A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 19

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ނަވާރަވަނަ ބައި

“މީހުން ނެތް ފަޅުތަނަކަށް އަހަރެން ނައުރާ ނުގެންދާނަން! ރެޑީ ވޭ! ދާންވާ ތަން މެސެޖު ކުރާނަން!” ސާޖިދު މިފަހަރު ކުރީ އަމުރެކެވެ.

އަށެއް ނުޖަހަނީސް ނައުރާ ހުރީ ތައްޔާރުވެގެންނެވެ. ދެން އަންނަ އަމުރެއްގެ އިންތިޒާރުގައެވެ. އެންމެ ފަހުން ދާންވީ ތަން ސާޖިދު މެސެޖު ކުރީ ނައުރާގެ ކެތްތެރިކަން ކޮޅުން ލީފަހުންނެވެ.

މި ރަށަށް އައި ފަހުން ނައުރާ މުޅިންވެސް ދަތުރު ކުރަމުން އައީ އެއް ޓެކްސީއަކުންނެވެ. ޓެކްސީ މަޑުކުރީ ރަށުގެ ތަންކޮޅެއް އެކަހެރި ދިމާލެއްގައި ހުންނަ ބޮޑު ރެސްޓޯރެންޓްގެ ކުރިމަތީގައެވެ. އެތާ މަޑުކޮށްގެން ހުރި ވާހަކަ މެސެޖު ކުރުމުން ސާޖިދު ބުނީ ނައުރާ އެތެރެއަށް ވަނުމަށެވެ. ޓޭބަލްގެ ނަމްބަރ ލިޔެލުމަށްފަހު ދެން ސާޖިދު ލިޔެފައި އޮތީ ސާޖިދު ފާހަގަ ކުރާނެ ގޮތެވެ.

“އަޅިކުލައިގެ ރޮނގު ދެމި ޓީޝާޓެއް ލައިގެން ރަތް ކުލައިގެ ކެޕެއް އަޅައިގެން!”

ނައުރާގެ ހިތް ތެޅެން ފެށީ ކުރިއަށްވުރެ މާބާރަށެވެ. އަތްފައި ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.

މީހާ ހުރީ ފާޑަކަށް ހުން އައިސްފައެވެ. ދެފައި އޮޅޭވަރުން ކުރިއަށް ހިނގުން ވެސް ވީ ނައުރާއަށް އުދަނގޫ ކަމަކަށެވެ. އެކަމަކު މި އިމްތިޙާނާ ކުރިމަތިލާން ނައުރާއަށް މަޖުބޫރެވެ. ފިރިހެނަކަށް ހިތް ދެވުނު ހަމައެކަނި ފަރާތަކީ ސާޖިދުކަމަށް ވީމައެވެ. މި އިމްތިޙާނުން ފެއިލް ނުވުން އެދި ހާސްފަހަރު ނައުރާ ދުޢާ ކުރިއެވެ.

ސާޖިދު މެސެޖުކުރި ޓޭބަލްގައި އެބުނާ ވައްތަރެއްގެ ޓީޝާޓެއް ލައިގެން ބޮލުގައި ތޮފިއެޅި ފިރިހެނަކު އިނެވެ.

މަޑުމަޑުން ކައިރި ވަމުން ދިޔަ ނައުރާ ސާޖިދަށްވުރެ ދެތިން ފިޔަވަޅު ފަހަތުގައި ހުއްޓިލީ ނޭވާހަމައަކަށް އެޅެން ދެނެވެ. ޔަގީނުން ވެސް ނައުރާގެ ފިޔަވަޅުގެ އަޑު ވެސް އިވޭނެއެވެ. ވީއިރު ސާޖިދު ނުބެލީ ކީއްވެހެއްޔެވެ. އަނެއްކާ ……… ހިތަށް އައި އެއްޗަކުން ނައުރާގެ ލޭގެ ހިނގުން ވެސް ހަމައިން ނެއްޓުނު ފަދައެވެ.  އެކަމަކުވެސް ހިތްވަރުކޮށްފައި ގޮސް ސާޖިދުގެ ކުރިމަތީ ހުއްޓިލިއެވެ. އެކަމަކު ދެންވެސް ސާޖިދު އިސް އުފުލާ ބަލައެއް ނުލިއެވެ.

ވަރަށް ހިތްވަރުކޮށްފައި ނައުރާ ގޮވައިލިއެވެ. އެ އަޑުގައިވަނީ ޖެހިލުން ވުމެވެ. ލަދުވެތިކަމެވެ. އަނގައިން އަޑު ނިކުތީ ވެސް ކަނޑަކަނޑައިގެންނެވެ.

“ސާޖިދު!” ނައުރާ ގޮވައިލުމުން ސާޖިދު އިސް އުފުލާ ބަލައިލިއެވެ. އަދި ތެދުވަމުން ތަޢާރަފު ވިއެވެ.

“ހުސެން ޒަކުވާން! ……. ހުސެން ޒަކުވާން ސާޖިދު!”

ނައުރާގެ އަނގައިން ނިކުތީ ފާޑެއްގެ ބިރުވެރި އަޑެކެވެ.

“ޒަކުވާން ………!” ނައުރާގެ އަނގައިން ނިކުތް ނަމުގެ ފަހަތުބައި ނައުރާގެ އަރުތެރެއަށް ހިނދިގެން ދިޔައީއެވެ.

“ނޫންނޫން ތިހެނެއް ނުވާނެ!”

ވީދެރައިންނާ ގަތް ލަދުން ނައުރާއަށް ދުއްވައި ގަނެވުނީއެވެ. ޒަކުވާން އެއްލި އަތުން ހިފުނާ ނައުރާގެ އަތުގެ އިނގިއްޔެއްގައެވެ.

“ބުނީމެއްނު އަހަރެން ކޮންމެ މީހަކަށްވިޔަސް އަހަރެން ދޫކޮށްލާފައި ނުދާނަމޭ! ހަނދާން ކޮށްބަލަ! ބަލާލަ ބަލަ! އަހަރެންގެ ހުރިހާ ގުނަވަނެއް ހަމަ! އޯޓިޒަމެއް ވެސް ނޫން! ޑައުންސިންޑްރޯން އެއްވެސް ނޫން! ކަންފަތުގަ ބަރާބަރަށް އަޑުއިވޭ! ހަނދެއްފަދަ ތިހިރަ ފުރިހަމަ މޫނު ވެސް އެބަފެނޭ! މިހިރީނު! ވާހަކަ ވެސް އެބަ ދެއްކޭނު ! ނައުރާ ލޯބިވީ ސާޖިދު ދެކެ! އެއީ އަހަރެން ޒަކުވާން ސާޖިދު!”

ސާޖިދުގެ އަޑުގައިވަނީ ޔަގީންކަމާއެކު ވެސް މޮޅިވެރިކަމެވެ. ނައުރާ ދެކެ ލޯބިވާ މިންވަރާ ނައުރާއަށް އެދޭ މިންވަރު ސާޖިދުގެ އަޑުން އެކަނި ވެސް ހާމަވެއެވެ. އެހެންނަމަވެސް ފަރުދާ ނެގުނު ހަގީގަތުގެ ސަބަބުން ނައުރާ ގެއްލިދާނެހެން ޒަކުވާންއަށް ހީވަނީއެވެ.

ޒަކުވާންގެ ވާހަކަތަކުން ނައުރާއަށް އެނގި ޔަގީންވީ ނައުރާގެ ކުރިމަތީ އިނީ ނައުރާ ވާހަކަދެއްކި މީހާކަމެވެ. ކޮންމެ ސިފައެއްގައި ހުއްޓަސް ދޫކޮށްލާފައި ނުދާން ބުނި މީހާއަކީ …. ތެދެކެވެ. ފުރިހަމަ ފިރިހެނެކެވެ.

ދެފައިކޮޅުން ވާގި ދޫވާހެން ހީވުމުން ނައުރާ އިށީނީ ޒަކުވާންގެ ޖެހިގެން ހުރި ގޮނޑީގައެވެ. ނޫނެކެވެ. އިށީނީކީ ނޫނެވެ. ވެއްޓިގަތީއެވެ.

ނައުރާގެ ޙަރަކާތްތަކަށް ބަލަން ހުރި ޒަކުވާން ނައުރާގެ އަތްތިލާގައި ހިފާ މަޑުމަޑުން ފިތާލިއެވެ. އެ އަތްތިލައާއި އަތުގެ އިނގިލިތައް ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.

“ނައުރާ! ޕްލީޒް ބުނެބަލަ އަހަންނަށް ދޮގެއް ހެދިފަ އެބަ އޮތްތަ! މި ގޮތަށް ހަދަން އަހަންނަށް މަޖުބޫރުވީ ނައުރާގެ ލޯބި! މި ލޯބި ޙާސިލުކުރަން މިނޫން ގޮތެއް އަހަންނަކަށް ނުވިސްނުނު! ވެދާނެ މީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް! އެކަމަކުވެސް ….. ނައުރާ!”

ދެންވެސް ނައުރާ އަނގައަކުން ނުބުނެއެވެ. ދެއަތުން ބޮލުގައި ހިފެހެއްޓި ގޮތަށް އިނީއެވެ. ގަބުވެފައެވެ. ބަސް ހުއްޓިފައެވެ.

“އަހަންނަށް މިކުރެވުނީ ކުށެއް ނަމަ! މި އެޅުނީ ނުބައި ފިޔަވަޅެއް ނަމަ….. ! އަދި ނައުރާ އަހަރެން ދެކެ ލޯބި ނުވާނަމަ …..! އަހަންނަށް …….. މަޢާފުކޮށްދީ!”

ފަހު ލަފުޒު އެ ދެތުންފަތުގެ ދެމެދުން ނިކުތީކީ ނޫނެވެ. ގަދަކަމުން ނެރުނީއެވެ. އޭރު ގާތްގަނޑަކަށް ޒަކުވާން ރޮނީއެވެ. ޒަކުވާންގެ ހާލު ފެނުމުން ނައުރާއަށް ވެސް އިނދެވުނީ ރޮވިފައެވެ.

ޒަކުވާން ހިތުގަ ޖައްސާކަށް ޚުދު ނައުރާ ވެސް ބޭނުމެއް ނޫނެވެ. ހަސަން ޒަކުވާން ސާޖިދުކަން އެނގެންދެން އެއީ ބޭބެއެއްގެ ނަޒަރުން ބެލުނު މީހެކެވެ. އެހެންނަމަވެސް މިހާރު …. މިހާރު ތަފާތެވެ. މިހާރު އެއީ ނައުރާގެ މުޅި ހަޔާތުގެ ފަސާނާ ހަމައެކަނި އަޑުއެހި މީހާއެވެ. ނައުރާގެ ހިތުގައި އެއްވެސް ފިރިހެނަކަށްޓަކައި ވިންދެއް ޖެހިނަމަ އެމީހަކީ ވެސް ޒަކުވާންއެވެ. ރޭގަނޑުގެ އެތައް ދަމަކާ ދުވާލުގެ އެތައް ވަގުތެއް އެމީހެއްގެ މެސެޖުތަކަށް އިންތިޒާރު ކުރެވުނު ފަރާތަކީ ވެސް ޒަކުވާންއެވެ. ވީއިރު …. އަމުދުން ނައުރާ އެއިން ޙާލަތަށް ބަލާއިރު ވެސް ޒަކުވާން އެއީ ނައުރާއަށް އެހީތެރިވެދޭނެ ހަމަ އެކަނި ފަރާތްކަމަށް ގަބޫލުކުރަން މަޖުބޫރެވެ. މި ދުނިޔެމަތީގައި ނައުރާގެ ވާހަކަ ގަބޫލުކުރާނެ އެންމެ ފުރަތަމަ މީހަކަށްވާނީ ވެސް ޒަކުވާންއެވެ. ނައުރާއަށް އެކަން ޔަގީނެވެ.

އެންމެ ކުޑައިރުއްސުރެ ދަތި ވަގުތު ތަކުގައި އަދި ދެރަވެ ރޮވުނު ވަގުތު ތަކުގައި ވެސް އެހީތެރިވެދިން ހަމަ އެކަނި ފަރާތަކީ ޒަކުވާންއެވެ.

ނައުރާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ޒަކުވާން ތެދުވީ އެތަނުން ދިއުމަށެވެ. މާދުރަށެވެ. އެ ތަނެއްގައި ނައުރާގެ ހިޔަނި ވެސް ނެތް ހިސާބަކަށެވެ. ނައުރާ ފެންނަން އިންނަނަމަ  ޒަކުވާންގެ ހިތަކަށް ކެތެއް ނުވާނެއެވެ.

“ސާޖިދު …….! ޒަކުވާން!”

ނައުރާގެ ގޮވައިލުމުން ޒަކުވާން ނަގަ ނަގާ ހުރި ފިޔަވަޅު ވެސް ގަނޑުވި ކަހަލައެވެ. ޒަކުވާންގެ ދެފައި ބަނދެވުނެ ފަދައެވެ.

ފަހަތުން ތެދުވެގެން އައި ނައުރާ ހުއްޓުނީ ޒަކުވާންގެ އަރިމަތީގައެވެ.

“އަހަރެން ވިސްނާލާނަން! ވަގުތުކޮޅެއް ދީ!”

ނައުރާގެ އެވަހަކައަކަށް ޒަކުވާން ވަކި ޖަވާބެއް ނުދިނެވެ.

ހިނގާ! ގެއަށް ލައިދޭނަން!”

ނައުރާ ހީކުރީ ޒަކުވާން އެ ދެއްކީ ޒަކުވާނާއެކު ސައިކަލުގަ ދާ ވާހަކަ ކަމެވެ.

“ކާރުގަ ދާނީ!” ނައުރާ ވަގުތުން ބުންޏެވެ.

ދެމީހުން އެކުގައި ހިނގާލާފަ ނިކުތީ މަގުމައްޗަށެވެ. އޭރު ނައުރާ އައި ކާރު އެތާ ޕާކުކޮށްފައި އޮތެވެ. ޒަކުވާން ހިނގައިގަތީ އެ ކާރާ ދިމާއަށެވެ. މިވީ ގޮތެއް ނޭނގިހުރެ  ނައުރާ ވެސް ފަހަތުން ދިޔައެވެ. ގައިމު ނައުރާ ކާރަކަށް ނުގުޅައެވެ. ފަހަރެއްގައި ދަތުރެއް ލިބޭތޯ އޭނަ މަޑުކުރީ ކަމަށް ވެސް ވެދާނެއެވެ.

ހިނގާލާފައި އައި ޒަކުވާން ނައުރާ އަރަން ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަ ދިނުމުން ނައުރާ ކާރުގައި އިށީނެވެ. ނައުރާ ހީކުރީ ޒަކުވާން ދެން ދާނީ ސައިކަލާ ދިމާއަށް ކަމަށެވެ. އެހެންނަމަވެސް އަނެއް ފަރާތުން އައިސް ޒަކުވާން އަރާ އިށީނީ ފަހަތުސީޓުގައި ނައުރާއާ ޖެހިގެންނެވެ.

ޒަކުވާންގެ އެ ގާތް ކަމުން ފުރަތަމަ ނައުރާއަށް އުދަނގޫވިޔަސް މަޑުމަޑުން އެކަމަށް ހޭނެން ފަށައިފި ކަމުގެ އިޙުސާސް ކުރެވުނެވެ. ޑްރައިވަރު ކާރުދުއްވީ ގެއާ ވީހާވެސް ދުރު މަގުމަގުންނެވެ.

ޔަގީނެވެ. ޒަކުވާން ބުނެފައި އޮތީއެވެ. ނައުރާގެ ހިތަށް އެހެން އެރުމުން ނައުރާއަށް ބަލައިލެވުނީ ޒަކުވާންގެ މޫނަށެވެ. އެނގޭކަމަށް ވެސް ހަދާނުލާ އިން ޒަކުވާން ނައުރާގެ މޫނު އަނެއް ފަރާތަށް އަނބުރާލުމުން ހިފީ ނައިރާގެ އަތުގައެވެ. އެ އަތް ނައުރާ ދަމައިގަތެވެ. ދެން ނައުރާއާ ވީފަރާތުގެ އަތް ގެންގޮސް ނައުރާގެ ފުރަގަހުން ސީޓުގެ ބޯޖެހޭ ހިސާބުގައި ބޭއްވިއެވެ. އަދި އެހެން އިރުކޮޅަކު އިނުމަށްފަހު އެއަތުން ނައުރާ ގަޔާލާ މަޑުމަޑުން ކައިރިކޮށްލިއެވެ.

“ޒަކުވާން!” މަޑުމަޑުން ނައުރާ ގޮވައިލުމުން ވެސް ޒަކުވާން އަޅައެއް ނުލިއެވެ.

ނައުރާއަށް މަޖުބޫރުވީ ޒަކުވާންގެ ހަށިގަނޑުގެ ހޫނު ލިބޭ ހިސާބުގައި އެ ހަށިގަނޑުގެ މީރުވަހުން ހިތަށް ފިނިކަން ހޯދައިގެން މަޑުން އިނުމަށެވެ.

ދުއްވާނެ ވަރަކަށް ދުއްވުމަށްފަހު ކާރު ގޭގެދޮރުމަތީ މަޑުކުރުމުން ނައުރާ ހީކުރީ ޒަކުވާން ވެސް ފައިބާނެ ކަމަށެވެ. އެހެންވެ އަވަސްއަވަހަށް ކާރުންފައިބައިގެން ގޮސް ގޯތިތެރެއަށް ވަނީ ދުވެފައެވެ. އަދި ފަހަތަށް ބަލާ ވެސް ނުލާ ކޮޓަރިއަށްވަދެ ތަޅުލިއެވެ.

ދޮރުކަނީގައި ބުރަކަށި ޖައްސައިގެން އިރުކޮޅަކު ހުރުމަށްފަހު ނައުރާ ހިނގައިގަތީ އެނދާ ދިމާއަށެވެ.

ސިކުނޑި ކިތަންމެ ވަރުބަލިވެފައިވިޔަސް ފޯނުނަގައި ދެން ގުޅީ އަނީސާއްތައަށެވެ. ބޮޑުބޭބެގެ ހާލު އެހުމުން  ކުރިއެކޭ އެއްގޮތޭ ނައުރާ ނިދާލާށޭ! ދެން ނައުރާ އަންނާނީ މާދަމާ ހެނދުނުންނޭ އަނީސާއްތަ ބުންޏެވެ. އެގާރަ ޖަހާލާ އެހާކަންހާ އިރު އަނީސާއްތައާ ޒަރީންއާ ވެސް ގެއަށް އަންނާނެއެވެ. ފަތިސް ނަމާދުކޮށްގެން މިކޮޅުން ދާމީހަކު ދަންދެން، ދެން އިންނާނީ ޒަކުވާންއެވެ.

ޒަކުވާންގެ ޚިޔާލު އައުމުން ނައުރާއަށް ވިސްނާލެވުނެވެ. ސާޖިދުއަށް ކިޔައިނުދީ ހުރި ނައުރާގެ ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރު އެނގުމުން ވެސް ޒަކުވާން ނައުރާ ބަލާގަންނާނެ ހެއްޔެވެ! މީހަކާ އިނދެ ވަރިވެ ދަރިއަކަށް ބަލިވެ އިނދެފައި ހުރި މީހަކު ދެކެ ޒަކުވާން…….  އެކަން އެނގުމަށްފަހު ވެސް ……. އެހާވަރަށް ލޯބި ވެދާނެހެއްޔެވެ!

ނައުރާގެ ހިތުގައި ކުރެހި ސާޖިދުގެ ތަސްވީރުގެ މައްޗަށް ޒަކުވާންގެ ފިރިހެންވަންތަ ސޫރަ މަޑުމަޑުން ވެރިވާން ފެށިއެވެ.

ޒަކުވާންއަކީ އަންހެންކުދިން ބޭނުންވާނެ ހުރިހާ ސިފައެއް ލިބިފައިވާ ފިރިހެނެކެވެ. ރީތިކަމެވެ. މަތީ ވަޒީފާއެވެ. ބޮޑު މުސާރައެވެ. އޯގާތެރިކަމެވެ. މިހެން ގޮސް ހުރިހާ ސިފައެކެވެ. ނައުރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ސާޖިދުގެ ގޮތުގައި ޒަކުވާން ބަލާގަތުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނައުރާ ދުށްޓެވެ. ހިތް އެދި ގޮވަނީ އެގޮތެވެ.

ނިދުމުގެ ކުރިން އާދައިގެމަތިން ފޯނުން މެސެންޖަރ ހުޅުވައިލިއެވެ.

“ސާޖިދު، އައި މިސް ޔޫ!” ނައުރާ މެސެޖު ލިޔަމުން ދިޔައިރު ޒަކުވާން އިނީ އެ ފަދަ މެސެޖެއްގެ އިންތިޒާރުގައިކަން ނައުރާއަށް އެނގޭނަމަ އެއަށްވުރެ އިތުރަށް ވެސް ލިޔުނީސްކަންނޭނގެއެވެ.

މެސެޖު ސެންޑް ކޮށްލުމަށްފަހު ފޯނު އޮފް ކޮށްލާ ނިދަން ތައްޔާރުވިއެވެ.

ފަތިހުގެ ހިތްގައިމު ވަގުތު ނައުރާއަށް ހޭލެވުނީ ހިތަށާ ރޫޙަށް އުނދަގޫ ގޮތްތަކެއް ވެގެންނެވެ. ގަޑި ބަލައިލިއިރު ފަސްގަޑި ފަނަރަ ވަނީއެވެ. ނައުރާ ބޭނުންވީ އިތުރަށް ނިދާނެ ވަގުތު ނެތުމުން ތެދުވެ ނަމާދުކޮށްލުމަށެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށްދާން ތައްޔާރުވާނީއެވެ.

ނަމާދުކޮށްނިމިގެން ހެދުން ބަދަލުކުރުމަށްފަހު ނައުރާ ވަނީ ބަދިގެއަށެވެ. ކޮފީތައްޓެއް ބޯލުމަށެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !