A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 13

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ތޭރަވަނަ ބައި

”ދެން ކިހިނެތް އަހަރެން ހަދާނީ ވެސް! ބައްޕަ އެޕެންޑިކްސް އޮޕްރޭޝަނަކަށް ކުއްލިއަކަށް އަތޮޅު ހޮސްޕިޓަލަށް ދާން އަންގައިގެން! އަހަރެން ނޫން ކާކު އެމީހުންގެ ހުރީވެސް!” ރައިހާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

އަމީރާ ތެދުވެގެން އައިސް ރައިހާގެ ބުރަކަށީގައި ފިރުމައިލިއެވެ.

”ރައި! ދެޓްސް ޓޫމަޗް ދޯ! ރައިގެ ބުރަމަސައްކަތުން ހޯދާ ލާރި ފިރިމީހާ ބޭނުން ކުޅިއެއް ޖަހަން ނުދޭށޭ މަށަށް ތިކަން އެނގުނު ދުވަހުވެސް ބުނިން! އެކަމަކު ދޯ! ހާދަ ދެރައޭ! ޒާހިލްއަށް ލިބޭ ލާރި ކޮބާ! އެއަށް ކިހިނެތް ހަދަނީ! ދަރިންނާ އޭނަގެ ކަންތައް ވެސް ބަލަހައްޓަން މިޖެހެނީ ރައި ނު! ބަލަ އަނބިދަރިން ބެލެހެއްޓުން އެއީ ފިރިމީހާ ކުރަން ޖެހޭ ކަމެކޭ! އެވަރު އޭނައަށް ނޭނގެނީތަ!” އަމީރާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

”ރައި! ތިއީކީ ދިރިއުޅުމެއް ނޫން! ތިއީ ދިރިތެޅުން! ތި ހިސާބުން ވެސް ދުރަށް ދިއުންކަންނޭނގެ އޮތް ހައްލަކީ! ތިވަރުން ދަންޏާ އޭނަ ރައި ވިއްކާލަން ވެސް  ފަހަކަށް ނުޖެހޭނެނު!” އަމީރާ ވާހަކަ ދެއްކީ ރައިހާއަށް ވިސްނާއިދިނުމުގެ ގޮތުންނެވެ. އެއަށްފަހު ނޯކަރަކަށް ގޮވާފައި އަމީރާގެ ފޯނު ގެނެސްދޭން އެދުނެވެ.

“ހުންނާނެ ރައިގެ އެކައުންޓްގަ ފައިސާ! ކޮއްކޮއަށް ޓްރާންސްފަރ ކޮށްލާ! ރައި ހާލުގަ ޖެހޭކަށް ނުޖެހޭނެ އަހަރެން މިހެން ހުއްޓަކާ!”

”އެކަމު ބުނަންތަ!” އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު އަމީރާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

”މީގެ ފަހުން ޒާހިލްގެ އެއްވެސް ކަމަކަށް ރައި އަތުން އެންމެ ލޯލާރިއެއް ދިނަސް މަ ރުޅި!”

ހިތާމަ ވެރިއަޑަކުން އެކަމަކު ސާބިތުކަމާއެކު އަމީރާ ބުންޏެވެ.

ރައިހާ ވަކި ބުނާނީ ކީކޭހެއްޔެވެ! މިއަދު ރައިހާ ވަނީ މަޖުބޫރުވެފައެވެ. ފިރމީހާގެ ސަބަބުން އަބަދުވެސް އެހެންމީހުންގެ ކުރިމަތީގައި އަގުވެއްޓުން ނޫންކަމެއް ނުވެއެވެ. ތިމާގެ އަމިއްލަ އަނބިމީހާގެ ކަންކަން ކޮށްނުދެވޭ އިރު އަދި އުޅެން މިޖެހެނީ އަނބިމީހާގެ ލާރިންނެވެ.

އިރުގަނޑެއް ފަހުން ލަސްވެގެން ރައިހާ ދިޔައީ ކުދިންބަލާ މައްޗަށެވެ. ކުދިވެރިން ހަމަ ޖެހިލައިގެން އާމިރާއެކު މަޖާވެފައި ތިއްބެވެ. ރައިހާ ފެނުމުން އާމިރުގެ ހުރިހާ ސަމާލުކަމެއް ރައިހާއަށް ހުއްޓައިލިއެވެ.

”ލަސްވެގެންތަ ތިއައީ!” ރައިހާގެ ލޮލާ ލޯ ސީދާ ކޮށްލަމުން އާމިރު ސުވާލުކުރިއެވެ.

”އާން! މިހާރު އަސުރަށް ގޮވާކަށްނު އެ އުޅެނީ! އެހެންވެ ދާންވެގެން!” ރައިހާ ޖަވާބުދިނީ އާމިރަށް ނުބަލަން މަސައްކަތް ކުރަމުންނެވެ.

”ހިނގާ އަހަރެން ގެއަށް ލައިދޭނަން!” އާމިރު ހުށަހެޅި ފަސޭހަ މަގެކެވެ. ކާރެއް ހޯދުމަކީ އުދަނގޫ ކަމެކެވެ.

”ނޫން! ހިނގާލާފަ ދާނީ! ދޯ އައިނާ!” މައްސަލަ އަކަށް ވާނީ ކުދިވެރިންކަން އެނގޭތީ ރައިހާ ބޭނުންވީ ކުދިވެރިން ރުއްސާށެވެ. އައިނާ މަންމަގެ ދޯ އަކަށް ވަކި ޖަވާބެއް ނުދިނެވެ. ނޫނެކޭ ބުނަން ނުކެރުނީއެވެ.

”މަންމި! އަޅުގަނޑު ބޭނުމީ އާމިރުބެއާއެކު ކާރުގަ ދާން!” އަޔާދު ކުސްތާޅައިގަތުމުން އާމިރު ހިފީ އަޔާދުގެ  އަތުގައެވެ.

”މަންމި ދޭ ހިނގާފަ! ދެކުދިން އާމިރުބެއާއެކު ކާރުގަ! އެގޮތް އޯކޭތަ އައިނާ!”

އައިނާގެ ކޮލުގައި ފިރުމައިލަމުން އާމިރު މަޖާވެލާފައި ވާހަކަ ދެއްކިއެވެ. އައިނާ ބަލައިލީ މަންމަގެ މޫނަށެވެ. އަދި އާދޭސްކުރާ ބެލުމަކުން ބަލާލަމުން ރައިހާގެ އިނގިލީގައި އެލިގަތެވެ.

ރައިހާއަށް ޖެހުނީ އާމިރު އެއްލި ދަލުގައި ޖެހޭށެވެ. އެހެން ކަމުން އާމިރާ ދިމާއަށް ލޯއަޅާލަމުން ރައިހާ ވެސް ހިނގައިގަތީ ލިފްޓާ ދިމާއަށެވެ.

ކުރީގައި ހުރެގެން ހިނގާފައި ދިޔަ އާމިރު ފޯނުނަގައި އަމީރާއަށް ގުޅާފައި ރައިހާމެން ގެއަށް ލައިދޭން ދާވާހަކަ ބުންޏެވެ.

”ތީގެ މާނައަކީ އަހަރެން ދެން އެބަޔަށް ނުވަންނާށޭތަ! އަޅެ ހާދަ ގޯހޭ!”

އާމިރު ފޯނު ބެއްވުމުން ރައިހާ ބުންޏެވެ.

”އެ ވަގުތުކޮޅުވެސް މަށަށް ލިބޭނެ ނު!” ރައިހާގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ލިފްޓްގެ ގްރައުންޑް ފިތަށް ފިތާލަމުން އާމިރު ބުންޏެވެ.

”ޢާމިރު!” ކަންބޮޑުވެގެން ރައިހާއަށް މަޑުމަޑުން އާމިރުގެ ނަމުން ގޮވައިލެވުނެވެ.

އެ ދުވަހުގެ ދަތުރު އާމިރު ނިންމައިލީ ހުޅުމާލެއާ ހަމައަށް ވެސް ކުދިންނާ ރައިހާ ގޮވައިގެން ގޮސްފައެވެ. ރައިހާ އިނީ ކަންބޮޑުވެފައެވެ. އެކަމަކު ކުދިން ކުރިމަތީ އާމިރާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނަން ވެގެން އިނީއެވެ.

ކާރު ގެއަށް ފޯރުމުގެ ކުރިން ކޮއްކޮއަށް ހަހާސް ރުފިޔާ ޓްރާންސްފަރ ކުރީ އެ ލާރިކޮޅު އެކައުންޓްގައި ހުރިކަން އެނގުނަސް ޒާހިލް އެއަށް ވެސް ކިޔާނެތީއެވެ.

ގޭގެ މައިދޮރުން ކުދިންނާ ރައިހާ ވަދެގެން ދިޔައިރު ޒާހިލް ނިކުންނަން ދަނީއެވެ. ރައިހާއަށް މޫނު އަނެއްފަރާތަށް އަނބުރާލެވުނެވެ. ޒާހިލް ފެނުމުން ވީ ފޫއްސެކެވެ. ހިތަށް އައި އެއްޗެހި ގިނަކަމުން އެއްވެސް އެއްޗެކޭ ނުބުނެ ވަދެގެން ދިޔައީއެވެ. އަޔާދު ބައްޕާއޭ ކިޔައި ގޮވައި ވެސް ލިއެވެ. ހީވާގޮތުން އަޔާދު އެ އުޅުނީ ކާރު ދުއްވި ވާހަކަ ކިޔައިދޭން ވެގެންނެވެ. ނަސީބަކުން ޒާހިލްގެ ސަމާލުކަން ނުލިބުމުން އަޔާދު ވެސް އިތުރަކަށް ނުގޮވައެވެ.

ކޮޓަރީގައި ހުރި މައިދައިތަ އޭރު ބޭރަށް ދާން ތައްޔާރުވާތީ ރައިހާ ވަނީ އެ ކޮޓަރިއަށެވެ.

”މަންމަ އެކަނިތަ ދަނީ!” ރައިހާ އެހީ މައިދައިތަ ކައިރިންނެވެ.

”އެގޭ ބޮޑުސޮރު ކާރެއް ދުއްވާ! އަންނާނެޔޯ ބަލާ!” މައިދައިތަ ޖަވާބުދިނީ ހިނިތުންވުމަކާ އެކުގައެވެ.

ރައިހާ ވެސް ހީނލަމުން ނިކުމެ ކުދިންގާތު ހެދުން ބަދަލު ކުރަން ބުނެފައި ކޮޓަރިއަށް ވަނީ ޒާހިލް ގަތް ފޯނު އެޅި ފޮށި ނަމަވެސް ފެނޭތޯއެވެ. އޭރުން އެއީ ކިހާ އަގެއްގެ ފޯނެއްކަން އެނގޭނެތީއެވެ.  އެކަމަކު ފޯނާ ގުޅުން ހުރި ކަރުދާސްކޮޅެއްހާ މިންވަރު ވެސް ނުފެނުނެވެ. ދެން ބެލީ ޒާހިލްގެ ޖިންސްގެ ޖީބެވެ. ނަސީބަކުން ލާރި ދެއްކި ސްލިޕްކޮޅު އޮތެވެ.

”ސާދަ ހާސް!” ރައިހާއަށް އަނގަ މަތީ އަތް އަޅައިލެވުނެވެ. މި ވަރުގެ އަގުބޮޑު ފޯނު ގެންގުޅެނީ ލާރިވެރިންނެވެ. ލިބިގެން ފުދިގެން އުޅޭ މީހުންނެވެ. ޒާހިލްއަށްޓަކައި އިތުރަށް ހިތުގައި އުފެދުނީ ރުޅިވެރިކަމެވެ. ކޮންކަހަލަ އަމިއްލަ އެދުން ބޮޑު އަނެކުންނާ ދޭތެރޭ ވިސްނާ ނުލާ، ފޮނި އިންސާނެއް ހެއްޔެވެ!

ޒާހިލް މަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ އޮފީހެއްގައެވެ. ކުރިން ސަރުކާރު ވަޒީފާއެއްގައި ވެސް އުޅުނެވެ. ގަޑިތަކަށް ހާޒިރު ނުވެވުމާ މަސައްކަތަށް ފަރުވާ ކުޑަ ކުރާތީ ނަޞޭޙަތްދީ އިންޒާރު ދިނުމުން ވެސް ރަނގަޅު ނުވެގެން ވަޒީފާއިން ކަނޑައިލީއެވެ. ރައިހާއާ އިންއިރު ޒާހިލް އުޅުނީ ސަރުކާރުގައެވެ. އެ އޮފީހުން ކަނޑާލުމުން މިހާރު އެހެރަ ވަޒީފާ އެއީ ރައްޓެއްސަކު މެދުވެރިވެގެން ލިބުނު ވަޒީފާއެކެވެ. މިހާރު މަސައްކަތް އެކުރާ ތަނުން ވެސް ކަނޑާ ނުލާ އެހެރީ ރައްޓެހިމީހާގެ ނުފޫޒު އެ އޮފީހަށް އޮންނަ ވަރުންނެވެ.

ޒާހިލްއަށް ލިބެނީ ރައިހާއަށް ލިބޭ މުސާރައަށްވުރެ މާކުޑަ އެތިކޮޅެކެވެ. އެކަން ރައިހާ ދަނެއެވެ. ދުވަހަކު ވެސް ޒާހިލް ގާތުގަ ގޭގެ ކަމެއް އަދި ކުދިންގެ ކަމެއް ކުރަން ލާރި ހޯދާކަށް ރައިހާ ނުބުނެއެވެ. އެހެންނެކޭ ކިޔަފަ ޒާހިލް އަތުގަ ލާރިއެއް މަހުގެ މެދަކާ ޖެހެންދެން ވެސް ނުހުރެއެވެ. މަހުގެ ބާކީ ބައިގަ ޒާހިލްއަށް ޚަރަދުކުރަން ޖެހިފައި އޮންނަނީ ވެސް ރައިހާއަށެވެ. ޒިންމާދާރު ފިރިއަކަށް ވުމަށާ ޒިންމާ ނަގާ ބައްޕައަކަށް ޒާހިލް ވުމަކީ އަބަދު ވެސް ރައިހާ އުންމީދުކުރަމުން އައި ގޮތެވެ. އަދި ޒާހިލްއަށް ވިސްނައިދެވޭތޯ ވެސް ބަލަމުން އައީ އެހެން އެކަން ވުން އެދޭ ވަރުންނެވެ. އެކަމަކު މިހާރު …… ރައިހާ ވަރުބަލި ވެއްޖެއެވެ. ގޮތް ހުސްވެއްޖެއެވެ.

އެރެއަކީ ރައިހާ ޒާހިލްއާ މިވީހާތަނަށް ވާހަކަ ނުދައްކާ މޭރުމުން ނުދައްކާ ރާގަށް ވާހަކަ ދައްކަން ނިންމި ފުރަތަމަ ރެއެވެ. ރައިހާގެ ކިޔަމަންތެރިކަމާ ނިޔަނެތިކަމާ ޒާހިލް ދެކެ ވަމުން އައި ލޯބީގެ ނާޖާއިޒު ފައިދާ އިތުރަށް ޒާހިލް ނެގިޔަ ނުދޭން ރައިހާ ނިންމި ރެއެވެ. ދިރިއުޅުން އަދި އޮތީ ކުރިއަށް ކަން ދަނެ ރައިހާއަށް ވެސް ދިރިއުޅުމުގައި އުފަލާ ހަމަ ޖެހުމާ މިނިވަންކަމާ ބާރު އޮންނަން ޖެހޭކަމަށް ނިންމި ރެއެވެ.  ފިރިމީހާ ކަމަށްވިޔަސް ބައެއްކަހަލަ ޙާލަތްތަކުގައި ފިރމީހާއަށް ވެސް އެރޭނެ ޓްރެކްތަކާ އެރިގެން ނުވާނެ ޓްރެކްތަކެއް ހުންނަން ޖެހޭނެކަމަށް ރައިހާ ގަބޫލުކުރި ރެއެވެ.

ޒާހިލްގެ އިންތިޒާރުގައި ރައިހާ ގުނަންފެށި ވަގުތުގެ ކަށި ބަލަން ރައިހާއަށް އިނދެވުނީ މެންދަމުން އަލިވެ އެކެއް ޖަހަން ދެނެވެ. އެހާއިރު ވީއިރު ރައިހާ ނިދި ބުރާންތިކައިގެން ދެމުނީއެވެ.

ރައިހާއަށް ހޭލެވުނީ ފަތިސްވެ އިރުއަރަން ކައިރިވި ފަހުންނެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވެ އިށީނދެވިއްޖެއެވެ. ޒާހިލް ކޮބާތޯ ވަށައިގެން ހޯދައި ބަލައިލިއެވެ. ހިލަމެއް ނެތެވެ. އެނދުގައި ނެތީމާ ފާޚާނާގައި ވެދާނެއޭ ހީކޮށް އިރުކޮޅަކު މަޑުކުރިއިރު ވެސް ފާޚާނާގައި އުޅޭކަމުގެ އިޝާރާތެއް ވެސް ނުވިއެވެ. ތެދުވެގެން ގޮސް ދޮރުގެ ތަޅުގައި ހިފާ އަނބުރާލުމުން ދޮރު ހުޅުވިއްޖެއެވެ. ޒާހިލް އެއް ނެތެވެ.

ދުވެލާފަ ގޮސް ފޯނު ނަގައިގެން ޒާހިލްގެ ނަމްބަރަށް ގުޅައިލިއެވެ. ރިންގް ވެއެވެ. ފޯނެއް  ނުނަގައެވެ. ރައިހާގެ ހިތް ބިރުވެރިކަމާ ރުޅިވެރިކަމާ ހާސްކަމުން ބަނދެވިއްޖެއެވެ. ދެން ހަދާނެ ގޮތަކާމެދު ވިސްނި ވަރަކަށް ރައިހާގެ ބޮލަށް ކުރަމުން ދިޔަ ބާރު ބޮޑުވެ ސިކުނޑިފަޅައިގެން ދާވަރު ވިޔެވެ. އަދި އިރުކޮޅަކަށް ބަލާލާފަ މައިދައިތަ ގާތު ބުނާނީއޭ ހިތަށް އެރިއެވެ. އެހެންކަމުން ދެން އުޅެގަތީ ނަމާދުކުރުމުގެ ކަންތަކާއެވެ.

ޒާހިލް އައިސް އެނދުގައި އޮށޯތީ ރައިހާ ނަމާދަށް ފެށިތަނާއެވެ. ނަމާދު ނިމިގެން ދުވެފައި ގޮސް ޒާހިލްއަށް ގޮވަން ފެށުމުން ބުނީ ނިދަން ބޭނުން ކަމަށެވެ.

”ބަލަ ރޭގަނޑެއް ފަސްދީ ދުވާލުގެ މަސައްކަތަށް އެހެން މީހުން ތައްޔާރު ވަމުން ދާއިރު އަދި ކިރިޔާތަ ޒާހިލްއަށް ނިދާނެ ވަގުތެއް ތި ލިބުނީ! ދެން ނިދާނެ ކަމެއް ނެތް! …… އަހަރެން ބޭނުން ޒާހިލްއާ ވާހަކަ ދައްކަން!”

ދައްކަ ދައްކާ ހުރި ވާހަކަ ހުއްޓާލަން ރައިހާއަށް ޖެހުނީ ޒާހިލް ގުގުރި ދަމާއަޑު އިވުމުންނެވެ. އައި ރުޅިން ޒާހިލްއާ ދިމާއަށް ބަލަން ހުރެވުނެވެ. އެހެންނަމަވެސް ރުޅިވެރިކަން ކަރުނަ އިޚުތިޔާރުކޮށް އިސާހިތަކު ދެ ލޮލުން ކަރުނަ އޮހެން ފެށީ ރައިހާއަށް ނުވެސް އެނގިއެވެ.

އެ ދުވަހު ރައިހާ އުޅުނީ ކޮޓަރިއާ ބަދިގެއާ ދެމެދު ހިނގާލަ ހިނގާލާއެވެ. ޒާހިލް ހޭލާ ގަޑިއަކަށް ފާރަލުމުގައެވެ.

މެންދުރު ދޭއް ޖަހަންއުޅެނިކޮށް ރައިހާ އައިނާއަށް ފެންވަރާގެން ލާނެ އެއްޗެހި ނަގައިދޭން މައިދައިތަ ކޮޓަރީގައި ހުއްޓާ މައިދައިތަ މީހަކާ ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ.

ރައިހާ ދުވެފައި ނިކުތްއިރު ޒާހިލް އިނީ ކާން އިށީނދެއެވެ. ރައިހާ ގޮސް ޒާހިލް ކުރިމަތީ ހުރި ގޮނޑީގައި އިށީނީ ޒާހިލްއަށް ބޯނެ ފެންތައްޓެއް ކުރިމަތީ ބަހައްޓަމުންނެވެ.

ނަސީބަކުން ރައިހާގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު މައިދައިތަ ކޮޓަރިއަށް ވަނީއެވެ.

”ޒާހިލް! ދައްކަބަލަ ގަތް ފޯނު އަހަރެން ބަލައިލަން! ކަޅުކުލަތަ ގަތީ!” ރައިހާ ބޭނުންވީ ދުރުދުރުން ގެންދާށެވެ.

‘ ނޫން! ހުދުކުލަ ގަތީ!” ޒާހިލް އެބުނީ ތެދެކެވެ. ޒާހިލް ގަތީ ހުދުކުލައެވެ.

”ދައްކަބަލަ އަހަރެން ބަލާލަން!” ރައިހާ ދެވަނަ ފަހަރަކު ވެސް އެދުނެވެ. ޒާހިލް އަޑު އިވޭކަމަކަށް ވެސް ނެހެދިއެވެ.

”ޒަހިލްއާއޭ އަހަރެން ވާހަކަ މިދައްކަނީ!” ރައިހާ ތަންކޮޅެއް ބާރަށް ބުނުމުން ޒާހިލްއަށް ހުއްޓުމެއް އައެވެ.

”ކޮބައިހޭ ގަތް ފޯނު!” މިފަހަރު ރައިހާ ހުރީ ތެދުވެ ކޮޅަށެވެ.

”ފޯނު ދައްކާނަން! ތައްޔާރުވާތި ބަލަން! ”

ކެއުން ހުއްޓާލާފައި ކާން އިން ތަށި ދުރަށް ޖައްސާލަމުން ތެދުވެގެން ސިންކާ ދިމާއަށް ޒާހިލް ހިނގައިގަތެވެ. މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އަޑުގައިވަނީ ޖެއްސުމެވެ.

ޒާހިލްގެ ޖަވާބުއައީ އިންޒާރެއްފަދައިންކަން ރައިހާއަށް ވިސްނުނެވެ. ވަރިހަމައެވެ. މަގޭ ލާރިން ގަތް އެއްޗެއް މަށަށް ބެލެން ޖެހޭނެއެވެ.

ޒާހިލް ކެއި ތަށިތައް ނަގަން ރައިހާ ހުއްޓާ އިވުނީ ޒާހިލްގެ އަޑެވެ.

”މިރޭ އަހަރެންގެ ކޮޓަރީގައި އަހަރެންގެ ރައްޓެއްސަކު އޮންނާނެ! ރައި ނިދާނީ މަންމަކޮޓަރީގަ ކުދިން ގާތު!” ރައިހާއަށް ބުނާނެ އެއްޗެއް ދުލަށް ގެނައުމަށް އެތައް ވަގުތެއް ހޭދަވިއެވެ. އެ ވަގުތު ކޮޅަކީ ޒާހިލް ނުކުމެގެން ދިޔަ ވަގުތުކޮޅެވެ.

އިރުއޮއްސި ރޭނގަޑުވެ އެތައް ވަގުތެއް ފަސްދީ ދިޔައިރު ވެސް ޒާހިލްގެ ޚަބަރެއް ނުވިއެވެ. ޒާހިލްގެ ގޭގައި ޒާހިލް ބުނާތާކު ނޫންތާކު ނިދާކަށް ރައިހާއަކަށް ނުކެރުނެވެ. އެހެންނަމަވެސް ޒާހިލްއާ ދެމީހުން އުޅެނީ ކޯޅުމެއްގައިކަން މައިދައިތައަށް އަންގަން ބޭނުން ނުވާތީ އެ ކޮޓަރިއަށް ވަންނާކަށް ވެސް ރައިހާއަކަށް ނުކެރުނެވެ.

ނިންޖާ ޖެހޭތީ ސިޓިންގރޫމުގެ ބޮކި ނިނއްވާލުމަށްފަހު ސޯފާގައި ރައިހާ އޮށޯތެވެ. އިސާހިތަކު ރައިހާއަށް ނިދިއްޖެއެވެ. އެހެންނަމަވެސް ރައިހާއަށް ނިދުނީ ކިހާއިރަކުކަން ބުނާކަށް ނޭނގެއެވެ. ކޮންމެވެސް މީހަކު ސިޓިންގރޫމުގެ ދޮރުގައި ތަޅުދަނޑި ޖެހިއަޑާއެކު ރައިހާއަށް ހޭލެވިއްޖެއެވެ. ހޭ ލެވުނަސް ބޮކި ނިއްވާލާފަ އޮތުމުން އެތާ މީހަކު އޮތްކަމެއް ވަންނަ މީހަކަށް ފުރަތަމަ ނޭނގޭނެތީ ރައިހާ އޮތީއެވެ. އެ ގަޑީގައި ގެއަށް އަންނާނީ ޒާހިލްކަން އެނގޭތީ އެގެންނަ ރަޙުމަތްތެރިއަކު ގޮވައިގެން ވަންނާނީ ކޮޓަރިއަށްތާއެވެ.

ދެލޯ މަރާލައިގެން އޮތް ރައިހާގެ ކަންފަތް ކޮޅަށް ޖެހިގެން ދިޔައީ އިވުނު އަޑަކުންނެވެ.

”މިތަން ހާދަ އަނދިރިއޭ! ބޮކި ދިއްލަބަލަ! އެއްޗެއްގަ އަޅައިގެން ވެއްޓިއްޖެއްޔާޔޯ!”

ރައިހާއަށް ގަބޫލުކުރަން ދަތިވިއެވެ. އެއިވުނު އަޑަކީ ރައިހާ ކުރިން އެހިއަޑެއް ނޫނެވެ. އެނގޭކަމަކީ އެއީ އަންހެނެއްގެ އަޑުކަމެވެ.

”ތިހިރީ އަހަރެންގެ ދެއަތުގެ ތެރޭގަނު! ދެން ކިހިނެތް ވެއްޓޭނީ!”

ޒާހިލްގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ލޯތްބެވެ. ދުވަހަކުވެސް އެފަދަގާތް ގޮތަކަށް ރައިހާއަކާ ވާހަކައެއް ނުދެއްކެއެވެ.

ރައިހާގެ ހިތަށް ކުރީ ބަޔާންކުރަން ދަތި އަސަރެކެވެ. އަމިއްލަ ފިރިމީހާ އެހެން އަންހެނެއްގެ ފަރާތުން އުފާ ހޯދަން ތައްޔާރުވަނީކަން ރައިހާއަށް ގަބޫލުކުރެވުނެވެ. އިރުކޮޅަކުން އެ މޭމަތީގައި ބޯއަޅައިގެން އޮންނާނީ ރައިހާގެ ބަދަލުގައި އެހެން އަންހެނެކެވެ. ޒާހިލްގެ ފަރާތުން ހިތްހަމަ ޖެހުމާ ލޯބީގެ މީރުކަން ހަދިޔާ ކުރާނީ ދުރުހިލޭ އަންހެނަކަށެވެ. ރައިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

ފިރމީހާގެ ހުރި ބޭވަފާތެރިކަން އަމިއްލަ ލޮލަށްފެނުމުން ރައިހާގެ ދެލޯ ކަރުނުން ފުރިގެންއައެވެ. ހިތް ކުދިކުދިވެ ބުރަބުރައިގެން ފޭބިކަމުގެ އިޙުސާސުން ރައިހާ މުޅިން ބަލިކަށި ވެއްޖެއެވެ. އަމިއްލަ މައިންބަފައިންނާ ހެޔޮ އެދޭ ރަޙުމަތްތެރިންނާ ދެކޮޅަށް މި ކުރެވުނު ކައިވެނިން ރައިހާ އުންމީދު ކުރި އެއްވެސް ކަމެއް ޙާސިލެއް ނުވިއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !