A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 21

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

އެކާވީސް ވަނަ ބައި

“ބައްޕަ ބުނީ ބައްޕަ ނެތް ދުވަހަކުން ނައުރާދައްތައަށް މަންމަ ގޯހިއްޔާ ދުވަހަކުވެސް މަޢާފު ނުކުރާނެ ކަމަށް!” ޒަރީންގެ ވާހަކައިން އަނެއްކާވެސް ނައުރާ ރޯން ފެށިއެވެ. އަނީސާއަށް އައި ބަދަލަކީ ބޮޑުބޭބެގެ މި ބާރުއެޅުމުގެ ސަބަބުން އައި ބަދަލެއްކަން ނައުރާއަށް އެނގުމުން ހިތަށް ކުރީ ބަޔާން ކުރަން ދަތި އަސަރެކެވެ.

ޒަކުވާން ތެދުވެ ޒަރީން ކޮޓަރިއަށް ފޮނުވައިލިއެވެ. އަދި ނައުރާ ގަޔާ ލައްކޮށްލައިގެން ހިނގައިގަތެވެ. ނައުރާ ގަދަ ހެދިޔަސް ޒަކުވާން ނައުރާ ގެންގޮސް ކޮޓަރީގެ އެނދުގައި ބޭއްވިއެވެ.

އިރުކޮޅެއް ވަންދެން ޒަކުވާންގެ އަތުގައި ހިފަހައްޓާލައިގެން ނައުރާ އޮތެވެ. ދެން ބޮލުގައިދެއަތުން ހިފާލުމުން ބޮލުގައި ރިއްސަނީތޯ ޒަކުވާން އެހިއެވެ. ނައުރާ ބޯ ޖަހާލުމުން ނައުރާގެ މަގަތުން އިށީނދެ ނައުރާގެ ބޯ މޮޑެދޭން ފެށުމުން ނައުރާއަށް ނިދުނީއެވެ. ނައުރާގެ މެރިފައިވާ ދެލޮލަށާ މޫނަށް ބަލަހައްޓައިގެން ޒަކުވާން އިނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ވަރުބަލިކަން އިޙުސާސް ވުމުން ޒަކުވާން ތެދުވެ ހިނދަމައިލީ ނައުރާގެ ގައިމަތީ ރަޖާގަނޑު އަޅާލަދިފާއި ނައުރާގެ ނިތްކުރީގަޔާއި ބޮލުގައި މަޑުމަޑުން ފިރުމާލަމުންނެވެ.

ވަގުތަކީ އެންމެ އެކަށޭނަ ފަރުވާއެވެ. ނައުރާ ބޭނުންވީ އިންސްޓިއުޓަށް ދަތިވާނެ ވަރު އެނގޭތީ ހަފުތތާއެއް ވަރު ވުމުން ވަޒީފާއަށް ނިކުންނަން އެނބުރި ދިއުމަށެވެ. ފާއިތުވި ހަފުތާތެރޭ ނައުރާއާ ޒަކުވާން އާ ދެމެދު އަމިއްލަ ޒާތީ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ފުރުމުގެ ކުރިން ނައުރާ ބޭނުންވީ ބޮލަށް އުދަނގޫ ކުރަމުން ދިޔަ މައްސަލަ ހައްލުކުރުމަށް ޒަކުވާންއާ ވާހަކަ ދެއްކުމަށެވެ.

ބޮޑުބޭބެގެ ވަކިވެ ދިއުމުގެ ހިތްދަތިކަން ވެސް މަޑުމަޑުން ފަނޑުވަމުން ދާތީ އަލުން ޢާންމު ދިރިއުޅުމާ ކުރިމަތިލާން ތައްޔާރުވަމުން ދިޔަ ނައުރާ، މުހިންމު ވާހަކައެއް ބުނަން އޮތްކަމަށް ޒަކުވާން ގާތު ބުންޏެވެ.

“އަހަންނަށް ރަނގަޅީ އެކަނި ވާހަކަ ދައްކާލަން ތިބެވޭނެ ތަނެއް! އެ ތަނެއްގައި އަހަރެމެންގެ ވާހަކަ އަޑުއަހާނެ ބަޔަކު ނެތްތަނެއް!”

ޒަކުވާން އެ ބުނީ ނައުރާ ވެސް ބޭނުންވާ ގޮތެވެ. ދައްކަން އޮތް ވާހަކައިގެ ބާވަތުންނެވެ. ކިތަންމެ ބޭނުމަސް އެހެން ބުނަން ނައުރާ ހުރީ ނުކެރިފައެވެ. މި ވަގުތު އައުން ޒަކުވާން ހުރީ ލަސް ވެސް ވެފައެވެ.

ދެމީހުން ނިންމީ އެރޭ ނުވައެއް ޖެހުމުން ދުއްވާލަން ނިކުތުމަށެވެ. ފިހާރައަކަށް ދާ ނަމުގެއެވެ. އެއީ މަންމަގެ ލޮލުގައި އެޅި އަނދުނެކެވެ.

ޒަކުވާން ދުއްވަމުން ދިޔަ ސައިކަލް މަޑުކުރީ މީހުން ޢާންމުކޮށް ގޮސް ނޫޅޭ ހިސާބު އަތިރިމައްޗަކަށެވެ. ސައިކަލުގައި ނައުރާ އިށީނދެ އިނީ ވީހާވެސް ޒަކުވާންއާ ދުރުގައެވެ. ޒަކުވާން ދެ ފަހަރަކު ނުވެއްޓޭށޭ ވެސް ބުންޏެވެ.

ސައިކަލުން ފައިބަމުން ނައުރާ ކުރުސި ކިޔެވި އަޑު ޒަކުވާންއަށް އިވުމުން ޒަކުވާންވެސް ކުރުސި ކިޔެވިއެވެ . ދެމީހުން އެކުގައި ހިނގައިގަތީ ހޭޅިފަށަށްވުރެ ތިރީގައި ދެމިފައި އޮތް ދޮންވެލި ގަނޑާ ދިމާއަށެވެ. ޒަކުވާން އިށީނދެ ނައުރާއަށް ވެސް އިށީންނަން އިޝާރާތް ކުރިއެވެ.

“ބިރެއް ނުގަނޭތަ!” ނައުރާގެ ކޮލުގައި ކޮއްޓާލަމުން ޒަކުވާން ސަމާސާ ކޮށްލިއެވެ.

“ހޫން! ޒަކުވާން ތިއިނީނު! ދެން ކީއްކުރަން ބިރުގަންނަންވީކީ!”

ނައުރާގެ ޖަވާބުން ޒަކުވާންއަށް ލިބުނީ ފެހި ސިގުނަލެކެވެ. ހިތަށް ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ.

“ބަލާބަލަ އެހެރަ ހަނދު! ކިހާ ފުރިހަމަ! އެކަމަކު އެނގޭތަ! އެ ހަނދަށްވުރެ އަހަރެންގެ ހިތް ފަތަޙަކޮށް އެ ހިތުގައި ރަސްކަން ކުރަމުން ދާ ހަނދުގެ ފުރިހަމަކަން މާ ބޮޑު!” ޒަކުވާން އިނީ ނައުރާއަށް ބަލަހައްޓައިގެންނެވެ. ޒަކުވާންގެ ވާހަކައިން ނައުރާ އުފާވީތަނެއް ޒަކުވާން އަކަށް ނުފެނުނެވެ. އެކަމާ ޒަކުވާން ދެރަ ވެސް ވިއެވެ.

“ދެން އޯކޭޔޭ!  މި ހަނދުވަރާ އުޑުގައި އެހެރަ އެތައް މިލިޔަން ތަރިތަކެއް ހެކިކޮށް ތި ބުނަން އުޅޭ ވާހަކަ ބުނެބަލަ! ޔަގީނުންވެސް އަޑު އަހާނަން! ”

ޒަކުވާން ސީރިއަސް ވިއެވެ.

އެއްވެސް އެއްޗެއް އެކަކުވެސް ނުބުނެ ވަގުތުކޮޅެއް ދިޔައެވެ. ޒަކުވާން އިނީ ނައުރާއަށް ވަގުތު ދީގެންނެވެ. ނައުރާ އިނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ.

ގޮނޑުދޮށަށް ބިއްސާލާ ރާޅުތައް ވެލިގަނޑުގައި ބޮސްދީފައި ކިޔަމަންތެރިކަމާއެކު އެނބުރި ދާއިރު އެ އިއްވާލަދޭ އަޑުން ފަޒާގައިވަނީ މަޑު މަޑު މިޔުޒިކެއް އުފައްދާފައެވެ. އެ މިޔުޒިކުގެ ރާގު ފުރިހަމަ ކޮށްދެމުން ދިޔައީ އެއްގަމުގައި ހެދިފައި ހުރި ދިގު ދިވެހިރުއްތަކުގެ ފަންތަކުގައި ބޮސްދޭ ވައިރޯޅީގެ ނާނާގެ އަޑުންނެވެ.  މަދު ފަހަރަކު ދުރުން ކޮންމެވެސް ބާވަތެއްގެ ފަނިފަކުސައެއްގެ އަޑުވެސް އިވިލާހެން ހީވެއެވެ. ވަރަށް ވިސްނުމަށްފަހު ނައުރާ އޭނަގެ ދިރިއުޅުމުގެ އެ ހިތާމަވެރި އަނދިރި ބާބު ނިއުޅައިލިއެވެ.

“އަހަންނެއް ނުބުނާނަން ޒަކުވާން ގާތު އަހަރެންގެ ދިރިއުޅުމުގެ މިވާހަކަތައް އަޑުއެހުމަށްފަހު އަހަރެން ދެކެ ލޯބިވާށެކޭ! އަދި އެއްވެސް ސަބަބަކާ ހެދި އަހަރެން ގަބޫލުކުރާށެކޭ ވެސް! އެކަމަކު އަހަރެން އެދޭ އެއް އެދުމެއް އެބައޮތް! ………. އަހަންނަކީ ގޯސްމީހެއް ކަމަށް އަދި ކުށްވެރިއެއްކަމަށް ނިންމުމުގެ ކުރިން ދެވަނަ ފަހަރަކު ވެސް ވިސްނާލުން އެދެން! އަދި ……. އަހަރެން ގެ ވާހަކަ އަޑު އެހުމަށްފަހު އެ ވާހަކަ އެއްވެސް ގޮތަކަށް ދެވަނަ މީހެއްގެ ގާތު ނުބުނުން މާބޮޑަށް އެދެން!”

ނައުރާގެ އަޑު ބެދި ކުރިއަށް ގެންދަން އުދަނގޫ ވުމުން ސިކުންތުކޮޅަކަށް މަޑުޖައްސައިލިއެވެ.

ޒަކުވާން އިނީ ނައުރާގެ އަތުގައި ހިފަހައްޓާލައިގެން މޫދާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަދި މެދު ކަނޑައިލުމުން ބައެއްފަހަރު ނައުރާގެ މޫނަށް ބަލައިލައެވެ.

“އަހަރެން މާލެ ދިޔައީ ހަމީދުބެގެ އެހީތެރިކަމާއެކު! ބޮޑުބޭބެ ކައިރިއަކު ވެސް އަދި އެހެން މީހެއް ގާތަކު ވެސް އަހަރެން ފުރަން އުޅޭ ވާހަކައެއް ނުބުނަން! އެކަމަކު އަހަންނަށް ރަށުން ބޭރުވޭވޭހާ ވަގުތު ވުމުން ޒަކުވާން މަންމައަށް ހަވާލުކުރަން އަވައްޓެރިއަކާ ސޓީއެއް ހަވާލުކުރިން! އޭރުން ގައިމު އަހަރެން ގެއްލިގެން ހޯދާކަށް ނުޖެހޭނެނު! ހަމީދުބެ އަހަރެން ފޮނުވި ގޭގެ ދެމަފިރިން އަހަންނަށް ވަރަށް ހެޔޮ! އަހަރެން ދެކެމުން އައި ޤުރުއާން މުދައްރިސަކަށް ވުމުގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް އެމީހުން އެހީވެދިން! ގޭގެ މަސައްކަތް ކުރަން ޖެހުނަސް އެކަންވެސް ދޫކޮށްލާފައޮތީ އަހަރެންގެ އަތްމައްޗަށް! އިތުރުން އަހަންނަށް އެގޭ ފިހާރައެއްގައި ކޭޝިއަރެއްގެ ވަޒީފާ އަދާކޮށްގެން ލާރި ލިބޭނެ ގޮތްވެސް ހަމަޖައްސައިދިން! ރޭގަނޑު ކުލާހަށް ކިޔަވަންދާކަށް އެއްވެސް އުދނގުލެއް ހުރަހެއް ވެސް ނޯވޭ! …… ތެދުތެދަށް ބުނަންޏާ އަހަރެން އުޅުނީ އެދެމަފިރިންގެ ދަރިއެއްފަދައިން ! …………… ޙާލަތު ބަދަލުވީ ………… މަޒީދު އެ ގެއަށް އައި ހިސާބުން! މަޒީދަކީ އެގޭ ފިރިހެންމީހާ ދަރިއަކުފަދައިން ބަލާ ބޮޑުކޮށް ކިޔަވައިދީގެން ގެންގުޅުނު އޭނަގެ ބޮޑުބޭބެ ދަރިއެއް. އެހެންވީމާ މަޒީދުއަށް މަނާ އެއްވެސް ކަމެއް އެގޭތެރެއަކު ނޯވޭ! …………. އެގޭ ދެމަފިރިންނަކީ ހަފުތާ ބަންދާ ދިމާކޮށް ވަރަށް ގިނައިން ރިސޯޓަށް ގޮސް އުޅޭ ބައެއް! އެގޮތަށް ދިޔަ ފަހަރަކު މަޒީދު އުޅުނީ މާލެ އައިސް! އަހަރެން ހީކުރީ މަޒީދު ވެސް އެމީހުންނާ އެކު ދިޔައީ ކަމަށް! އެދުވަހު ވެސް އިރު އޮއްސެންދެން އަހަރެން އުޅުނީ ފިހާރާގަ! ރޭގަނޑުވުމުން ގެއަށް އައިސް އަހަރެން ކުލާހަށް ދާން ވަންދެން އުޅުނީ ކޮޓަރީގަ! ކުލާހަށް ގޮސްފަ އެހެން ރޭރެއެކޭ އެއްފަދައިން އަހަރެން އައީ ގެއަށް! ………………. ދޮރުހުޅުވާލާފަ ވަންފަހުން އަހަންނަށް މަޒީދު ސޯފާގައި އިންތަން ފެނުނީ ވެސް! އޭނަ އަތުގައި ހުރި ކޯކު ފުޅިއަށް އިޝާރާތް ކުރަމުން މަޒީދު އެދުނީ ކޯކުތައްޓެއް ބޯން މަޒީދުއާއެކު އެތާ އިރުކޮޅަކަށް މަޑުކޮށްދިނުމަށް !އަހަރެން ނުބޯން ބުނީމަ ވެސް ކިޔާވަރުން ނުކެރުނު . އޭނަ ވާހަކަދެއްކީ ހާދަ ރީތިކޮށޭ! ކެހިވެރިކަމުގެ މަޅިއަކީ ބައެއްފަހަރު ވަރަށް ރީތިކޮށް ލޮލަށް ކެހިދީފައި ކަރަށް މަހާލެވޭ އެއްޗެއްކަން ކުރިން އެނގުނުނަމަ! ………….”

ޒަކުވާން ތަންކޮޅެއް ފުންކޮށް ނައުރާގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ. ނައުރާ ބުނަން އުޅޭ އެއްޗެއް ކުރިން އެނގިގަތުމަށްޓަކައެވެ. ޒަކުވާން ބަލަހައްޓައިގެން އިނަސް ނައުރާގެ މޫނުމަތިން އެކަން އނެގޭކަމަކަށް ނަހަދާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކޮންމެ ގޮތެއްވިޔަސް މަޒީދު ބުނެގެން ތަށި ގެންގޮސް ދިނީ ވެސް އަހަރެން… ފުރަތަމަ ތައްޓަށް މަޒީދު އެޅިއެއްޗެއް އެޅީ އަހަރެން ގާތު ދެވަނަ ތައްޓެއް ދޭން ބުނުމުން އެތަށި ނަގަން އެހޭދަވި ވަގުތުކޮޅުގަހެން ހީވަނީ! . ….. އެ ކޯކު ތަށި އަހަރެން ދަމައިލީ އެއް ނޭވާއިން! ………. އަވަސްކޮށްގެން އެތަނުން ދާން ބޭނުންވާތީ! …… ބޮލަށް އެބުރުން އަރާކަން އަހަންނަށް އިޙުސާސްވީ ކޮޓަރީގެ ދޮރުގައި ތަޅުދަނޑި ޖެހިފަހުން!……..”

ނައުރާގެ ވާހަކަ ކުރިޔަށް ގެންދަން އުދަނގޫވީ ޒަކުވާން ހިފަހައްޓައިގެން އިން ނައުރާގެ އަތުގެ ކުޑަހުޅާ ދިމާއިން ދިލަ ނަގަން ފެށުމުންނެވެ. ޒަކުވާންގެ ހަށިގަނޑުގައި އުފެދެމުންދިޔަ ރުޅިވެރިކަން އެކަމުން ނައުރާއަށް ޔަގީން ކުރެވުނެވެ.

އަތަށް ކުޑަކޮށް ބަލައިލުމަށްފަހު ދެންވެސް ނައުރާ ކުރިއަށް ގެންދިޔައެވެ. ނައުރާ ބޭނުންވީ ކޮންމެ ހާލެއްގައި ވެސް އެ އަނދިރި ޞަފުޙާތައް މިރޭ ނިއުޅާލުމަށްފަހު އަބަދަށް ލައްޕާލުމަށެވެ.

” އަހަރެން ގަދަހެދިން! ……. ހަމަހޭވެރިކަން ފިލަންދެން ވެސް! އެކަމަކު …. އެކަމަކު އެ އަނިޔާވެރި ކެހިވެރިޔާ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަތީ! އަހަރެންގެ ހުއްދައަކާ ނުލާ! އަދި ކީއް! އެނގުމަކާވެސް ނުލާ! ….. ” ޒަކުވާންއަށް ފުންމައިގެން ތެދުވެވުނެވެ.

“ނައުރާ! އާހްހްހް!” ޒަކުވާން ހަޅޭއްލަވައިގަތެވެ.

‘ތީދޮގެއް! ތީ ދޮގެއް! އެއްވެސް މީހަކު ނައުރާއަށް ތިހާވަރަކަށް އަނިޔާވެރިއެއް ނުވާނެ!”

ނައުރާ ދެކަކުލުގައި ބޯއަޅައިލިއެވެ. އޭރު ނައުރާއަށް ގިސްލެވެނީއެވެ. ނައުރާގެ ވޭނީ ގިސްލުމުގެ އަޑު ފަޒާގެ ތެރެއަށް ހިނދިގެން ދާއިރު ޒަކުވާން ހޭ ބުއްދި ފިލާވަރަށް ހުރީ ރުޅިގަދަވެފައެވެ.

ނައުރާގެ ހާލު ފެނުމުން މަޑުމަޑުން އިށީނދެ ނައުރާ އަތުގެ ތެރެއަށްލާ ބޮނޑިކޮށްލިއެވެ. އަދި ބޮލުގައި ނޭފަތް ޖާއްސާ ބާރުކޮށްލިއެވެ. ގިސްލަމުން ދިޔަ ނައުރާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަން ފެށިއެވެ.

ޒަކުވާންގެ އަތުގެތެރޭގައި އެ އަތުގެ ޙިމާޔަތުގައި އިރުކޮޅަކު އިނުމަށްފަހު ނައުރާ ކުރިއަށް ގެންދިޔައެވެ. އެހާއިރުވަންދެން ވެސް ޒަކުވާން ހީކޮށްގެން ހުރީ ނައުރާގެ ވާހަކަ ނިމުނީކަމަށެވެ.

“ޒަކުވާންއަށް އެނގޭތަ އޭގެ މަހެއްހާ  ދުވަސް ފަހުން އަހަރެން މީހަކާ އިނިން! …….. އެނގޭތަ އަހަރެން އިނީ ކާކާކަން! އަހަރެންގެ އަލަތު ފިރިމީހާގެ ޝަރަފު ލިބިގަތީ ކާކުކަން!……… އަހަރެންގެ ޢިއްޒަތުއްނަފުސު ވެއްޔާ މޮޑެލި މީހާ، މަޒީދު! …. ”

ޒަކުވާން ނައުރާގައިން ދޫކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. އެހެންވިޔަސް ނައުރާގެ އެއްވެސް މައްސަލައެއް ނެތެވެ. ޝަކުވާއެއް ވެސް ނެތެވެ. ޒަކުވާންގެ ލޯބިވެރިޔާގެ މަޤާމް އަދި އަނބިމީހާގެ މަޤާމު ވެސް ނައުރާ ބޭނުންވަނީ ޒަކުވާންއަށް މި ހުރިހާ ހަޤީގަތެއް އެނގުމަށްފަހުއެވެ. އޮޅުމެއްގެ ތެރޭ ޒަކުވާން ބަހައްޓާކަށް އެއްގޮތަކަށްވެސް ނައުރާ ނޭނދެއެވެ.

“އަދިވެސް އަހަރެންގެ ވާހަކަ ނުނިމޭ! ……..”

ޒަކުވާން ދުރަށް ހިނގައިގަތްތަން ބަލަން އިނދެ ހިތި ގޮތަކަށް ނައުރާ އިއްވިއެވެ.

“މަޒީދުއާ އަހަރެން އިނީ މަޒީދުގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން ޔަގީންވުމުން!”

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !