A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 5

އެކުގައި ވާން ކުރަމެ ހުވާ -ޝާހީން މުޙައްމަދު

ފަސްވަނަ ބައި

ރައިހާގެ ލޮލުގެ ކަޅި ދެ ފަރާތަށް ހިންގާލުމަށްފަހު ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އާމިރު ހީނލިއެވެ.

”ފްރެންޑްސް! ”

އާމިރު ބުނީ ކީކޭކަން ވިސްނައިގަނެވުމުން އާމިރު ދިއްކުރި އަތަށް ބަލަހައްޓައިގެން އިން ރައިހާ ވެސް ސިކުންތުކޮޅަކަށްފަހު އެ އަތުގައި ހިފައި ސަލާމް ކޮށްލިއެވެ.

“އޯކޭ! ފްރެންޑްސް!” ދެމީހުންނަށް ވެސް އެއްފަހަރާ ހީނގަނެވުނެވެ.

“ކުރިން އެއްވެސް ވާހަކައެއް އެހުމުގެ ހައިސިއްޔަތެއް އަހަންނަކަށް ނެތް! އޭރު ތީ ކޮއްކޮގެ ބެސްޓީ! ކޮށްދިން ކަމެއް ކޮށްދިނީ ވެސް އެ ހައިސިއްޔަތުން! އެނގެނީ ނަން އެކަނި. ދެން ކުދިން ތިބިކަން! އެކަމު!…… މިހާރު!…..،މިހާރު ތަފާތު! މަށަށް އޮންނާނެ އެކުވެރިއެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަމުގަ ބާރު!”

މަޖާވެގެން އިނދެ އާމިރު ދެއްކި ވާހަކައިން ރައިހާއަށް ވެސް މަޖާވިއެވެ.

“މާގިނަ ބާރު ހޯދަން ނޫޅޭތި!”

ރައިހާ ވެސް ސަމާސާއަކަށް ބުންޏެވެ.

އަމީރާ ޓްރިވެންޑަރަމުން ހަދަން ނިންމާފަ ހުރި ޓެސްޓްތައް ހެދުމަށްފަހު އަދި ރައިހާ ވެސް ޔޫރޮލޮޖިސްޓަށް ދައްކާ ނިމިފައި ވުމުން ޖެހިގެން އައި ދުވަހުގެ ރޭ އެމީހުން ދަތުރު ކުރީ ކޮއިންބަތޫރަށެވެ. ބޭނުމަކީ އަމީރާގެ ބަދައިގެ އޮޕަރޭޝަން ކުރުމެވެ.

ކޮއިންބަތޫރުގެ މާޙައުލު ޓްރިވެންޑްރަމްގެ މާހައުލަށްވުރެ ފިންޏެވެ. ހެނދުނު ތެދުވި އިރު ރައިހާ ހުރީ ހީކަރުވާފައެވެ. ހީވަނީ ހުން އައިސް ހުރިހެންނެވެ. ހެނދުނު ހެނދުނާ ދިޔައީ އަމީރާގެ ކަންތަކާ ހޮސްޕިޓަލަށެވެ. ޚާލިދު އަމީރާގެ ކަންތަކާ އުޅުނުއިރު އާމިރު ވެސް ޚާލިދާ ބައިވެރިވެގެން އުޅެއެވެ. ރައިހާ އިނީ އަމީރާ ގާތުގައެވެ.

ވަގުތު ދިގުވާތީ ރައިހާ ހޮސްޕިޓަލުގެ ބޭރަށް ޖެހިލާ  ވައިބާރއިން ކުދިންނަށް ގުޅައިލިއެވެ. ކުދިން ތިބީ މަންމަ ކިޔައިދެމުން ދިޔަ ވާހަކަތަކުން ވަރަށް ޝައުގުވެރިވެފައެވެ. ފެނުނު ތަންތަނާ އެއްޗެހީގެ ވާހަކަ ރައިހާ ކުދިންނަށް ކިޔައިދިނީ ކުދިންނާއެކު މަޖާ ވަގުތު ކޮޅެއް ހޭދަ ކުރުމުގެ ބޭނުމުގައެވެ. ރައިހާގެ ބޭނުން ޙާސިލް ވެސް ވިޔެވެ. ދެބެން ތިބީ ރައިހާގެ ވާހަކަ އަޑުއަހަން ވަރަށް ބޭނުންވެފައިކަން އެނގެއެވެ.

“މާމަ އަށް ގޮވާބަލަ!”

އެންމެ ފަހުން އައިނާ ގާތު ރައިހާ އެދުނީ މައިދައިތައަށް ގޮވުމަށެވެ. ރައިހާގެ މައިދައިތަ ނިކުތީ ކޮޓަރިންނެވެ.

“މަންމާ! ކިހިނެތްތަ! ކޯއްޗެއްތަ ސަޔަށް ހެދީ!” ރައިހާ ބޭނުންވީ މައިދައިތައާ ވެސް ކުޑަކޮށް ވާހަކަ ދައްކާ ލުމަށެވެ. މައިދައިތަ ރައިހާގެ ޙާލު އެހިއެވެ. ސައިބޮއެފިތޯއާ އަމީރާގެ އޮޕަރޭޝަނުގެ ވާހަކަވެސް އެހިއެވެ. އެނބުރި މާލެ އަންނަ ދުވަހަކާ ބެހޭ ގޮތުން ވެސް އެހިއެވެ.

“ދަރިފުޅާ! ޒާހިލް އާ ވާހަކަ ދައްކަބަލަ! އޭނަ ކޮންމެ ގޮތަކަށް އުޅުނަސް ދަރިފުޅު އެކަން މާބޮޑުކަމަކަށް ނަހަދާތީއޭ އެހެން ޒިންމާދާރުކަމެއް ނެތި އެ އުޅެނީ! ތަންކޮޅެއް ހަރުކަށިކޮށް ވާހަކަ ދައްކަބަލަ!” އެއީ ރައިހާގެ މައިދައިތަ ވަރަށް ގިނައިން ބުނާ ވާހަކައެކެވެ.

އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ރައިހާ ނުވެސް ބުނަނީސް މައިދައިތަ ފޯނު ގެންގޮސް ނިދަން އޮތް ޒާހިލްއަށް ގޮވާ ފޯނު ދިނެވެ.

“ހަލޯ!”

ޒާހިލްގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. މިހާއިރު ވީއިރު ވެސް ޒާހިލް ނިދާ ނުތެދުވާތީ ރައިހާ ހިތްހަމަ ނުޖެހުނެވެ.

”އަދިވެސް ނިދަނީ! މިއަދު އޮފީހަށް ވެސް ނުދަނީތަ!” ރައިހާ ބެލީ ހިތްހަމަނުޖެހުން އަޑުން ފާޅުނުކޮށް ވާހަކަ ދެއްކޭތޯއެވެ.

“އާން! މިއަދު ޗުއްޓީ! މަންމަ ބުނެފި ކުދިން ގޮވައިގެން މެންދުރު މޫދަށް ދާށޭ! އެހެންވެ!”

ޒާހިލް ބުނިއެއްޗަކުން ރައިހާ ނެތީސް ކުދިންގެ ކަންތަކުގައި ތަންކޮޅެއް އަޅާލަނީކަން ރައިހާއަށް އެނގުނެވެ. އެހެންވެ ރައިހާ  ވަރަށް އުފާ ވެސް ވިއެވެ.

“ޒާހިލް! އަޅެ އެންމެފަހަރަކު ވެސް އަހަރެންގެ މަތިން ހަނދާންވިތަ! ބުނެބަލަ!  އަހަންނަށް ނިދަން ވެސް ވަރަށް އުނދަގޫ ޒާހިލް ނެތީމަ! ވަރަށް ހަނދާންވޭ ނިދަން އޮށޯތީމަ!”

ރައިހާ ބޭނުންވީ ޒާހިލްދެކެ ރައިހާ ލޯބިވާވަރު އެވަގުތު ވެސް އަންގައިދޭށެވެ.

“ތިހާވަރުން އުޅޭއެއްޗެއް ނޫނޭ ރައި! އެނދުގަ ހަމަ ޖެހޭއިރަށް އަހަރެން ނިދޭ! ”

ރައިހާ ދެއްކީ މާނައެއް ނެތް ވާހަކައެއްކަން ޒާހިލްގެ ފަރުވާ ކުޑަ ރައްދުން ރައިހާއަށް އެނގުނެވެ. އެއީ އަބަދުވެސް ވާވަރެވެ. ޒާހިލްގެ ފަރާތުން އެ ނޫން ޖަވާބަކަށް އެދެވުން އެއީ ރައިހާގެ މޮޔަކަމެވެ. ނުވަތަ ހިތުގެ ސާފުކަމެވެ.

”މައްސަލައެއް ނެތޭ! ………… އަހަރެންގެ ހާލު އަހާލާ ހުރީ ކައިގެންތޯ ވެސް ބަލާލާ ވަރުގެ މީހެއް މައިދައިތަ ނޫނީ ތި ގޭތެރޭގަ ހުރޭތަ! ” ރައިހާފާޅު ކުރީ ހަގީގަތެވެ. ހިތުގައި ޖެހުނު ވަރުން ރައިހާއަށް ބުނެވުނީއެވެ.

“ނަސީބެއްނު ދަނބި ދަރިއާ ހެދި މޮޔަވާ މައިދައިތަ އަކު ހުންނަކަން ވެސް!” ޒާހިލްގެ އަޑުގައިވަނީ ޖެއްސުންކުރުމުގެ ރާގެވެ.

“ތިބުނީ ތެދެއް! އެއީ އަހަރެންގެ ނަސީބު! އެހެންނޫންނަމަ މި އުޅެން ޖެހޭ ގޮތުން އަހަރެން މޮޔަވީސް ކަންނޭނގެ!” ރޮވިފައިވާ އަޑަކުން ރައިހާއަށް ބުނެވުނެވެ. ރައިހާގެ އެ ވާހަކައަށް ޒާހިލް އައީ ރުޅިއެވެ.

“ތި އުޅެނީ މަށާ ޒުވާބު ކުރާކަށްނު!”

ރައިހާއަށް ނޫނެކޭ ބުނެވުނެވެ. އެކަމަކު އެއަޑެއް ޒާހިލް އަކަށް ނީނވޭނެއެވެ. އޭގެ ކުރިން ޒާހިލް ފޯނުކަނޑައިލީއެވެ.

ވީދެރައިން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ރައިހާއަށް ހުރެވުނެވެ. އަނގަ ފާޑަކަށް ހަދައިގެންނެވެ.

“ކެނޑުނީތަ!”

“އުހުނ! ކަނޑައިލީ! ނޫން ނޫން ކެނޑުނީ!”

ދާދިގާތުގައި ހުރެ އާމިރު ކުރި ސުވާލަށް ރައިހާއަށް ދެވުނީ ހަމަ ނުޖެހޭ ޖަވާބެކެވެ. ދެން އިސްޖަހާލަމުން އެތެރެއަށް ވަންނަން ހިނގައިގަތް ރައިހާ އިސްއުފުލާ ބަލައި ވެސް ނުލައެވެ.

ހަދަންޖެހޭ ގިނަ ޓެސްޓްތައް ހަދާފަ ހުރުމުން ހަމަ އެދުވަހު އަމީރާ އެޑްމިޓް ކުރީއެވެ. ޖެހިގެން އައި ދުވަހު އޮޕްރޭޝަން ކުރުމަށެވެ.

އެދުވަހަށްފަހު ވެސް ރައިހާ ގަވާއިދުން ކުދިންނަށް ގުޅާ ވާހަކަ ދައްކައެވެ. ބައެއް ފަހަރު ކޮއިންބަތޫރުގެ މަގުމައްޗާ އުޅޭ ހޮޓަލާ ފެންނަ ބައެއް ރީތި މާތަކާ ހިނގާ މަގުމަތީހުންނަ ބޮޑެތި ބިޔަ ގަސްތައް ވެސް ވީޑިއޯ ކޯލުން ކުދިންނަށް ދައްކައެވެ. މަގުމަތިން އެއްދުވަހު ފެނުނު ވަރަށް ބިޔަ ނީލަގެރިއެތެއް ވެސް ކުދިންނަށް ދެއްކިއެވެ. ކުދިން މަޖާވެ އުފާވެފައި ތިބޭތީ ރައިހާ ވެސް އެފަދަ މަންޒަރުތައް ކުދިންނަށް ދައްކަން ވަރަށް ފޯރި ހުރެއެވެ. ކުދިން އުފާވާތީއެވެ. ކުދިންނާ ވާހަކަ ދައްކާފަދައިން މައިދައިތައާ ވެސް ރައިހާ ވާހަކަ ދައްކައެވެ. މައިދައިތަ އެއީ އޭނަގެ ހިތުގެ ހަމަ ޖެހުމެވެ.

ޒާހިލްއަކަށް ރައިހާ ނުގުޅައެވެ. ފަސްވަރަކަށް ދުވަސް ވީއިރު ވެސް ޒާހިލް ވެސް ނުގުޅައެވެ. އެންމެ ފަހުން ނުހުރެވިގެން ރައިހާ މެސެޖެއް ކުރިއެވެ. ރުޅިއައިސްގެން ނުހުރުމަށް އެދި އާދޭސް ކުރިއެވެ. ޒާހިލް އެއީ ރައިހާގެ ފިރިމީހާވީމާ ޒާހިލްގެ ފަރާތުން އަޅާލުމާ ލޯބި ބޭނުންވާތީ އެ ގޮތަށް ވާހަކަ ދެކެވުނީ ކަމަށާ ދެން އެގޮތަށް ވާހަކަ ނުދައްކާވޭތޯ ބަލާނެ ކަމަށެވެ. އަދި ސޮރީ އޭ ބުނެ މަޢާފަށް ވެސް އެދުނެވެ. އިންޑިޔާއިން ދާއިރު ޒާހިލް ބޭނުން އެއްޗެއް ހުރިއްޔާ ގެންގޮސް ދޭނެކަމަށާ ބޭނުން އެއްޗެއް ބުނުމަށް ވެސް އެދުނެވެ.

އިތުރަށް ދެ ދުވަސް ވީއިރު ވެސް ޒާހިލްގެ މެސެޖެއް ވިޔަސް އަދި ކޯލެއް ވިޔަސް ނުލިބެއެވެ. ރައިހާގެ ހިތް ކުދިކުދި ވިއެވެ. އުންމީދުކުރި ގޮތާ ޚިލާފަށް މިހާ ދުރުގައި ހުރިއިރު ވެސް ޒާހިލްގެ އެއްވެސް އަޅާލުމެއް ސމާލުކަމެއް ނުލިބުމުން ރައިހާގެ ހިތުގައި އެތައް ބައިވަރު ޝަކުވާއެއް ފުނިޖެހިގެން އައެވެ. މިތާ ހުރެ މަރުވިޔަސް ދެން ޒާހިލް އަށް އިސްވެ ނުގުޅަން ރައިހާ ނިންމިއެވެ.

އޮޕްރޭޝަނަށްފަހު އަމީރާ ގެއަށް ދޫކޮށްލަން ހަމަ ޖެހިފައިވާ ދުވަހު ގެއަށް ދޫކޮށްލިއެވެ. އެހެންކަމުން ދެން އެންމެން ވެސް އުޅުނީ ރާއްޖެއައުމަށް ކުރަން ޖެހޭ ތައްޔާރީތައް ކުރުމަށެވެ. ކުޑަކޮށް ބާޒާރުކޮށްލުމަށް އަމީރާ ނޫން އެއްމެން ދިޔައެވެ.

މިއަދު ވެސް ރައިހާ ހުރީ ހުން އައިސްފައެވެ. ހީ ކަރުވަން ފަށައިފިއްޔާ އެހާ ވަރުވެއެވެ. މިއަދު ގައިގަ ވެސް އެބަ ރިއްސައެވެ. އެހެންނަމަވެސް އެހެންމީހެއްގެ ގާތު ނުބުނީ އެމީހުންނަށް އުދަނގޫ ނުކުރަން ވެގެންނެވެ. މާދަމާއަކީ ރާއްޖެ ފުރަން އޮތް ދުވަސް ކަމަށްވާތީއެވެ. އިތުރަށް ޑޮކްޓަރަށް ދައްކަން ވެއްޖިއްޔާ އެހެންމީހުންގެ ވަގުތުން ވަގުތު ގެއްލޭނެތީއެވެ. އަދި ކުރަން ހުރި ކިތަންމެ ކަމެއް ފަސް ކުރަން ވެސް ޖެހިދާނެތީއެވެ. އެހެންކަމުން އެއްވެސް މީހެއްގެ ގާތު ނުބުނެ މަޑުކުރީ ހުން ރަނގަޅު ނުވަންޏާ މާލެ ގޮސް ޑޮކްޓަރަކަށް ދެއްކުމަށެވެ.

ނިދަން އޮށޯތުމުގެ ކުރިން ހުންގަދަވާތީ ރައިހާ އޮށޯތީ ޕެނެޑޯލް ގުޅައެއް ކާލައިގެންނެވެ. ފަތިހު ރައިހާއަށް ހޭލެވުނީ ފާޚާނާއަކަށް ދާން ޖެހިގެންނެވެ. އެނދުންފައިބަން އުޅުމުން ރައިހާގެ ފައި މާބޮޑަށް ބަރުހެން ހީވިއެވެ. މުޅި ފަޔާ ގައިގެ އެތަން މިތާ ރިއްސާވަރުން ފަރާތަކަށް ފުރޮޅި ވެސް ނުލެވުނެވެ. އެނދުން ނުވެސް ފޭބުނެވެ.  ހެޑްބޯޑާ ދިމާލަށް އަތް ދިއްކޮށްލާ ބޮކި ޖައްސައިލިއެވެ.

ކޮޓަރިތެރެ އަލިވެގެން ދިއުމުން ބަލައިލެވުނީ މުޅިހަށިގަނަޑަށެވެ. ފުރަތަމަ ދެއަތަށެވެ. ރައިހާއަށް ފާހަގަ ކުރެވުނީ އަތުގެ ކުޑަހުޅާ އިނގިލިތަކާ ފައިގެ ތަނބިކަށި ވެސް ދުޅަވެފައިވާ ކަމެވެ. ކަކުލު ހުޅު ވަކިން ބޮޑަށް ދުޅައެވެ. ރައިހާ ގަތީ އަމަށަކު ބިރެއްނޫނެވެ. މިއީކޮންކަހަލަ ކަމެއް ހެއްޔެވެ! ރައިހާއަށް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ.

އަމީރާއަށް ގުޅަން އުޅެފައި ވެސް އެމީހުން އަދި ތިބޭނީ ނދަންކަން އެނގުމުން މަޑުކޮށްލިއެވެ. އެނދުގައި އޮށޯވެ ކުރުގެޅިގެން ގައިމަތީ ރަޖާގަނޑު އެޅީ އަނެއްކާ ވެސް ހީކަރުވަން ފެށުމުންނެވެ. އަމިއްލަ ހާލުގެ މައްޗަށް ރުއިން ނޫންކަމެއް ރައިހާއަކަށް ނުކުރެވުނެވެ. ދަރިންކޮޅު މަތިން ހަނދާން ވަނީއެވެ. އަޅާނުލިޔަސް ފިރިމީހާމަތިން ވެސް އެހާވަރަށް ހަނދާން އެބަ ވެއެވެ.

ކިތަންމެ ތެދުވަން ބޭނުން ނުވިޔަސް ފާޚާނާއަށް ދާންޖެހިގެން ނުހުރެވިގެން ރައިހާ ހިތްވަރުކުރީ އެނދުން ފޭބުމަށެވެ. ކޮޓަރީގެ އެތަން މިތާ ހިފަމުން ދެފައި ދަމަމުން ކަހަލަ ގޮތަކަށް ފާޚާނާއަށް ރައިހާ ވަނީ ނެތް ހިތްވަރުލައިގެންނެވެ. އެނބުރިއައިސް އަނެއްކާ ވެސް ކައުންޓަރުން އިރާކޮޅުގެނައި ޕެނެޑޯލް ކާޑުން ޕެނެޑޯލް ގުޅައެއް ކައިލިއެވެ. އޭރު ފެނުގައި އަތްލުމުން އިތުރަށް ހީކަރުވަނީއެވެ.

އަނެއްކާވެސް ގައިމަތީ ރަޖާއަޅައިގެން ރައިހާ އަރާ އޮށޯތީއެވެ. އެވަރުން ވެސް ހީކެރުވުމަށް ބަދަލެއް ނައުމުން އެނދުގައި ހުރި ހުރިހާ ބާލީހެއް ވެސް ގައިމައްޗަށް އޮއްސައިލިއެވެ. ހީކެރުވުން މައިތިރިވި އިރު ރައިހާއަށް ލޯމެރިއްޖެއެވެ. ދެން ހޭލެވުނީ ފޯނުގެ އަޑަށެވެ.

ގުޅަނީ ރައިހާއެވެ. ވާހަކަ ދެއްކީ ޚާލިދެވެ.

“ހެލޯ!”

ރައިހާގެ އަޑުން ނީވުމުން ޚާލިދު އެތައް ފަހަރަކު ގޮވިއެވެ. ރައިހާއަށް އެންމެ ފަހުން ރޮއެ ގަނެވިއްޖެއެވެ. ޚާލިދަށް އިވުނީ ރައިހާ ރޯއަޑެވެ. ވަރަށް ބަލިކަށިކޮށެވެ.

“އަމީ! އަހަންނަށް ހީވަނީ ރައިއަށް ކޮންމެވެސް ކަމެއް ވެއްޖެހެން! ރޮނީކަންނޭގެ! ފޯނު ނުއެއްކަނޑާ! ޖަވާބެއް ނުލިބޭ!”

ޚާލިދު ބުނި އެއްޗަކުން އަމީރާގެ ހިތް ފުންމައިގެން އައި ކަހަލައެވެ. ފޯނު ކަނޑާލައިފައި އަލުން ގުޅިއެވެ. މިފަހަރު ވެސް ރައިހާ އެ ފޯނު ނަގާ ޖަވާބު ދެވޭތޯ އުޅުނެވެ. އެކަމަކު ކުރިން ވީވަރު ވެސް މި ފަހަރު ނުވިއެވެ. ވީއެއް ނުވީއެއް ނޭނގި ރައިހާގެ ޚަބަރު ހުސްވީއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !