A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 3

އެކުގައި ވާން ކުރަމެ ހުވާ -ޝާހީން މުޙައްމަދު

ތިންވަނަ ބައި

ބާރަށް ހިނގާފައި ދިޔަ ދެ ޒުވާނުން ސިޓިންގރޫމް ފަސްދީ ގޮސް ވަނީ ލިފުޓަށެވެ. ދެމީހުން އެކަނި ވުމުން އަނެއްކާ ވެސް ރައިހާ ލަދުގަތެވެ.

”ރައިހާ އަލަށްތަ ގައުމުން ބޭރަށް ތިއައީ!”

އާމިރު އަހަން ބޭނުންވި ސުވާލު އެހީ ރައިހާގެ މޫނަށް ކަޅި ހުއްޓާލައިގެން ހުރެއެވެ.

“ކުރިން ވެސް އެހިންދޯ ތި ސުވާލު!”

ރައިހާ ވެސް ޖަވާބު ދިނީ އާމިރުގެ މޫނަށް ބަލާލުމަށްފަހު އިސް ޖަހާލަމުންނެވެ.

“އެފަހަރު ވެސް ޖަވާބު ނުދެމެންނު! އެހެންވެ! ރައި މާބޮޑަށް ބިރުން އުޅޭހެން ހީވާތީ އަހާލެވުނީ! ދެން ނާހާނަން!”

އާމިރުގެ ވާހަކަ އަޑު އިވުމުން ރައިހާއަށް ކުށްވެރިކަމުގެ އިޙުސާސް ކުރެވުނެވެ. ހާދަ ފޮނި މީހެކޭ އާމިރު ހީކޮށްފާނެތީ ދެރަވެސް ވިއެވެ.

“ދެން އަހާކަށް ނުވެސް ޖައްސާނަން! …….. އަހަރެން ހަމަ މުޅިން އަލަށް ރާއްޖެއިން ބޭރަށް މި އައީ! މިއީ އަހަރެންގެ ފުރަތަމަ ދަތުރު! މި ދަތުރު އަހަރެން މި ކުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އާއިލާއާ އެކު! …… އޯކޭ؟”

ރައިހާ ޖަވާބުދިން ގޮތުން އަދި ވާހަކަ ދެއްކި ރާގުން އާމިރަށް ހީނލެވުނެވެ. އާމިރުގެ ހުނުމުގެ އަޑު އިވުމުން ބޭއިޚުތިޔާރުގައި ރައހާއަށް އިސްއުފުލާ ބެލައިލެވުނީ އާމިރުގެ މޫނަށެވެ. އެވަގުތު އާމިރު ވެސް ހުރީ ރައިހާގެ މޫނަށް ބަލަން ކަމުން ދާދި ގާތުގައި ތިބެގެން ދެމީހުންގެ ނަޒަރު ފަޅި ސިކުންތަކަށް ބައްދަލުވިއެވެ.

ރައިހާ އިސް ޖަހާލުމުން ވެސް އާމިރަށް ހުރެވުނީ މުށިކުލައިގެ އެދެލޮލުގެ ވެރި އަންހެންކުއްޖާއަށް ބަލަހައްޓައިގެންނެވެ.

ލިފްޓް ގޮސް ފަސްވަނަ ފަންގެފިލައަށް މަޑުކޮށްލުމުން ދެމީހުން ހިނގައިގަތީ އެމީހެއްގެ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރިއަށް ވަނުމުގެ ކުރިން ރައިހާ އަހަން ބޭނުން އިތުރު ވާހަކައެއް އޮތުމުން ކަރުކެހިލާފައި ސުވާލުކުރަން ތައްޔާރުވިއެވެ.

އެވަގުތަކީ އާމިރު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އެޅި ފިޔަވަޅާއެކު އެނބުރި ރައިހާ ކޮބައިތޯ ބަލައިލި ވަގުތު ވެސް މެއެވެ.

“މާދަމާ އަހަރެމެނަށް ސިމް ލިބޭނެތަ!”

ރައިހާ ހުރީ ކުދިންގެ ޚަބަރެއް ނޭނގޭތީ ވަރަށް ކަނބޮޑުވެފައެވެ.

“ކާކަށް ނުގުޅިގެން ތިހާވަރުން ސިމް ތިހޯދަނީ!”

ސަމާސާ ރާގުގައި އާމިރު ކުރި ސުވާލުން ރައިހާގެ ހިތް ގެނބިގެންދިޔައެވެ.

“ކުދިންނަށް!….. އަހަރެންގެ ކުދިންނަށް!”

ރައިހާގެ އަޑު އައީ ވަރަށް މަޑުންނެވެ. އެއަޑުގައިވަނީ ކަންބޮޑުވުމެވެ.

“ރައިހާގެ ކުދިން ވެސް ތިބޭތަ!”

ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގި ހުރެފައި ވެސް އާމިރު ބޭނުންވީ ޔަގީން ކޮށްލާށެވެ. ކުދިންގެ ވާހަކަ ބުނި އިރު ރައިހާގެ އަޑުން ފާޅުވީ މޮޅިވެރިކަމުން އެއީ ތެދެއްކަން އެނގޭއިރު ވެސް މެއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ރައިހާ ވަނީ ކޮޓަރިއަށެވެ. އާމިރަށް ލިބުނު ސިހުމުގައި ވިސްނާލަން އިރުކޮޅަކު ހުރެފައި ހިނގައިގަތީ ކޮޓަރިއަށް ނުވަދެ އެނބުރި އައިކޮޅަށެވެ.

ކޮޓަރިއަށްވަދެ ރައިހާއަށް އިށީނދެވުނީ އެނދުގައެވެ. ކޮޓަރިއަށް ވަނުމާއެކު އެކަނިވެރިކަމާ ފަޅުކަން އިހުސާސްވެ ބިރުގަތެވެ. މިއީ ރައިހާ މުޅިން އަލަށް ކުރާ ތަޖުރިބާއެކެވެ. ވިހާ ބޮޑުވީއްސުރެ ދުވަހަކު ވެސް އެކަނި ކޮޓަރިއެއްގައި ނިދި ހަނދާނެއް ރައިހާ ނުވެއެވެ. މި ކޮޓަރީގައި ރައިހާ ހާސްވަނީއެވެ. ހީވަނީ އެއްވެސް މީހަކުނެތް ބޮޑުސިންގާ ހޯލެއްގައި ނިދަން ޖެހިގެން އުޅޭހެންނެވެ.

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު ރައިހާ އެއްސެވެ. އެކަމަކު ރައިހާގެ ކޮޓަރީގައި ޓަކި ދޭނީ ކާކުހެއްޔެވެ. އެ ވާނީ ހީވި ގޮތަކަށެވެ. އެކަމަކުވެސް އެހެން ކަމަކަށް ދެން ނުވިސްނުނެވެ.

އަނެއްކާވެސް ޓަކި ދިންއަޑެވެ. މިފަހަރު ރައިހާގެ ނަމުން ގޮވައި ވެސް ލިއެވެ.

ބޮކި ދިއްލާލުމަށްފަހު ރައިހާ ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލައިލިއިރު މޭގަނޑު ނެގިނެގިފައި ޖެއެވެ. ބިރުން މީހާ ހީވަނީ ގަނޑުވެދާނެ ހެންނެވެ.

ބޭރުން އާމިރުގެ މޫނު ފެނުމުން މަޑުމަޑުން ދޮރުން ތަންކޮޅެއް ހުޅުވައިލާ ބޯދިއްކޮށްލިއެވެ.

“މިއޮތީ ފޯނެއް! ދިހަވަރަކަށް މިނިޓަށް ވާހަކަ ދައްކާލެވިދާނެ!”

އާމިރު ދިއްކޮށްލި ފޯނަށް ބަލަހައްޓައިގެން ރައިހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފޯނުގައި ހިފާނީތޯ ނޫނީ ބޭނުމެއް ނެތޭ ބުނެ ފޮނުވާލާނީތޯ ރައިހާ ވިސްނިއެވެ. ރައިހާ ހުރީ އަނެއްކޮޅުން ކުދިވެރިންނަށް ގުޅަން ނުހަނު ބޭނުންވެފައެވެ. ކުދިން ހަނދާންވާވަރުން ހިތަށް އުނދަގޫވަނީއެވެ.

ކޮންމެ ފަދަ ބޮޑުކަމެއް ހިނގިއަސް މިތާގައި އާމިރު ފިޔަވާ އެހީތެރިވެދޭނެ އިތުރު މީހަކު ނެތުމުން އާމިރު މާޔޫސްކޮށްލާކަށް ރައިހާއަކަށް ނުކެރުނެވެ. އާމިރު ހޯދި ގޮތަކަށް ފޯނެއް ހޯދައިގެން އެއައީ ވެސް ރައިހާއަށް ރަނގަޅަކަށެވެ. ރައިހާ ބޭނުންވަނީ ފަހި ވިސްނުމަކުން ވިސްނާށެވެ.

ކިޔާބަލަ ނަމްބަރ!”

ރައިހާ ނަމްބަރު ކިޔުމުން ނަމަބަރަށް ޖެހުމަށްފަހު އާމިރު ފޯނު ދިއްކޮށްލީ ރައިހާ އަތަށެވެ. އޭރު އެކޮޅުން ރިންގްވާއަޑު އިވެއެވެ.

ދެތިން ރިންގާއެކު އެ ކޮޅުން ފޯނުނަގާ ހަލޯއޭ ބުނިއަޑު އިވުމުން ރައިހާ އުފަލުން ގޮތެއް ނެތެވެ. ރައިހާ ހަލޯ ޒާހިލް އޭ ބުނިއަޑާއެކު އާމިރު ހިނގައިގަތީ ދުރަށެވެ. ރައިހާ ވާހަކަ ދައްކާއަޑު ނީވޭ ހިސާބު ދުރަށެވެ.

“މީ ކޮންނަމްބަރެއް!”

ޒާހިލް ކުރީ އެ ވަގުތު ވެސް ޒާހިލް ކުރާނެ ކަމަށް ރައިހާ އުންމީދު ކޮށްގެން ހުރި ސުވާލެއް ނޫނެވެ. ރައިހާ ހީކުރީ އަހާނީ ރައިހާގެ ހާލުގެ ވާހަކަ ކަމަށެވެ. ދަތުރު މަތީގެ ވާހަކަ ކަމަށެވެ. ރައިހާ ބިރުގަތް ވަރެއް ވެސް އަހާނެ ކަމަށެވެ. އުންމީދު ކުރި އެއްވެސް ސުވާލެއް ނޭހުމުން ކުރި ސުވާލުގެ ޖަވާބު ނުދީ ރައިހާ ވެސް ބޭނުންވީ ރައިހާ ބޭނުންވާ ސުވާލު އެހުމަށެވެ.

“ކޮބާ ކުދިން! އެމީހުން ކޮބައިތޯ ބެލިންތަ! ކުދިން ކައިގެންތަ ނިދީ! ކީއްވެ އަހަރެން ގުޅާގުޅާ ފޯނު ނުނެގީ!”

ރައިހާ އެއްފަހަރާ އެތައް ސުވާލެއް ކުރުމުން ޒާހިލްގެ ބޮލަށްވީ އުދަނގުލެވެ.

“މަންމަ އެމީހުންނަށް ކާންދޭނެނު! މި ވަގުތު އަހަރެން ބިޒީ! ބާއްވާ!”

ޒާހިލް ފޯނު ކަނޑައިލިއެވެ. ރައިހާއަށް ލައިލައި  ހުރި ނޭވާ ވެސް ހިފަހައްޓާލެވުނެވެ. ބާއްވާށޭ ބުނަމުން ފޯނު ކަނޑާލުމުން ރައިހާ ހުރީ ހުއްޓިފައެވެ. ވީދެރައިން ރައިހާގެ ދެލޯ ތެމިގެން އައެވެ. ކޮންކަހަލަ ފިރިއެއް ހެއްޔެވެ! މީހުންނާ އިނދެގެން އުޅޭ އެހެން އަނެހެންކުދިން ވެސް އުޅެނީ މިހާލުގައި ހެއްޔެވެ!

ރައިހާގެ ހިލަމެއް ނުވުމުން އާމިރު އެނބުރި ބަލައިލިއެވެ. ބަހައްޓާފައި ހުރި ބުދެއްހެން ރައިހާ ބޭރަށް ނަޒަރު ހުއްޓާލައިގެން ފޯނު އަތަށް ލައިގެން ހުރިތަން ފެނުނެވެ. އާމިރު ހިނގައިގަތީ ރައިހާ އަތުން ފޯނު އަތުލާށެވެ.

“ނިމުނީ؟”

އާމިރު އެހި ސުވާލުގެ އަޑެއް ރައިހާ ނާހައެވެ. އާމިރު ކައިރިވެލާފަ ރައިހާގެ ކުލަ ފަނޑުވެފައިވާ މޫނަށް ބަލައިލިއެވެ.

“ރައި!”

އާމިރު ރައިހާގެ ނަމުން ގޮވައިލުމުން އަތް ހިންގައިލެވުނީ މޫނުމަތީގައެވެ. އަވަސް އަވަހަށް މޫނު ފޮހެލުމަށްފަހު ވަގުތުން ފޯނު އާމިރު އަތަށް ދިނެވެ. އަދި ޝުކުރިއްޔާއޭ ބުނަމުން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

އާމިރު ދެއަތަކަށް ބޯހޫރާލަމުން ފޯނު ގެން ގޮސް ފޯނުގެ ވެރިފަރާތަށް ދިހަ ޑޮލަރާއެކު ދިއްކޮށްލިއެވެ.

ފާޚާނާއަށް ވަދެ ފިނިފެނުން ފެންވަރާލުމުން ރައިހާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އައިސް އޮށޯތުމުން އިތުރު ޚިޔާލުތަކަކާ ފިކުރު ތަކެއް ކުރަން ނުޖެހި ދަތުރުގެ ވަރުބަލިކަމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ.

ފަތިސްނަމާދަށް ހޭލަން އާދަވެފައިވާ ރައިހާއަށް ހޭލެވުނީ ހެނދުންވެ އެކި ފާޑުފާޑުގެ އަޑުތައް އިވެން ފެށުމުންނެވެ. ކުއްތާ ވައްވައް ޖަހާއަޑާ ދުއްވާތަކެތީގެ ބަރުގޮނުގެ އަޑެވެ. އެމްބިއުލަންސްގެ އަޑުވެސް ކަނޑައިގެން ނުދާކަން ފާހަގަ ކުރެވުނެވެ.

ކުދިން މަތިން ހަނދާންވެ ކުދިންގެ ކަންތަކާމެދު ރައިހާ ކަންބޮޑުވިޔަސް މައިދައިތައަށް އޮންނަ އިތުބާރަކުން ހިތް ހަމަ ޖައްސައިލިއެވެ. ފާޚާނާއިން ނިކުމެ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. އެއަށްފަހު މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާ އާމިރުގެ ބޫޓު ފެންނަން ހުރިތޯ ބަލައިލިއެވެ. ބޫޓެއް ނެތެވެ. އާމިރު ރައިހާ ބަހައްޓާފަކާ ނުދާނެކަން އެނގެއެވެ. އެހެންވެ އާމިރުގެ ޚަބަރެއް ވަންދެން އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ.

ހެނދުނުގެ ސައި ބުއީ އެންމެން އެއްކޮށެވެ. އަމީރާ ފެންނަނީ ކަންބޮޑުވެފައި އިންތަނެވެ. ބުރަކަށީގެ އޮޕްރޭޝަނެއް ކުރަން ޖެހުމަކީ މިހާ ޅައުމުރުގައި ކުޑަކަމެއް ނޫނެވެ. މިތަނުން ބައެއް ޓެސްޓްތައް ހެދުމަށްފަހު އެމީހުންދާނީ ކޮއިމްބަތޫރަށެވެ. އޮޕްރޭޝަން ކުރާނީ ގަންގާ ހޮސްޕިޓަލުގައެވެ.  މިކޮޅުގައި މަޑުކުރާ  ދެތިން ދުވަހު، ރައިހާ ވެސް ޔޫރޮލޮޖިސްޓަކަށް ދައްކާނެއެވެ. ޓެސްޓެއް ހަދަން ޖެހުނަސް އެކަން ވެސް ކުރާނީއެވެ.

ސައިބޯން ތިބެ ކަމަކަށްފަހު ކަމެއް ރާވަމުން ދިޔައެވެ.

“އަހަންނާ އެކު ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދުމާ އެމްއާރުއައި ހެދުމުގައި ޚާލިދު އުޅޭނެނު! ދޮންބެ ދާނީ ރައިއާ އެކު! އޭރުން އެއްފަހަރާ ދެމީހުންގެ ކަންތައް ވެސް ކުރިއަށްދާނެނު! ޑްރައިވަރު ދާނެ ދޮންބެމެން ދާންޖެހޭ ތަންތަނަށް! އަހަރެމެން ހިނގައިދާނަން އޮޓޯގަ! ދޯ ޚާލިދު!”

އަމީރާގެ ވާހަކައަށް ޚާލިދު ބޯޖަހައިލިއެވެ. އަމީރާ އަބަދު ވެސް އިސްކުރާނީ އެހެންމީހުންގެ ކަންތަކެވެ. ބައެއް ފަހަރު ހިތްހަމަ ނުޖެހުނަސް އަމީރާގެ އެ ސިފަ ދެކެ ޚާލިދު ލޯބިވެއެވެ.

ރައިހާ އިނީ މި ގާތްކަމުން ލަދުގެންފައެވެ. އަނެއްކޮޅުން އާމިރާއެކު އަބަދު އުޅެން ޖެހުން އެވެސް ރައިހާއަށް ފަސޭހަކަމެއް ނޫނެވެ. އެކަމާ ރައިހާ ހުރީ އުނދަގޫ ވެފައެވެ. އެއްވެސް މީހެއްގެ ފަރާތުން ޒާހިލްއާ ހަމައަށް އަޑު ގޮއްސިއްޔާ ވަރިފަށަށް ނާރައެއް ނުދާނެއެވެ. އަނެއްކޮޅުން ދެކޭ ކޮންމެ ބަޔަކު ހީކުރަނީ އެއީ ދެމަފިރިންކަމަށެވެ.

ޕްލޭން ކުރެވުނު ގޮތަށް ރައިހާ ގޮވައިގެން ޑްރައިވަރާއެކު އާމިރު ނައްޓައިލީ ކްރެޑެންސް ހޮސްޕިޓަލުގައި ހުރި ޔޫރޮލޮޖިސްޓަކަށް ރައިހާ ދެއްކުމަށެވެ.

ޚާލިދު އުޅުނީ އަމީރާ ކަށީގެ ޑޮކުޓަރަށް ދައްކައި ހަދަން ޖެހޭ ޓެސްޓްތައް ހެދުމުގައެވެ. ބޭނުންވަނީ ތިންވަރަކަށް ދުވަހުން ޓްރިވެންޑްރަމުން ކުރަންޖެހޭ ފަރުވާތައް ނިންމާލާ ކޮއިންބަތުރަށް ފުރޭވަރު ވޭތޯ ބެލުމެވެ.

އަމީރާމެންނަށް ސިމް ލިބޭވަރުވީ އިރުއޮއްސުނު ފަހުންނެވެ. އެ ވެސް އަދި ދެ ސިމެވެ. އަމީރާ ނިންމީ ރައިހާއަށް އެއް ސިމް ދިނުމަށެވެ. ދޮންބެ ވެސް އެ ގޮތާ އޯކޭވާނެކަން އެނގޭތީއެވެ.

ސިމް ލިބުމުން ރައިހާ އަވަސް ވެގަތީ މައިދައިތައަށް ގުޅުމަށެވެ. އެއީ ކުދިން ނިދުމުގެ ކުރިން ގުޅީމަ ނޫނީ ކުދިންނާ ވާހަކަ ނުދެއްކޭނެތީއެވެ. އެހެންނޫނީ ޖެހޭނީ އަނެއްކާ މާދަން ވަންދެން މަޑުކުރާށެވެ. އެވަރު ރައިހާއަށް މާލަހެވެ.

ދެތިން ރިންގާއެކު މައިދައިތަ ފޯނު ނެގިއެވެ.

“ހަލޯ މަންމާ! މިއީ މަށޭ! ކިހިނެތް ހާލު!”

ރައިހާގެ އަޑު އިވުމުން މައިދައިތަ ވަރަށް އުފާވިއެވެ. ރައިހާ ޑޮކުޓަރަށް ދެއްކިއްޖެތޯއާ ކަންކަން ރަނގަޅުތޯ އެހިއެވެ. މައިދައިތައަކީ ހަގީގަތުގައިވެސް ހެޔޮ މީހެކެވެ. މި ދަތުރު ރައިހާއަށް މިއާދެވުނީ ވެސް މައިދައިތަގެ އެއްބާރުލުން ލިބުނީތީއެވެ.

މައިދައިތަޔާ ދެކެވުނު ވާހަކައިން ޒާހިލް މާލޭގައި ނޫޅޭކަން އެނގުނެވެ.

“ރައްޓެހިބަޔަކާއެކު ދެ ދުވަހަކަށް ރާއްޖެތެރެއަށް ދާ ވާހަކަ ބުނީ! ދަރިފުޅުކައިރިއަކު ނުބުނޭތަ!”

ޙައިރާންކަން އެކުލެވިފައިވާ އަޑަކުން މައިދައިތަ ރައިޙާ ގާތު އެއްސެވެ.

މައިދައިތަގެ ފަރާތުން މިއެނގުނު ކަންތަކުގެ ސަބަބުން ރައިހާގެ ހިތް ހުއްޓުނުހެން ހީވިއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !