A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 9

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ނުވަވަނަ ބައި

ދަތުރު ފެށީއްސުރެ ގެއާ ހަމައަށް ދެވެންދެން ވެސް އާމިރު ރައިހާ ބެލެހެއްޓިއެވެ. ޓެކްސީއިން ރައިހާ ގެންގޮސް ގެއަށް ވެސް ލައިދިނީ އާމިރެވެ. ފުރުވަން ނުދެވުނު މީހަކު ގުޅިޔަސް ރައިހާ ބަލާ ނާންނާނެކަން ރައިހާއަށް އެނގެނީކަމަށް ވެސް ވެދާނެއެވެ. ރައިހާ ބުނީ ކުދިންނަށް ސަރޕްރައިޒެއް ދޭން ނުބުނެ އައީކަމަށެވެ. މައިދައިތަ ވަރަށް އުފާވާނެކަމަށް ވެސް ރައިހާ ބުނެލީ ހިތި ހިނިތުން ވުމަކާއެކުގައެވެ. ޒާހިލްގެ ވާހަކަ އެތަނަށް ގެނައުން ރައިހާއަށް ލަދުވެތިކަމަކަށް ވީކަމަށް ވެސް ވެދާނެއެވެ. ޒާހިލްގެ ވާހަކައެއް ނުދައްކައެވެ.

އާމިރު ރައިހާއާ ދިމާއަށް ބަލައިލީ ކަތި ނަޒަރަކުންނެވެ. އެ ނަޒަރުގައި ވަނީ ހަމްދަރުދީއެވެ. އެވަރުން ވެސް ފިރިމީހާގެ ގޯސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ. ކެތްތެރި އަންހެންކުއްޖެކެވެ.

ރައިހާ ފޮށި ނޫން އިތުރު އެއްޗެއް ނުގެންނާތީ ޓެކްސީ މަޑުކުރުވުމަށްފަހު ފޮށި ނަގައިގެން އާމިރު ހިނަގައިގަތީ ގޭގެ ދޮރާދިމާއަށެވެ.

އިށީނދެގެން ގިނަ އިރު އިނުމުގެ ސަބަބުން ފައިތިލަ ބިންމަތީ ޖައްސާލުން ވެސް ރައިހާއަށް ވީ ވޭން ހުރި ކަމަކަށެވެ. ހަށިގަނޑު ސީދާ ކޮށްލެވުނީ ވެސް ކާރުން ފޭބުމަށްފަހު އިރުކޮޅަކު ކާރުގައި ހިފަހައްޓައިގެން ހުރުމުންނެވެ.

ތަންކޮޅަކަށް ހިނގައިލުމަށްފަހު ރައިހާ އަންނަން ދެން އާމިރު މަޑުކޮށްލިއެވެ. ރައިހާ އައިސް އާމިރާ އަރާހަމަވުމުން ކިތައްވަނަ ފްލޯރ ތޯ އަހައިލީ ކުރިމަތީހުރި ހަތަރުބުރީގެ އިމާރާތަށް ބަލައިލަމުންނެވެ.

”ސެކަންޑް ފްލޯރ!”

ރައިހާ އާއެކު އާމިރު ހިނގައިދާނެތީ ރައިހާ ހުރީ ކަންބޮޑުވެފައެވެ. އެކަމަކު އެ ފޮށި މައްޗަށް ގެންގޮސްދޭނެ މީހަކު ނުހުންނާނެއެވެ. ކުދިންނަކަށް ނުގެންދެވޭނެއެވެ. މައިދައިތައަކަށް ވެސް ނުގެންދެވޭނެއެވެ. އަމުދުން  ސިކުންތަކަށް ވެސް ފޮށި ހިއްލާލެވޭ ވަރަށްވުރެ ރައިހާގެ އިނގިލިތަކުގައި ރިއްސާވަރު މާބޮޑެވެ. މި ވޭނުގައި އަހަރެއްހާ ދުވަހު ވެސް އުޅެން ޖެހިދާނެއޭ ޑޮކްޓަރ ބުނިހަނދާން ވުމުން ރައިހާ ދެރަވިއެވެ.

ރައިހާއަށްވުރެ ކުރިން އާމިރު ސިޑިން އަރައިގެން ހިނގައްޖެއެވެ. އެކަމަކު ފުރަތަމަ ފްލޯރ ނިމޭ ހިސާބުގައި ފޮށި ބަހައްޓާފައި އެނބުރި އައި އާމިރު ފެނުމުން ރެއިލިނގް ގައި ހިފަމުން މައްޗަށް އެރޭތޯ ހިތްވަރުކުރަމުންދިޔަ ރައިހާ ބަލައިލީ ހިތްދަތި ނަޒަރަކުންނެވެ.

ހިތްވަރުދޭފަދަ ގޮތަކަށް ހީނލަމުން އާމިރުގެ އަތުން ހަނާއަޅައިލީ އަންނާށޭ ބުނަމުންނެވެ.

ރައިހާ ހިތްވަރުކުރިއެވެ. އެކަމކު ފުރަތަމަ ފްލޯއާ ހަމައަށްދެވުނު އިރު ވަރުބަލިވެގެންނާ ކަކުލުހުޅާ އިނގިލިތަކުގައި ރިއްސާވަރުން މައްޗަށް އެރުން އުދަނގޫކަމަކަށް ވިއެވެ. އާމިރު ހަރުފަތެއް ތިރިއަށް ޖެހިލާ ރައިހާގެ އަތުގެ މުލައްދަނޑީގައި ހިފާ އެހީވެދިނެވެ.

ދެވަނަ ފްލޯރގެ ދޮރުގައި ހިފާ އަނބުރައިލިއިރު ދޮރު ހުރީ ތަޅުލާފައެވެ. ޓަކިޖަހާލުމުން އެތެރެއިން ބަޔަކު ވާހަކަ ދައްކާއަޑު އިވުމުން ރައިހާގެ މޫނު އަލިވެގެން އައެވެ. އެއީ ރައިހާގެ ކުދިންކަމަށް ވެދާނެއޭ އާމިރުގެ ހިތް ބުންޏެވެ. ކަންވީ ވެސް އެހެންނެވެ.

ހުޅުވައިލި ދޮރުން ބޯދިއްކޮށްލީ ފަސްވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ރައިހާގެ ރީތިކަން އެކުއްޖާގެ މޫނުމަތިން އާމިރަށް ފާހަގަވިއެވެ.

”މަންމީ! މަންމީ!” އައިނާ އުފަލުން ހަޅެއްލަވާގަތް އަޑަށް އަޔާދު ވެސް ދުވެފައި އައެވެ. ދެކުދިންނާ ރައިހާ އޮޅުލަ އޮޅުލާފަ އުޅުނު މަންޒަރު އެއީ މިހާތަނަށް އާމިރަށްފެނުނު އެންމެ ރީތި މަންޒަރުކަމަށް ވެސް ވެދާނެއެވެ. ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި އާމިރު ހުރީ ރައިހާ އެކުދިންގެ މޫނުން ދޮންނަގާ ބޮސްދީ ބައްދާ ހެދި މަންޒަރަށް ގެއްލިފައެވެ. އެއީ އުފާވެރިކަމުގެ ވަގުތު ކޮޅެކެވެ. މަޔަކާ ދަރިންނާ ދެމެދު އޮންނާނެ ސާފު ޚާލިސް ލޯބީގެ ގުޅުން އެވަގުތު ވެސް އާމިރަށް ތަޞައްވަރު ކުރެވުނެވެ. އާމިރުގެ ދެލޯ ތެމިގެން އައީ އެ ތިންމައިން އުޅުނު ގޮތް ފެނުމުން ހިތަށް ކުޅައަސަރުންނެވެ.

ފަހަތުން އައި މައިދައިތައަށް އެ ހިސާބަށް ފޯރީ އިރުކޮޅެއް ފަހުންނެވެ. ރައިހާއަށް މައިދައިތަ ފެނުމުން ކުދިންގެ ގައިން ދޫކޮށްލާފަ ގޮސް މައިދައިތަ ގައިގާ ވެސް ކުޑަކޮށް ބައްދާލާ ސަލާމް ކޮށްލިއެވެ.

ރައިހާ ދެކެ އިންތިހާއަށް ލޯބިވާ މައިދައިތައަށް ރައިހާގެ ޙަރަކާތްތަކުގައި ހުރި ލަސްކަމާ ހިނގާބިނގާވެ އުޅެން ހުރި  ދަތިކަން ފުރަތަމަ ފަހަރުން ވެސް ދެނެގަނެވުނެވެ.

”ރައިހާގެ ފޮށި! …….. ކޮންތާކުތޯ  ބަހައްޓަންވީ!”

އިތުރު މީހަކު އެތާ ހުރިކަން ވެސް މައިދައިތައަށް އެނގުނީ އާމިރުގެ އަޑުއިވުމުންނެވެ. ޚުދު ރައިހާ ވެސް އާމިރުގެ މައްޗަކުން މިވަގުތުކޮޅު ހަނދާނެއް ނެތެވެ.

އާމިރު ވަންނަން ތަން ދެއްކުމުން ފޮށި ގެންގޮސް ސިޓިންގްރޫމުގައި ބަހައްޓާފައި އާމިރު ހިނގައިގަތެވެ.  ވަންދޮރު ލައްޕާލުމުގެ ކުރިން ރައިހާއަށް ބަލައިލިއެވެ. ރައިހާ ހުރީ ކުދިންގެ ކަންތަކާ މާބޮޑަށް ވެސް މަޝްޣޫލު ވެގެންނެވެ.

އާމިރު ނިކުމެ ދޮރު ލައްޕައިލުމަށް ތަޅުގައި ހިފައި ކައިރިކޮށްލި ވަގުތު ޝުކުރިއްޔާއޭ މީހަކު ބުނި އަޑު އިވުމުން އަނެއްކާ ވެސް ދޮރުން އެތެރެއަށް ނަޒަރު ހިންގައިލިއެވެ.

އާމިރާ ދިމާއަށް ޝުކުރުވެރި ނަޒަރަކުން ބަލަހައްޓައިގެން ހުރީ ރައިހާގެ މައިދައިތައެވެ. ޖަވާބަކަށް ހިނިތުންވެލަމުން އާމިރު ބޯޖަހައިލިއެވެ.

ރައިހާއަށް ގެއަށް އާދެވުނީ މެންދުރެއްހާއިރުއެވެ. ކުދިންނަށާ މައިދައިތައަށް ގެނައި ހަދިޔާ ދިނުމުން ހުރިހާ އެންމެން ވެސް ތިބީ އުފާވެފައެވެ. ޚާއްސަކޮށް ގެނައި މޭވާތަކާ ކުދިން ވަރަށް ގަޔާވިއެވެ. ކުދިންނާއެކު މެނދުރުކައިގެން ރައިހާ ވަނީ މައިދައިތަ ކޮޓަރިއަށެވެ. އޮށޯތީ އައިނާގެ އެނދުގައެވެ. ދެކުދިން ވެސް ރައިހާއާއެކު އެނދަށް އަރާތިއްބެވެ. އެގަޑިއަކީ މައިދައިތަ ވެސް ކައިގެން ބަނޑުދަމާލާ ވަގުތެވެ. ކައި ނމިގެން ބަދިގެ ސާފުކުރަން މައިދައިތައަށް އެހީތެރިވެދޭން ރައިހާ ކިތަންމެ ހާވެސް ބޭނުމެވެ. އެކަމަކު ރައިހާ ބަލިވަރާ ހަށިގަނޑު ހިކިފައި ހުރި ވަރު ފެނުމުން މައިދައިތަ އެދުނީ ރައިހާ އޮށޯވެ ނިދާލުމަށެވެ.

”އަދި ދަރިފުޅު ފެންނަނީ ވަރަށް ވަރުބަލިކޮށް! މަންމަ މިކަންތައް ކޮށްފާނަން! ދޭ އޮށޯވެލަން!”

މައިދައިތައާ މެދު އަބަދުވެސް ރައިހާ ފާޚުރުވެރިވެއެވެ. އަމިއްލަ މަންމަ ގާތު ވެސް މައިދައިތަ ރަނގަޅު ވާހަކަ އަބަދު ދެއްކެއެވެ.

”އަހާނ! ދަރިފުޅު މި ކޮޓަރީގަތަ! އައިނާގެ އެނދުގައި ރައިހާ އޮތްތަން ފެނުމުން މައިދައިތަ ހައިރާންވެގެން އެކަމާ ސުވާލު ކުރިއެވެ.

”ހަމްމް! ކުދިން ބޭނުންވި ގޮތް!” ރައިހާ ބޭނުންވީ މައިދައިތަގެ ދަރިފުޅާމެދު ރައިހާގެ ހިތް ނުސާފުކަން ނޭންގުމެވެ.

ދެން މައިދައިތަ ވެސް ވަދެ އޮށޯތީއެވެ. އޭސީގެ ފިނިކަމާ ދަތުރުގެ ވަރުބަލިކަމުން ރައިހާއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ.

ނިދިފައި ރައިހާއަށް ހޭލެވުނީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ކުދިން ވެސް ތިބީ ނިދިފައެވެ. ހިތްހަމަ ނުޖެހުނުނަމަވެސް ލޯބިވާ ފިރިމީހާ ދެކޭ ހިތް ރައިހާގެ ހިތުގައި މާބޮޑަށް ހިނގަން ފެށުމުން މަޑުމަޑުން ކޮޓަރި ހުޅުވާލާފައި ރައިހާ ހިނގައިގަތެވެ.

އަމިއްލަ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފަން ރައިހާ ދިއްކޮށްލި އަތަށް ހުއްޓުމެއް އައީ ޒާހިލްގެ ހުނުމުގެ އަޑުންނެވެ. ވާހަކަ ދައްކަނީ ވަރަށް އުފާވެގެން ހުރެކަން އަޑުން އެނގެއެވެ. ދައްކާ ވާހަކަ ފަހުމުވާގޮތެއް ނުވިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ކަންފަތުން ވައްކަން ކުރުމަކީ ކޮއްގެންވާނެ ކަމެއްނޫންކަން ހިތަށް އައުމުން މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ޒާހިލް އޮތީ އެނދުގައެވެ. ދޮރަށް ފުރަގަސްދީގެންނެވެ.

ރައިހާ ދޮރުހުޅުވިކަން ޒާހިލްއަށް ރޭކާލީ ވެސް އިރުކޮޅެއް ފަހުންނެވެ.

”ނޫނެކޭ ހުވާ މިބުނީ! އެއްވެސް ލޯތްބެއް ނުވޭ!”

ޒާހިލްގެ މި ވިހަގަދަ ލަފުޒުތައް އަޑު އިވުނަސް ރައިހާއަށް އެއީ ކާކު، ކާކު ދެކެ ލޯބި ނުވާ ވާހަކައެއް ކަމެއް ނަގައެއް ނުގަނެވުނެވެ.

އެވަގުތަކީ ރައިހާގެ ފޯނަށް އަމީރާ ގުޅި ވަގުތެވެ. ރައިހާއަށް ބަލައިލެވުނީ އަތުގައި އޮތް ފޯނަށެވެ. އަދި ޒާހިލްއަށް ބަލައިލެވުނީ ދޮރުމަތީ ހުއްޓި ހުރި ރައިހާއަށެވެ.

ރައިހާ ފެނުމުން އެއީ ރައިހާކަން ގަބޫލުނުކުރެވިގެން އުޅޭ ފާޑަކަށް ޒާހިލްގެ ޙަރަކާތްތައް ހުރިތަން ފެނުމުން ރައިހާ އައީ ފާޑެއްގެ ރުޅިއެކެވެ. ހިތުގައި ހިނގައިގަތީ ފޫއްސެވެ. އެނބުރިލާފަ އަމީރާގެ ފޯނަށް ޖަވާބުދޭން ތައްޔާރުކޮށްލި ވަގުތު ޒާހިލް ގޮވައިލިއަޑު ރައިހާއަށް އިވުނެވެ. އެހެންނަމަވެސް ރައިހާ އަޑު އިވުނުކަމަކަށް ނަހަދާ އަމީރާގެ ފޯނަށް ޖަވާބުދިނެވެ.

”ކީކޭ އަމީ!”

ކައިފިންހޭ މިއަހަނީ! ކިހިނެތްތަ މިހާރު ހުޅުތަކުގެ ރިހުން! ބޭސް ހުސްވީތަ!” އަމީރާ ފުރަތަމަ ކުރީ އާންމުކޮށް ވެސް ފުރަތަމަ ކުރާ ސުވާލުތަކެވެ.

”ދެން މިހާއިރު ވާއިރު ހުންނާނީ ކައިގެންނު! ބޭސް އަދި ހުސްނުވޭ! އާންން! ރިއްސާ ވަރަށް! އަމީ ކެއީތަ! ކޮބާ ފިރިސޮރު!” ރައިހާ ވާހަކަދެއްކީ ޒާހިލްއަށް އިވޭ ވަރަށެވެ. ގަދަކަމުން އަޑަށް އުފާވެރިކަން ގެންނަމުންނެވެ.

ރައިހާގެ ފޯނު ނިމެންދެން ޒާހިލް އިނެވެ. ފޯނު ނިމުމުން ރައިހާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

”ރައިހާ!” އަމުރުވެރި އަޑަކުން ޒާހިލް ގޮވައިލުމުން ރައިހާ ހުއްޓި ފަހަށްބަލައިލިއެވެ.

”ކީއްވެ ނުވެސް ބުނީ އަންނަ ވާހަކަ!”

އަޑުގައި ވަނީ ޝަކުވާއެއް ނޫނެވެ. ހިތްހަމަ ނުޖެހުމެވެ. ޒާހިލް އެ އެހި ވާހަކައަށް ދޭނެ ކިތަންމެ ރައްދެއް ރައިހާގެ ވިސްނުމަށް އަދި ދުލަށް ވެސް އައެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެ ހީނލުމަށްފަހު ރައިހާ ކުރިއަށް ހިނގައިގަތެވެ.  މިއީ މީގެ ކުރިން ދުވަހަކު ވެސް ރައިހާގެ ފަރާތުން ފެނުނު ގަދަކަމެއް ނޫނެވެ. އެހެންކަމުން ޒާހިލް ހުރީ ހައިރާންވެފައެވެ.

ނިކުންނަން ދޮރު ހުޅުވައިލި ރައިހާއަށް ދޮރުން ބޭރު ވެވުމުގެ ކުރިން ޒާހިލް އައިސް ހިފީ ރައިހާ އަތުގައެވެ.

”އާދެބަލަ އިށީންނަން! ކޮބާ ކުދިން!”

ޒާހިލް ހީވަނީ ވަކިކަމަކަށް ބޭނުންވެފައި ހުރިހެންނެވެ. ރައިހާ ވިސްނައިލިއެވެ. ދެކޮޅު ހެދިޔަސް ނެހެދިޔަސް ޒާހިލްއަކަށް ފަރަގެއް ނޯންނާނެއެވެ. އެކަމަކު ރައިހާގެ ހަށިގަނޑުގައި އެހާވަރު ނެތްކަން އެނގޭނީ ރައިހާއަށެވެ.

”ކުދިން ވެއްޖެ މަންމަ ކޮޓަރީގަ! ޒާހިލް ކައިފިންތަ! ކާންހަދާފަ ހުންނާނީ!” ރައިހާ ބޭނުންވީ ވާހަކަ ދިގުކޮށްގެން ނަމަވެސް ޒާހިލްގެ ނިޔަތް ބަދަލު ވޭތޯ ބެލުމެވެ.

”މިހާއިރު ވާއިރު ކައިގެނެއް ނޫންތަ ހުންނާނީ!” ހިތްހަމަ ނުޖެހުނު ރާގަކަށް ޒާހިލް ޖަވާބުދިނެވެ.

އިތުރު އެއްޗެއް ނުބެނެ ރައިހާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އެތެރޭގައި ހުރި ޒާހިލްގެ އަންނައުނުތައް ހާވަން ހުރީ ވަކި މަޤުސަދެއް އޮވެގެނެއްނޫނެވެ.

ފަހަތުން އައިސް ރައިހާގެ ކޮނޑުގައި ދަތްދޮޅިއަޅުވައިލި ޒާހިލްގެ ބީހުމުން ރައިހާއަށް ލިބުނީ ޝޮކެކެވެ. އަދި ޒާހިލްގެ އެ އަމަލުން ހިތަށް ލިބުނީ ހަމަޖެހުމެއް ނޫނެވެ. އެހެންނަމަވެސް ޒާހިލްގެ ދެއަތް އައިސް ރައިހާގެ ހަށިގަނޑު ވަށައިލުމުން ވަރަށް ކެއްކޮށްގެން ހުންނަން ބޭނުންވިޔަސް ރައިހާއަށް ތެޅިގަނެވުނެވެ. ޒާހިލްގެ އަތް ދުރުކޮށްލަމުން ރައިހާ ޖެހިލީ ދުރަށެވެ.

ޒާހިލްގެ އެދުމަކަށް ދުވަހަކު ވެސް ދެކޮޅު ނަހަދާ ރައިހާގެ ފަރާތުން ޒާހިލްއަށް މިކަހަލަ ތަފާތު ކިތައް ކަންތައް ފެންނާނެ ބާވައެވެ.

ވިސްނާލުމަށްފަހު ޒާހިލް ހިފީ ރައިހާގެ އަތުގައެވެ. ހީވަނީ ރައިހާ ގޮސްދާނެތީ ދިޔަނުދޭން ހިފެހެއްޓީހެންނެވެ. އެ ހިފިލެއް ބާރުކަމުން ރައިހާއަށް އަނގައިން އަޑެއް ވެސް ލައްވައިލެވުނެވެ.

”ކީއްވީ! ހާދަ ނާޒުކުވީ!” މަލާމާތުގެ ރާގަކަށް ޒާހިލް ވާހަކަދެއްކުމުން ރައިހާ ވަރަށް ރުޅިއައެވެ.

”ވީގޮތް އެނގޭނީ އެހީމަ! އަދި ބެލީމަ! ނާހަންޏަކާ، ނުބަލަންޏަކާ ވާގޮތެއް ވީގޮތެއް ވެސް ނޭނގޭނެ!”

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !