A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 2

އެކުގައި ވާން ކުރަމެ ހުވާ -ޝާހީން މުޙައްމަދު

ދެވަނަ ބައި

“ދަރިފުޅު މަންމަ އަންނަން ދެން ކޮއްކޮ ރަނގަޅަށް ބަލާތި އިނގެ! މާމައަށް ހެލްޕް ވެދޭތި! މާމަ ނުލާހިކު މުސްކުޅިއެއްނު ދޯ!”

ރައިހާ ބޭނުންވީ ދަރިފުޅުގާތު މިވަގުތު ވެސް އަޔާދުއަށް ރަނގަޅަށް ބަލަން ހަނދާންކޮށްދިނުމަށެވެ!

”ދަރިފުޅު ރަނގަޅަށް ކާތި! ކޮއްކޮ ވެސް ކައިތޯ ބަލާތި އިނގޭ! ކޮބާ ބައްޕަ!”

ނާހަން ހުރި ސުވާލު ވެސް ކެތް ނުކުރެވިގެން ރައިހާ އެހިއެވެ.

“ބައްޕަ ވީ ބޭރަށް ގޮސް! ފޯނު އެބައޮތް ޑްރެސިންގޓޭބަލް މަތީގަ! ……….. މަންމާ! ކޮއްކޮމެންނަށް ފުރުޓުސް ގެންނައްޗޭ އިނގޭ!”

އައިނާ އެންމެ ކާހިތުން އުޅެނީ ސްޓޯބެރީއެވެ. އައިނާގެ ތުއްތު އަޑުން ކަމަކަށް އެދުނީތީ ރައިހާގެ ހިތް ލޯބިން ފުރިގެންއައެވެ.

“އިރާދަ ކުރެއްވިއްޔާ ގެންނާނަން! މާމައަށް ސަލާމް ބުނާތި! ބުނާތި މަންމަ ބުންޏޭ އެކޮޅަށް ގޮސް ސިމެއް ލިބުނުހާ އަވަހަކަށް ގުޅާނަމޭ! ކޮއްކޮއަށް ގޮވާލަ ބަލަ!”

އަޔާދުއާ ވެސް ރައިހާ ވާހަކަ ދެއްކިއެވެ. އެއަށްފަހު ދެން ފޯނު ނިއްވައިލިއެވެ.

ބޯޓަށް އަރާ ސީޓްބެލްޓް އެޅިއިރު ވެސް އަމިއްލަ ފިރިމީހާއަށް ރައިހާ ޚާއްސަ ނޫންވަރު ހިތަށް އެރުމުން ރައިހާ ދެރަވެ ހިތުގައި ޖެހުނެވެ. ރައިހާ އަކީ ގައުމުން ބޭރަށް ދުވަހަކު ވެސް ދަތުރު ކުރި މީހެއް ނޫނެވެ. އެކަމާވެސް ރައިހާ ހުރީ ނުލާހިކު ބިރުންނެވެ.

ޔޫރިން މައްސަލައަކީ އަބަދުވެސް ރައިހާއަށް ދިމާވެފައި އޮންނަ އުނދަގޫ މައްސަލައެކެވެ. ރާއްޖެއިން ވެސް އެތައްފަހަރަކު ޑޮކުޓަރަށް ދައްކާ ފަރުވާ ވެސް ހޯދިއްޖެއެވެ. ރަނގަޅެއް ނުވިއެވެ. އެހެންކަމުން އަމީރާމެންނާއެކު މިދަތުރު ރާއްޖެއިން ބޭރަށް ގޮސް ބޭސްކުރަން ބޭނުންވާތީ އެ ވާހަކަ ޒާހިލް ގާތު ދެއްކި ދުވަހު ވެސް ފުރަތަމަ ވެސް ދިން ޖަވާބަކީ ލާރި ނެތް ވާހަކައެވެ.

“މަ ކޮންތާކުން ތިހާވަރަށް ލާރި ހޯދަނީ!” ޒާހިލް ދިނީ ރުންކުރު ޖަވާބެކެވެ.

ލިބުނު ޖަވާބުން ހިތަށް އުނދަގޫވި ވަރުން އެއްޗެއްނުބުނެ އިރުކޮޅެއް ވުމަށްފަހު ރައިހާ ވާހަކަދެއްކިއެވެ.

“އަމީރާ ބުނި ޓިކެޓާ ކޮޓަރި ކުލި އެކަނި ދިނީމަ އޯކޭ އޭ! ބާކީބައި ތިމަންނަ ހަމަ ޖައްސައިދޭނަމޭ!” އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒާހިލް އަނގައިން ނުބުނުމުން އަނެއްކާ ވެސް ރައިހާ ކުރިއަށް ގެންދިޔައެވެ.

އަހަރެން އެކަނި ދާންވީމަ ބިރުގަންނަނީ! ޒާހިލް ހޯދާނީ ޒާހިލްގެ ޓިކެޓް ލާރި! އޭރުން އެ ނިމުނީނު!”

“ވިސްނާނަން ތިކަމާ!” ޒާހިލް ދިނީ ކުރު ޖަވާބެކެވެ.

ޓިކެޓް ނަގަން ވެގެން އަމީރާ ގުޅީ ރައިހާއަށެވެ. ރައިހާގެ ޓިކެޓް ފައިސާ ހަމަކުރުމަށްފަހު ޒާހިލް ގާތު ޓިކެޓް ނަގަން ލާރި ގެނެސްދޭށޭ އަމީރާ ބުންޏޭ ބުނީމަ އަޑު އިވުނު ކަމަށް ވެސް ނެހެދިއެވެ. ދެވަނަ ފަހަރު ރައިހާ ބުނުމުން ޒާހިލް ލޯއަޅާލުމާއެކު ބުނީ ރައިހާ ޓިކެޓް ނެގުމަށެވެ. އަދި ޒާހިލްގެ ޓިކެޓް ފައިސާ ފަހުން ރައިހާއަށް ދޭނެ ކަމަށެވެ. އެ ޖަވާބު އަޑު އިވުމުން ޒާހިލްގެ ހުރި ޒިންމާދާރުކަން ކުޑަވަރު ހިތަށް އެރުމުން މައިން ބަފައިން ޒާހިލްއާ އިންނަން ގަބޫލުނުވީ މިފަދަ ސިފަތައް ހުރީމާކަން ރައިހާއަށް އެނގުނެވެ.

ހިތުގަ ޖެހުނު ވަރުން އިތުރަކަށް ވާހަކައެއް ވެސް ރައިހާ އަކަށް ނުދެއްކުނެވެ. ޓިކެޓް ފައިސާ ގެން ގޮސް އަމީރާ އަތަށް ދެމުން ރައިހާ ބުނީ ދަނީ ރައިހާ އެކަނިކަމަށެވެ. އަމިއްލަ ފިރިމީހާގެ ހުރި މިފަދަ އުނި ސިފަތަކެއްގެ ވާހަކަ އެހެން ބައެއްގެ ގާތު ބުނެވޭނީ ވެސް ކިހިނެއްހެއްޔެވެ!

ދެލޯ މަރާލައިގެން އިން ރައިހާގެ ދެލޮލުން ފޭބި ކަރުނަ ތިކި ސިއްރު ސިއްރުން ފޮހެލިއެވެ. ރައިހާގެ ނަސީބުގެ ދެރަކަމާހެދި އަބަދުވެސް މި ގޮތަށް އެހެން މީހުންނަށް ސިއްރުން ކަރުނަ އޮއްސާލުމުން ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދެއެވެ. އެހެންކަމުން މިއީ މި ފަހަކަށް އައިސް ރައިހާއަށް އާ ކަމެއްވެސް ނޫނެވެ.

ފްލައިޓުގައި ރައިހާ އިށީނދެގެން އިން ސީޓުގެ އެއްފަރާތުގައި އިނީ ދިވެއްސެއް ނޫނެވެ. އަނެއް ފަރާތުގައި އިނީ ދިވެއްސެކެވެ. އެކަމަކު ކާކުކަމެއް ނޭނގެއެވެ. އެމީހުން އަރާ އިށީނީ ރައިހާއަށްވުރެ ކުރިންނެވެ.

މިއީ ރައިހާ ފްލައިޓެއްގައި ކުރާ ފުރަތަމަ ދަތުރެވެ. އެހެންކަމުން އިނީވެސް ނުލާހިކު ބިރުންނެވެ. ދެލޯ މަރާ ބާރުކޮށްގެން ދަތުރު ދުޢާ ކިޔާލަ ކިޔާލާ އިނެވެ. ފުލައިޓް މައްޗަށް އެރިވަރަކަށް ރައިހާގެ ބިރު ދިޔައީ ބޮޑުވަމުންނެވެ. ބޭރުން ހާމަ އުޑުފެންނަން އޮތުމުން ދެވަނަ ފަހަރަކު ވެސް ބޭރު ބަލައިނުލައެވެ. ފްލައިޓްގައި ރައިހާ ނޫނީ ދެން ތިބި އެއްވެސް މީހެއްގެ މޫނުމަތިން ބިރުގަނެ ހާސްވެފައިވާ ކަމުގެ އަލާމާތެއް ރައިހާއަކަށް ނުފެނެއެވެ.

ރައިހާގެ އަރިމަތީ ހުރި ސީޓްގައި އިން އަމީރާ ވެސް އިނީ ޚާލިދުގެ ކޮނޑުގައި ބޯއަޅާލައިގެން ދެލޯ މަރާލައިގެންހެން ހީވެއެވެ. ހީވަނީ ނިދިފައި އިންހެންނެވެ. އަމީރާގެ އެއް އަތް އޮތީ ޚާލިދުގެ އުނގުގައެވެ. ޚާލިދު އިނީ  އެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރަޙުމަތްތެރިޔާގެ ނަސީބާމެދު ރައިހާ އުފާވިއެވެ.

ދަތުރު ކުރުކޮށްލުމުގެ ބޭނުމުގައި ކުރިމަތީ ހުރި ސީޓުގެ ފަހަތުގައި ހުރި ޖީބުގައި ފޮތެއް އޮތްތަން ފެނުމުން ނަގައިގެން ކިޔޭތޯ ވެސް ރައިހާ މަސައްކަތް ކުރިއެވެ. ޝައުގެއް ނެތުމުން ފޮތް އަނބުރާ ބޭއްވީއެވެ.

ދަތުރުގެ މެދަކާހަމައިން މޫސުން ގޯސްކޮށް އުޅޭ ވާހަކަ ބޯޓްގެ ކެޕްޓަން ބުނުމުން ރައިހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ދަސް ހުރި ހުރިހާ ހެޔޮ އެއްޗެއް ކިޔުމުގައިއމަޝްޣުލު ވެވުނެވެ. އެހެންނަމަވެސް އެހެން އިނދެވުނީ އިރުކޮޅަކުއެވެ. ވަރުގަދަ ވިލާގަނޑެއްގައި ބޯޓު ޖެހުމުން ބޯޓަށް އެރި ލޮޅުމުގައި ރައިހާގެ އަނގައިން ބޭއިޚުތިޔާރުގައި އަޑެއް ވެސް ލައްވާ ލެވުނެވެ. އުނގުގައި އޮތް ދަބަހުގައި ހިފަހައްޓައިގެން އިން އަތް ނޫން އަނެއް އަތުން ޖެހިގެން އިން ދިވެހި މީހާގެ ފައިގެ ފަލަ މަސްގަނޑުގައި ބާރަކަށް ހިފަހައްޓާލެވުނެވެ. ބޯޓަށް އައި ލޮޅުން ހަމައަކަށް އެޅި ކަންތައް ވުމުން އެމީހާގެ އަޑު އިވުމުން ރައިހާ ބަލައިލިއެވެ.

“ދެން ދޫކޮށްލާ! ތަދުވޭ އެބަ!”

ރައިހާ ބަލައިލީ އެ މީހާގެ މޫނަށް ބަލައިލީ އެބުނި އެއްޗެއް ނޭނގިގެންނެވެ. އެމީހާ އިނީ ލާނެއްގޮތަކަށް ރައިހާއަށް ބަލަހައްޓައިގެންނެވެ. ރައިހާގެ މޫނުމަތިން ފެނުނު ހައިރާންކަމުން އެމީހާއަށް އެނގުނީކަންނޭނގެއެވެ. އެމީހާ ލޮލުން އިޝާރާތް ކުރީ ރައިހާ ހިފަހައްޓައިގެން އިން އެމީހާގެ ފަލަ މަސްގަނޑާ ދިމާއަށެވެ. އެމީހާގެ ލޮލުގެ އިޝާރާތާއެކު ރައިހާގެ ނަޒަރު ވެސް ދަތުރުކުރިއެވެ. ރައިހާއަށް ކުރެވުނީ ކީއްކަން އެނގުނު ވަގުތު ލަދުން މީހާގެ މޫނު ރަތްވެގެން ދިޔައެވެ.

“އޯހް! ސޮރީ!” ރައިހާ އަތް ދުރަށް ލިއެވެ.

“އަލަށްތަ ދަތުރު ތިކުރަނީ!” އެމީހާ ކުރި ސުވާލަށް ރައިހާ ބޯޖަހައިލިއެވެ.

“މޫސުން ކުޑަކޮށް ގޯސްކޮށް އުޅެނީ!” ދެންވެސް ވާހަކަ ދެއްކީ އެމީހާއެވެ. ރައިހާ ދެން އިތުރަކަށް އަޅައެއް ނުލިއެވެ.  ހަނދާންވީ އަމިއްލަ ދަރިންކޮޅު މަތިންނެވެ.

ކަނޑައެޅިފައިވާ ވަގުތަށް ބޯޓު ޓްރިވެންޑްރަމް އެއަރޕޯޓުގައި ޖެއްސުމުން އެމިގްރޭޝަނުން ނިމިގެން އެންމެން ވެސް އަވަސްވެގަތީ ލަގޭޖްސް ބަލާ ބެލްޓް ކައިރިއަށް ދިއުމަށެވެ. އަމީރާއާއި ޚާލިދާއެކު ރައިހާ ވެސް ހިނގަމުން ދިޔައެވެ. ބެލްޓް ކައިރީ ހުއްޓުނު އަމީރާ ގާތު ރައިހާ ހުއްޓުމުން ލަގޭޖްސްތައް ޓްރޮލީއަށް ލީ ޚާލިދާއި އެހެންމީހެކެވެ.

ޓްރޮލީތައް ދަމަމުން ނިކުންނަން ހިނގައިގެންފައި އަމީރާ އެނބުރުނީ ރައިހާ އާއި ދިމާއަށެވެ.

“ރައި! ހަނދާން ނެތިފައޭ މިހިރީ! މއީ އަހަރެންގެ ދޮންބެ އިނގޭ!، ދޮންބޭ މިއީ އަހަރެންގެ ބެސްޓީ ރައި!” އަމީރާ ރައިހާއަށް އަމީރާގެ ދޮންބެ ތަޢާރަފު ކޮށްދިނެވެ.

“ހައި! އާމިރު!” ރައިހާއާ ދިމާއަށް ސަލާމަށް އަތް ދިއްކުރަމުން އާމިރު ބުންޏެވެ.

“އަމީގެ ބެސްޓީ ވިޔަސް އަހަންނަށް ދޮންބެ ނުކިޔާތި!” އާމިރު ލާނެއް ވެލުމުން އެންމެންނަށް ވެސް ހީނގަނެވުނެވެ.

އެމީހުން ތިބެން ހަމަ ޖެހިފައިވަނީ އެޖެންޓް ހޯދައި ދިން ހޮޓަލެއްގައެވެ. ދުވަސްވަރަކީ ރާއްޖޭގެ ކިޔަވާކުދިންނަށް ބޮޑު ޗުއްޓީ ދުވަސްވަރެވެ. އެހެންކަމުން ޓްރިވެންޑްރަމްގެ ހޮޓާތަކާ ގެސްޓްހައުސްތައް އޮންނާނީ ދިވެހިންތަކުން ފުރިފައެވެ.

ތިން ރޫމް ލިބުނީ ދެ ހޮޓަލަކުންކަމަށް އެޖެންޓް ބުނީ ދަތުރުގެ ވަކިހިސާބަކުންނެވެ. އެކަމާ ޚާލިދު ވަރަށް ހިތް ހަމަ ނުޖެހުނެވެ.

އެކަމަކުވެސް މިވަގުތު މިވަރު ވެސް ވީތީ ޝުކުރު ކުރަންވާނެ ކަމަށް އެޖެންޓް ބުންޏެވެ. ހޮޓެލް ރޫބީއެރީނާ އަކީ ފެންވަރު ރަނގަޅު ހޮޓަލެކެވެ. ދެ ރޫމް ލިބުނުތަން ވެސް ގޯހެއް ނޫނެވެ. އަމީރާ ބޭނުންވީ އާމިރު ހޮޓެލް ރޫބީގައި މަޑުކުރުމަށެވެ. އެއީ ރައިހާ އެކަނި ނުކުރަން ވެގެންނެވެ. އެހެންނަމަވެސް ރައިހާއަށްޓަކައި އެދެމަފިރިންނަށް އުދަނގުލަކަށް ވާކަށް ރައިހާ ނޭދެއެވެ. ހޮޓެލް ރޫބީއެރީނާގައި ޚާލިދުގެ ދެމަފިރިން ތިބުމަށް ރައިހާ އެދުނެވެ. ޚާލިދު ވެސް އާމިރު ވެސް ބޭނުންވީ އެގޮތެވެ.

ކޮންމެ ގޮތެއްވިޔަސް އާމިރާއި ރައިހާ ދިޔަ ހޮޓަލުން ހިނގާލާފައި ދިހަވަރަކަށް މިނިޓުން ރޫބީއެރީނާއަށް ދެވޭތީ އެއީ މާބޮޑު މައްސަލައަކަށް ނުވިއެވެ.

ކައިގެން ރައިހާމެން ހޮޓަލަށްދާން ހިނގައިގަތުމުން އާމިރަށް ގޮވައި ގެނެސްގެން ރައިހާއަށް ރަނގަޅަށް ބެލުމަށް އަމީރާ އޭނަގެ ދޮންބެ ގާތު އެދުނެވެ. ރައިހާ ރާއްޖެއިން ބޭރަށް ވަރަށް އާވާނެކަމަށާ އެއްވެސް ކަމެއް ބޭނުންވެގެން ބުނެފިއްޔާ ކޮށްދޭން ނުވަތަ އަމީރާއަށް އަނގަން އަމީރާ ބުންޏެވެ.

”ރައި ރާއްޖެއިން ބޭރަށް އެއައީ އަލަށް! އެހެންވީމަ އެހެންމީހެއްގެ އެހީތެރިކަން ވަރަށް ބޭނުންވާނެ! ރައި ހުންނާނީ ވެސް ވަރަށް ބިރުން! ދޮންބެ ރަނގަޅަށް ބަލާތި! ބުނާތި ކަމެއް ބޭނުންވެއްޖިއްޔާ ލަދުން ނުހުރެ ބުނާށޭ!….. އަދި އެހެން ބުންޏަސް ރައި ނުވެސް ބުނާނެ!”

އަމިރާ ރައިހާއާ ދޭތެރޭ ކަންބޮޑުވި ވަރުން އެ ދެމެދުގައި އޮތް ސާފު ގުޅުން އާމިރަށް އެނގިގެން ދިޔައެވެ.

އެވަގުތަކީ ރޭގަނޑުގެ ދިހައެއްގެ ފަސް ކަމަށްވުމުން މަގުމަތިން ދުއްވާ ތަކެތި މަދަސް މަގުމަތި ފެންނަނީ އަމާންކޮށެއް ނޫނެވެ. އެކަމަކު ހިނގާފައި ދިޔަ އާމިރު ހުރީ ރައިހާއާ ދާދި ގާތުގައެވެ. އާމިރު ހުންނަލެއް ކައިރިކަމުން ރައިހާއަށް ބައެއްފަހަރު އުދަނގޫ ވެސް ވެއެވެ. އުދަނގޫވިޔަސް ރައްކާތެރިކަން އެއަށްވުރެ މުހިންމު ވީމާ އާމިރު އެއީ މިވަގުތަށް ލެއްވި ނަސީބެއްކަމަށް ބަލާ މަޑުން ހުރީއެވެ. ގެއާ ހަމައަށް ފޯރަންދެން ވެސް އެކަކުވެސް އަނގައަކުން ނުބުނެއެވެ.

ތިބޭ ހޮޓަލުގެ ގޭޓުން ވަންއިރު ދިވެހިން މިދުވަސްވަރު ގައުމުން ބޭރަށް ދަތުރުކުރާ މިންވަރު އެނގުނެވެ. ހޮޓަލުގެ ސިޓިންގރޫމުގައި އިށީނދެގެންނާ ކޮޅަށް ވެސް އެހެން ގައުމެއްގެ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ.

ރައިހާ ފެނުމުން އެންމެގެ ލޮލުގެ އަމާޒަކަށް ރައިހާ ވީތަން ވައްކަޅިން މާހައުލަށް ނަޒަރު ހިންގައިލި ރައިހާއަށް ފެނުނެވެ. ކަންބޮޑުވެގެން ހަދާނެ ގޮތެއް ނޭނގުމުން ރައިހާއަށް ވަދެވުނީ އާމިރުގެ ފުރަގަހަށެވެ. މިފަހަރު ވެސް އާމިރު ހުރުމުން ރައިހާއަށް ރައްކާތެރިކަން އިޙުސާސްވިއެވެ.

ބާރަށް ހިނގާފައި ދިޔަ ދެ ޒުވާނުން ސިޓިންގރޫމް ފަސްދީ ގޮސް ވަނީ ލިފުޓަށެވެ. ދެމީހުން އެކަނި ވުމުން އަނެއްކާ ވެސް ރައިހާ ލަދުގަތެވެ.

”ރައިހާ އަލަށްތަ ގައުމުން ބޭރަށް ތިއައީ!” އާމިރު އަހަން ބޭނުންވި ސުވާލު އެހީ ރައިހާގެ މޫނަށް ކަޅި ހުއްޓާލައިގެން ހުރެއެވެ.

“ކުރިން ވެސް އެހިންދޯ ތި ސުވާލު!”

(ނުނިމޭ)

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !