A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 22 (އެންމެ ފަހު ބައި)

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ބާވީސް ވަނަ ބައި

ޒަކުވާންގެ ލޯބިވެރިޔާގެ މަޤާމް އަދި އަނބިމީހާގެ މަޤާމު ވެސް ނައުރާ ބޭނުންވަނީ ޒަކުވާންއަށް މި ހުރިހާ ހަޤީގަތެއް އެނގުމަށްފަހުއެވެ. އޮޅުމެއްގެ ތެރޭ ޒަކުވާން ބަހައްޓާކަށް އެއްގޮތަކަށްވެސް ނައުރާ ނޭނދެއެވެ.

“އަދިވެސް އަހަރެންގެ ވާހަކަ ނުނިމޭ! ……..”

ޒަކުވާން ދުރަށް ހިނގައިގަތްތަން ބަލަން އިނދެ ހިތި ގޮތަކަށް ނައުރާ އިއްވިއެވެ.

“މަޒީދުއާ އަހަރެން އިނީ މަޒީދުގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން ޔަގީންވުމުން!”

ޒަކުވާންއަށް ހުރި ފިޔަވަޅުމައްޗަށް ތިރިވެވުނެވެ. ހިތަށް ކުރިއަސަރުން ޒަކުވާންގެ ހިތުގެހިނގުން ހުއްޓުނުފަދައެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. އަދި ގުދުވެ ބިންމަތީގައި ނިތްކުރި ޖައްސައިލަމުން މަޑުމަޑުން ނައުރާގެ ނަމުން ގޮވައިލިއެވެ.

ޒަކުވާންގެ ހިތުގެ ހާލު ނޭނގި ހުރި ނައުރާ ތެދުވެ ބަލާވެސް ނުލާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. ހަނގުރާމައަކުން ބަލިވެފައިވާ ސިފައިންގެ މީހަކުފަދައިންނެވެ. ހަށިގަނޑުގައި ފުރާނަ ހުއްޓަސް އެހަށިގަނޑުގައި އަމިއްލަ ނަފުސް ކޮންޓްރޯލް ކުރެވޭހާ ހަކަތަ ނެތް މީހަކުފަދައިންނެވެ. އެއްލެމުން ހޫރެމުންނެވެ.

ހޭޅިފަށުން އެއްގަމަށް އެރި ނައުރާ ހިގައިގަތީ ކުރިއަށެވެ. ކޮންމެ ތަނަކަށް ދެވުނަސް ނައުރާއަށް ކީއްހެއްޔެވެ. ދިރިއުޅުމުގެ މާބޮޑު މަޤުސަދެއް އެބައޮތްހެއްޔެވެ! ނައުރާއަކީ ބަދުނަޞީބުވެރިއެކެވެ.

ފަހަތުން ދުވެފައި އައި ޒަކުވާން ނައުރާއަށް ގޮވައިލިއަޑު ނައުރާއަށް އިވުނެވެ.

ދުރުން މާދުރުން އައި އަޑެއްގެ ގޮތުގައެވެ. ނައުރާގެ ހިނގުމަށް ހުއްޓުމެއް ނައުމުން ޒަކުވާން ދުވެގޮސް ނައުރާއާ އޮޅުލާގަތެވެ.

“ނާ ޕްލީޒް! އަހަރެން ދޫކޮށްލާފަ ނުދޭ! ނާގެ އެއްވެސް ކުށެއްނެތް! ތީ ހިތްވަރުގަދަ އަންހެން ކުއްޖެއް! ….އަހަރެން ތި ދަރިފުޅު ބަލައިގަންނާނަން! އަމިއްލަ ދަރިއެއްގެ ގޮތުގައި!”

ބަނޑުގައި އަތް ޖައްސާލަމުން ޒަކުވާންއާ ވީފަރާތަށް ނައުރާ އަނބުރައިލިއެވެ.

“އަހަރެންގެ ދަރިފުޅު! ……. އަހަރެންގެ ދަރިފުޅު އެބޯޓްވެއްޖެ!’

ނައުރާގެ އަޑުގައިވަނީ އެތައް ހާސް ވޭނެވެ. ހިތާމައެވެ. އޭގެ އިންތިހާއަށެވެ! އަޑު އެހި މީހެއްގެ ހިތް ކުދިކުދިވާވަރުގެ ހިތްދަތިކަން ނައުރާގެ އަޑުގައި ވިއެވެ.

ޒަކުވާންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަންހެނަކަށް ދިމާވާނެ ހުރިހާ ޒާތެއްގެ ހިތްދަތިކަމަކާ ހިތާމައެއް ނައުރާ ތަޙައްމަލް ކޮށްފިއެވެ. ޒަކުވާންގެ ހިތް ނައުރާއަށްޓަކައި ލޯތްބާ ހަމްދަރުދީއިން ފުރި ބަންޑުންވެގެން އައެވެ.

“އަހަރެން ތި ފިރިހެނާ ކޮށާ ކުދި ކުދި ކޮށްލާނަން! އެކަހަލަ އަނިޔާވެރިންނަށް ހަދަން ޖެހެނީ އެގޮތަށް!”

އަނގައިން ބަހެއް ނުބުނެވި އިރުކޮޅަކު ހުރުމަށްފަހު ޒަކުވާންއަށް ބުނެވުނީ އެހާވަރަށެވެ.

“އޭނަ މިހާރު……… ހީވާގޮތުން މުޅިން ބަދަލުވެއްޖެ!”

ނައުރާ އެ ނުލަފާ މީހާއާބެހޭ ގޮތުން މިފަދަ ގޮތަކަށް ބުނުމުން ޒަކުވާންއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްގެން ނައުރާއަށް ބަލަން ފެށިއެވެ.

“އޭނަގެ އަނތްބެއްގެ ގޮތުގައި އަހަރެން ހޭދަ ކުރި އަށްވަރަކަށް ގަޑިއިރު ….. މިބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމާ ދެމެދު ހޭދަވި ވަގުތުކޮޅުގެ ތެރޭ އެންމެ ފަހަރަކު ވެސް އޭނަ އަހަރެންގެ ގައިގަ ރުހުމުގަވިޔަސް އަދި ނުރުހުމުގަ ވިޔަސް އިނގިލިކުރިވެސް ޖައްސާ ނުލާ! އޭނަ ބޭނުންނަމަ އަހަންނަށް ބޭނުން ގޮތެއް ހެދުނީސް! އެކަމަކު……… އޭނާ ޖަލަށް ދާން ޖެހުނީ އޭނަގެ ނުބައި އެކުވެރިންގެ ފަރާތުން އަހަރެން ސަލާމަތް ކުރަން ހަދާގެން!”

ޒަކުވާން ހުރީ އެހާ އިހާނެތިކޮށް އަދި އެހާ އަނިޔާވެރިކޮށް  ނައުރާއާ ދޭތެރޭ އޭނާ ކަންތައް ކުރުމުން ވެސް އެ ފިރިހެނާގެ ދިފާޢުގައި ނައުރާ ވާހަކަ ދައްކަން ފެށުމުން ނުރުހިފައެވެ.

“އަހަރެން އެ ކޮޅަށް ފުރުމުގެ ކުރިން އޭނައާ ބައްދަލުކުރަން ދިޔައިން! ވަރިވާން ކޯޓަށް ދާނެ ވާހަކައާ އަހަރެން އޭނަގެ ދަރިއަކަށް ބަލިވެ އިންވާހަކަ ބުނަން ! ވަރަށް ރުއި. އެހާ ވަރަށް އާދޭސް ކުރި! ….. ތަކުރާރުކޮށް އަހަރެން ދެކެ ލޯބިވާ ވާހަކައާ އެކުގައި އުޅެން ބޭނުންވާ ވާހަކަ ބުނި! ކުރެވުނު ކުށަށް ހާސް ފަހަރު ތައުބާވި ވާހަކަވެސް …….!”

“ހުއްޓާލަފާނަން؟ ނައުދެކެ އެހެން މީހަކު ލޯބިވާ ވާހަކަ އަހަރެންގެ ގާތުގަ މީގެ ފަހުން ނުބުނާތި!”

ނައުރާގެ ވާހަކަ ނުނިމެނީސް ޒަކުވާން މަޑުމަޑުން ބުނެލިއަޑު ނައުރާއަށް އިވުނެވެ. އެހެން ބުނަމުން ނައުރާ ގަޔާ ދުރުކޮށްލަމުން ހިފީ ނައުރާގެ އަތުގައެވެ.

“ހިނގާ ގެއަށް ދާން! މާލަސްވަންދެން މިހެން ބޭރުގަ އުޅޭކަށްނުވާނެ!” ޒަކުވާން އެރީ ސައިކަލަށެވެ.

“ޒަކުވާން ނިންމާ ގޮތެއް ވިސްނާލާފަ ފަހުން ބުންޏަސް ހެޔޮ!” ސައިކަލުގަ އިށީންނަމުން ނައުރާ އެދޭ ގޮތް ހާމަކުރިއެވެ. ނައުރާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. އުދާހެވެ.

“އަހަރެން އޮތީ ގޮތް ނިންމާފަ! މާކުރިން! ނައުރާގެ އުމުރުން ތޭރަ އަހަރުގަ! އެއީ އަހަރެންގެ އުމުރުން ސޯޅަ އަހަރުގަ! އެ ދުވަހު ނިންމި ނިންމުން އެއީ އަހަންނަށް އަހަރެންގެ މުޅި ހަޔާތުގައި ވެސް ނިންމުނު އެންމެ ރަނގަޅު ނިންމުން! އެ ނިންމުމަކަށް ބަދަލެއް ނުގެނެވޭނެ!”

ޒަކުވާންގެ އަޑު އިވުމުން ނައުރާއަށް އުފަލުން ހީނލެވުނެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.

“އެކަމަކު ބުނަންތަ! ތި ހުރިހާކަމެއް ދެން އިތުރު މީހަކަށް އަންގާނެ ކަމެއްނެތް! އެނގޭނު މަންމަގެ ފާޑު!”

ޒަކުވާން އެބުނީ ކީކޭކަން ނައުރާއަށް އެނގުނެވެ.

ޒަކުވާން ސައިކަލް ދުއްވާލުމުން ނައުރާގެ ހަށިގަނޑުގެ ބަރު ދޫކޮށްލީ ޒަކުވާންގެ ކޮނޑުމައްޗަށެވެ. ޒަކުވާން މަޑުމަޑުން މޫނު އަނބުރާލާ ނައުރާގެ މޫނުގައި ބޮސްދިނެވެ.

ހާރޫނު ނިޔާވިތާ ދިހަވަނައަށް ވީދުވަހު ޒާހިޔާ ވެސް ރަށަށް އަތުވެއްޖެއެވެ. ޒާހިޔާ އައުމުން ޒަކުވާން ބޭނުންވީ ޒަކުވާންގެ ކައިވެނި އަވަސް ކުރުމަށެވެ. މަންމަމެން ގާތު ނުބުނެ ފުރަތަމަ ނައުރާގެ ޚިޔާލު ހޯދިއެވެ. ނައުރާ ބޭނުންވީ ޑިގްރީ ނިމެންދެން އިހަށް ކައިވެނި ފަސްކޮށްލުމަށެވެ.

ޒަކުވާންއާ ނައުރާގެ ގުޅުން މީހަކު ބުނުމަކާ ނުލާ ޒާހިޔާއަށް ނަގައިގަނެވުނެވެ. އެ ގުޅުމަކީ ޒާހިޔާއަށް ރުހެވުނު ގުޅުމެއް ނޫނެވެ. އެހެންކަމުން ޒާހިޔާ އެ ވާހަކަ ދެއްކީ ޒާހިޔާގެ މަންމައާއެވެ.

“މަންމައަށް އެނގޭތަ ދޮންބެ ރައްޓެހިވެގެން އުޅެނީ ކާކާކަން!”

“ކޮންމެވެސް ވަރަކަށް އެނގޭ!” އަނީސާ ނޫން ކަމަށް ހަދާލާފައި ކުރުކޮށްލިއެވެ.

“ކީއްވެ އެކަން ނުހުއްޓުވީ! މަންމަ ހަމަ ގަބޫލީތަ! ދޮންބެއަށް ނުވާނީ ކާކު!  ނައުރާ ކަހަލަ …..!”

ޒާހިޔާ ޖުމުލަ ފުރިހަމަ ނުކޮށް ހުއްޓައިލިއެވެ. އަޑުގައި ހުރި ހިތްހަމަ ނުޖެހުމުން މަންމައަށް ޒާހިޔާ ނުރުހޭކަން އެނގޭނެތީއެވެ.

“ތީގެ އެއްވެސް ކުއްޖެއްގެ ހަޔާތުގެ ބައިވެރިއަކު ހޯދުމުގައި މަންމަ ވަކިގޮތެއް ކަނޑައަޅާ ނުބުނާނަން! ރަނގަޅު ކޮންމެ ކުއްޖަކާ މަންމަ ރުހޭނަން! ބައިވެރިއަކު ހޯދާނީ އެކުއްޖަކަށް ކަމުދާ މީހަކު!”

ހާރޫނާ އަނީސާއާ ދެމެދު ދެކެވުނު އެއްވެސް ވާހަކައެއް ޒާހިޔާއަށް ވެސް އަދި އެހެންމީހަކަށް ވެސް އެނގޭކަށް އަނީސާ ބޭނުމެއް ނޫނެވެ.

“ނައުރާ ދެކެ ޒަކުވާން ވަރަށް ލޯބިވޭ! އެ ދެކުދިންގެ ގުޅުމަށް އަނީސާ ހުރަސް އަޅާނަމަ އަހަރެން ދުނިޔޭގަ ނެތަސް އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ވެސް އަނީސާއަކަށް މަޢާފެއް ނުކުރާނެ!”

އަނީސާއަށް ހީވީ ހާރޫނުގެ ޖުމުލަތައް އަނީސާގެ ކަންފަތަށް އަލުން އަޑުއިވުނު ހެންނެވެ.

“މަންމަ ވިސްނާނީ މަންގެ އަމިއްލަ ހަޔާތުން ލިބުނު ތަޖުރިބާއިން! ތިކުދިންގެ ކާފަ، ޒަކުވާން ބައްޕައާ މަންމަ ދެވީ މަންމަގެ ނުރުހުމުގަ! އެދުވަހު މަންމަ ކުރި ހިތާމަ ތީގެ އެއްވެސް ކުއްޖަކު ކުރާކަށް މަންމަ ނޭނދެން. ޒަކުވާންއަށް ތިކުދިންގެ ބައްޕަ ކަހަލަ ދޮންބައްޕައަކު ލިބުނީތީ މަންމަ އުފާކުރަން!”

އަނިސާގެ ލޮލުން ފޭބި ކަރުނަ ތިކި ޒާހިޔާ ފޮހެލަ ދިނެވެ. ދޮންބެގެ ހަޔާތަށް ނައުރާ އަންނަން ނޭދުނަސް ދެން އިތުރަށް އެވާހަކަ ނުދައްކަން ޒާހިޔާ ނިންމީ އެ ހިސާބުންނެވެ.

ނެގި ޗުއްޓީ ހަމަވާތީ ޒާހިޔާ ވެސް ރަށުގައި މަންމަމެން ގާތު ހުރުމުންނާއެކު  ޒަކުވާން ނައުރާ ގޮވައިގެން ފުރީއެވެ. މާލޭގައި އެންމެ ދުވަހަކުވެސް މަޑުކުރާކަށް ނައުރާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒަކުވާން ވެސް ނައުރާއާއެކު ނައުރާ ވަޒީފާ އަދަކުރަމުންދާ ރަށަށް ދިޔައެވެ. ދެ ތިން ދުވަހު އެ ރަށުގައި ހުރެލުމަށެވެ.

ނައުރާ ހީކުރީ ޒަކުވާން ހުންނާނީ ރާމިޒުމެން ގާތުގައި އެގޭގައި ކަމަށެވެ. ޒީނިޔާއާ ނައުރާ އެވާހަކަ ދެއްކި ވެސް މެއެވެ. އެއްވެސް އަގަކާ ނުލާ ޒަކުވާންއަށް އެގޭގައި ހުރެވިދާނެކަމަށް ޒީނިޔާ ބުނުމުން ނައުރާ އެވާހަކަ ޒަކުވާން ގާތުގަ ބުނި ވެސް މެއެވެ. އެހެންނަމަވެސް ހުންނާނެ ތަނެއް ލިބިދާނެ ނޫންހޭ އަހަރެން އެކަން ހަމަޖައްސާނަމޭ ބުނެ ޒަކުވާން އަމިއްލައިން ތަނެއް ހޯދީއެވެ.

ނައުރާ ގެއަށް ލާފައި ޒަކުވާން ހިނގައިގަތީ ޒަކުވާން މާމަމެންގެއަށެވެ. އެ ރަށަކީ ޒަކުވާންގެ ބައްޕަގެ ރަށްކަން ނައުރާއަށް އަންގަން ބޭނުން ނުވީ ފަހުން ސަރޕްރައިޒެއް ދޭން ވެގެންނެވެ.

ހަވީރު ވެސް ޒަކުވާންއާ ނައުރާ އުޅުނީ އެކުގައެވެ. ރޭގަނޑުގެ ކެއުމަކަށް ނައުރާއަށް ދަޢުވަތެއް ލިބިފައި އޮތުމުން ޒަކުވާން ގާތު އެވާހަކަ ބުންޏެވެ.

“އެއީ އަހަރެންގެ ދަރިވަރެއް! އަހަރެން ދެކެ ވަރަށް ލޯބިވާނެ! އަހަރެން ބުނިން އެހެން މީހަކު ވެސް ދާނެއޭ! ހިމްޔާ މާމަ ބުނި އޯކޭއޭ!”

އުފާވެފައި ހުރި ނައުރާ ވާހަކަ ދެއްކީ ހެމުންހެމުންނެވެ.

‘”އެގޭ މީހުން ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް ވަރަށް ހެޔޮ! ވަރަށް ޚާއްސަ ގާތްކަމެއް ބަހައްޓާނެ!”

“މަށަށް އޮޅުވާނުލައްޗޭ! ހިމްޔާ ޚާއްސަ ތިވީ ހިމްޔާ ބައްޕަ ޚާއްސަ ވެގެނެއްނޫންތަ!”

ޒަކުވާން އަތުގެ ޝަހާދަތް އިނގިލިން ނައުރާގެ ކޮލުގައި ޖަހާލަމުން ވާހަކަދެއްކިއެވެ.

“ޒަކުވާންއަށް ރަނަގަޅަށް ވެސް އެނގޭނެ އަހަރެން ލޯބިވީ އެންމެ މީހަކު ދެކެކަން!”

ނައުރާ ކަރު އެލުވާލަމުން ބުންޏެވެ.

“އެ ކާކު! ….  މަޒީދުތަ!” ޒަކުވާން ލާނެއް ވެލިއެވެ. ބޭނުންވީ ނައުރާ ރުޅިއަރުވާލުމަށެވެ.

“އެއީ މަޒީދެއް ނޫން! އަދި ޒަކުވާނެއް ވެސް ނޫން!…..އެއީ ސާޖިދު!” ނައުރާ ވެސް ޒަކުވާން ދެރަކޮށްލަން ބުންޏެވެ.

“ސާޖިދު ދެކެ ލޯބިވިޔަސް ނައުރާ ލިބޭނީ އަހަންނަކަށްނު! އަދި އެ ވެސް އަހަރެން ހިތަކަށް!” އެއް ލޯ މަރާލަމުން ނައުރާގެ މޫނުގައި މޫނު ޖެހޭ ހައި ގާތުގައި ހުރެގެން ވައި އަޑުން ޒަކުވާން ބުނި އެއްޗަކުން ނައުރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނު އިރު ޒަކުވާން ހުރީ ނައުރާ ބަލާ އައިހެވެ. ދެމީހުން ހިނގާލާފަ ގޮސް ހިމްޔާމެންގެއަށް ވަންއިރު ހިމްޔާ ބައްޕަ އިނީ ސިޓިންރޫމު ސޯފާގައެވެ. ހިމްޔާގެ ބައްޕަ ގޮވައިލުމުން ހިމްޔާގެ މާމަ ކާބައިން ނުކުތީ ހިމްޔާ އަތުގައި ހިފާލައިގެން ހުރެއެވެ.

ނައުރާގެ ފަހަތުން ވަދެގެން އައި ޒަކުވާން ފެނުމުން ހިމްޔާގެ ބައްޕަގެ ދެލޯ ބޮޑުވެގެން އައެވެ. އެހެންނަމަވެސް ސިކުންތުކޮޅަކަށްފަހު އެ މޫނު އަނބުރައިލީ އަތުގައިއޮތް ފޯނަށެވެ.

އެވަގުތު ނައުރާ އަވަސްވެގަތީ ޒަކުވާން އެމީހުންނަށް ތަޢާރަފު ކޮށްދޭން ވެގެންނެވެ. ޒަކުވާން އިނގިލި ހިއްލާލަމުން އެކަން މަނާކުރިއެވެ. އަދި ކުރިއަށް ހިނގާލާފައި ގޮސް ހިމްޔާގެ މާމަގެ ކޮނޑުގައި އެލިގަންނަމުން ބުންޏެވެ.

“މާމާ! އެހެރީ ނައުރާ! ދުވަސްކޮޅަކުން މާމައަށް މުނިމާމަ ކިޔާނެ ކުއްޖަކު ގެނެސް މިގެއަށްލާނެ!”

“މާމާ!” ނައުރާއަށް އެ ނަން ތަކުރާރުކޮށް ކިޔައިލެވުނެވެ. ހައިރާންވި ވަރުން ބުނާނެ އެއްޗެއް ނޭނގި ނައުރާ ހުރިއިރު އެއަޑު އިވުމުން ހައިރާންވި ނައުރާ ނޫން މީހަކުވެސް އެތާ އިނެވެ. ހިތުގައި ޖެހިފައެވެ.

ހިމްޔާގެ މާމަ ހޭން ފެށުމުން ޒަކުވާން ވެސް މާމައާ ބައިވެރި ވިއެވެ. ނައުރާއަށް ލަދުން ބުނާނެ އެއްޗެއް ނޭނގުނެވެ.

ނައުރާ ހުރީ އެއްޗެއް ބުނަން އަނގަ ހުޅުވުނު ގޮތަށް އަނގަ ލައްޕާލަން ވެސް ހަނދާން ނެތިފައެވެ. އެކަމަކުވެސް ފަހުން އެމީހުންގެ ހުނުމުގައި ނައުރާ ވެސް ބައިވެރިވިއެވެ.

އެ މާޙައުލުގައި އެވަގުތު އޮތީ  އުފާވެރިކަމެވެ. ހިތާ ފުރާނައަށް ފިނި ކަމާ ފޮނިކަން ލިބުނު މީހުން ހެމުން ދިޔައީ އުފަލުންނެވެ. ހިމްޔާގެ ބައްޕަ ހުނުމުގައި ބައިވެރިވީ މަޖުބޫރުވެގެންނެވެ. ލޮލުގެ ހިމަކޮޅުން ނައުރާއަށް ބަލައިލީ ހިތަށް އުދަނގޫވި ވަރުންނެވެ. ނާކާމިޔާބީއާ މާޔޫސްކަން ނޫންއެއްޗެއް އަދިޔާންގެ ޙަޔާތުގައި ނެތީބާއޭ އަދިޔާންގެ ހިތަށް އެރިއެވެ. ނައުރާ ފުރަތަމަ ފެނުނު ދުވަހުންފެށިގެން ވެސް ނައުރާއާ ދޭތެރޭ އަދިޔާންއަށް ބެލުނީ ތަފާތު ނަޒަރަކުންނެވެ. މީހާގެ ހަޔާތުގައި ކަންތައްތައް ދިމާވި ގޮތުން ދުލާ ހަމައަށް އެވާހަކަ ގެންނަން ނުކުޅެދުނީއެވެ. ނަތީޖާއަކަށްވީ ފަހަރި ކޮއްކޮއެއްގެ މަގާމަށް ނައުރާ އައުމެވެ.

ތިންމަސް ފަހެވެ. ޒަކުވާން އެރަށަށް އައީ ނައުރާ ބަލައެވެ. ކާވެނި ވެސް ކުރީ އެރަށުގައެވެ. އެހެންނަމަވެސް ހަނީމޫނަށް ދިޔައީ އުޅެ ބޮޑުވި ރަށަށެވެ.

ޒަކުވާންގެ ދިރިއުޅުމުގެ ކޮންމެ ޞަފުހާއަކުން ވެސް ޒަކުވާންއަށް ފެންނަމުންދިޔައީ ނައުރާގެ ނަމެވެ. އެދެމީހުންގެ ކައިވެންޏަށްފަހު އެއްލާލެވުނު ކޮންމެ ސަފުޙާއެއް އޮތީ ލޯބީގެ ނަމުން ފެވި ކުލަ ޖެހިފައެވެ. ދުވަހަކުވެސް ފަނޑުވުމެއްނެތް ގޮތުގައެވެ.

(ނިމުނީ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !