A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 8

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

އަށްވަނަ ބައި

ރައިހާގެ ވާހަކަ ނިންމާލަމުން ދެކޮނޑު އަރުވައިލީ ނިމުނީއޭ ބުނާފަދައަކުންނެވެ. އެކަމަކު އާމިރު އޮޅުން ފިލުވަން ބޭނުން އެންމެ މުހިންމު ބައި އޮތުމުން އަނެއްކާ ވެސް ސުވާލު ކުރިއެވެ.

”ދެން!”

އާމިރުގެ ސުވާލު އައުމުން މިފަހަރު ރައިހާ އިސްދަށަށް ޖަހައިލިއެވެ. އެހެން އަހާނެ ކަން ކުރިން ވެސް ރައިހާއަށް ހީވެފައި އޮތް ކަހަލައެވެ.

”އޯލެވެލް ނިމުނުއިރު ވެސް އަހަރެން އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން! އަހަރެން ރީތި ނޫންވީމަކަންނޭނގެ ފިރިހެންކުދިންނަކާ އަހަންނަކާ އެހާ ބޮޑު ގުޅުމެއް ނޯވޭ! އަހަންނަކީ ކިޔެވުމުގެ ކަމެއްގައި ނޫނީ ގެއިން ބޭރަށް ގޮސް އުޅޭ މީހަކަށް ނުވާތީ ކަމަށްވެސް ވެދާނެ! ……….އަހަރެންގެ އޭލެވެލް ނިމުމުން މައިން ބަފައިން ލައްވާ ޚަރަދު ކުރުވަން ބޭނުން ނުވާތީ އޮފީހަކަށް ވަނީ! އެއްދުވަހަކު އޮފީހުގެ ރައްޓެހި ކުއްޖަކާ އެކު ކޮފީއަކަށް ގޮސް އިންދާ އެތަނުން ޒާހިލްއާ ދިމާވީ! އަހަންނަށް ޒާހިލް ކަމުދިޔައީ! ޒާހިލް ދެކެ ލޯބި ވެވުނީ! އިންނަން ބޭނުންވެ އެވާހަކަ ދެއްކީ ވެސް ……. އާމިރަށް އެނގޭތަ ….. އަހަންނޭ!”

ރައިހާ އިސް އުފުލާލާ އާމިރުގެ މޫނަށް ބަލައިލިއެވެ. އޭރު ވެސް އާމިރު އިނީ ރައިހާއަށް ބަލަހައްޓައިގެންނެވެ.

”ވެދާނެ އެހެންވީމަކަމަށް ޒާހިލް ހިތު ހުރި ގޮތެއް އަހަންނަށް ހަދަނީ! އަހަރެން ހާދަ ދެރައެއްވެޔޭ! އަހަރެންގެ މިހިތަށް ވަރަށް އަސަރު ކުރޭ!”

ރައިހާ ކަނާތުގެ އިނގިލިތަކުން ހިތާދިމާލުން މޭމަތީގައި ފިރުމައިލިއެވެ. އޭރު ރައިހާގެ އަޑު ކުރެހިގެން އައިކަން އާމިރުއަށް ފާހަގަވިއެވެ. ރައިހާގެ ދެލޮލުން ފޭބި ކަރުނަތިކި މަޑުމަޑުން ކޯތާފަތުން ތިރިއަށް ފައިބަން މަސައްކަތް ކުރަމުން ދާތަން ވެސް އާމިރަށް ފެނުނެވެ.

ކައިރިއަށް ޖެހިލާ ރައިހާގެ ކޯތާފަތުގައި އާމިރުގެ އިނގިލި ޖައްސައިލިއެވެ. އަދި މަޑުމަޑުން އިނގިލި ހިންގާލާ ކަރުނަ ފޮހެދިނެވެ. އެއަށްފަހު އާމިރުގެ ބަނޑުގެ އެއްފަރާތުގައި ރައިހާގެ މޫނު ޖެހޭ ގޮތަށް ގަޔާ ކައިރި ކޮށްލިއެވެ. މަޑުމަޑުން އަތް ގެންގޮސް ރައިހާގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލިއެވެ. ބުރަކަށީގައި ފިރުމައިލިއެވެ. އާމިރުގެ ހިތް ސާފެވެ. އެހިތުގައި ނުބައި ނިޔަތެއް ނެތެވެ. ބޭނުންވީ ހަމަ އެކަނި ރައިހާގެ ހިތާމާގައި ބައިވެރި ވުމެވެ. ރައިހާއަށް ހަމަޖެހުން ހޯދައިދިނުމެވެ.

ރައިހާވެސް އިނީ އެފަދަ އޯގާތެރި ބީހިލުމަކަށް ބޭނުންވެފައި ކަހަލައެވެ. އާމިރާ ދުރަށް ޖެހޭކަށް ރައިހާ ނޫޅެއެވެ. ވެދާނެއެވެ. އާމިރު ފަދައިން ރައިހާގެ ހިތްވެސް ސާފީއެވެ.

ދޮރުފަތުގައި ޓަކި ޖަހައިލި އަޑަށް ވަންނަން ބުނަމުން އާމިރު ހިނގައިގަތީ ކޮޓަރީގެ ކަނެއްގައި ހުރި ކުޑަ މޭޒާ ދިމާއަށެވެ.

މޭޒު ގެނެސް އެނދު ކައިރީ ބެހެއްޓުމުން ވެއިޓަރ ގެނައި ދެމީހުންގެ ކާއެއްޗެހި ޓްރޭގައި އަތުރައި ދީފައި ވެއިޓަރ ހިނގައްޖެއެވެ. ދެމީހުން ވެސް ކަމުން ގެންދިޔައީ މަޑުމަޑުން ތިބެގެންނެވެ. ހީވަނީ ދެންމެ ދެކެވުނު ވާހަކައަށާއި ހިނގި ކަންތަކާމެދު ވިސްނަނީހެންނެވެ! އަލުން ފެށީ އަނެއްކާ ވެސް އާމިރެވެ.

”ކޮންމެ އިންސާނަކަށް ވެސް އުފަލާ ހިތްހަމަ ޖެހުމަކީ ލިބެން ޖެހޭ އެއްޗެއް! އެއީ ވަކި ބައެއްގެ ޙައްޤެއް ނޫން! އެ ދޭން ތިބިބައެއްގެ ޒިންމާއެއް ލިބެން ޖެހޭ މީހުންނަށް އެ ހޯދައިދިނުން! ދެޓްޒް ނޮޓް ވަޓް ޔޫ ޑިޒާވް!”

އާމިރު ވާހަކަ ދައްކަން ފެށީއްސުރެން ރައިހާ އިނީ އާމިރުގެ މޫނަށް ބަލަހައްޓައިގެންނެވެ. އެކަން އެނގުމުން އާމިރު ބުނި އެންމެ ފަހު ޖުމްލަ ރައިހާއަށް ކިރިޔާ އަޑުއިވުނީއެވެ. ރައިހާގެ މޫނަށް އަރާފޭބި ކުލަތައް ފެނުމުން އެހެން ނުބުނެވުނު ނަމައޭ އާމިރު ހިތަށް އެރިއެވެ. އެކަމަކު ދެން ސާބިތުކަމާއެކު ކުރިއަށް ގެންދިޔައެވެ.

”މި ބުނީ …….. ތިއީ ދިރިއުޅުމެއް ނޫނޭ! ……. ތިއީ ދިރި ތެޅުން! ”

ރައިހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާމިރު އެބުނީ ތެދެކެވެ. އެކަމަކު އެއްބަސްވާކަށް ބޭނުމެއްނުވިއެވެ. އަދި މަޑުމަޑުން އިސްދަށަށް ޖަހައިލިއެވެ.ދައްކަން ޖެހނީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ. އެ ވާހަކަތަކަކީ ދައްކަން ރައިހާ ބޭނުންވާ ވާހަކަ ތަކެއް ނޫނެވެ.

”ތިމާ ރުހެވޭ މީހާ ދެކެ ތިމާގެ ހިތުގައި ލޯބި އުފެދުމަކީ ޠޮބީޢީ ކަމެއް! އެކަމަކު ލޯބިވާން ޖެހޭނީ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސަށް! ތިމާ ލޯބިވާމީހާ އެ ލޯބީގެ އަގު ވަޒަން ނުކުރަންޏާ އެމީހަކު ދެކެ ލޯބި ވުމުގެ އޮތީ ކޮން ފައިދާއެއް! ރައި ބުނެބަލަ! ޒާހިލް ދެކެ ލޯބި ވުމަކުން ރައިއަށް ލިބޭ ހަޤީގީ، އުފަލަކީ އަރާމަކީ ކޮބާ!”

އާމިރު ބަލަން އިނީ ސީދާ ރައިހާގެ ދެލޮލަށެވެ.

”ބޭނުމެއް ނޫން ތި މައުޟޫއަށް ވާހަކަ ދައްކާކަށް! އެއީ އަހަރެންގެ ފިރިމީހާ! އަހަރެންގެ ކުދިންގެ ބައްޕަ!” ރައިހާ ފަހުބަސް އިއްވިއެވެ.

ރައިހާގެ ރާގު ހުރިގޮތުން އިތުރަށް އެ މައުޟޫއަށް ވާހަކަ ނުދައްކަން އާމިރު ވެސް ނިންމިއެވެ. އެކަމަކު ރައިހާގެ ވިސްނުމާ މެދު ރައިހާއަށް ކުރެވުނު ޤަދަރު އުފުލިގެން ދިޔައެވެ.

ފުރަން ދިއުމުގެ ކުރިން ކުދިންނަށް މޭވާކޮޅެއް ގަންނަން ބޭނުންވާ ވާހަކަ ރައިހާ ބުނުމުން އާމިރު ބުނީ ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ދިނުމަށެވެ. ރައިހާ އަދި ތަންތަނަށް ދާހާ ގަދަ ނުވަކަމަށް ބުނެލީ ސަމާސާ ރާގަކަށެވެ.

”މާ ދިގު ލިސްޓެއް ނެތް! ގްރޭޕްސްކޮޅަކާ މެންޑެރިން އޮރެންޖް ކޮޅަކާ ސްޓޯބެރީ ކޮޅެއް! އެނިމުނީ!”

ރައިހާގެ ލިސްޓް އަޑުއިވުމުން އާމިރު އެހީ ރައިޙާއަށް ބޭނުން އެއްޗަކާ ބެހޭ ގޮތުންނެވެ.

”ނެތް ވަކި ބޭނުން އެއްޗެއް!” ރައިހާ ޖަވާބުދިނެވެ.

އާމިރު ކޮޓަރިން ނިކުންނަން ހިނގައިގަތުމުން ރައިހާ ދަބަސް ހުޅުވާލުމަށްފަހު ސަތޭކަ ޑޮލަރުގެ ނޫޓެއް ދިއްކޮށްލިއެވެ.

”ބާއްވާ! މިދެން މާބޮޑުއެއްޗެއް ވެސް ނޫނެއްނު!”

އާމިރު އޭގައި ހިފަން އިންކާރު ކުރުމުން ރައިހާ އާމިރުގެ މުށުތެރެއަށް ނޫޓު ލައިދިނެވެ.

ރައިހާ ދިން ފައިސާ ހިފައިގެން އާމިރު ނުކުތީ ބާޒާރު ކުރުމަށެވެ.

ގަޑިއެއްހާ އިރުފަހުން އާމިރު ފޯނުކޮށްފައި އެހީ ރައިހާގެ މައިދައިތަ ލަނީ ކޮންކަހަލަ ހެދުމެއްތޯއެވެ. ހަރުވާޅު ހެދުމޭ ރައިހާ ބުނުމުން އިތުރަށް އެއްވެސް އެއްޗެއް ނާހާ ފޯނު ކަނޑައިލިއެވެ. މައިދައިތަ ލާ ހެދުމަކާ ބެހޭގޮތުން އާމިރު ސުވާލުކުރީ ކީއްވެބާއޭ ރައިހާ ހިތަށް އެރިއެވެ.

އެނބުރި އައިއިރު އާމިރުގެ އަތުގައި އެތައް ބައިވަރު ކޮތަޅު ހުއްޓެވެ. ރައިހާ ހުރީ ދެލޯ ބޮޑުވެފައެވެ.

”އަން! މަގޭ ގާތު ގަންނަން ބުނި އެއްޗެހި ހަމަތޯ ބަލާލަ ބަލަ!” ރައިހާއަތަށް ކޮތަޅުތައް ދިއްކޮށްލަމުން އާމިރު ބުންޏެވެ.

“ހަދިޔާ ގެންދަންވާނެނު އެންމެންނަށް ވެސް!” އާމިރު ހީވަނީ މުސްކުޅި އަންހެނެއް ހެންނެވެ.

އެކި ކޮތަޅުތައް ވަކިވަކިން ރައިހާ ބެއްޔެވެ. ކުދިންނަށް ވެސް އަންނައުނު ހުއްޓެވެ. އަދި ރައިހާއަށް ވެސް ޖިންސް، ޓޮޕް، ބޫޓު ……. އެތައް ބައިވަރެކެވެ.

”އަޅޭ ޢާމިރު!” ރާއަށް ވަކިން ބޮޑަށް ދަމާލަމުން ރައިހާ ވާހަކަ ދެއްކިއެވެ.

”މަށަށް ޔަގީން ސަތޭކަ ޑޮލަރަކަށް މިހާ ބައިވަރު އެއްޗެއްސެއް ނުލިބޭނެ! އެހެން ނޫނަސް މީ ކީއްކުރާހާ އެއްޗިއްސެއް!” ރައިހާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

”ދެން ކޮބާ މައްސަލައަކީ! ތީ، ދިން މީހާ ހިތުން ރުހުމުން ދިން އެއްޗެކޭ!” ދެކޮނޑު އަރުވާލަމުން އާމިރު ދިން ޖަވާބުން ރައިހާއަށް ހެވުނެވެ. އެކަމަކު ހެވުނުކަން އަންގާކަށް ރައިހާ ބޭނުމެއް ނުވިއެވެ.

”ތީ މަގޭ ފިރިމީހާއެއް ނޫން އިނގޭ މަށަށް ޚަރަދު ކުރާކަށް! އެހެން ނޫނަސް މަ މި އެއްޗިއްސެއް ބޭނުމެއްނޫން!”

އާމިރާ ދިމާއަށް ކަނާތުގެ ޝަހާދަތް އިނގިލި ހިއްލާލަމުން ރައިހާ ބުންޏެވެ. ރުޅިއައިކަމަށް ހެދިގެން އިންޒާރު ދޭގޮތަށް ރައިހާ ވާހަކަ ދެއްކިޔަސް އާމިރު ވަކި ޖަވާބެއް ނުދީ އިރުކޅަކު ހުއްޓެވެ.

” ދެން ބަހައްޓާ! އަހަރެން ވަރަށް ދެރަވާނެ ރައި ތި ގަބޫލު ނުކޮށްފިއްޔާ! ބުނެފީމެއްނު ދޭހިތުން ދިނީއޭ!”

ކޮން ކަހަލަ ޖާދޫއެއް އެކުލެވިފައިވާ އަޑެއް ހެއްޔެވެ! ރައިހާއަށް މިހާ ރަނގަޅު އިންސާނަކާ ދުވަހަކު ވެސް ދިމާ ނުވެއެވެ. އެކަނި މާއެކަނި ގޮތް ހުސްވެފައި ހުރި އަންހެންކުއްޖަކަށް ރައިހާ ވާއިރު ވެސް އެއްވެސް ކަހަލަ ނުރަނގަޅު ޢަމަލެއް ކީއްކުރަން ނު ގޮތަކަށް ބަލައި ވެސް ނުލައެވެ. އާމިރަށްޓަކައި ރައިހާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. ހިތުގައިވަނީ ޚާއްސަ ޤަދަރެއް ދެވިފައެވެ.

ދަތުރުކުރަމުން ދިޔަ ފްލައިޓްގައި ރައިހާއަށް އިނދެވުނީ ސީޓްބަރީގެ މެދުގައެވެ. އެއްފަހަރަކު ރައިހާއަށް ނިދިގެން ގޮސް ޖެހިގެން އިން އަންހެން މީހާގެ ކޮޑުގައި ބޯއަޅައިލެވިއްޖެއެވެ. އެމީހާ މަޑުމަޑުން ރައިހާގެ ކުރިމަތިން އަތް ގެންގޮސް އާމިރު ކޮއްޓައިލިއެވެ. އެމީހާގެ އިޝާރާތް ވިސްނުމުން އާމިރު ރައިހާގެ ބޯ ގެނެސް އާމިރުގެ ކޮނޑުމަތީ ބޭއްވިއެވެ. އަދި ރައިހާއަށް ފަސޭހަވާނޭ ގޮތަށް ކައިރިވެލާ އާމިރުގެ ގައިގާ ރައިހާ ލައްކޮށްލިއެވެ. ދަތުރުގެ ގިނަ ވަގުތު ރައިހާ އިނީ އާމިރުގެ ހަށިގަނޑުގެ ހޫނު ލިބިގެންނެވެ. މިފަދަ ގާތްކަމަކާ އަރާމެއް އެހެން ފަރާތަކުން ނުލިބޭ މީހެއް ފަދައިންނެވެ.

ރައިހާ އިންގޮތުން އާމިރު ނުބަލަން އިނަސް ރައިހާގެ މޫނަށް ބަލައިލެވެއެވެ. އަބަދު ދެރަވެފައި ހުންނައިރު ވެސް އެމޫނުގެ ހިތްގައިމުކަމަކަށް ބަދަލެއް އައިސްފައެއް ނެތެވެ. ތިމަންނަ ރީތިނޫންވިމައޭ ރައިހާ ބުންޏަސް ހަގީގީ ރީތި އަންހެނެއްގެ ހުރިހާ ސިފައެއް ރައިހާއަށް ލިބިފައިވާ ކަމަށް އާމިރަށް ގަބޫލުކުރެވުނެވެ. މިކަހަލަ އަންހެންކުއްޖަކު ލިބުމުން ވެސް ޒާހިލް އެހެން އެ އުޅެނީ ޒާހިލްއަކީ ފުރިހަމަ ފިރިހެނަކަށް ނުވާތީބާއޭ އާމިރު ހިތަށްއެރިއެވެ. މާބޮޑު މޭކަޕަކާ ނުލައި ވެސް މޫނުގެ ހުރި އޮމާންކަން އާމިރު ދެނެގަތެވެ. އަތުގެ އިނގިލިތަކާ ހަށިގަނޑުގެ ބައްޓަން އެހާމެ ރިއްޗެވެ.

މިހާތަނަށް އާމިރަށް ފާހަގަ ކުރެވުނު ރައިހާގެ އެންމެ އަޅައިގެންނަ އެއްސިފައަކީ މަޑުމައިތިރިކަމާ ވާހަކަ ދެއްކުމުގައި ގެންގުޅޭ އަދަބުވެރި ރީތި ގޮތެވެ. އަދި ރައިހާ ހީނލާއިރު ދެ ކޮލުން ފާޅުވާ އަޑިކޮޅަކީ ވެސް އާމިރަށް ފާހަގަ ކުރެވުނެ ތަފާތު ކަމެކެވެ.

ދަތުރުކުރަމުންދިޔަ ފްލައިޓް އޭގެ މަންޒިލް ކަމުގައިވާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރ ޕޯޓްގައި ޖެއްސީވެސް ރައިހާ އެހެން އިންދައެވެ. ބައެއްފަހަރު ކުޑަކޮށް ހަރަކާތް ކޮށްލިޔަސް އާމިރާ ދުރުވާކަށް ރައިހާ ނޫޅެއެވެ. އާމިރުގެ ކޮނޑުން ބޯހިއްލާއިލީ ފްލައިޓް ޖެއްސި ވަގުތު ފްލައިޓަށް އައި ލޮޅުމުގެ ސަބަބުންނެވެ. ދެން ރައިހާ ދެލޯ ބޮޑުކޮށްގެން ބަލަން ފެށީ ދަތުރު ނިމުނީކަން ޔަގީން ނުވެގެންނެވެ.

ދަތުރު ފެށީއްސުރެ ގެއާ ހަމައަށް ދެވެންދެން ވެސް އާމިރު ރައިހާ ބެލެހެއްޓިއެވެ. ޓެކްސީއިން ރައިހާ ގެންގޮސް ގެއަށް ވެސް ލައިދިނީ އާމިރެވެ. ފުރުވަން ނުދެވުނު މީހަކު ގުޅިޔަސް ރައިހާ ބަލާ ނާންނާނެކަން ރައިހާއަށް އެނގެނީކަމަށް ވެސް ވެދާނެއެވެ. ރައިހާ ބުނީ ކުދިންނަށް ސަރޕްރައިޒެއް ދޭން ނުބުނެ އައީކަމަށެވެ. މައިދައިތަ ވަރަށް އުފާވާނެކަމަށް ވެސް ރައިހާ ބުނެލީ ހިތި ހިނިތުން ވުމަކާއެކުގައެވެ. ޒާހިލްގެ ވާހަކަ އެތަނަށް ގެނައުން ރައިހާއަށް ލަދުވެތިކަމަކަށް ވީކަމަށް ވެސް ވެދާނެއެވެ. ޒާހިލްގެ ވާހަކައެއް ނުދައްކައެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !