ވިހިވަނަ ބައި
ފަތިހުގެ ހިތްގައިމު ވަގުތު ނައުރާއަށް ހޭލެވުނީ ހިތަށާ ރޫޙަށް އުނދަގޫ ގޮތްތަކެއް ވެގެންނެވެ. ގަޑި ބަލައިލިއިރު ފަސްގަޑި ފަނަރަ ވަނީއެވެ. ނައުރާ ބޭނުންވީ އިތުރަށް ނިދާނެ ވަގުތު ނެތުމުން ތެދުވެ ނަމާދުކޮށްލުމަށެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށްދާން ތައްޔާރުވާނީއެވެ.
ނަމާދުކޮށްނިމިގެން ހެދުން ބަދަލުކުރުމަށްފަހު ނައުރާ ވަނީ ބަދިގެއަށެވެ. ކޮފީތައްޓެއް ބޯލުމަށެވެ.
އެގަޑިއަކީ ހަމަޖެހިފައިވާ ގޮތަށް ހޮސްޕިޓަލަށް ދާމީހަކު ބަލާ ޒަކުވާން އަންނަ ގަޑިއެވެ. ޒަކުވާން ނިދާނީ އޭގެ ފަހުންނެވެ. ގެއަށް އައިސް މަޑުކުރި ޒަކުވާން ބަދިގެ ދިއްލާފަ ހުރުމުން މަންމަ އަތުން ކޮފީތައްޓެއް ހޯދުމުގެ ބޭނުމުގައި ބަދިގެއަށް މިސްރާބު ޖެހިއެވެ.
މަންމަގެ ބަދަލުގައި ޒަކުވާނއަށް ފެނުނީ ނައުރާ ކޮފީ މަގު ހިފައިގެން މޭޒު ދޮށުގައި ފޮދަކުން ފޮދަކުން ދިރުވާލަ ދިރުވާލާ އިންތަނެވެ. ނަޒަރު ހުރީ އަތުގައި އޮތް ފޯނަށެވެ.
ޒަކުވާން ވެސް ނެގީ ފޯނެވެ. ދޮރާ ނިވާވެގެން ހުރެ ނައުރާއަށް މެސެޖެއް ކޮށްލިއެވެ.
“ލިބިދާނެތަ!”
ނައުރާއަށް ތެޅިގަނެވުނެވެ. ޒަކުވާން އެބުނީ ކޯއްޗެއްގެ ވާހަކަ ހެއްޔެވެ! މޫނު ހިއްލާލަމުން އެކި ދިމަދިމާއަށް މޫނު އަނބުރައިލިއެވެ. މީހަކު ފެންނަން ހުރިތޯއެވެ. ނުފެނުމުން ތެދުވެ ބޭރަށް ހިނގައިގަތީ ބޭރުގައި މީހަކު ހުރިތޯއެވެ. ނިވައިވެގެން ހުރި ޒަކުވާން ފަސްދީ ނައުރާ ދިއުމުން މަޑުމަޑުން ބަދިގެއަށް ވަދެ ނައުރާ ބޯން އިން ކޮފީތަށި ނަގާ ތުން ޖަހައިލިއެވެ. އެއް ކޯވަރުން ތަށި ހުސްކޮށްލުމަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަ ޖެހިލިއެވެ.
ބޭރުން ވެސް މީހެއްގެ ހިލަން ނުވުމުން ނައުރާ އެނބުރި އައިސް ވަންއިރު ކޮފީތަށި ކުރިމަތީ ބަހައްޓައިގެން އިން ޒަކުވާން ފެނުމުން ހައިރާންވިއެވެ. ރުޅިއައިކަމަށް ހަދާލާފައި ތަށި ނަގައިގެން ނައުރާ ގޮސް ހުއްޓުނީ ސިންކް ކައިރިއަށެވެ. ފަހަތުން އައި ޒަކުވާން ނައުރާގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމުން ނައުރާގެ ގައިން ހީބިހި ހިލުނެވެ. އެކަމަކު ވެސް ދެނަ ހުރި ކަމަށް ނަހަދާ ނައުރާ ހުރީއެވެ.
“ތި ގޮތަށް މޫނު ކުނި ކޮށްގެން ހުންނައިރު ސާޖިދުގެ ނައުރާ ވަރަށް ކިއުޓު!”
ޒަކުވާންގެ ސަމާސާއިން ނައުރާ ރުޅިއަންނަ ގޮތް ވިއެވެ. އެހެންކަމުން ޒަކުވާންއާ ވީފަރާތަށް އެނބުރެމުން އަތަށް ފެން ގޮއްޓެއް ނަގާ ޒަކުވާންގެ މޫނަށް ޖަހައިލިއެވެ. ނައުރާގެ މިސަމާސާއިން ޒަކުވާންއަށް އުފާވެރިކަން އިހުސާސްވިއެވެ. ހުރިގޮތަށް ހުރެ ނައުރާގެ މެދުހަށީގައި ބައްދާލަމުން ބިމުން މައްޗަށް ހިއްލައިލިއެވެ. ޒަކުވާން މި ކުރިކަމަކުން ނައުރާ ހާސްވެގެން މަޑުމަޑުން ޒަކުވާންގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހައިލިއެވެ.
“އަހަރެން ބަހައްޓާ!”
ނައުރާ އާދޭސް ކުރަން ފެށުމުން ނައުރާ ބިންމަތީ ބަހައްޓަމުން ޒަކުވާން ބުނީ ޒަކުވާން ވަރަށް ބާރުގަދަ ވާނެކަމަށެވެ.
“އަހަންނަށް ހެޔޮ! އަހަންނެއް ނޫޅެން!” ފޮނިވެލާފއި ނައުރާ ޖަވާބު ދިނެވެ.
“އުޅޭނެ! އަހަރެންގެ މީހަކަށް ވާހިތް ވެސް ވާނެ! ބުނެބަލަ ނިކަން ދޮގެކޭ!” ނައުރާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާ ހިއްލާލަމުން ޒަކުވާން ސަމާސާ ކޮށްލިއެވެ.
އެވަގުތަކީ ހޮސްޕިޓަލުން ޒަކުވާންގެ ފޯނަށް ގުޅި ގަޑިއެވެ. ކުރު ފޯން ކޯލެކެވެ. އާން ހޫން މިދަނީއަކުން ނިންމާލުމަށްފަހު ޒަކުވާން ދުއްވައިގަތެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނައުރާއަށް ވެސް އެނގިއްޖެއެވެ.
“ކީއްވީ ޒަކުވާން! ބޮޑުބޭބެއަށް ކަމެއް ވީތަ! ބުނެބަލަ!”
ހާސްވެ ކަންބޮޑުވެފައި ހުރި ނައުރާގެ ސުވާލަކަށް ޒަކުވާން ޖަވާބެއް ނުދެއެވެ. އެއަށްވުރެ ޒަކުވާންގެ ހިތުގެ ހިނގުން އަވަހެވެ.
ސައިކަލް ސްޓާޓް ކުރެވުނު އިރު ނައުރާ އިނީ ޒަކުވާންގެ ފަހަތުގައި އަރާ އިށީނދެއެވެ. ދުއްވާލަމުން މަންމަޔަށް ގުޅާށޭ ޒަކުވާން ބުންޏެވެ. އަދި ނުވެއްޓި ބާރަށް ހިފަހައްޓާށޭ ވެސް ބުންޏެވެ.
ނައުރާ ގުޅީ އަނީސާ އަށެވެ. ހޮސްޕިޓަލަށް ތަންކޮޅެއް އަވަހަށް އައިސްދޭށޭ ނައުރާ ބުނިއިރު އަނީސާ ވެސް ނަމާދުކޮށް ނިންމާލާފަ ޒަރީން އަށް ގޮވާ ނަގަނީއެވެ.
ޒަކުވާންއާ ނައުރާއަށް ހާރޫނުގެ އެންމެ ފަހުގެ ނޭވާ ހިނދިގެން ދިޔަ ވަގުތަށް ދެވުނެވެ. އެހެންނަމަވެސް އަނީސާއަށާ ޒަރީންއަށް ދެވުނު އިރު ތަންކޮޅެއް ލަސްވެއްޖެއެވެ.
ނައުރާ ހުރީ ފުރަތަމަ ޖެހި، ބުދެއް ހެންނެވެ. އެއަށްފަހު ޒަކުވާންއަށް ފެނުނީ ނައުރާ އަރި އަޅައިލި ތަނެވެ. ނައުރާގެ ހިތަށް ކުޅަދާނަ ނުވީއެވެ. ޒަކުވާންއަށް ނައުރާ އަނބުރާގަތްތަން ފެނުމުން ހިތަށް ކުރި އަސަރު ބަޔާން ކުރެވޭވަރަށް ވުރެ ބޮޑެވެ. އެހެން މީހެއްގެ އެހީތެރިކާމާއެކު ނައުރާ ގެން ގޮސް އަންހެނުންގެ ވޯޑުގެ އެނދެއްގައި ބޭއްވިއެވެ.
ޢާއިލާގެ މީހަކު ނިޔާވުމަކީ ހިތަށް ކިހާ ދަތިކަންދޭ ކަމެއްކަން ފުރަތަމަ ފަހަރަށް ނައުރާއަށް ވެސް އަދި ޒަކުވާންއަށް ވެސް ތަޖުރިބާ ކުރަން މި ޖެނުނީ އަލަށެވެ. އެނގޭކަމަކީ މި ކަމަކީ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫންކަމެވެ. ކިތަންމެ ވަރުގަދަ އިންސާނާ ވެސް އަދި ކިތަންމެ ހިތްވަރުގަދަ މީހާ ވެސް މުޅިން ބަލިކޮށްލާކަމެއް ކަމެވެ. އެހެން ނޫންނަމަ ޒަކުވާންގެ ދޮން ބައްޕަގެ ވަކިވެ ދިއުމުން ޒަކުވާންއަށް މިހާވަރުގެ އަސަރެއް ނުކުރީހެވެ.
ހާރޫނުގެ ވަކިވެ ދިއުމަކީ އަނީސާއަށް ވެސް ބަޔަންކުރަން ދަތި ހިތްދަތިކަމެއް ލިބުނު ކަމެކެވެ. ހާރޫން ބަލިވީއްސުރެ ކުރިން އުޅުނު ގޮތަށް ނޫޅެވުނަސް ގިނަ ދުވަސްތަކަކަށް އެމީހުންގެ ކުރިމަތީ ބަލިހާލުގައި ނަމަވެސް ހާރޫނު ފެންނަން އޮތުން އެދި އަނީސާ އެ ހުންނަނީ ދުޢާ ކޮށްލަ ކޮށްލައެވެ. އެހެންނަމަވެސް ކޮންމެ ފުރާނައަކީ ވެސް ވަގުތު ޖެހުމުން ލަހެއް ފަހެއް ނެތި މިދުނިޔެއާ އަލްވަދާޢު ކިޔާނެ ފުރާނައެކެވެ. ހާރޫނު ކަހަލ ރަނގަޅު ހެޔޮލަފާ އެހެން ދެވަނަ އިންސާނަކު އަނީސާއަށް ފެނިފަކާ ނެތެވެ. މިއީ ވެސް އަނީސާއަށް ވަރަށް ބޮޑަށް އަސަރު ކުރުވި އެއް ސަބަބެވެ.
ދެލޮލުން ކަރުނަ ފޮހެމުން ގޮސް އަނީސާ ހުއްޓުނީ ނައުރާ ގާތުގައެވެ.
ގާތުގައި އައިސް ހުއްޓުނު އަނީސާއަށް ބަލާލުމަށްފަހު އަނީސާ ގައިގާ ހިފައިގަންނަމުން ނައުރާއަށް އަނެއްކާ ވެސް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ޒަކުވާންއަށް ހީވީ މޭގަނޑު ކުދިކުދިވި ހެންނެވެ. ނައުރާ އާއި މަންމަ އަދި ކޮއްކޮ ހާރޫނު ރޮއެ ކަރުނަ އަޅާ މަންޒަރަކީ ޒަކުވާން މިހާތަނަށް ދުށް އެންމެ ހިތްދަތި މަންޒެރެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް މަންމަ ގަޔާކައިރިކޮށްލަމުން އެނދުގައި ނައުރާ ގާތު ބޭންދިއެވެ. އަދި ނައުރާގެ ބުރަކަށީގައި ފިރުމަމުން ހިތްވަރުދިނެވެ. ޒަކުވާންއަށް އެނގޭ މިންވަރަކުން އެމީހުންނަށް ވިސްނައިދެވޭތޯ ބެލިއެވެ.
ހޮސްޕިޓަލުން ހާރޫނު ހިނަވާގެއަށް ގެންދިއުމާ ހިނަވާ ކަފުންކޮށް ޖަނާޒާގެ އެންމެހާ ކަމެއްގައި އިސްކޮށް ހުރީ ހަމީދެވެ. މިފަދަ ކަމެއްގައި ޒަކުވާންއަކީ އަދި ޅަކުއްޖެކެވެ. އެހެންނަމަވެސް ހަމީދުއާއެކު ހުރިހާ ކަމެއްގައި ޒަކުވާން އެހީތެރިވެދީ އުޅުނެވެ. ނެތް ހިތްވަރު ލައިގެންނެވެ.
ހާރޫނު މިހާ ކުއްލި ގޮތަކަށް ވަކިވެ ދއުމުން ޒަކުވާންއަށް ވެސް ލިބުނީ ފުން ހިތާމައެކެވެ. އަމިއްލަ ދަރިއެއް ކަމުގައި ދެކިގެން ކުޑައިރުއްސުރެ ކިޔަވައިދީ އަމިއްލަ ދެފައި މައްޗަށް ތެދުވަންދެން ވެސް ޒަކުވާންގެ ހުރިހާކަމެއް ބަލާ ބެލެހެއްޓީ ހާރޫންއެވެ. އެހެން ދަރިންނާ އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
ހާރޫނުގެ ޖަނާޒާގެ ކަންތައް ނިންމުމަށްފަހު އެންމެން ވެސް ދިޔައީ ގެއަށެވެ. ގާތް ބައެއް ރައްޓެހިންނާ ތިމާގެ މީހުންނާ ޢާއިލާ މީހުންވެސް ހާރޫން ނިޔާވުމުގެ ހިތާމާގައި ބައިވެރިވިއެވެ. ބައެއް މީހުން އެގެއަށް އައިސް އަނީސާއަށާ ކުދިވެރިންނަށް ޖޫސްދީ ހެދިއެވެ. އެއްވެސް އެއްޗެއް އަރުތެރެއަށް އެތެރެ ކުރާހާ ހިތްވަރެއް ނައުރާގެ ނެތެވެ. އަނެކެއްގެ ހާލު ބަލާލާނެހާ ހިތްވަރު އެކެއްގެ ވެސް ނެތެވެ.
ގޭގެ ސިޓިންރޫމުގައި ގެއަށް އައި ބައެއް މީހުންނާ އެކު މަޑުކޮށްގެން ޒަކުވާން އިނެވެ. އަނީސާވެސް އިނެވެ. ނައުރާއާއި ޒަރީން ވެސް ތިއްބެވެ. ގެއަށް އައި އަވައްޓެރިންނާ ޢާއިލީ މީހުންވެސް ދުނިޔޭގެ އާދަމަތިން ދަމުން ދަމުންގޮސް ގޭ މީހުންނަށް އެކަނި ވިއެވެ. އަނީސާ ތެދުވެލާ އެއްޗެއް ކައްކާލަން އުޅުނެވެ. ނައުރާ ވެސް ދެލޯ ފޮހެމުން އަނީސާ ގާތު އެހީތެރި ވެދޭން އުޅުނެވެ. އެހެން ހުރެފައި ވެސް އަޑުން އަޑުނަގާ ރޯން ފަށައެވެ.
ނައުރާގެ ބޮޑުބޭބެ ދެކެ ނައުރާ ކިހާ ލޯބިވާކަން އަނީސާއަށް ފުރަތަމަ ފަހަރަށް އެނގުނީ އެ ދުވަހުއެވެ. ކޮޓަރިއަށް ވަނުމަށްފަހު ފެންވަރާލައިގެން މަންމަމެން ކައިރިއަށް ބަދިގެއަށް ވަން ޒަކުވާންއަށް އެ ވަގުތު ވެސް ފެނުނީ ނައުރާގެ ލޮލުން ހޫނު ކަރުނަ ފައިބަމުން ދާތަނެވެ. އިރުއިރުކޮޅާ އަތުގެ ނުފުށުން ދެ ލޯ ފޮހެލައެވެ.
ނައުރާ ރޯ މަންޒަރު ދެކެން ހުންނަން އަނީސާއަށް ކުޅަދާނަ ނުވުމުން ނައުރާ ގެންގޮސް ކޮޓަރީގައި ބާއްވަބަލާށެ ޒަކުވާން ގާތު ބުނަމުން އަނީސާ ވެސް ވަނީ ކޮޓަރިއަށެވެ.
އުނދުން ކައިރީ ބިސްގަނޑެއް އަޅަން އުޅުނު ނައުރާ ކައިރިއަށް ޒަކުވާން ހުއްޓިލުމުން ނައުރާ ބަލައިލިއެވެ.
” ކާކަށް ! ” ޒަކުވާން ސުވާލުކުރުމުން ނައުރާ ބުނީ ޒަރީން ކޮއްކޮއަށް ކަމަށެވެ.
ދެން ޒަކުވާން ކައިރިވެލީ ފެންކައްކާ ޖަގުކައިރިއަށެވެ. ޖަގު ޖެއްސުމަށްފަހު ދެ މަގު ހިފައިގެން ކޮފީ ގިރަން ތައްޔާރު ވުމުން ނައުރާ ބުނީ ނުބޯނެ ކަމަށެވެ. ޒަކުވާން މަގުތައް ބަހައްޓާފައި ތެދުވެގެން އައިސް ނައުރާ ގާތު ހުއްޓެމުން ބުނީ ބައްޕަ ނިޔާވުމުން ވާ ދެރައަށް ވުރެ ނައުރާ ތި ގޮތަށް ރޯތަން ފެނުމުން ހިތަށް ކުރާ އަސަރު ކުޑަނޫން ކަމަށެވެ.
“ހެނދުނުއްސުރެ އެންމެ ޖޫސް ތައްޓެއް ނައުރާ ތި ބުއީ! އަހަންނަށްޓަކައި ނަމަވެސް ނައުރާ ޖެހޭނެ މި ތަށި ބޯން!” ބިސްގަނޑު ތައްޓަކަށް އަޅައިގެން ނައުރާ ހިނގައިގަތީ ޒަރީން އޮތް ކޮޓަރިއާ ދިމާއަށެވެ.
“ނައުރާ މަޑުކުރޭ!” ތަށި އަތުލާފަ މޭޒުމަތީ ބަހައްޓަމުން ޒަކުވާން ހިފީ ނައުރާގެ ދެކޮނޑުގައެވެ.
“ޒަރީން ކޮއްކޮ ވެސް މިތަނަށް ގެންނާނީ!” ގޮނޑީގައި ނައުރާ ބައިންދަމުން ޒަކުވާން ދިޔައީ ޒަރީން ބަލައެވެ.
އެއް ކޯވަރުން ދަމާލި ކޮފީތަށިން ނައުރާއަށް އެއްވެސް ރަހައެއް ނުދޭކަން ނޭނގެއެވެ. ވައްތަރީ ބޯން މަޖުބޫރުވުމުން ބޯލީ ކަމަށެވެ. ޒަރީން ވެސް ވަރަށް ހިތްވަރުން ބިސްގަނޑު ކެއެވެ. ނިންމާލާފަ ނައުރާގެ މޫނަށް ބަލާލަމުން ޒަރީން ވާހަކަ ދެއްކީ ޒަކުވާން އާއެވެ.
“ބޭބެއަށް އެނގޭތަ ބައްޕަ ބަލިވިދުވަހުގެ ދެތިން ދުވަސް ކުރިން މަންމައާ ނައުރާ ދައްތަގެ ވާހަކަ ދެއްކި!”
ޒަރީންގެ އަޑު އިވުމުން ޒަކުވާންއާ ނައުރާ ވެސް ބަލައިލީ ޒަރީންގެ މޫނަށެވެ.
“މަންމަ ގާތު ބައްޕަ ބުނީ ނައުރާ ދައްތަ ކިތަންމެ ދުވަހަކުން އަޔަސް ނައުރާ ދައްތަގެ ކޮޓަރި ނައުރާދައްތައަށް ބެހެއްޓުމަށް! އަދި ނައުރާ ދައްތައަކީ ބައްޕަގެ އަމިއްލަ ދަރިއެއް ކަމަށް ބަލާކަމަށް ވެސް ބައްޕަ ބުނި! ……… ބައްޕަ ބުނީ ބައްޕަ ނެތް ދުވަހަކުން ނައުރާދައްތައަށް މަންމަ ގޯހިއްޔާ ދުވަހަކުވެސް މަޢާފު ނުކުރާނެ ކަމަށް!” ޒަރީންގެ ވާހަކައިން އަނެއްކާވެސް ނައުރާ ރޯން ފެށިއެވެ. އަނީސާއަށް އައި ބަދަލަކީ ބޮޑުބޭބެގެ މި ބާރުއެޅުމުގެ ސަބަބުން އައި ބަދަލެއްކަން ނައުރާއަށް އެނގުމުން ހިތަށް ކުރީ ބަޔާން ކުރަން ދަތި އަސަރެކެވެ.
(ނުނިމޭ)
ޚިޔާލުތައް