A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 4

އެކުގައި ވާން ކުރަމެ ހުވާ -ޝާހީން މުޙައްމަދު

ހަތަރުވަނަ ބައި

“ރައްޓެހިބަޔަކާއެކު ދެ ދުވަހަކަށް ރާއްޖެތެރެއަށް ދާ ވާހަކަ ބުނީ! ދަރިފުޅުކައިރިއަކު ނުބުނޭތަ!”

މައިދައިތަގެ ފަރާތުން މިއެނގުނު ކަންތަކުގެ ސަބަބުން ރައިހާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ވީދެރައިން ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ފިރމީހާ ރައިހާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަމިއްލަ ދަރިންގެ ކަންކަން ބަލަން ޖެހޭނެކަމަށް ރައިހާ ގަބޫލުކުރެއެވެ. ރައިހާ ނެތުމުން މުސްކުޅި މައިމީހާ ބޮލަށް ހުރިހާ ކަމެއް ޖަހާލާފަ ފުރައިގެން ދާނީ ދެން ހާދަ ފަރުވާ ކުޑަވީމައެވެ. ނޫނެކެވެ. ދަރިންނަށް ވެސް ކުލުނެއް ނެތީއެވެ.

އައިނާއާއި އަޔާދުއާ ދެކުދިންނާ ވާހަކަދެއްކުމަށްފަހު މަންމަ ދެން ގުޅާނީ ވައިބަރ އިންނޭ ބުނެފައި ފޯނު ބޭއްވިއިރު ކޮންމެވެސް ވަރަކަށް ރައިހާ ހަމައަކަށް އެޅިއްޖެއެވެ. ޒާހިލް ނުގުޅަނީސް ދެން ޒާހިލްއަށް ރައިހާ ނުގުޅާނެއެވެ. އެ ގޮތަށް ނިންމާ ފޯނު އެއްފަރާތުގައި ބޭއްވީއެވެ.

ކާންދާންވެގެން އާމިރު ރައިހާ ބަލާ އައި އިރު ރައިހާއަށް އޮތީ ނިދިފައެވެ. ދެތިން ފަހަރު ބެލް ޖަހާލުމުން ހޭލެވިގެން ދެލޯ އުނގުޅަމުން ގޮސް ދޮރު ހުޅުވީ އާމިރުކަން އެނގޭތީއެވެ.

“ކާންދާންވެގެން! އަހަރެން ހުންނާނަން ތިރީގަ!”

ރައިހާ ތައްޔާރު ނުވެ ހުރީމާ ވަގުތު ދެމުން އާމިރު ހިނގައިގަތީއެވެ.

“އާމިރު ދާންވީނު! އަހަރެން ކާހިތެއް ނެތް!” އާދައިގެ މަޑުމައިތިރި އަޑެކެވެ. އަޑުގައިވަނީ އުފާވެރިކަމެއް ނޫނެވެ. ކޮންމެވެސް ކަމަކާ ދެރަވެފަ ހުރިހެން ހީވެއެވެ.

އާމިރު އެނބުރި ރައިހާއަށް ބަލައިލިއެވެ. ދެން އެއްވެސް އެއްޗެކޭ ނުބުނެ ހިގައިގަތީ ކުރިއަށެވެ.

އާމިރު ދާތަން ބަލަން ރައިހާއަށް އިރުކޮޅަކު ހުރެވުނެވެ. ”އަހަރެންގެ އަމިއްލަ ފިރިމީހާއަށްވުރެ ދުރު ހިލޭ މީހުން ވެސް އަހަންނަށް ހެވެވެ. އަޅާލައެވެ. ވާނުވާ އެބަ ބަލައެވެ.” ހިތަށް އައި އެއްޗެހިތަކަކުން އަނެއްކާ ވެސް ރައިހާގެ ހިތަށް ވަރަށް ތަދުވިއެވެ.

ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ފޯނު ނަގައި ހުޅުވައިލިއެވެ. ދެކުދިންނާ އެކު ނަގާފައިވާ އެކި ދުވަސްވަރުގެ ފޮޓޯތަކަށް ބަލަން ރައިހާ އޮތެވެ. އަމީރާގެ ފޯނު އައީ ރައިހާ އެހެން އޮއްވައެވެ.

“ކިހާ ހިސާބެއްގަ! އަހަރެމެން މިތިބީ ކެންޓީނުގަ އިނގޭ! ކޯއްޗަކަށް އޯޑަރ ދޭންވީ! އޭރުން އަވަސްވާނެ ނު!”

އަމީރާގެ ވާހަކައިން ރައިހާގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އާމިރު ވެސް ނުދަނީބާ! ރައިހާއަށް ވިސްނުނީ ރަނގަޅަށެވެ. އާމިރު އިނީ ސިޓިންގރޫމުގައި ރައިހާގެ އިންތިޒާރުގައެވެ.

އަވަސްގޮތަކަށް ތައްޔާރުވެގެން ރައިހާ ތިރިއަށް ފޭބުމުން އިތުރު ސުވާލެއް ވެސް ނުކޮށް އާމިރު ހިނގައިގަތީ ބޭރަށެވެ.

“އަހަރެން ބުނީމެއްނު ނުކާނަމޭ! އާމިރު ނުދިޔައީ ކީއްވެ!” ރައިހާ ހިތްހަމަ ނުޖެހޭ ރާގަކަށް ބުންޏެވެ.

ދެން ވެސް އާމިރު އަނގައަކުން ނުބުންޏެވެ.

“އާމިރު!”

ރައިހާ އާމިރުގެ ނަމުން ގޮވައިލިއެވެ. އާމިރަށް އަޑުއިވުނު ހެނެއް ހިއެއްނުވެއެވެ.

“އާމިރު!” ރައިހާ ހިފީ އާމިރުގެ އަތުގެ މުލައްދަނޑީގައެވެ. އެއީ ރައިހާގެ އުސޫލެއް ވެސް ނޫނެވެ. ފަހަރެއްގައި ޙާލަތު ތަންދިން ގޮތުން ކުރެވުނު ޙަރަކާތަކަށް ވެސް ވެދާނެއެވެ.

“ކުއްލިއަކަށްތަ ބީރުވީ!”

ރުޅިވެރިކަން މިފަހަރު އެ އަޑުގައި ވިއެވެ. އާމިރަށް ބަލާލެވުނީ ފުރަތަމަ ރައިހާގެ މޫނަށެވެ. ދެން އެއަށްފަހު ރައިހާ ހިފަހައްޓައިގެން ހުރި އަތަށެވެ.

“ބައެއްފަހަރު ބީރުވާން ވެސް ޖެހޭ އަދި ބައެއްފަހަރު ކަނުވާން ވެސް ޖެހޭ އަދި އެނގޭތަ ބައެއްފަހަރު މޮޔައަކަށް ވެސް ވާންޖެހޭ! އަހަންނަށް އެނގޭ ކަމަކީ އަހަރެންގެ ނަމުން ރައިހާ ގޮވާލާ ކޮންމެ ފަހަރަކު އަހަރެން ވަރަށް އުފާވާކަން!” ސަމާސާ ރާގުގައި އާމިރު ބުންޏެވެ.

“މަޖަލެއް ނޫން އިނގެ!” ރައިހާ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

“އަސްލު ވެސް މަޖަލެއް ނޫން! ކާން ނުގޮސް ބޮޑާ ހާކައިގެން ތިބުން އަމުދުން ވެސް މަޖަލެއް ނޫން!”

މަޑު އަޑަކުން ނަމަވެސް މަޖާ ވެލާފައި އާމިރު ވެސް އެއްބައި ވެލިއެވެ. އާމިރުގެ މިކަހަލަ ކުދި ކުދި ސަމާސާ ރައިހާއަށް ވެސް ކަމުދެއެވެ. ބަސް ބޭނުން  ކޮށްލާ ގޮތެވެ. ޙާލަތެވެ. އަޑުގައި ހުންނަ ރާގެވެ. މޫނަށް ގެންނަ ހަރަކާތެވެ.

ކުދިންނާ ވައިބަރއިން ރައިހާ ވާހަކަދެއްކީ ފަހުދުވަހު ހެނދުނުއެވެ. ކުދިން ނިދާތެދުވާނެ ގަޑިއާ މައިދައިތައަށް  ހުސްވަގުތު ލިބޭނެ ގަޑި ބަލާ ރައިހާ ގުޅިއެވެ.

ކުދިން ތިބީ ކައިގެން ކަން އެނގުމުން ރައިހާގެ ހިތަށް ފިނިކަން ލިބުނެވެ. ހަތަރު އަހަރުގެ އަޔާދާއި ފަސްއަހަރުގެ އައިނާ އަކީ ގެންގުޅެން ފަސޭހަ ދެކުދިންނެވެ. ކައިރިކައިރީގައި ވިހެއުމުން ދެކުދިން ބޮޑުވަމުން އައީ އެކުއެކީގައެވެ. ދެކުދިންގެ ދެމެދުގައި އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. ދެކުދިންނަކީ ވެސް ގެންގުޅެން ފަސޭހަ ދެކުދިންނަށް ވީތީ ރައިހާ ޝުކުރު ކުރެއެވެ. ކުދިން ގާތު މަންމަ ކުދިން ދެކެ ލޯބިވާ ވާހަކަ ބުނުމަށްފަހު އެރޭ ގުޅާނެކަމަށް ބުނަމުން ރައިހާ ފޯނު ކުރުކޮށްލީ ޓެސްޓްގެ ނަތީޖާ ބަލާ ދާގަޑި ވެސް ޖެހޭތީއެވެ.

ޑްރައިވަރާއެކު ރައިހާ ދިޔައީ ޓެސްޓްގެ ރިސަލްޓް ބަލައެވެ. އާމިރު އެވަގުތު ފެންނަން ނެތްކަން ނަސީބެކޭ ރައިހާ ހިތަށް އެރިއެވެ. މިއަދު ރައިހާ ޑޮކުޓަރަށް ދާނީ އާމިރާ ނުލައެވެ. އޭގެ ކުރިން ޑްރައިވަރަށް އަމީރާ އިތުބާރުކުރާވަރެއް އަމީރާގަތުން އަހަން ޖެހޭނެއެވެ.

ދޭވީ ސްކޭންއަށް ވަދެގެން ދިޔަ ރައިހާ އެއީ މިކަހަލަ ތަނަކަށް އާމީހެކޭ އެކަކު ވެސް ނުބުނާނެއެވެ. ކަންދިމާކުރިގޮތުން ރައިހާ ފުދޭވަރަކަށް ގިނައިރު އެތާ މަޑުކުރަން ޖެހުނެވެ. މީހުން ގިނަކަމުންނެވެ. އިށީނދެ ހަމަ ޖެހިލުމަށްފަހު އަމީރާ ކޮބައިތޯ ވައިބަރއިން ސުވާލުކުރިއެވެ. ޖަވާބު ލިބުނީ އިރުކޮޅެއް ފަހުންނެވެ. އަމިރާ އެދުނީ ސައިބޯން އައުމަށެވެ.

ރައިހާ ބުނީ މިއުޅެނީ ބޭރަށް ނިކުމެ ކަމަށެވެ. ސައި ކޮންމެވެސް ގޮތަކަށް ހަމަ ޖައްސާލާނެ ކަމަށާ އަމީރާމެން ސައިބުއިމަށެވެ. ރައިހާ ބޭނުންވީ ރައިހާއަށް ވެސް މިހާރު އެކަނި އުޅެން އެނގޭކަން އަންގައިލުމެވެ. އެއަށްފަހު ޑްރައިވަރާ ބެހޭގޮތުން ވެސް އަހާ އޮޅުން ފިލުވިއެވެ.

“ކޮންބައެއް ތި އުޅެނީ!” އަމީރާ ކުރީ ރައިހާ ހީކޮށްގެން ހުރި ސުވާލެވެ.

“ކޮބާ ދޮންބެ!”

“އަދި ނުދެކެން މިއަދު!” ސައިބޯކަށް ނުދޭތަ!”

އާމިރު ސައިބޯން ނުދާހެން ހީވުމުން ރައިހާ ކަންބޮޑުވިއެވެ.

“އަޅެ ރައި! ދޮންބެ އަތަކު ފޯނެއް ވެސް ނޯންނާނެ ނު! ކިހިނެއް ކޮންޓެކްޓް ކުރާނީ ވެސް! މިވަގުތު އަހަރެމެން ވެސް މިތިބީ ވަރަށް ދުރުގަ!”

އަމީރާ ހުރީ ކަންބޮޑު ވެފައިކަން އަޑުން އެނގެއެވެ.

“މިދަނީ ގެއާ ދިމާއަށް! ގޮއްސަ ގުޅާނަން އިނގޭ!”

ރައިހާ ފޯނު ކުރުކޮށްލިއެވެ. އެ ވަގުތު ޓެސްޓްގެ ނަތީޖާ ވެސް ލިބުމާއެކު ޑްރައިވަރު ގާތު އެދުނީ އަނބުރާހޮޓަލަށް ގެންގޮސް ދިނުމަށެވެ.

ރައިހާމެން އުޅޭ ހޮޓަލުގެ ކުރިމައްޗަށް ކާރު މަޑުކުރުމުން ރައިހާ ދުވެލާފަ ކަހަލަ ގޮތަކަށް ދިޔައީ އެމީހުން އުޅޭ ފަންގިފިލާއަށް ދިއުމަށެވެ. އެހެންނަމަވެސް ތަންކޮޅެއް ދުރުން އާމިރު އިށީނދެ އިންތަން ރައިހާއަށް ފެނިއްޖެއެވެ. ރައިހާގެ ހިނގުމަށް ހުއްޓުމެއް އައީ އާމިރު ރައިހާއަށް ބަލާލުމަށްފަހު އިސްދަށަށް ޖަހާލުމުންނެވެ. ނުވެސް ދަންނަ މީހެކޭ އެއްފަދައިންނެވެ.

“ސައި ބުއީތަ!” އާމިރު ނޫންމީހަކަށް އަޑު ނީވޭ ވަރަށް ރައިހާ އެހިއެވެ. އާމިރު ބަލާ ވެސް ނުލިއެވެ.

 

“ހިނގާ ސައިބޯން! އަހަރެން ވެސް އަދި ސައި ނުބޮން!” ވަރަށް ވިސްނުމަށްފަހު ކުޑަކުއްޖަކު މަސަލަސް ކުރާހެން ރައިހާ ބުންޏެވެ. އަދި އަމީރާގެ ނަމްބަރަށް ގުޅާލުމަށްފަހު އަމީރާ ފޯނު ނެގުމުން އާމިރު އަތަށް ފޯނު ދިނެވެ.

އާމިރު ފޯނު ހިފައިގެން ހިނގައިގަތީ ބޭރަށެވެ. ރައިހާ ވެސް ފަހަތުން ހިނގައިގަތެވެ. އާމިރުގެ މޫނުމަތިން ރައިހާއަށް ފެނުނީ ބީރައްޓެހިކަމެވެ. އަމީރާގެ ފޯނަށް އާނ، ހޫން އަކުން ޖަވާބު ދިނުމަށްފަހު އާމިރު ފޯނު ދިއްކޮށްލީ ރައިހާއަށެވެ. ނަޒަރު ހުރީ މަގުމައްޗަށެވެ.

ރައިހާއަށް އާމިރަށް ބަލަހައްޓައިގެން ހުރެވުނެވެ. އާމިރަށް ވީ ކީއްހެއްޔެވެ! ހިތްހަމަ ނުޖެހުނީ ރައިހާއަށް ކަންތައް ކުރެވުނު ގޮތުން ހެއްޔެވެ! އާމިރަށް މިއައި ބަދަލު ފެނުމުން ރައިހާ ދެރަވިއެވެ. ލަދުވެސް ގަތެވެ.

“އާމިރު! ބޭނުން ވާހަކައެއް ބުނަން!”

ރައިހާ އަދަބުވެރިކަން އެކުލެވިގެންވާ އަޑަކުން އާމިރާ މުޚާތަބު ކުރިއެވެ.

“އަހަރެން ބޭނުންވީ އަހަންނަށް އެކަނި މިތާ އުޅެވޭތޯ ޔަގީން ކޮށްލުން! ކޮންމެގޮތެއް ވިޔަސް އަހަރެންގެ ދިރިއުޅުމަކީ އެހެންމީހުންގެ ދިރިއުޅުމާ ވަރަށް ތަފާތު ދިރިއުޅުމެއް! އަހަރެންގެ ކަންތަކާ އަހަރެންގެ ދަރިންގެ ކަންތަކަކީ އަހަރެންނަށް ކުރެވެން ޖެހޭނެ ކަންތައްތައް! އެކަންތައްތައް ކުރުމުގެ ޤާބިލްކަމާ ކެއްތެރިކަން އަހަރެންގެ ހުންނަން ޖެހޭ! …….. ހަގީގަތަކީ އާމިރަކީ ދުރުހިލޭ މީހެއްކަން! އަހަރެންގެ ކަންތައްތައް އާމިރު ކޮށްދޭކަށް ނުޖެހޭކަން! އަހަރެން މިހާރުވެސް މިވަނީ އަމީގެ ހެޔޮކަމަށް ދަރަނިވެރިވެ ދަރާފައި! އަހަރެންގެ ކަންތަކުގައި މިހާރު ވެސް އާމިރަށް ވަރަށް އުދަނގޫ އުފުލިއްޖެ! އެކަމަށް ވަރަށް ޝުކުރުވެރި ވެސް ވަން! ….”

ރައިހާގެ އަޑު ބެދުނީ ރައިހާގެ ނަސީބާމެދު ވިސްނާލެވުމުން ރައިހާ އަކީ ކިހާ ނިކަމެތި މީހެއްކަން ހިތަށް އެރުމުންނެވެ.

“އަ އެމް ސޮރީ!” ރައިހާ ބަލައިލީ އާމިރުގެ މޫނަށެވެ.

ދެންވެސް އާމިރު ހުރީ އަނގައިން ނުބުނެއެވެ.

“ސައި ބުއީތަ! ވަރަށް ބަނޑުހައި!……. ” އާމިރު ދެއްކީ މުޅިން އެހެން ވާހަކައެކެވެ.

“ހިނގާ ސައިބޯން! މަވެސް ބަނޑުހައި…..!”

ސައިބޯންދާން ދެ މީހުން އެރީ ކުރޮޅިއަކަށެވެ.

ސަޔަށް އޯޑަރ ދިނުމަށްފަހު ރައިހާ އެހީ އާމިރަށް ސިމެއް ލިބިއްޖެތޯއެވެ.

“އެމީހުން ބުނި މެންދުރު އަންނާށޭ! ….. އަހަރެން ވާހަކައެއް އަހަންތަ!”

އާމިރު ބޭނުންވީ ރައިހާ އެހާ ކަންބޮޑުވެ ދެރަވެފައި ހުންނަ ސަބަބު އޮޅުން ފިލުވާށެވެ!

ރައިހާ އާމިރަށް ބަލައިލީ ހުއްދަ ދޭފަދަ ގޮތަކަށެވެ. އަދި ދެ ކޮނޑުއަރުވާލަމުން ހީނލިއެވެ.

“ކީއްވެ އަބަދު ދެރަވެފަ ހުންނަނީ! … ކޮބާ ރައިހާ ފިރިމީހާ! …. ކިޔައެއް ނުދޭނަންތަ! ”

އާމިރު އުޅުނީ ރައިހާގެ އަތުގައި ހިފާލާށެވެ. ރައިހާ އަތް ދަމައިގަތުމުން ސޮރީއޭ އާމިރު ބުންޏެވެ.

އެވަގުތު ވެއިޓަރު ސައިގެ ސާމާނު ގެނެސް މޭޒުމަތީ އަތުރަން ފަށައިފިއެވެ. އެހެންކަމުން ރައިހާއަށް ލިބުނު އެއީ ރަނގަޅު ދަނޑިވަޅެކެވެ.

“ހިނގާ އަވަހަށް ސައިބޮމާ! އަވަހަށް ގޮސްގެންނު އަވަހަށް ޑޮކްޓަރުން ނިމޭނީ ވެސް!” ރައިހާގެ ވިސްނުން ރަނގަޅެވެ. އާމިރު ވެސް ދެން އުޅުނީ ކެއުމާއިގެންނެވެ.

ކެއުމުގެ ވަކި ހިސާބަކުން ކާން ގެންގުޅުނު އޫ އެއްފަރާތުގައި ބޭއްވުމަށްފަހު ރައިހާގެ މޫނަށް ނިކަން ރަނގަށް އާމިރު ބަލައިލިއެވެ. އަދި އާމިރުގެ ކަނާތް ދިއްކުރީ ރައިހާއާ ދިމާއަށެވެ. ރައިހާ އިނީ އާމިރު ކުރަން މިއުޅެނީ ކީއްކަން ނޭނގި ޙައިރާންވެފައެވެ.

ރައިހާގެ ލޮލުގެ ކަޅި ދެ ފަރާތަށް ހިންގާލުމަށްފަހު ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އާމިރު ހީނލިއެވެ.

”ފްރެންޑްސް! ”

އާމިރު ބުނީ ކީކޭކަން ވިސްނައިގަނެވުމުން އާމިރު ދިއްކުރި އަތަށް ބަލަހައްޓއިގެން އިން ރައިހާ ވެސް ސިކުންތުކޮޅަކަށްފަހު އެ އަތުގައި ހިފައި ސަލާމް ކޮށްލިއެވެ.

(ނުނިމޭ)

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !