ސޯޅަވަނަ ބައި
“މަޑުކުރޭ! އެއީ ހިނގާފަ ދެވޭ ވަގުތެއް ނޫނޭ! ދުވެފަ ވިއްސަކަށް މިނިޓުން ދެވޭނެ ވާހަކަ އަހަރެން މި ބުނީ!” ޒަކުވާން ބުނި އެއްޗަކުން އަދި ބުނި ރާގަކުން ނައުރާއަށް ހުރެވުނީ ޒަކުވާންއާ ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެނެނެވެ. އަދި ދެން ގޮތް ހުސްވުމުން ތުން ފިއްތައިލިއެވެ.
ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކާ ސިކުންތުކޮޅެއް ދިއުމަށްފަހު މަޖުބޫރުވެގެން ވާހަކަ ދެއްކީ ދެން ވެސް ނައުރާއެވެ.
“މިހެދުން ލައިގެން ކިހިނެތް އަހަރެން ތި ސައިކަލުގަ އިންނާނީ ވެސް!”
ކުރިން ދެއްކި ވާހަކަ ހުއްޓާލާފައި ނައުރާ ސައިކަލުގައ އިންނާނެ ގޮތަކާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. ޒަކުވާންއާ އެކުގައި ދިއުން ނޫންގޮތެއް މިވަގުތަކު ނެތެވެ.
ޒަކުވާން ގާތަށް އައީ ލާނެއް ހިންޏެކެވެ. ނައުރާގެ މައުސޫމު އަޑުން ބުނެލި އެއްޗަކުން ހަމަ ހިނި އައީއެވެ.
“މަންމަ އިންނަ ގޮތަށް!”
ނައުރާ ޒަކުވާންގެ މޫނަށް އަނެއްކާ ވެސް ބަލައިލިއެވެ. ނައުރާގެ ފަރާތުން ފެނުނީ ޒަކުވާން ބުނިއެއްޗެއް ފަހުމުނުވި ކުލައެވެ. އެހެންނަމަވެސް ޒަކުވާން އިތުރު ތަފުސީލު ދޭކަށް ނޫޅުނެވެ. ނައުރާއަށް ބަލަން ހުރީއެވެ. ޒަކުވާންގެ ފަރާތުން ނައުރާއަށް ފެނުނީ ކުރިން ނުފެންނަ ސިފަތަކެކެވެ. ނައުރާ މަގަށް ނަޒަރު ހުއްޓައިލިއެވެ.
އެވަގުތަކީ ހަމީދުގެ އަޒުހާ ހޮސްޕިޓަލަށް އައިސް މަޑުކުރި ގަޑިއެވެ. އެއީ އަޒުހާކަން ނައުރާއަށް އެނުގުނު ހިސާބުން ޚިޔާލު މުޅިން ބަދަލުވެ އަޒުހާއާ ދިމާއަށް ހިނގައިގަތެވެ.
ކުރިން މާބޮޑު ގާތްކަމެއް ނެތަސް ނައުރާ އަޒުހާއަށް ގޮވައިލީ އެކުވެރި އަޑަކުންނެވެ.
“އަޒޫ!”
ނައުރާގެ އަޑު އިވުމުން ވެސް އަޒުހާއަކަށް ފުރަތަމަ އެއީ ނައުރާކަމެއް ނޭނގުނެވެ. ލާފައި ހުރި ހެދުމުންނެވެ. ޒަކުވާން ވެސް އެތާ ހުރުމުން ފޮނި ގޮތަކަށް ހިނގާލާފަ އަޒުހާ އައެވެ.
“އަހަނ! ނައުރާ ދޯ! ނުވެސް އެނގުނޭ! ވަރަށް ޗޭންޖް ވެފަ ދޯ!”
އަޒުހާ ވާހަކަ ދެއްކީ ނައުރާއާއެވެ. ނަޒަރު ހުރީ ޒަކުވާންއަށެވެ.
“މިއުޅެނީ ނަމާދު ގަޑި ދާތީ! އަޅެ އަހަރެން ގެއަށް ލައި ދެވިދާނެތަ!”
ނައުރާ ވަގުތު ނަގާ ނުލާ ނައުރާގެ ބޭނުން ހުށަހެޅިއެވެ.
“އަސްލު މިދަނީ ހާރޫންބެ ދެކިލަން! އެކަމަކު ނައުރާ ގެއަށް ލައިފަ އަންނާނީ!”
އެނބުރި ސައިކަލާ ދިމާއަށް ހިނގައިގަންނަމުން އަޒުހާ ޖަވާބު ދިނެވެ.
ނައުރާގެ ފަރާތުން މި ފެނުނު ފަރުވާ ކުޑަކަމާ ދުރުކަމާ ހެދި ޒަކުވާން ދަތްކުނޑި ވިކައިގަތެވެ. އެކަމަކު އެތެރެ އެތެރެއިން ހީނލި ވެސް މެއެވެ. ސައިކަލުން ފައިބާ ޖިންސްގެ ދެޖީބަށް އަތްޖައިލީ ފޮނި ގޮތަކަށެވެ.
ނައުރާއަށް އަދާއަށް ނަމާދު ކުރެވުނީ ކިރިޔާއެވެ. ފާޚާނާއަށް ވަނީ އިޝާނަމާދު ވެސް ކޮށް ނިންމާލާފައެވެ. ފެންވަރައި ތާޒާވެލައިގެން ނައުރާ ވަނީ ބަދިގެއަށެވެ. އަނީސާއްތަ ބުނި ގޮތުން އޭނަ ހުރީ ނައުރާއަށް ކައްކާފައެވެ.
ބަދިގެއަށް ވަދެ ކާން ފެށިތަނާ ގޭގެ ބޮޑުދޮރު ހުޅުވާލާފައި މީހަކު ވަންހެން ހީވުމުން ނައުރާ ބޯދިއްކޮށްލައި ބަލައިލިއެވެ. ޒަކުވާން ކާކޮޓަރިއާ ދިމާއަށް އަންނަތަން ފެނުމުން ހިތަށް ހަމަ ޖެހުމެއް ލިބގެން ދިޔައެވެ. ރޭގަނޑެއްގެ މިގަޑީގައި އެކަނި ގޭގައި ހުންނަން ވީމާ ނައުރާ ހުރީ ބިރުގެންފައެވެ.
ޒަކުވާން އެތަނަށް ވަންނާނެ ކަމަށް ހީކޮށްގެން ހުރެ ހުރެ ޚަބަރެއް ނުވުމުން ނައުރާ އަނެއްކާ ވެސް ބޭރަށް ބަލައިލިއެވެ. ޒަކުވާންގެ ހިލަމެއް ނެތެވެ. އެހެންވިޔަސް ޒަކުވާން ގޭގައި އުޅޭކަމުގެ ހިތްހަމަޖެހުން އޮތުމުން ނައުރާ ކައި ނިންމައިލިއެވެ. އަދި ރަށުގައި އުޅުނުއިރުގެ އާދަ މަތިން ކާއެއްޗެހި މޭޒުމައްޗަށް ނަގާ ކާންހެދިއެވެ. ބޮޑުބޭބެ ކާން އިންނަ ގޮނޑިއާ ދިމާއަށް ބަލަހައްޓައިގެން ނައުރާއަށް ހުރެވުނެވެ. އެހެން ހުއްޓާ ދެލޮލުން ނީރާލައިގެން ދެކަރުނަ ތިކި މޭމައްޗަށް ވެއްޓުނުކަން އެނގުނީ ވެސް މާފަހުންނެވެ.
ދެ އަތަކަށް ބޯ ހޫރާލަމުން ކެއި ތަށިތަކާއެކު ނައުރާ ހިނގައިގަތީ ސިންކާ ދިމާއަށެވެ. ތަށި ދޮންނަން ހުއްޓާ ފުރަގަހުން ކަނދުރާމައްޗަށް ހޫނު ވާހެން ހީވުމުން ނައުރާއަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ތަށި ވެސް މުށިގަނޑުމައްޗަށް ވެއްޓި ތެޅިއްޖެއެވެ. ފަހަތަށް އެނބުރެވުނީކީ ނޫނެވެ. އެއްލި ގަނެވުނީއެވެ. އޭރު ދާދި ގާތުގައި ލާނެއް ގޮތަކަށް ހީނލައިގެން ނައުރާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒަކުވާން ފެނުމުން ނައުރާގެ ހިތުގެ ހިނގުން ހުއްޓުނުކަހަލައެވެ. ހަނދާނަށް އައީ މަޒީދެވެ. މަޒީދުގެ ކެހިވެރި މަޅިއެވެ. ބަލާކަށްނުހުރެ ނައުރާ ނެގީ ސިންކުމަތީ ދޮންނަން ބާއްވަފައި އޮތް ތިލަ ދިގު ވަޅިއެވެ.
ނައުރާގެ މޫނުމަތިން ފެންނަން ހުރި ބިރުގެންފައިވާ ކުލަވަރާ ހާސްވެ ދާހިއްލަމުން ދިޔަ މަންޒަރުން ޒަކުވާން ވަރަށް ދެރަވިއެވެ. ދެއަތް މައްޗަށް ނަގާ އަމާން ދޭމީހަކު ފަދައިން ޒަކުވާން ދުރަށް ޖެހިލިއެވެ. ފަހަތަށް ފަހަތަށް ގޮސް ގޮނޑީގައި އިށީނީ ނައުރާ ހަމަ ޖެހެން ވަގުތު ދިނުމަށެވެ.
ޒަކުވާން ގޮސް ދުރުގައި އިށީނުމުން ނައުރާ އަތުގައި އޮތް ވަޅި ހުރި ދިމާއަށް ބިންމައްޗަށް ވައްޓައިލީ މޮޔައަކު ފަދައިންނެވެ. ނައުރާގެ މިހާލަތު ފެނުމުން ޒަކުވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާހަކަދައްކާނީތޯ ނުވަތަ މަޑުން ހުންނާނީތޯ ހިތާހިތާ ވިސްނައިލިއެވެ. ދެން ފެން ފުޅި ކައިރިކޮށްލާ މޭޒުމަތީ ހުރި ބިއްލޫރިތައްޓަށް ފެންއަޅަން ހުއްޓާ އިވުނީ ނައުރާ ގިސްލާ އަޑެވެ. ޒަކުވާންގެ ހިތް ހަމްދަރުދީއާ ކުލުނުން ފުރިގެން އައެވެ. ނައުރާއަށްޓަކައި އޭނާގެ ހިތުގައި އޮތީ ސާފު އިޚުލާސްތެރި ކަމެވެ. ނުބައި އެއްވެސް ނިޔަތެއް ނެތެވެ.
“ނައުރާ!”
ޒަކުވާން ނައުރާގެ ނަމުން ގޮވައިލިއެވެ.
“އަހަރެންގެ އެއްވެސް ނުބައި ނިޔަތެއް ނެތް! ޕްލީޒް ގަބޫލުކުރޭ! ނޫޅެން ނައުއަށް ކަމެއް ކުރާކަށް ވެސް! ބޭނުންވީ ހަމައެކަނި ސިއްސުވާލަން!”
ޒަކުވާންގެ އަޑުން ޒަކުވާން ހުރީ ކަންބޮޑުވެފައިކަން އެނގުނެވެ.
“ޕްލީޒް، ހުއްޓާލާ! ވަރަށް ދެރަވެއްޖެ އެ ގޮތަށް ސަމާސާ ކުރެވުނީމަ! ޕްރޮމިސް ދެން ދުވަހަކުވެސް ނައު ބިރު ނުގަންނަވާނެ ކަމަށް! ޕްލީޒް …..!”
ޒަކުވާން ތެދުވެގެން ގޮސް ނައުރާއާ ތަންކޮޅެއް ދުރުގައި ނައުރާ ހުރިގޮތަށް ސިންކަށް ލެނގިލައިގެން ހުއްޓިލައިފިއެވެ.
ރުއިން ހުއްޓާލުމަށްފަހު ނައުރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ!
“އަހަރެން އައީ މަންމަ ބުނެގެން ނައުރާ ބަލާ! ބޭނުމިއްޔާ ޓެކްސީއެއް ހޯދައިދީފާނަން!”
ކުރިއަށް ހިނގައިގަނެފައި ނައުރާ ހުއްޓުނީ ޒަކުވާންގެ ފަހު ޖުމުލަ އަޑުއިވުމުންނެވެ. އަދި ހުރި ގޮތަށް ހުރެ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
ބިންމަތީހުރި ފުޅިތޮށިތައް ނަގާ އެތަން ސާފުކުރުމަށްފަހު ޒަކުވާން ނިކުތީ ބޭރު ގޯތި ތެރެއަށެވެ. ނައުރާ އަންނަން ވާއިރަށް ކާރަކަށް ގުޅިއެވެ. ކާރު އިސާހިތަކު އައިސް ގޭދޮރުމަތީ މަޑުކޮށްލުމަށްފަހު ބަރުގޮނު އެޅިއަޑު ނައުރާ ވެސް އެއްސެވެ.
ކޮޓަރިއަށްވަން ނައުރާ ހެދުން ބަދަލުކުރުމަށްފަހު ކަނޑުނޫކުލައިގެ ޝޯލްއެއް އަޅައިގެން ނިކުތްތަން ފެނުމުން ޒަކުވާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އާޝޯޚުވެފައިވާ މީހަކުފަދައިން ނޭވާލަން ވެސް ނޭނގި ޒަކުވާން ހުއްޓެވެ. މާޝާﷲ އޭ ބުނެވުނީ ކިތައް ފަހަރުކަމެއް ވެސް ނޭނގެއެވެ.
ގެންގުޅުނު ދަބަސް ހާވަމުން ޒަކުވާން ފަސްދީ ކާރު ކައިރީ ގޮސް މަޑުކުރި ނައުރާއަށް މީހަކު އެ ރީތިކަމާ ޝާއްބަކަމަށް ގެއްލި ހުސްވެފައިވާކަމުގެ ރޭކައެއް ވެސް ނުލާ ކަހަލައެވެ.
ނައުރާގެ ފަރުވާކުޑަކަން ފެނި ޒަކުވާންގެ ހިތުގައި ޖެހުނެވެ. ދެރަވިއެވެ. ނައުރާ މިހާ ފޮނި މީހަކަށްވީ ކޮންއިރަކުބާވައެވެ!
ނައުރާ ގޮސް ހޮސްޕިޓަލަށް ވަންއިރު އަނީސާ އާއި ޒަރީން ނިކުންނަން އަންނަނީއެވެ. ނައުރާ ފެނުމުން އައީ ކައިގެންތޯ އެހިއެވެ. ނައުރާ ބޯޖަހައިލިއެވެ.
“އެނގޭތަ މިއަދު އަނީސާއްތަ މަސްބަތް ކެއްކީ ނައުރާއަށް އެންމެ މީރީ މަސްބަތްކަން ހަނދާން ހުރީމަ!”
ކުޑަކޮށްހީނލަމުން އަނީސާ ބުނި އެއްޗަކުން ނައުރާ ހަނދާނަށް އައީ އެއްދުވަހެއްގެ ޙާދިސާއެވެ. މަސްބަތް ކައްކާފައި ހުއްޓާ ސްކޫލުން ނިމިގެން ނައުރާ ގެއަށް އައުމުން ބޮޑުބޭބެ ނައުރާ ގާތު ކާން އިށީންނަން ބުނީމާ ނައުރާ ކާން އިށީން ހަނދާނެވެ. އަދި ދެން އަނީސާއްތަ އައިސް މަސްބަތް ތަށި ނައުރާގެ ބޮލަށް އެޅި ހަނދާނެވެ.
ނައުރާއަށް ބަލައިލެވުނީ އަނީސާގެ މޫނަށެވެ. މާޒީގެ އެ ކަޅުސަފުހާ މިއަދު ހަނދާންކުރަން ނައުރާ ބޭނުން ނުވިއަސް އެ ހަނދާންތަކާ ދުރުވެވޭނީ ކިހިނެތްހެއްޔެވެ!
“ގެއަށް ގޮސްލާފަ ނިދާ ގަޑިއަށް ނައުރާ ބަލާ ޒަކުވާން ފޮނުވާނަން!”
އަނީސާ ބުނިއެއްޗެއް ނައުރާއަށް އަޑުއިވުނެވެ. އެހެންނަމަވެސް އެއަކަށް ވަކި ޖަވާބެއް ނުދެއެވެ. ނިކުމެގެން ދިޔަ ޒަރީންގެ ހެޔޮވަރު ވެލާފައި ހުރި އިސްކޮޅަށް ބަލަހައްޓައިގެން އިރުކޮޅަކު ނައުރާ ހުއްޓެވެ.
އައިސީޔޫގެ ދޮރުމަތީހުރި ގޮނޑިބަރީގައި ނައުރާ އިށީނީ ފޯނު ދަބަހައްލައިގެންނެވެ. ފޯނު ހުޅުވައިގެން އެއްވެސް ކަމެއް ފޯނުން ކުރަންޏާ ސާޖިދުގެ ހަނދާންތައް ނައުރާ ވަށައިލާނެކަން ނައުރާއަށް އެނގެއެވެ. ދެން ސާޖިދަށް އިސްވެ މެސެޖު ނުކުރަން ނައުރާ ހުރީ ޢަޒުމުކަނޑައަޅައިގެންވެ. ސާޖިދު ނުލިޔަންޏާ ނައުރާއަށް ވެސް ހުރެވޭނެއެވެ. މީހަކާހެދި އުޅޭނީ އެމީހަކުވެސް އުޅޭ ވަރަކުންނެވެ.
އެހެންވެ ފޯނު ދަބަހުން ނަގާކަށް ބޭނުމެއް ނުވިއެވެ. ގޮނޑިބަރީގައި އިނދެ އިނދެ ފޫހިވެގެން ތެދުވެ ދެކޮޅަށް ހިނގަން ފަށައިފިއެވެ. ދެން ގޮސް އައިސީޔޫގެ ދޮރުގައި ޓަކި ޖަހާލުމުން ނިކުތް ނަރުސްކުއްޖާ ގާތުން ހުއްދަ ހޯދައިގެން ވަދެ ބޮޑުބޭބެ ގާތު އިށީނެވެ.
ނުރޯން ހުއްޓަސް ބޮޑުބޭބެ ފެނުމުން ނައުރާއަށް ވަރަށް އަސަރު ކުރެއެވެ. ކަރުނުން ދެލޯ ފުރެއެވެ. މަޑުމަޑުން ތެދުވެ ބޮޑުބޭބެގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ގުދުވެ ބޮޑުބޭބެގެ ނިތްކުރީގައި ނޭފަތް ޖައްސައިލިއެވެ. މަޑުމަޑުން ބޮޑުބޭބެގެ މޫނުގައި ފިރުމައިލިއެވެ. ދެއަތުން ބޮޑުބޭބެގެ އައިވީ ނުގުޅާ އޮތް އަތުގައި ވެސް ފިރުމާލެވުނެވެ.
އައިސީޔޫގެ ދޮރުގައި ޓަކިދިން އަޑަށް އަނެއްކާ ވެސް ނަރުސްކުއްޖާ ނިކުމެ ބޯދިއްކޮށްލައިފިއެވެ.
ހުޅުވި ދޮރުން ވަނީ ޒަކުވާނެވެ. އެނދުގެ ނައުރާ ހުރި ފަރާތް ނޫން އަނެއް ފަރާތުގައި ޒަކުވާން އައިސް ހުއްޓި ލިއެވެ. ބައްޕަގެ މޫނަށް އެއްފަހަރު، މިލާފައިވާ ނައުރާގެ މޫނަށް އަނެއްފަހަރު ބަލައިލިއެވެ. ނައުރާ ވެސް ޒަކުވާނަށް ބަލައިލިއެވެ. ދެމީހުންގެ ލޯ ބައްދަލުވި ހިނދު ޒަކުވާންއަށް ތެޅިގަނެވުނެވެ. ކޮންފަދަ ޖާދޫއެއްހެއްޔެވެ! ކޮންފަދަ ތޫނުކަމެއްހެއްޔެވެ! ކޮންފަދަ ދަމާ ބާރެއްހެއްޔެވެ! ޒަކުވާންއަށް ހިތާ ހިތާ ކިޔައިލެވުނެވެ.
ނައުރާގެ ނަޒަރު އަނެއްކާ ވެސް ދަތުރު ކުރީ ބޮޑުބޭބެގެ މޫނަށެވެ. އެވަގުތަކީ ޑޮކްޓަރ އިތުރު ނަރުހަކާއެކު ހާރޫނަށް ވިޒިޓްކުރި ގަޑިއެވެ.
ނައުރާ ފެނުމުން ޑޮކުޓަރގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ނައުރާއަށެވެ. އައިސް ނައުރާ ކައިރީ ހުއްޓެމުން ނައުރާގެ ހާލުއެހިއެވެ. ޕޭޝެންޓް އެއީ ނައުރާގެ ބައްޕަތޯ އެހިއެވެ. ހާރޫންއާ ބެހޭ ގޮތުން ޑޮކުޓަރ ދޭން ބޭނުންވި މައުލޫމާތު ނައުރާއަށް ދޭން ފެށުމުން ޒަކުވާން އައިސް ހުއްޓުނީ ނައުރާއަށްވުރެ ޑޮކުޓަރާ ގާތުގައެވެ. އެވަރުން ވެސް ޑޮކުޓަރ އުޅުނީ ނައުރާއާ ވާހަކަ ނުދެކެވިގެންނެވެ.
ޒަކުވާން އައިސް ހުއްޓުނު ގޮތުން ވީގޮތް ނައުރާއަށް ނަގައިގަނެވުނެވެ. ޒަކުވާންގެ މުށްކެވިފައިވާ ދެއަތް ޖީބަށް ކޮއްޕާލިތަން ފެނުމުން ނައުރާ ގާތަށް އައީ ލާނެއް ހިއްޏެކެވެ.
ގަޑިން އެގާރަ ޖެހުމުން ގެއަށް ދާން ނުވޭތޯ ޒަކުވާން އެހިއެވެ. ނިދިޖެހިފައިކަހަލަ ގޮތަކަށް އިން ނައުރާ ބަލައިލީ އެއްފަރާތު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އެއަށްފަހު ތެދުވެގެން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ފަހަތުން ޒަކުވާން ވެސް އަންނާތީ ފެނުނެވެ. ތަންކޮޅެއް ބާރަށް ހިނގާފައިދިޔަ ނައުރާ ނަރުސްކުއްޖެއްގެ އަތުން ޓެކްސީއެއްގެ ނަމްބަރ ހޯދި އިރު އަޑުއިވޭ ހިސާބު ދުރުގައި ޒަކުވާން ރުޅިން އަނދައަނދާ ހުއްޓެވެ.
(ނުނިމޭ)
ޚިޔާލުތައް