ފުރަތަމަ ބައި
ޗެކިންގ ނިމިގެން އެކުވެރި އަމީރާއާއި އަމިރާގެ ފިރިމީހާ ޚާލިދުއާއެކު ކޮފީއެއް ބޯން ރައިހާ ވެސް ގޮސް އިށީނީ ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ. ފުރަން އަދި ގާތްގަނޑަކަށް ގަޑިއެއްހާއިރު އޮތުމުން އަނގަތަޅާލާ ވަގުތު ދުއްވާލުމަށެވެ. ކޮފީއަށް އޯޑަރ ދިނުމަށްފަހު އަތުގައި އޮތް ގަޑިއަށް އަމީރާ ބަލައިލިއެވެ.
“ދޮންބެ ހާދަ ލަހޭ! ފޯނެއް ވެސް ނުނަގާ!” ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން އަމީރާ ބުންޏެވެ.
“ޗެކިންގަ އުޅޭތީ ނުނެގިގެން އުޅެނީ ކަމަށްވާނީ!” ޚާލިދު އެކަށީގެންވާ ސަބަބެއް ދެއްކިއެވެ.
”އަދި އެހެން މީހަކުވެސް ދޭތަ އަހަރުމެންނާއެކު!” ރައިހާ އިނީ ހައިރާންވެފައެވެ.
“ކުރިންވެސް ބުނިން ދޮންބެ ގާތު ހިނގާށޭ! އަހަރެން އޮޕްރޭޝަނެއް ކުރާއިރު ޚާލިދު ވަރަށް އާވާނެއޭ ވެސް! އެކަމު ދެވެން ނެތޭ އޭރު ބުނީ! މިއަދު ހެނދުނު ގުޅާފަ ބުނީ ދާނަމޭ!” އަމީރާ އޮޅުން ފިލުވައިދިނެވެ.
ވަގުތުން ރައިހާގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. ބިރުވެރިކަން ހިތަށް ވަދެ ހާސްވާގޮތް ވެސް ވެއްޖެއެވެ. އިތުރު މީހަކު މި ދަތުރުގައި ބައިވެރިވިކަން ޒާހިލްއަށް ނޭނގޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ރައިހާގެ ދޮންބެ ދާކަން ކުރިން ނޭނގެއޭ ބުއްޏަސް ގަބޫލެއް ވެސް ނުކުރާނެއެވެ.
މި ދަތުރުގައި ކަންތައް ދާގޮތަކުން ރައިހާގެ ދެމަފިރިންދޭތެރޭގައި ޖެހިދާނެ މައްސަލައަކާ މެދު ވަރަށް ފުންކޮށް ވިސްނަން ރައިހާއަށް މަޖުބޫރެވެ. ޒާހިލްގެ މިޒާޖު ހުންނަގޮތުންނެވެ.
ރައިހާއަކީ ރާއްޖެތެރޭގެ ރަށެއްގައި އުޅެ ބޮޑުވި އާދައިގެ ޢާއިލާއެއްގެ ކުއްޖެކެވެ. ކިޔަވަން މާލެ އައީ މަންމަގެ ރައްޓެއްސެއްގެ ގޭގައި ހުރެގެން ކިޔަވާނެ ފުރުސަތު ލިބުމުންނެވެ. ރައިހާވީ ހިތްއަލި ކިޔެވުމަށް ޝައުގުހުރެގެން ކިޔެވި މޮޅު ކުއްޖަކަށެވެ. ނަތީޖާއެއްގެ ގޮތުން އޯލެވެލް އަދި އޭލެވެލްގައި ވެސް ރައިހާއަށް ގަދަ ދިހައެއްގެ ކުރީކޮޅުން ޖާގަ ލިބުނެވެ. މައިންބަފައިންގެ އިތުރުން ރައިހާވެސް އެކަމާ ފަޚުރުވެރިވިއެވެ.
ތަޢުލީމީގޮތުން ލިބުނު ނަތިޖާ ރަނގަޅުވުމުން ރައިހާގެ ޢާއިލާއިން ބޭނުންވީ އިތުރަށް ކިޔަވަން ރައިޙާ މާލޭގައި މަޑުކުރުމަށެވެ. އޭލެވެލް ނިމުމަށްފަހު ވިލާކޮލެޖުން ބިޒިނަސް މެނޭޖްމަންޓުން ރައިހާ ކިޔަވަމުން ދިޔަ ދުވަސްވަރެވެ. ޒާހިލްއާ ދިމާވީ ރައްޓެއްސަކާއެކު ކޮފީއަކަށް ގޮސް އިންދާ އެތަނުންނެވެ. ޒާހިލް ފެނުނު ފުރަތަމަ ފަހަރުން ވެސް ރައިހާއަށް ޒާހިލް ކަމުދިޔައެވެ. ޒާހިލް ރީތިވިއެވެ. ހިތް ދެވުނެވެ. ރައިހާގެ ރަޙުމަތްތެރިޔާ މެދުވެރިކޮށް ޒާހިލްއާ ގުޅުން އުފައްދަން ބޭނުންވިއެވެ. އެކަންވީ ވެސް ދާދި ފަސޭހަ ކަމަކަށެވެ.
ރައިހާއަށް، ރައިހާގެ ހިތް ޒާހިލްއަށް ދެވުނުއިރު ޒާހިލް އެއީ ކީއްކުރާ ކާކުކަމެއް ނޭނގެއެވެ. މިޒާޖާ އުޅުމާ ފެންވަރާ ޢާއިލާ އަދި ރަށާ ބެހޭ ގޮތުން ވެސް އެއްވެސް އެއްޗެއް ނޭގެއެވެ. އެހެންކަމުން ރައިހާއަށް ޒާހިލް ދެކެ ލޯބި ވެވުނީ އެއްވެސް ޝަރުތަކާ ނުލައިކަން ޔަގީނެވެ. އެ ދިރިއުޅުމާ ދުރުނުވެވިގެން އުޅޭ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ.
ރައިހާގެ އެކުވެރިޔާ މެދުވެރިކޮށް ޒާހިލްއަށް ފޮނުވި ސަލާމުގެ ބަދަލުގައި ޒާހިލް ބޭނުންވީ ރައިހާގެ ފޯނުނަންބަރެވެ. މާ ބޮޑު ވިސްނާލުމަކާ ނުލާ ރައިހާގެ ފޯނުނަންބަރު ޒާހިލްއަށް ދެވުނީ އޭގެ ކުރިން އެ ނަންބަރ ބޭނުންވެގެން ކިޔޫގައި ތިބި އެތައްބަޔަކު ރޮއްވާލާފައެވެ.
ޒާހިލްއާ ހެދި ރައިހާ މޮޔަވެފަ ހުއްޓަސް ޒާހިލްގެ އެދުމަށް އިންކާރު ކުރި މަދުކަމެއް ހުއްޓެވެ. އެކަހެރިކޮށް އެއްވެސް ތަނަކުން ބައްދަލު ކުރުން އެއީ އެއްކަމެވެ.
ރައިހާ ޒާހިލްމެންގެ ގެއަށް ގެންދިޔަ ފުރަތަމަ ދުވަހު ވެސް ޒާހިލްގެމަންމައަށް ރައިހާ ވަރަށް ކަމުދިޔައެވެ. ރައިހާގެ ފަރާތުން ފެނުނު އޯގާތެރިކަމާ ގެވެހި އުޅުމާ މަޑުމައިތިރި ރީތި އަޚުލާގަކީ ޒާހިލްގެ މަންމަ ޒާހިލްގާތު ރައިހާޔާ ކައިވެނި ކުރަން އަވަސް ކުރުމަށް ބުނި މައިގަނޑު ސަބަބުތަކެވެ.
މަންމަ ކިތަންމެ ވަރަކަށްބުންޏަސް ކައިވެންޏަކީ އެހާ އަވަސްކުރަން ޒާހިލް ބޭނުންވިކަމެއް ނޫނެވެ. ޢާއިލާއެއް ބެލެހެއްޓޭ ވަރުގެ އާމްދަނީއެއް ޒާހިލްއަށް ނުލިބޭކަން އެންމެ ފުރަތަމަ އެނގޭ މީހަކީ ޒާހިލްއެވެ. އެހެންނެކޭ ކިޔާފަ އެކަން ރަނގަޅުކުރާކަށް ވެސް ޒާހިލް ބޭނުމެއް ނުވެއެވެ.
އެހެންނަމަވެސް ތަޤުދީރުގައި ރޭވިފައިވަނީ ކޮންކަހަލަ ރޭވުމެއްކަން އެކަކަށްވެސް ނޭނގި ރައިހާ ހަޔާތަށް ގެންނަން ޒާޙިލްއަށް މަޖުބޫރުވީ މަންމަގެ އޭރުގެ ބަލި ޙާލަތެވެ. އެއްބަނޑު އިތުރު މީހުން ތިއްބަސް ގޭގައި މަންމަ ގާތު އުޅެމުން އައީ ޒާހިލްއެވެ.
އަނެއްކޮޅުން އެދުވަސްކޮޅަކީ ރައިހާ ދިރިއުޅުނު ގޭގައި ވެސް މައްސަލަތަކެއް ދިމާވެގެން އެގެއިން ރައިހާ ވެސް ބަދަލުވާން ޖެހިފައިވާ ދުވަސްކޮޅެކެވެ. އެހެންމީހެއްގެ އެހީއާ ނުލާ ތަނެއް ކުއްޔަށް ހިފޭ ވަރެއްގެ މުސާރައެއް އަދާކުރަމުންދިޔަ ވަޒީފާއަކުން ނުލިބެއެވެ. ކޮޓަރިއެއް ކުއްޔަށް ހިފުނަސް އިތުރު ޚަރަދުތައް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
އަންހެންކުއްޖަކު ހިތްއެދޭފަދަ ހުރިހާ ސިފަތަކެއް ލިބިފައިވާ ޒާހިލްއާ އިންނަން ރައިހާ ހުރީއެތައް ސަބަބަކާ ހެދި ބޭނުންވެފައެވެ. ޒާހިލްއަކީ މާލޭގައި ގެދޮރުހުރި މީހެކެވެ. ޒާހިލްގެ މަންމައަކީ އަމިއްލަ މައިމީހާ ހާ ހެޔޮ އޯގާތެރި މައެކެވެ. ނޭނގެނީ ޒާހިލްގެ އަސްލު އުޅުމެވެ . އެތެރެ ފުށުގެ ސިފަތަކެވެ. ރަނގަޅު ނޫން ސިފައެއް ހުއްޓަސް އެ ކަމެއް ކައިވެއްޏަށްފަހު ރަނގަޅު ކުރެވޭނެކަމަށް ރައިޙާ ގަބޫލުކުރިއެވެ. ދިރއުޅުމުގެ ތަޖުރިބާގެ އިތުރުން ފިރިހެނުން ދަސްވެފައި ހުރިނަމަ ރައިހާ އެ ގޮތަކަށް ނުވިސްނީހެވެ.
ޒާހިލްއާ ކައިވެނި ކުރާކަށް ރައިހާ މަންމަމެން އެހާ ގަބޫލެއް ނޫނެވެ. އެކަމަކު ރައިހާ ދޫނުކުރުމުން މަންމަމެން އެ ގޮތާ ރުހުނީއެވެ.
ކައިވެނީގެ ކުރިކޮޅު ޒާހިލް ވަރަށް ހެވެވެ. ޒާހިލްގެ ފަރާތުން ޝަކުވާއެއް ކުރާކަހަލަ ކަމެއް ދިމާވިޔަސް ސޮރީއޭ ބުނެފިއްޔާ ރައިހާ އެކަން މައްސަލައަކަށް ނަހަދައެވެ. ދެމީހުން ދޭތެރޭގައި މައްސަލައެއް ޖެހޭކަހަލަ އެއްވެސް ކަމެއް ދިމާވެއްޖެއްޔާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އަބަދު ވެސް ރައިހާ އައީ ބުނަމުންނެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ދެމީހުންގެ ދިރިއުޅުން ފާގަތި ދިރިއުޅުމަކަށް ހަދަން ބޭނުންވާތީ ރައިހާ ހުރީ ރުހިގެންނެނެވެ.
ކައިވެއްޏަށް ގިނަ ދުވަސްވި ވަރަކަށް ޒާހިލްގެ ފަރާތުން ދެކެން ބޭނުން ނޫން ކިތަންމެ މަންޒަރެއް ފެންނަން ފެށިއެވެ. އިވެން ބޭނުންނުވާ ކިތަންމެ އަޑެއް އިވުން އާދަވާން ފެށިއެވެ. ޒާހިލްގެ ފުށުން ހިނގާ ނުރަނގަޅުކަންތަކުގެ ޒިންމާ ވެސް ރައިހާ ނަގަންޖެހުނެވެ. ދުވަހަކު ވެސް ޒާހިލް ކުށްވެރިއެއް ނުވާނެއެވެ. އަބަދުވެސް ކުށް ކުރެވެނީ ރައިހާއަށެވެ. ޒާހިލް ކޮންމެ ފަދަ ކަމެއް ކުރިއަސް އެކަމަކާ ރައިހާ ހިތްހަމަ ނުޖެހުނަސް މަޢާފަށް އެދެން ޖެހެނީ ވެސް ރައިހާއެވެ.
ދެމީހުންގެ ދެމެދު ހިނގާ ކޫސަނި ކަންތަކާ ސީރިއަސް ކަންތައް ވެސް ބައެއްފަހަރު ޒާހިލްގެ އެކުވެރިންނަށް އެނގެއެވެ. އެއީ ރައިހާ ވަރަށް ލަދު ގަންނަކަމެކެވެ. އެގޮތަށް ދެމީހުންގެ ދޭތެރެ ހިނގާ ކަންތަކުގެ ވާހަކަ އެހެންމީހުން ގާތު ނުބުނަން ރައިހާ ކިތަންމެ ވަރަކަށް ވެސް ބުނެއެވެ. އެވާހަކަ ދައްކާތީ ވެސް ޒާހިލް ރުޅިއާދެއެވެ.
ރައިހާއަށް ލިބޭ މުސާރައަކީ ޒާހިލްގެ ހައްޤެކެވެ. އެއަށް ހަދާނެ ގޮތަކާ ގަންނާނެ އެއްޗެހި ވެސް އެނގެނީ ޒާހިލްއަށެވެ. ޒާހިލްއާ އިނުމުގެ ކުރިން ކޮންމެ މަހަކު މުސާރަ ނަގާފަ މައިންބަފައިންނަށް ވަކި ވަރަކަށް ރައިހާ ލާރި ފޮނުވައެވެ. އެކަމަކު ކައިވެނިކުރުމަށްފަހު އެންމެ ދެތިން މަހަކު ފިޔަވާ އެ ލާރިކޮޅު ވެސް މަންމަ މެނަށް އޮތީ ނުފޮނުވިއެވެ. މަންމަ މެނަށް ލާރި ފޮނުވިތޯ އަހާ ހިސާބުން ޒާހިލް ދެން އަނގައިން ބުނާނީ ދެތިން ދުވަސް ފަހުންނެވެ. ހުންނާނީ މޫނު ކުނިކޮށްގެންނެވެ.
ކައިވެންޏަށް މަހެއްވެސް ނުވަނީސް ފުރަތަމަ ދަރިފުޅު އައިނާއަށް ރައިހާ ބަލިވެ އިނެވެ. ޒާހިލް އެކަމާ އުފާ ނުވެއެކޭ ނުބުނެވޭނެއެވެ. މައިދައިތަ ހީވަނީ ދުނިޔެ އެފުށް މިފުށަށް ޖަހާލަން އުޅޭހެންނެވެ. އުފަލުން ހީވާނީ އުދުހިގަންނަން އުޅޭހެންނެވެ. ދަރިއަކު ވިހަން ތައްޔާރު ނުވެ ހުރި ރައިހާ ހިތް ހަމަ ޖައްސައިލީ ޒާހިލްގެ އުޅުމަށް ބަދަލުތަކެއް އައިސް މީހާ ހަރުދަނާ ޒިންމާ ދާރު މީހަކަށް ވެދާނެ ކަމުގެ ފޮނި އުންމީދުތަކުންނެވެ. އެހެންނަމަވެސް ރައިހާ އަށް ކުރެވުނީ ކުލަ ނުޖެހުނު އުންމީދުތަކެކެވެ. މައިދައިތަ ކިތަންމެ ހެވަސް ޒާހިލްގެ ކަންތައް ހުންނަ ގޮތުން ރައިހާއަށް ހިތްދަތިކަން ލިބެއެވެ. ދެރަވެ ވިސްނަން އިންނަން މަޖުބޫރުވެއެވެ. ޚިޔާލުތަކާ ފިކުރުތަކުން ދުރުވުމަށް އަނެއްކާވެސް އުންމީދުގެ ވާފަށް އަތުގައި އޮޅާލައެވެ.
ރައިހާ ދެވަނަ ދަރިފުޅު އަޔާދުއަށް ބަލިވެ އިނީ އައިނާގެ އުމުރުން ދިހަމަހަށް އޮތްވައެވެ. އުމުރުން ބާވީސް އަހަރު ނުފުރެނީސް ދެކުދިންގެ މަންމައަކަށް ވަނީއެވެ. އެއީ އެއްގޮތަކަށް ވެސް ރައިހާ ބޭނުންވި ގޮތެއް ނޫނެވެ. ބަލިވެ އިން ވާހަކަ ރައިހާ ޒާހިލް ގާތު ދެއްކުމުން ޒާހިލް ދިން ޖަވާބު މިހާރުވެސް އިއްޔެ ދެއްކި ވާހަކައެއް ހެން ރައިހާ ހަނދާން އެބަހުއްޓެވެ.
”ދެން މަށާ ދުރުގަ އުޅުނީމަ ވީނު! އޭރުން ދަރިންނެއް ނުލިބޭނެނު!”
ޒާހިލްގެ އޯގާތެރި އެންމެ ޖުމުލްއަކަށް ވެސް އެދެވުން އެއީ ރައިހާގެ މޮޔަކަމެވެ. މިހާއަވަހަށް ދެވަނަ ދަރިއަކަށް ބަލިވެ އިނުމުން ނަފުސާނީގޮތުން ވެސް ރައިހާ ވަނީ ބަލިކަށިވެފައެވެ. އެހެންނަމަވެސް ޙަޤީގަތާ ކުރިމަތި ލުމުގެ ހިތްވަރު ރައިހާގެ ހުއްޓެވެ.
ޚިޔާލީ ދުނިޔެއިން ރައިހާ ހޭލައްވައިލީ އަމީރާ ގޮވައިލުމުންނެވެ.
“ރައިހާ! ސާބަހޭ! ކޮން ދުނިޔެއެއްގަތަ!”
“އަހަ… އަހަރެން! ހަމމމމމ! ކީކޭ! ދާންވީތަ!” ރައިހާގެ ޖަވާބު އަޑު އިވުމުގެ ކުރިން ވެސް އަމީރާ ހުރީ ރައިހާގެ ކުލަ ފަނޑުވެފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ރައިހާގެ ހާލަތު އޭނަގެ ދުލުން އެއްވެސް ވަރަކަށް ކިޔައިދޭ ފަރާތަކީ ހަމަ އެކަނި އަމީރާއެވެ. އެވެސް މަދު ފަހަރަކުއެވެ.
”ޒާހިލް ނުގުޅާތަ! ފުރުމުގެކުރިން ކުދިންނާ ވާހަކަ ދައްކާލަންވާނެ އިނގޭ! އެކޮޅަށް ގޮސް ސިމެއް ލިބެން ވަގުތު ނަގާނެ!”
އަމީރާއަކީ ރައިހާގެ އެކުވެރިއަކަށްވުރެ ބޮޑަށް ދައްތައެކޭ ބުންޏަސް ދޮގަކަށްނުވާނެވެ. ގިނަފަހަރަށް ރައިހާގެ ހާލަތު ރައިހާގެ އަނގައިން ނުބުނަނީސް އަމީރާ ދަނެގަނެއެވެ. މި ވެސް ވާނީ އެކަހަލަ ފަހަރަކަށެވެ.
ޗެކިންގ ނިމުމުން ވެސް ޒާހިލްއަށް ރައިހާ ދެފަހަރަކު ގުޅައިލިއެވެ. ޖަވާބެއް ނުލިބުނެވެ. އަނެއްކާވެސް ގުޅަންވީއެވެ. އަތްދަބަސް ނަގަމުން އޭގައި އޮތް ފޯނު އަތަށް ނަގައިގެން ހިނގައިގަތް ރައިހާ ތިންވަނަ ފަހަރަކު ވެސް ފިރިމީހާއަށް ގުޅައިލިއެވެ. އޭރު ބޯޓަށް އެރުމަށް ގޭޓުން އެންމެން ނިކުމެއްޖެއެވެ.
ރައިހާ ދެން ގުޅީ އާދައިގެ މަތިން މައިދައިތައަށެވެ. ކުދިން ތިބީ އެ ފޯނުގެ އިންތިޒާރުގައި ފަދައެވެ. ފޯނު ނެގީ ވެސް އައިނާއެވެ.
”ދަރިފުޅު! ކޮބާ ކޮއްކޮ! ކޮބާ މާމަ!” އެއްފަހަރާ ދެ ސުވާލު ރައިހާގެ އަނގައިން ބޭރު ވިއެވެ.
”މާމަވީ ފާޚާނާގައި! ކޮއްކޮ އެބައިން މިތާ ކައިރީ!”
އައިނާއަކީ އުމުރާއަޅާބަލާއިރު ޒިންމާދާރު ކުއްޖެކެވެ. އުޅެން ޖެހޭ ގޮތުން ކަމަށް ވެސް ވެދާނެއެވެ.
”އެހެންތަ! ދަރިފުޅު މަންމަ އަންނަން ދެން ކޮއްކޮ ރަނގަޅަށް ބަލާތި އިނގެ! މާމައަށް ހެލްޕް ވެދޭތި! މާމަ ނުލާހިކު މުސްކުޅިއެއްނު ދޯ!”
ރައިހާ ބޭނުންވީ ދަރިފުޅުގާތު މިވަގުތު ވެސް އަޔާދުއަށް ރަނގަޅަށް ބަލަން ހަނދާންކޮށްދިނުމަށެވެ!
”ދަރިފުޅު ރަނގަޅަށް ކާތި! ކޮއްކޮ ވެސް ކައިތޯ ބަލާތި އިނގޭ! ކޮބާ ބައްޕަ!”
ނާހަން ހުރި ސުވާލު ވެސް ކެތް ނުކުރެވިގެން ރައިހާ އެހިއެވެ.
(ނުނިމޭ)
ޚިޔާލުތައް