A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 12

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ބާރަވަނަ ބައި

ހެނދުނު ސައިބޯން އިންދާ އަމީރާގެ ކޯލެއް އައެވެ. އެދުނީ އާދެވޭ ވަރު ވަންޏާ އެގެއަށް މެންދުރު ކާން ޒާހިލްއާ ކުދިން ގޮވައިގެން އައިސް ދިނުމަށެވެ. ޢާއިލީ ބަޔަކަށް ކައްކާތީވެ ރައިހާގެ ފެމެލީ ވެސް ބައިވެރިކުރަން ބޭނުންވަނީ ކަމަށް ބުންޏެވެ.

”އަސްލު ރައި ނުފެނި މިހާރު ކިހާ ދުވަހެއް! އެހެންވެ ދެކިލާހިތުން ވެސް މެ! އަންނައިރު މައިދައިތަ ވެސް ގެންނާތި!”

ހެމުން ހެމުން އަމީރާ ބުނި ވާހަކާގައި ވަނީ ތެދެވެ. އެދެމީހުންނަކީ ވީ ވަރަކުން އެކަކު އަނެކަކާ އެކު ވަގުތު ހޭދަ ކުރާ ދެ އެކުވެރިންނެވެ. އަބަދުވެސް އަމީރާމެންގެއަށް ދާނީ ރައިހާއެވެ. ރައިހާ އުޅޭ ގެއަށް އަމީރާ ގެންނަން ރައިހާ ހިތް ހަމަ ނުޖެހެނީއެވެ.

”އަމީއަށް އެނގޭނެ ޒާހިލް ގެންދިއުމަކީ ކިހާ އުދަނގޫކަމެއްކަން. ……ދެން މަ ބުނާނަން!”

އަމީރާ ވަރަށް ކިޔައިގެން ނޫނީ ޒާހިލް މިފަދަ ކަމެއްގައި ބައިވެރިއެއް ނުވެއެވެ.

މެންދުރަށް ކެއްކުމުގެ ކުރިން ރައިހާ މައިދައިތަ ގާތު އަމީރާގެ ހުށަހެޅުން ކިޔައިދިނެވެ. މައިދައިތަ ވެސް މިއަދު ޢުޒުރު ވެރިވީ ހަވީރު މައިދައިތަގެ ޢާއިލީ ގެޔަކަށް ދާން ބުނެފައި އޮވެގެންނެވެ.

”އެހެންވީމަ މިއަދު ކައްކާނީ ވަރަށް ކުޑަކޮށް ދޯ!” ރައިހާ މައިދައިތަގެ މަޝްވަރާއަކަށް އެދުނެވެ.

ގަޑިން އެގާރަ ޖެހުމުން ވެސް ޒާހިލް ނުތެދުވުމުން ރައިހާ ގޮސް ދެފަހަރަކު ގޮވައިލިއެވެ. އަދި އަމީރާ އެގެއަށް ކާން އަންނަން ބުނި ވާހަކަ ވެސް ބުންޏެވެ. އެކަމަކު ދާނަމެކޭ ވެސް ނުދާނަމެކޭ ވެސް ނުބުނެ ލޯމަރާލިއެވެ.

ކުދިންނާ ރައިހާ ތައްޔާރުވެ ނުނިމެނީސް އަމީރާގެ ކޯލް އައެވެ. ލަސްވެގެންނެވެ. އެ ހިސާބުން ރައިހާ ނިންމީ ޒާހިލްއާ ނުލާ ދިއުމަށެވެ.

އަމީރާމެން ދިރިއުޅޭ ފަސްވަނަ ފަންގިފިލާއަށް ލިފުޓް ހުއްޓުމުން ރައިހާ ހިނގައިގަތީ ކުދިންގެ އިނގިލީގައި ހިފައިގެން ކުރިއަށެވެ. ދެ ފަރާތުގައި ކޮޓަރިތައް ހުރި އެ ފަންގިފިލާގެ ސާޅިސް ވަރަކަށް ފޫޓުގެ ދިގު ކޮރިޑޯއިން ހިނގާލާފައި ދިޔަ ރައިހާއަށް ވަރަށް ބޮޑުތަން ލުއިވެއްޖެކަން ބަލަން ހުންނަ މީހަކަށް އެނގޭހާ ވެއެވެ. މޫނުމަތީގައި ކުރިން ހުރި ބަލީގެ އަސަރު ވެސް ވަރަށް ބޮޑުތަން ކުޑަވެއްޖެއެވެ. މޫނުމަތިން ތާޒާކަމާ ޝާއްބަކަން ފާޅުވާން ހުއްޓެވެ. ހިމަތޮޅި ތެދު ހަށިގަނޑެކެވެ. ބޮލުގައިވާ ފަން ދިގު އިސްތަށިގަނޑު ވަނީ ބޮލުގެ މެދަށް ހުޅިއަކަށް ޖަހާލާފައެވެ. ކަންފަތުގެ ދެފަރާތުން ކަންފަތަށް ވުރެ ދެތިން އިންޗި ދިގު އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ. އެ އިސްތަށިކޮޅު އެގޮތަށް އޮތުމުން ރައިހާގެ މޫނަށް އިތުރު ރީތިކަމެއް ގެނެސްދެއެވެ.

އެހެންމީހުން ރީތިވެގެން އެންމެ ބޮޑަށް އުޅެނީ ރައިހާގެ ދިގު ދޮންދޮން ކަނދުރާއެވެ. އެ ކަނދުރާގެ ޖާދޫގައި ޒާހިލް ނުޖެހުނީ ކީއްވެހެއްޔެވެ!

އެންމެ ފަހުން ރައިހާ ގޮސް ހުއްޓުނީ އަމީރާމެން ދިރިއުޅޭ ބަޔަށް ވަންނަ ދޮރު ކައިރީގައެވެ. ބެލް ޖަހާލުމުން އައިސް ދޮރު ހުޅުވައިދިނީ ގޭގައި ގެންގުޅޭ ބޭރުމީހެކެވެ.

ހުޅުވުނު ދޮރުން އެތެރެއަށް ދެކުދިން ގޮވައިގެން ވަންނަމުން ދޮރު ހުޅުވައިދިން މީހާއަށް ހިނިތުންވެލަމުން ޝުކުރިއްޔާއޭ ބުނެފައި ރައިހާ ހިނގައިގަތީ ކުރިއަށެވެ.

އަމީރާއަށް ރައިހާ ފެނުމުން މޫނުމަތި އަލިވެގެން ދިޔައެވެ. އަދި ދެކުދިންނާ ދިމާއަށް އަތްދަމާލާ  އަހަނ! އަމީދައްތަގެ ލޯބި ކުދިން ކޮޅު އަވަހަށް އައިސް ބަލާށޭ ބުނެފިއެވެ.

ދެކުދިން ވެސް މަންމަގެ އިނގިލިން ދޫކޮށްލާފަ ދުވެގޮސް އަމީރާ ގާތު މަޑުކޮށްލިއެވެ. ރައިހާގެ ކުދިންނަކީ އަމީރާގެ ވެސް ކުދިންފަދައެވެ. އެ ކުދިންދެކެ އަމީރާ ވަރަށް ލޯބިވާނެއެވެ.

އަމީރާއާ ޚާލިދުގެ ކައިވެންޏަށް ފަސް އަހަރު ވެގެން ދިޔައިރު ވެސް އަދި ދަރިއަކު ނުލިބެއެވެ. ހޯދަން މަސައްކަތް ވެސް ކުރެއެވެ. އެކަމަކު އަދި ވަގުތު ނުޖެހެނީކަންނޭނގެއެވެ.

އައިނާ އާއި އަޔާދު އަމީރާގެ ދެފަރާތުގައި ބައިތިއްބަމުން ޒާހިލް ކޮބައިތޯ އަމީރާ އެހީ ރައިހާގެ ފުރަގަހަށް ނަޒަރު ހުއްޓާލަމުންނެވެ.

”އެނގޭނު އެއީ ފަސޭހަކަމެއް ނޫންކަން!” އާދައިގެ ގޮތަކަށް ރައިހާ ޖަވާބު ދިނެވެ.

”މަންމަ އެހެން ވިސިޓެއް ޕްލޭން ކޮށްފަ މާކުރިން އޮތީ! އެހެންވެ ބުނި  މިއަދު ދެން ނުދެވޭނެ ވާހަކަ އަމީ ގާތު ބުނާށޯ!” ރައިހާ މައިދައިތައަށް ނާދެވުނު ސަބަބު ބުނެދިނެވެ.

ދެ ރަޙުމަތްތެރިން އެމީހުންގެ ޢާންމު އަނގަ ތެޅުމުގައި ތިއްބާ ގެއަށް އައުމަށް ހަމަ ޖެހިފައިވާ އަމީރާގެ ބޮޑުބޭބެއާ އޭނަގެ އަންހެނުންނާ އައެވެ. އަމީރާ އެމީހުންނަށް ރައިހާ ތަޢާރަފު ކޮށްދިނީ އަމީރާގެ ކޮއްކޮއެއްހާ ޚާއްސަ ގާތްކަމެއް އޮތް މީހެއްގެ ގޮތުގައެވެ.

”ޚާލިދު އަޅެ ދޮންބެއަށް ގުޅާލަ ބަލަ! ހާދަ ލަސްވެއްޖޭ!” އާމިރު ލަސްވެގެން އަމީރާ ކުސްތަޅަން ފެށުމުން ޚާލިދު ގުޅީ އާމިރަށެވެ.

ޚާލިދު އާމިރަށް ގުޅި ވަގުތު ރައިހާ އުޅުނީ ކުދިން ގޮވައިގެން ގޮސް އެގޭ ޓެރަހުގައި ހައްދާފައި ހުރި ގަސްތައް ދެއްކުމަށް މަތީގައެވެ.

ޚާލިދު ގުޅުމުން އާމިރު އެހީ އެތާ ތިބީ ކޮންބައެއްތޯއެވެ . ޚާލިދު ކިޔައިދިނީ އެވަގުތު އެތާ ތިބި މީހުންގެ ނަމެވެ. ނެތްބަޔަކު އެ ލިސްޓަކު ނުހިމަނައެވެ.

ކާން އިށީންނަމުން އަމީރާ ގުޅީ ރައިހާއަށެވެ. ކުދިންނާއެކު އައިސް އެބަޔަށްވަން ރައިހާއަށް އެތާ އިތުރު މީހަކު އިންކަމެއް ނޭނގެއެވެ. ރައިހާ ވަދެގެން އައިސް ހުހަށް ހުރި ތިން ގޮނޑިން ދެ ގޮނޑީގައި ކުދިން ބޭތިއްބުމަށްފަހު ރައިހާ ވެސް އިށީނެވެ. ރައިހާގެ ކުރިމަތީ ރައިހާއަށް ނަޒަރު ހުއްޓާލައިގެން އިން އާމިރު ރައިހާއަށް ފެނުނީ ރަނގަޅަށް ހަމަ ޖެހިލުމަށްފަހު ތަށި ގަޔާ ކައިރިކޮށްލި އިރެވެ. އާމިރު ފެނުމުން ޔަގީނުން ވެސް ރައިހާ ސިއްސައިގެން ދިޔައެވެ. އާމިރުގެ ލޮލާ ލޯ ބައްދަލުވުމުން ހިތުގެ ނާރުތަކަށް ވާންވެލިއެވެ. ހިތްހަމަ ޖެހުމުގެ ފިނި ރޯޅިއެއް ހަށިގަނޑުގައި ބީހިލި ފަދައެވެ. އާމިރާ ދިމާއަށް ބަލަހއްޓައިގެން ރައިހާއަށް ވެސް އިރުކޮޅަކު އިނދެވުނެވެ. އާމިރު ރައިހާއަށް ހިނިތުންވެލީ އެ ވަގުތުކޮޅުގައެވެ. އެއީ އާމިރުގެ މޫނުމަތިން ރައިހާއަށް ފެނުނު އެންމެ ރީތި ހިނިތުންވުމެވެ. ޖަވާބުގައި ރައިހާއަށް ވެސް ހީނލެވުނެވެ.

އިސްދަށަށް ޖަހައިލި ރައިހާގެ ލަދުވެތިކަމުން ރަތްވެގެން ދިޔަ މޫނު އެއީ އާމިރަށް ވެސް މިހާތަނަށް ފެނުނު ރައިހާގެ އެންމެ ހިތްގައިމު ސިފައެވެ.

ކާން ތިބިއިރު އާމިރުގެ ގިނަ ވަގުތު ހޭދަ ކުރީ ރައިހާގެ ޙަރަކާތްތަކަށް ފާރަވެރި ވުމުގައެވެ.

ކައިނިމުމުން ބޮޑުބޭބެގެ ދެމަފިރިން ގިނަވަގުތަކު މަޑެއް ނުކުރެއެވެ. އެމީހުން ލަސްވާކަމަށް ބުނަމުން ދާން ހުއްދައަށް އެދުނެވެ. އަސްލު އައީ ވެސް އަމީރާ ދެކިލަން ކޮންމެހެން ބޭނުންވާތީ ކަމަށް ބުންޏެވެ. ހީނލަމުން އައީތީ ޝުކުރުވެރިވެ ބޮޑުބޭބެ މެން ދާން އަމީރާ ހުއްދަ ދިނެވެ.

ރައިހާގެ ދެކުދިން އޭރުވެސް ޓެރެހަށް ދާން ކިޔާތީ ރައިހާ އިނީ އުދަނގޫވެފައެވެ. އެންމެ ފަހުން ކުދިން ގޮވައިގެން މައްޗަށް ދިޔައީ އާމިރެވެ. އޭރު ރައިހާގެ ފޯނަށް ދެ ފަހަރަކު ފޯނެއް އައިކަން އެނގޭތީ ރައިހާ އުޅުނީ ގުޅީ ޒާހިލް ކަމަށްހީކޮށް އަވަހަށް ފޯނަށް ޖަވާބު ދޭންވެގެންނެވެ.

ރައިހާ ފޯނު ހުޅުވައި ބަލައިލިއިރު ގުޅާފައި އޮތީ މަންމައެވެ. ކޮންމެވެސް މުހިންމު ކަމެއް ވެގެން ނޫނީ މަންމަ އެ ގޮތަކަށް ނުގުޅާނެއެވެ. ރައިހާ ވަގުތުން މަންމައަށް ގުޅިއެވެ.

“ހަލޯ މަންމާ! ކީއްވީ! މާގިނައިން ގުޅާފަ ހުރީމަ!”

މަންމަ ރޮނީކަން ރައިހާއަށް އެނގުނީ ވެސް އަނގައިން ބުނުމެއް ނެތި މަންމަ ނޯށް ދަމާއަޑު އިވުމުންނެވެ.

”މަންމާ! މަންމާ! ކީއްވީ! މީހަކަށް ކަމެއް ވީތަ! ކޮބާ ބައްޕަ!”

ރައިހާއަށް އެހުނީ ކުޑަކޮށް ބަލިވެއުޅޭ ބައްޕަގެ ވާހަކައެވެ. އޭރު ރައިހާގެ މޭގަނޑު ނެގި ނެގިފައި ޖެހެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިންޒާރު ސިކުނޑިން ދެނީއެވެ. ރައިހާއަށް ހަދާނެ ނަހަދާނެ ގޮތް ހުސްވެއްޖެއެވެ.

”ދަރިފުޅާ! ބައްޕަގެ އެޕެންޑިކްސް އޮޕްރޭޝަން ކުރަން ޖެހިގެން މި އުޅެނީ! ޑޮކްޓަރ ބުނި ވަރަށް އާޖެންޓޯ! އަވަހަށް އަތޮޅު ހޮސްޕިޓަލަށް ދާން ބުނީ!” ރައިހާގެ މަންމަ ވަރަށް ހިތްވަރުކޮށްފައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

”އަވަހަށް ފުރަންވީނު! ކިހާވަރަކަށް ލޯންޗެއް ކުއްޔަށް ލިބޭނީ!”

އާއިލާގައި ތިބީ ރައިހާއާއި ކޮއްކޮ އެކަންޏެވެ. ކޮއްކޮ އަދި މީހަކާ ނީނދެއެވެ. ކިޔަވަނީއެވެ. އެއްޗެއް ދިއްކޮށްލަން ހުރީ ރައިހާ އެކަންޏެވެ. ބައްޕަޔާ މަންމަ އަދި ކޮއްކޮ އުޅެނީ ބައްޕަ ދަނޑުހައްދައިގެން ލިބޭ އެއްޗަކުންނެވެ.

”ބައްޕަގެ އެކައުންޓްގައި ތިންހާސްވަރު ހުންނާނެޔޯ ބައްޕަ ބުނި! ލޯންޗް ދަތުރުކޮށްދެނީ ހަތަރުހާހަށް! އެތަނަށް ގޮސް ތިބެވިދާނެ މަންމަގެ ރައްޓެހި ޒާހިރާއްތަމެންގޭގަ! އެކަމަކު އަދި ހަމަ އިތުރު ޚަރަދު ވެސް ދާނެނު!”

ރައިހާގެ މަންމަގެ ކަންބޮޑުވުމާ ނިކަމެތިކަން އެކުލެވޭ އަޑު އިވުމުން ރައިހާ ވަކިން ބޮޑަށް ދެރަވިއެވެ.

”މަންމަ ކަން ބޮޑުނުވޭ! ކޮއްކޮ އެކައުންޓަށް ލާރި މި ފޮނުވަނީ! ހުސޭންބެ ގާތު ބުނޭ ދަތުރުގެ ކަންތައް އަވަހަށް ހަމަޖައްސާށޭ!”

ހުސޭންބެ އަކީ ރައިހާ ބައްޕަގެ ކޮއްކޮއެވެ.

އެއަށްފަހު ފަހުން އެބަ ގުޅަމޭ ބުނަމުން ރައިހާ އެ ފޯނު ކުރުކޮށްލާފަ ދެން އުޅުނީ ކޮއްކޮގެ އެކައުންޓަށް ލާރި ޖަމާކުރުމަށެވެ.

ރައިހާގެ މޮބައިލް އެކައުންޓް ހުޅުވައި ބަލައިލަމުން ރައިހާއަށް ރޮއެ ގަނެވުނެވެ. މޫނުގައި ދެއަތް އަޅާލެވުނީ ވީދެރައިންނެވެ. ދެ ކަކުލުގައި ދެ އުޅަބޮށި ވިއްދައިލަމުން މޫނު ފޮރުވައި ލެވުނެވެ . އަތުގެ އިނގިލިތަކުގެ ތެރެއިން ފޫދިގެން ފޭބި ކަރުނަ ފެނުމުން އެހާއިރުވަންދެން އަނގައިން ނުބުނެ މަޑުކޮށްގެން އިން އަމީރާއަކަށް ނީނދެވުނެވެ.

”ރައި! ކީއްވީ! …….. ރައި!”

އަނގައިން ބުނާނެހާ ހިތްވަރުނެތި އިން ރައިހާ އިރުކޮޅަކުން ދިއްކޮށްލީ ރައިހާގެ ފޯނެވެ.

އަމީރާ ފޯނު އަތުލާ ބަލާލުމުން ފެނުނީ ރައިހާގެ އެކައުންޓްގައި ލާރި ހުރިވަރެވެ.

”އަމީއަށް މުސާރަ ނުލިބެނީތަ! އިއްޔެނު މުސާރަ ޖަމާވީ!” އަމީރާ ވެސް ހުރީ މިވީ ގޮތަކާމެދު ޙައިރާންވެފައެވެ.

އަތުގެ ނުފުށުން މޫނުމަތި ފޮހެލަމުން ރައިހާ ވާހަކަ ދެއްކިއިރު ހުރީ ވަރަށް ބޮޑަށް މޫޑު ބަދަލުވެފައެވެ. އަޑުގައި ހުރީ ހަރުކަށިކަމެވެ. ރުޅިއާ ނަފުރަތެވެ. ފޫއްސެވެ.

”އަމީއަށް އެނގޭނެ އެކޮޅުގަ އަހަރެން ބަލިވެ އުޅުނުއިރު ކަންތައްތައް ހިނގިގޮތް ކޮންމެވެސް ވަރަކަށް ! އަހަންނަށް އަހަރެން އަތުން ދިޔައެއްޗަކަށްވުރެ އަމީމެން އަތުން ހިނގި ޚަރަދު މާގިނަ!” ރައިހާ ނޭވާލާން ހިނދުކޮޅެއް ނެގިއެވެ.

”އެއީ އަހަރެންގެ ބެސްޓީއަށް ކޮށްދޭހިތުން އަހަރެން ކޮށްދިންކަންތަކޭ!” ހީނލަމުން ސަމާސާ ރާގުގައި އަމީރާ ވާހަކަ ދެއްކީ އެކަމުން ރައިހާއަށް ކުށްވެރިކަމުގެ އިޙުސާސް ވިޔަ ނުދިނުމަށެވެ.

“އަހަރެން މިކޮޅަށް އައިމަ އަހަރެންގެ ދަބަހުގަ އޭރު ހުރި ލާރިކޮޅުން ވެސް ބައެއް ޒާހިލް ގެންދިޔައީ ރައްޓެއްސަކަށް ބާތުޑޭ ޕާޓީ ބާއްވަން! އިއްޔެ ހަވީރު ތިމަންނަ ވަރަށް މުހިންމު ކަމަކު ލާރިކޮޅެއް ބޭނުންވެގެންނޭ ކޭޝްކާޑު ދީބަލާށޭ ބުނީމަ ނުދޭން ވެސް އުޅުނިން! އެކަމަކު މަށާދިމާއަށް ކޮށްލާނެ ވަރު ހިތަށް އަރާފަ ދިނީ ވެސް! ދީފަ ވެސް ބުނިން ހުސްކޮށް ނުލާށޭ! ހުސް ނުކޮށްނު ތިހިރީ!”

އަމީރާއަތުގައި އޮތް ފޯނަށް އިޝާރާތް ކުރަމުން ރައިހާ އެހެން ބުނީ ދަތްކުނޑި ވިކައިގެން އިނދެއެވެ.

”ދެން ކިހިނެތް އަހަރެން ހަދާނީ ވެސް! ބައްޕަ އެޕެންޑިކްސް އޮޕްރޭޝަނަކަށް ކުއްލިއަކަށް އަތޮޅު ހޮސްޕިޓަލަށް ދާން އަންގައިގެން! އަހަރެން ނޫން ކާކު އެމީހުންގެ ހުރީ ވެސް!” ރައިހާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !