރާ ވެސް ނިހާޔަތަށް ބޭނުމެވެ.
“އަހަރެން ކާރެއްގަ ހިނގައިދާނަން!”
“މިގަޑިއަކު ކާރެއް ނުލިބޭނެ!”
ސަކީނާ ބުނި ގޮތުން ދެ ނަމާދު ދޭތެރޭ ކާރު ދުއްވާ މީހުން ވަރަށް އިމަރޖެންސީވެގެން ނޫނީ ދަތުރެއް ނުކުރެއެވެ.
ހަދާނެ އިތުރު ގޮތެއް ނެތުމުން ނައުރާ ނިންމީ ޒަކުވާންއާ އެކީ ނަމާދުކޮށްލަން ދިއުމަށެވެ.
ގެއަށް ދާން ވެގެން އިންގޮނޑިން ނައުރާ ތެދުވުމުން ޒަކުވާން ކުރީގައި ހުރެގެން ހިނގައިގަތެވެ. ނައުރާ ދިޔައީ ޒަކުވާންގެ ފަރާތުން އަލަށް ފެނުނު ފޮނިކަމާ ބޮޑާކަމަށް ހިތުން އެތިވަރު ގޮވަމުންނެވެ. އެދެމީހުން އެއްކޮށް ހިނގާފައި ދިޔައިރު ފެނުނު ކޮންމެ އަންހެން ކުއްޖަކު އަދި ކޮންމެ ފިރިހެން ކުޖެއްގެ ހިތަށް ތަދު ކުރުވަމުން ދެމީހުން ގޮސް ނިކުތީ ހޮސްޕިޓަލުގެ ފަހަތު ދޮރުން ބޭރު މަގަށެވެ.
ޒަކުވާންގެ ޖީއެން ސައިކަލުގައި ތަޅުދަނޑި ޖަހަންދެން ވެސް ނައުރާ ހުރީ އަނގައިން ނުބުނެވިފައެވެ.
“މިހިސާބުން ހިނގާފައި ކިތައް މިނިޓުން ގެއަށް ދެވޭނެތަ!”
އެންމެ ފަހުން ނުހުރެވިގެން ޒަކުވާންއާ ވީ ފަރާތަށް އެނބުރެމުން ނައުރާ ސުވާލުކުރިއެވެ.
“ކުރިން ތިކަން ބެލިފައެއް ނެތް!”
ޒަކުވާންގެ އަޑުގައިވަނީ ސަމާސާއެވެ.
“ހީވާގޮތުން ވިއްސަކަށް މިނިޓުން ދެވިދާނެ!”
ކުރިން ބުނި ވާހަކައަށް ޒަކުވާން އިތުރުކޮށްލިއެވެ.
“އެހެންވިއްޔާ އަހަރެން ދާނީ ހިނގާފަ!”
ނައުރާ ގޮތް ނިންމިއެވެ.
ޒަކުވާން ބަލައިލީ ނައުރާއަށެވެ.
“ވަރަށް ހަރުވެއްޖެ!”
ހިތަށް އައި ލަފުޒުތައް ޒަކުވާންގެ އަނގައިން ބޭރެއް ނުކުރެއެވެ.
“މަޑުކުރޭ! އެއީ ހިނގާފަ ދެވޭ ވަގުތެއް ނޫނޭ! ދުވެފަ ވިއްސަކަށް މިނިޓުން ދެވޭނެ ވާހަކަ އަހަރެން މި ބުނީ!” ޒަކުވާން ބުނި އެއްޗަކުން އަދި ބުނި ރާގަކުން ނައުރާއަށް ހުރެވުނީ ޒަކުވާންއާ ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެނެނެވެ. އަދި ދެން ގޮތް ހުސްވުމުން ތުން ފިއްތައިލިއެވެ.
ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކާ ސިކުންތުކޮޅެއް ދިއުމަށްފަހު މަޖުބޫރުވެގެން ވާހަކަ ދެއްކީ ދެންވެސް ނައުރާއެވެ.
(ނުނިމޭ)
ޚިޔާލުތައް