A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 6

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ހަވަނަ ބައި

“އަމީ! އަހަންނަށް ހީވަނީ ރައިއަށް ކޮންމެވެސް ކަމެއް ވެއްޖެހެން! ރޮނީކަންނޭގެ! ފޯނު ނުއެއްކަނޑާ! ޖަވާބެއް ނުލިބޭ!”

ޚާލިދު ބުނި އެއްޗަކުން އަމީރާގެ ހިތް ފުންމައިގެން އައި ކަހަލައެވެ. ފޯނު ކަނޑާލައިފައި އަލުން ގުޅިއެވެ. މިފަހަރު ވެސް ރައިހާ އެ ފޯނު ނަގާ ޖަވާބު ދެވޭތޯ އުޅުނެވެ. އެކަމަކު ކުރިން ވީވަރު ވެސް މި ފަހަރު ނުވިއެވެ. ވީއެއް ނުވީއެއް ނޭނގި ރައިހާގެ ޚަބަރު ހުސްވީއެވެ.

“އަޅޭ! ޚާލިދު! ދާންވީނު ރައިއަށް ވީގޮތެއް ބަލާލަން! ރައި އަކީ އެހާ ނިދި ގަދަ ކުއްޖެއްނޫން!”

ކަންބޮޑުވި ވަރުން އަމީރާ ހުރީ ވަރަށް ހާސްވެފައެވެ.

ރައިހާގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރަކު ޖަހާލަމުން ރައިހާއަށް ޚާލިދު ގޮވި ވެސް މެއެވެ. އެހިސާބުން ޚާލިދު ނިންމީ ކައުންޓަރުން ޑަބަލް ތަޅުދަނޑި ގެނެސް ކޮޓަރި ހުޅުވުމަށެވެ.

ރައިހާއަށް ގޮވާ އަޑަށް އެތަނަށް އައި އާމިރާއެކު ޚާލިދު އެކޮޓަރިއަށް ވަންއިރު ރައިހާ އޮތް ހާލު ފެނުމުން ދެމީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. އާމިރު ދުވެ ގޮސް ރައިހާގެ ގައިމަތީހުރި ބާލީސްތައް ނަގާ އެއްފަރާތް ކުރަމުން ދިޔައިރު ޚާލިދު ދިޔައީ ރައިހާއަށް ގޮވަމުންނެވެ. މޫނުގައި ފެން އުނގުޅަން ފެށުމުން ކުކުރާލަމުން ރައިހާ ލޯހުޅުވައިލިއެވެ. އަދި ދެއަތް މޭމަތީ ހުރަސްކުރަމުން އަނެއްކާ ވެސް ކުރުގެޅިލިއެވެ. އެއޮތް ދޮންކުއްޖާގެ މޫނު އޮތީ ރަތްފައެވެ. މޫނުމަތި ފެންނަނީ ފޮސްވެފައިވާ ތަނެވެ. މުޅިހަށިގަނޑު ވެސް މެއެވެ.

ޚާލިދަށް ބަލާލެވުނީ އާމިރުގެ މޫނަށެވެ.

“އާމިރު މިތާ މަޑުކުރޭ!” ޚާލިދު ހިނގައިގަތީ އަމީރާއަށް މިޚަބަރު ދޭށެވެ.  އެއަށްފަހު ކާރެއް ހޯދައިގެން ރައިހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ޚާލިދާ އާމިރެވެ.

އިމަރޖެންސީގައި ރައިހާ ބެލުމަށްފަހު ބައެއް ޓެސްޓްތައް ހަދަން ޑޮކުޓަރ ދިނެވެ.

ބޭރުފުށުން ފެންނަން ހުރި އަލާމާތްތަކަށް ބެލުމަށްފަހު ރައިހާއަށް ޖެހިފައިވަނީ ޗިކެންގުންޔާ ކަމަށް ޑޮކްޓަރ ނިންމިއެވެ. ރައިހާގެ ހުންހުރީ ވަރަށް މަތީގައެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ރައިހާ އެޑްމިޓްކޮށް ފަރުވާ ދޭން ފެށިއެވެ.

ހަވީރު ފަހަކުން ޗެކިން ފެށޭ ފްލައިޓަކީ އަމީރާމެން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓެވެ. ޚާލިދާއި އާމިރާ އަދި އަމީރާ ވާހަކަދެއްކުމަށްފަހު ނިންމީ ރައިހާގެ ފިރިމީހާއަށް ގުޅުމަށެވެ. އޭރުން މިރޭގެ ފްލައިޓުން އާދެވުނަސް ކޮންމެވެސް އެކަކު އެއްދުވަހަށް މަޑުކޮށްފައި ދެން ތިބި މީހުންނަށް ރާއްޖެ ދެވޭނެއެވެ. މި ދުވަސްކޮޅަކީ ޗުއްޓީ ދުވަސްވަރުކަމުން އެއްފަހަރާ ހަތަރު މީހަކަށް ޓިކެޓެއް ވެސް ބޭނުންވާ ދުވަހަކަށް ނުވެސް ލިބޭނެއެވެ. އެއްމެން އެއްކޮށްދާން ހަދަންޏާ ހަފުތާއަކަށްވުރެން ވެސް ގިނަ ދުވަހު ތިބެން ޖެހިދާނެއެވެ.

ދެކެވުނު ވާހަކައަށްފަހު ނިންމީ އާމިރު މަޑުކުރާގޮތަށެވެ. އަމީރާއަށް ޚާލިދުގެ އެހީ ބޭނުންވާނެތީ ޚާލިދަކަށް މަޑުކުރެވޭކަށް ނެތެވެ. އެހެންވެ މަޑުކުރީ އާމިރެވެ. އުންމީދު ކުރަނީ މިރޭ ނުވަތަ މާދަމާ ނަމަވެސް ރައިހާގެ ފިރިމީހާ އައުމުން އާމިރު ވެސް އަވަހަށް ރާއްޖެ ދިއުމެވެ.

ފުރަން ގޮސް އެއަރޕޯޓުގައި ހުރެ ވެސް އަމީރާ ޒާހިލްއަށް ގުޅިއެވެ. ފޯނު އޮންނަނީ ނިންވާލާފައެވެ. އެހެންކަމުން ދެތިން މެސެޖް ވެސް ކޮށްފިއެވެ. ޚަބަރެއް ނުވިއެވެ. ދޮންބެ ދުރުހިލޭ މީހަކު ރައިހާ ގާތު ބަހައްޓާފަ ދާން އަމީރާ ވެސް ބޭނުމެއްނޫނެވެ. އަނެއްކޮޅުން ޒާހިލްގެ ގޮތް ކޮންމެވެސް ވަރަކަށް ރައިހާގެ ފަރާތުން އެނގޭތީ އެކަމާ ވެސް އަމީރާ ހުރީ ކަންބޮޑުވެފައެވެ.

“ދޮންބޭ އަޅެ! ރައިގެ ފޯނުން ބަލާބަލަ ރައިގެ މައިދައިތަ ނަމްބަރ ފެނޭތޯ! އަހާބަލަ! ނަމްބަރ! ނުބުނާތި އޭނަ ފިރިމީހާ ފޯނު ނުނަގާވާހަކަ! އިނގޭ!”

އަމީރާ ހުރީ ވީ ދެރައިން ރޮވިފައެވެ. އެކުވެރިޔާ އެހާލަށް ދޫކޮށްލާފަ ދާންވީމަ ހަނދާނެ ގޮތް ހުސްވެފައެވެ. ދޮންބެއަށް އެކުވެރިޔާއަށް ކޮށް ނުދެވޭނެ ކަންކަން ވެސް ހުންނާނެތީ ވަކިން ކަންބޮޑުވެއެވެ.

“ރައި އެ އޮންނަނީ ހުންގަދަކަމުން ގިނަ ވަގުތު ލޯމެރިފަ! ގަޔަކު ނުހުރޭ އެއްވެސް ވަރެއް! މުޅިގައިގަ ރިއްސާތީ އެހާވަރަށް އެބަ ރޮއޭ! ހިއެއް ނުވޭ ތިކަން ވާނެ ހެނެއް!”

އަމީރާ އެއީ ރައިހާގެ ހާލަތު ހުރި ގޮތް އެނގެން ޖެހޭ މީހަކަށް ވާތީ އާމިރު ރައިހާގެ ހާލު ހުރިގޮތް އޮޅުން ފިލުވައިދިނެވެ.

ކަންތައްތައް މި ދިމާވިގޮތުން އާމިރު ވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އަނެއްކޮޅުން ރައިހާއާ މެދު ހިތުގައި ވަނީ ހަމްދަރުދީއެވެ.

“ރައި! ރައި!”

އާމިރު ގޮވާ އަޑު ރައިހާއަށް އިވެއެވެ. އަނގައިން ބުނެވޭތޯ ރައިހާ މަސައްކަތް ވެސް ކުރެއެވެ. އެކަމަކު ރައިހާގެ ދެލޯ ހުޅުވުނަސް އަނގައިން ބުނެލާނެހާ ހިތްވަރެއް ނެތެވެ. އަނެއްކާ ވެސް ލޯމެރެނީއެވެ.

“އަމީ! ތިކަމެއް ހިއެއް ނުވޭ ވާނެހެންނެއް! ދެން ރައި ރަނގަޅު ވަންދެން މިތާ ހުންނަން ޖެހުނަސް އަހަރެން މަޑުކުރާނީ! އަމީ ކަންބޮޑު ނުވޭ! އިނގެ!”

އާމިރު ބޭނުންވީ އަމީރާ ހިތް ހަމަ ޖެހޭހާ ގޮތަކަށް ވާހަކަ ދައްކައިގެން އަމީރާ ހިތްހަމަ ޖައްސައިދިނުމެވެ.

”އަހަރެން ބަލާނަން އެ ކޮޅަށް ގޮސް ވީއެންމެ އަވަހަކަށް ޒާހިލް އަތުޖެހޭތޯ ! ދޮންބެ ރަނގަޅަށް ރައި އަށް ބަލައްޗެ! ޕްލީޒް!”

އަމީރާއަށް ރޮވިއްޖެއެވެ. ރަޙުމަތްތެރިކަމުގެ މާތްގުޅުމަކީ އެއީއެވެ. ތިމާގެ އެކުވެރިޔާ ޙާލުގައި ޖެހޭ ވަގުތު އޭނާއަށް ހެޔޮ އެދުމެވެ. ދެރަގޮތެއް ނުވުމަށް އެދެވުމެވެ. ކޮއްކޮގެ ހިތުގެ މިޚާލިސްކަމަށްޓަކައި އާމިރު އުފާކުރިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ދެވަނައަށްވީދުވަހު ހަވީރު ވާން އުޅެނިކޮށް ރައިހާގެ ހުން ތަންކޮޅެއް މައިތިރިއަތަށް އަޅައިލިއެވެ. އެހެންނަމަވެސް ހުޅުހުޅުގައި ހުރި ދުޅަ އަދި ކުޑައެއް ނުވެއެވެ. މަޑުމަޑުން ދެލޯ ހުޅުވައިލިއިރު ވެސް ރައިހާ ކުކުރައެވެ.

“ރައި! އެއްޗެއް ބޯންވީނު! މިހާރު ކުޑަކޮށް ރަނގަޅު ދޯ!” އާމިރު ބޭނުންވީ ރައިހާއަށް ހިތްވަރު ދިނުމެވެ.

”ފޯނު!” އާމިރާ ދިމާލަށް އަތް ދިއްކުރަމުން ރައިހާ އިޝާރާތްކުރީ ފޯނަށެވެ.

ރައިހާގެ އަތްދަބަހުގައި އޮތްފޯނު ނަގައި އަތަށް ލައިދެމުން އާމިރު އެހީ ގުޅަން ބޭނުމީ ކާކަށްތޯއެވެ.

”ޒާހިލް! ……. ކުދިން!”  ޖަވާބު ދިން އިރުވެސް އެހާ ހިތްވަރު ރައިހާގެ ނުހުންނާނެކަށް އާމިރަށް އެނގެއެވެ.

”އަހަރެންގެ ކުދިންނަށް ގުޅައިދީބަލަ! ޕްލީޒް! ކުދިން މަތިން ވަރަށް މިސްވޭ!”

ރައިހާއަށް  އެހެން ބުނެވުނުއިރު އިނީ ރޮވިފައެވެ. އޭރު އާމިރު ހުރީ ތެދުވެ ރައިހާ ކައިރީ ކޮޅަށެވެ. ރައިހާގެ ލޮލުން ފޭބި ކަރުނަ ފެނުމުން އާމިރުގެ ހިތުގައި ޖެހުނެވެ.

”ލޮކްކޯޑް!”

އާމިރުގެ ސުވާލު އަޑުއިވުމުން ރައިހާ އަދަދުތަކެއް ކިޔައިލިއެވެ. ލޮކްކޯޑު ދިމާވީ ރައިހާ ދެފަހަރު ކިޔައިދީގެންނެވެ. އެއިން އެނގެނީ ރައިހާގެ ހާލަތު ހުރި މިންވަރެވެ.

ރައިހާ ކިޔައިދިނީ މައިދައިތަގެ ނަންބަރެވެ.

އާމިރު ރައިހާ ކިޔައިދިން ނަންބަރު  ހޯދުމަށްފަހު އާމިރުގެ ފޯނުގައި އެ ނަމްބަރ ރައްކާ ކުރިއެވެ. ދެން ބެލީ ވައިބަރއިން ގުޅޭތޯއެވެ. ކަންދިމާ ކުރިގޮތުން އެ ގަޑީގައި މައިދައިތަ އިނީ ޑާޓާ އޮފްކޮށްގެން ގުރުއާން ކިޔަވާށެވެ. ދެ ނަމާދު ދޭތެރެކަމަށް ވުމުން އައިނާ އާއި އަޔާދު ވެސް ބައިންދައިގެންނެވެ.

ރައިހާ އެވަރަށް އެދުމުން އާމިރު ގަސްދުކުރީ އެ ނަމްބަރަށް އާމިރުގެ ފޯނުން ގުޅުމަށެވެ. ފުރަތަމަ ފަހަރު ފޯނު ނުނެގުމުން ދެވަނަ ފަހަރަކު ވެސް އާމިރު ގުޅައިލިއެވެ.

ނުދަންނަ ނަމްބަރަކަށް ވާތީ ދެވަނަ ކޯލް އައުމުން ރައިހާކަމަށް ބަލާފަ މައިދައިތަ ފޯނު ނެގިއެވެ. އެ ކޮޅުން ފިރިހެނަކު ވާހަކަ ދެއްކުމުން މައިދައިތަ ހީކުރީ އޮޅިގެން ގުޅި މީހެއްކަމަށެވެ. އެހެންނަމަވެސް އައްސަލާމް ޢަލައިކުމްއޭ ބުނީމަ ފޯނު ނުކަނޑާ އަޑު އަހަން އިނެވެ.

”އައްސަލާމް ޢަލައިކުމް! މިއީ ޢާމިރު! އަމީރާގެ ބޭބެ! ކޮބާތަ ޒާހިލް!”

ރައިހާގެ ފިރިމީހާގެ ނަން މިހާރު އެނގޭތީ އާމިރު އެހީ ޒާހިލްގެ ވާހަކައެވެ.

”ޒާހިލް ވީ ހީވަނީ ރަށުން ބޭރުގަހެން!”

ނުބުނަން ހުރެފަވެސް ވެގެން އުޅެނީ ކީއްކަން ނޭނގޭތީ މައިދައިތަ ސާފު ބަހުން ޖަވާބު ދިނެވެ. ދދުވާލަކު މަދުވެގެން އެއްފަހަރު ގުޅަމުން އައި ރައިހާގެ ޚަބަރެއް ނުވާތާ މިއީ ތިންވަނަ ދުވަހެވެ. އެކަމާ މައިދައިތަ ހުރީ ނުލާހިކު ބޮޑަށް ހާސްވެ ބިރުގެންފައެވެ.

”ރައިހާ މާބޮޑަށް ބަލިވެގެން …….. އެޑްމިޓްކޮށްގެން ……. މިއަދު މީ ތިންވަނަ ދުވަސް!……. ރައިހާ ބަލި ވީއްސުރެ ޒާހިލް އަށް ގުޅޭތޯ ކޮއްކޮ ވެސް އުޅުނު!”

އާމިރަށް ވާހަކަ ދެއްކުނީ ޒާހިލް ކުށްވެރި ކުރެވޭ ރާގަކަށެވެ.

”ކޮބާ ރައިހާ! ދީބަލަ ފޯނު!” ރައިހާގެ މައިދައިތަގެ އެދުމުގެ މަތިން އާމިރު ފޯނު ރައިހާ އަތަށް ގެން ގޮސް ދިނެވެ.

”ހަލޯ! މަންމާ!”

ނެތް ހިތްވަރުލާ ރައިހާ ބެލީ ވީހާވެސް ގަދަކަން އަންގަން ވާހަކަ ދެއްކޭތޯއެވެ. ދެކުދިންގެ މަންމައަކަށް ވިޔަސް ދުނިޔޭގެ ތަޖުރިބާ މަދު އުމުރުން ޅަ އެ އަންހެން ކުއްޖާއަށް ރޮވުނީއެވެ. އަމިއްލަ ދަރިންނާ މައިންބަފައިންނާ އާއިލާއާ ދުރުގައި މި ގޮތަށް ބަލިވުމުން ރައިހާ ވަނީ ނަފުސާނީގޮތުން ވެސް ބަލިކަށިވެފައެވެ.

ރައިހާއަށް ވާހަކަ ނުދެއްކޭނެކަން އެނގޭތީ ދެން އެފޯނުން ވާހަކަ ދެއްކީ އާމިރެވެ. ކުދިންގެ ހާލު އަހައި ކަންތައް ކުރިއެވެ. އަދި ރައިހާއަށް މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެކަމަށާ ވާހަކަ ދެއްކޭވަރު ވުމުން ގުޅައިދޭނެކަމަށް ބުންޏެވެ.

މައިދައިތަ އެދުނީ ރައިހާއަށް ރަނގަޅަށް އަޅާލުމަށާ އެހީތެރިވެ ދިނުމަށެވެ. ފައިސާ ބޭނުންތޯ ވެސް އެހިއެވެ. އާމިރަށް އެނގުނީ ފިރިމީހާ ކިތަންމެ ގޯހަސް ރައިހާއަށް ލިބިފައިވަނީ ޖަވާހިރެއްފަދަ މައިދައިތައެއް ކަމެވެ.

ފޯނު އެއްފަރާތުގައި ބޭއްވުމަށްފަހު އާމިރު އިށީނީ ރައިގެ މަގަތުން އެނދުގައެވެ. އޭރުވެސް އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިން ރައިހާ ގިސްލަނީއެވެ. ދެލޯ މަރާލައިގެން އިނަސް ރައިހާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މި މަންޒަރަކީ އާމިރަށް ބަލަން ކުޅަދާނަ މަންޒަރަކަށް ނުވިއެވެ.

“ރައި! ނުރޮއި ހުއްޓާލާ! އިރާދަ ކުރެއްވިއްޔާ ރައިއަށް ރަނގަޅުވެގެން ވަރަށް އަވަހަށް ރާއްޖެ ދެވޭނެ!…. ކުދިން ކައިރިއަށް ދެވޭނެ!…….. އެންމެންވެސް ބަލި ވާނެ! އެކަހަލަ ހާލަތުގައި ހިތްވަރު ކުރަންވާނެ! އިނގޭ!”

އާމިރު ހިފީ ރައިހާގެ އަތްތިލާގައެވެ. ގަނޑުފެންކޮޅެއްހާ ފިނި އެ އަތްތިލާގައި އެއްވެސް ބާރެއް ނެތެވެ. އެހާ މަޑެވެ.

މިކަހަލަ ހާލަތްތަކުގައި ބައިވެރިޔާއަށް އަނެކާ ބޭނުންވާނެވަރު އާމިރަށް ވަޒަން ކުރެވުނެވެ. އާމިރު ދުރު ހިލޭ މީހަކަށްވާތީ ރައިހާ ގައިގަ އަތްޖައްސާލަން ނުކެރުނުއިރު ރައިހާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި އަޅަމުންދިޔަ ވޭން އާމިރު ވަރަށް ގާތުން ދުށްޓެވެ. އެ ހަށިގަނޑުގައި ފިރުމާލާ ލޯބިން ވާހަކަ ދައްކާލާނެ މީހަކު އެ ވަގުތު ކިހާ ބޭނުންވާނެކަން ވެސް އާމިރަށް ވަޒަން ކުރެވުނެވެ.

”އާމިރު! އަހަރެން ބޭނުން ފާޚާނާއަކަށް ދާން! ނަރުހަށް ގޮވައިލަ ދީފާނަން!” ވަރަށް ލަދުން ހުރެ ރައިހާ އެދުނީ ނަރުހަކަށް ގޮވާލަ ދިނުމަށެވެ.

ކޮންމެފަހަރަކު ވެސް ރައިހާ ފާޚާނާއަށް ގެންދަންވީމަ ނަރުހެއްގެ އެހީ ހޯދާތީ މިފަހަރު ވެސް ނަރުހަކަށް ގޮވައިލަ ދޭން އެދުނީއެވެ.

އާމިރު ބޭރަށް ނިކުމެފައި އައިސް އިރުކޮޅަކުން އަންނާނެއޭ ބުންޏެވެ. އެކަމަކު ދެތިން މިނިޓްފަހުން ނަރުސް ނައިސް ލަސްވާތީ ރައިހާ ފާޚާނާއަށް ދާން އެނދުން ފައިބަން އުޅެގަތުމުން އާމިރު އެހީވެދިނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !