ފަނަރަވަނަ ބައި
ވީތަދުން ރައިހާއަށް ބޭއިޚުތިޔާރުގައި ގޮވުނީ ރައިހާގެ މަންމައަށެވެ. އެތަނަށް އައީ އެފަދަކަމެއް ހިނގައިފާނެކަމަށް ތަޖުރިބާއިން ވިސްނިފައި ހުރި ޒާހިލްގެ މަންމައެވެ.
”ޒާހިލް! ދޫކޮށްލާ! އަނިޔާ ތިކުރަނީ އަމިއްލަ އަނބިމީހާއަށޭ! ޒާހިލްގެ ދެކުދިންގެ މަންމައަށޭ! ކިހިނެއް ވެގެންތަ ތިއުޅެނީ!”
މައިދައިތަ ކައިރިވީ ޒާހިލްއާއެވެ. އެއަށްފަހު ރައިހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން ހުރި ޒާހިލްގެ އަތް ދުރަށްލެވޭތޯ އުޅުމުން ޒާހިލް ރައިހާގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އެކަމަކު ވެސް އައިސްފައި ހުރި ރުޅިކޮންޓްރޯލް ނުވުމުން ދެން ބުނީ ބުނަން އެންމެ ނުވާހަކައެވެ.
”އަނބިމީހާއޭ! ޗީ! …… ނުހުންނާނެ މަގޭ އަނތްބެއް!”
ރައިހާ އާ ދިމާއަށް ލޯއަޅާލަމުން ޒާހިލް ބުނެ އިއްވައިލި ޖުމުލައިން އެންމެ ބޮޑު އަސަރެއް ކުރީ ޒާހިލްގެ މައިދައިތައަށެވެ.
ރައިހާ ހުރީ އެއަޑު އިވިދާނެ ކަމަށް މާކުރިން ތައްޔާރުވެގެން ކަހަލައެވެ. ނުވަތަ ބޭނުންވެގެން ކަހަލައެވެ. އިވުނު އަޑާއެކު ރައިހާ ހިނގައިގަތީ އެ ކޮޓަރިން ނިކުންނާށެވެ. އަތުގައި ހުރި ހުރިހާއެއްޗެއް ޣަނީމާވެ ގެއްލިފައިވާ ހަނގުރާމަވެރިއަކު ފަދައިން އިސްޖަހާލައިގެން ހުރެއެވެ.
ބުނެވުނު ބަހުގައި ހުރީ ކިހާ ބަރުދަނެއްކަން ޒާހިލްއަށް ވެސް ވިސްނުނީކަންނޭނގެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ގޮސް އެނދުގައި އިށީނެވެ. އެއްވެސް އެއްޗެއް ނުބުނެ ގަނޑުވެފައި ހުރި ޒާހިލްގެ މަންމަ ވެސް ރައިހާއެކޭ އެއްފަދައިން މަޑުމަޑުން މޮޅިސާލު ލައިގެން އެކޮޓަރިން ނިކުމެ ހިނގައިގަތީ ބޭރަށެވެ. ކޮޓަރީގެ ދޮރުންބޭރަށް އެޅިފިޔަވަޅު އަނެއްކާ ފަހަތަށް އެޅި ރައިހާ ބަލައިލީ ޒާހިލް ގާތުގައި އެނދުގައި އިސްޖަހާލައިގެން އިށީނދެއިން އަންހެން ކުއްޖާއަށެވެ. އިރުކޮޅަކު އެހެން ބަލަން ހުރުމަށްފަހު އެކުއްޖާއާ ދިމާއަށް ހިނގައިގަތެވެ. އޭރު މުޅި މާހައުލުއޮތީ ހަޅަ ޖަހާ މަޑުވެފައި އޮތް މޫސުމެކޭ އެއްގޮތަށެވެ.
”ހަނދާންކުރާތި!” ރައިހާ ކަނާތުގެ ޝަހާދަތް އިނގިލި ހިއްލައިލީ އަންހެންކުއްޖާގެ ލޮލާ ދިމާއަށެވެ.
އަހަރެން ތި ޒާހިލް ދެކެ ލޯބިވިވަރާ ކައިރިއަށް ވެސް ކަލެއަކަށް އޭނ ދެކެ ލޯތްބެއް ނުވެވޭނެ! ފަހަރެއްގައި މިކަން ކަލެއަށް ނޭނގި އޮވެދާނެ! ޒާހިލްއާއެކު ތި ގޮތަށް ވަގުތު ހޭދަ ކުރާއިރު ޒާހިލް އެއީ މީހެއްގެ ފިރިއެއްކަން، ޒާހިލް އެއީ ދެކުދިންގެ ބައްޕައެއްކަން……… ޒާހިލް އެންމެ ފަހަރަކުވެސް ބުނިތަ މިވާހަކަ! …. ނުބުނޭނު!”
ރައިހާ ދިއްކޮށްގެން ހުރި އަތް ތިރިކޮށްލިއެވެ. އަދި ވިސްނައިދޭފަދަ ގޮތަކަށް މައިތިރިއަޑަކުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
”އަދި ބުނަންތަ! ކަލޭ ޒާހިލްއާއެކު އުޅެން ބޭނުމިއްޔާ ……….. މިހަރު ކަލޭތީ މުސާރަވެރިއެއްނަމަ އެލިބޭ އެއްޗެއްގެ ދެގުނަ ހޯދަން ކަލެއަށް ޖެހޭނެ! އެއީ ކަލެއަށާ ޒާހިލްއަށް. އަދި ބައްޔެއް ވެދާނެ ކަމަށްބަލާ އެއަށް އަނެއްކާ ވެސް އެއްގުނަ އިތުރުކޮށްލަން ޖެހޭނ! އެއީ ކަލޭ ބަލިވިޔަސް ކަލޭގެ ލޯބިވެރިޔާ ޒާހިލް ބަލިވިޔަސް ޚަރަދު ކުރަން ޖެހޭނީ ކަލޭ ކަމަށްވާތީ! އެބަހުރިތަ މިހިތްވަރު! ހުރިއްޔާ ކުރިއަށްގެންދޭ!”
ރައިހާ ހިނގައިގަތީ ނިކުންނާށެވެ. އެހެންނަމަވެސް ރުޅިއާ ނަފުރަތުން ފަޅާއިގެން ދާން ގާތްވެފައިވާ ސިންގާއެއްފަދައިން ޒާހިލް ޖެހިގަތީ ރައިހާގެ ކުރިމައްޗަށެވެ. އަދި ރައިހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރުނެވެ.
ރައިހާ ބެލީ ބަލިވެގެން އާދޭސްކޮށްގެން ޒާހިލްގެ ކުރިމަތީ ކުޑަކަކޫ ނުޖަހާވޭތޯއެވެ. ކިތަންމެ ތަދުވިޔަސް އަނގައިން އަޑެއްވެސް ލައްވާ ނުލާ ވޭތޯއެވެ.
ރައިހާ ކެތްކުރިއެވެ. ހިތްވަރުކުރިއެވެ. ޒާހިލްދެކެވީ ލޯތްބަށްޓަކައި ދެން އެއަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކުރާނެއެވެ. އެކަން އެއޮތީ ނިމިފައެވެ. ދަރިންގެ ހައްގުގައޭ ކިޔާފަ އާދޭހުގެ އެންމެ ލަފުޒެއް ވެސް ދެން ރައިހާގެ ދުލު ކުރިއަށް ނުގެންނާނެއެވެ. މިއަދު ގަޓް ހުރި މީހަކަށް ވާން ރައިހާ ނުހަނު މަސައްކަތް ކުރާނެއެވެ.
ދަމާފައިކަހަލަ ގޮތަކަށް ޒާހިލް ރައިހާ ގެންގޮސް ސިޓިންގރޫމުތެރެއަށް ކޮއްޕައިލިއެވެ. އެވަގުތަކީ ޒާހިލްގެ މަންމަ ޒާހިލްގެ ދެކުދިން ކޮޓަރިން ބޭރަށް ދިޔަ ނުދީ ހިފަހައްޓައިގެން ހުރުމަށްފަހު އަނެއްކާ ވެސް ކޮޓަރިންބޭރަށް ބޯދިއްކޮށްލި ވަގުތެވެ. މާމައާ އެކު ކޮޓަރީގެ ދޮރުމައްޗަށް އެރި އައިނާއާއި އަޔާދު އެކުދިންގެ މަންމަ ވެއްޓިފައި އޮތްތަން ފެނުމުން ދުވެގޮސް މަންމަ ގައިގާ ހިފައިއޮޅުލާގަތެވެ.
”މޮޔަވެގެންތަ ތިއުޅެނީ! ހަމަ ހޭގަތަ ތިހިރީ!” މައިދައިތަގެ އަޑުން މުޅި މާހައުލުގެ ހަމަހިމޭންކަން ކަނޑުވައިލިއެވެ.
ކުދިންފެނުމުން ޒާހިލް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެހެންނަމަވެސް ކޮޓަރީގެ ދޮރުމަތީ ހުއްޓިހުރެ ރައިހާއަށް އެންގީ އިރުއޮއްސުމުގެ ކުރިން އުޅޭނެ ތަނެއް ހޯދައިގެން އެގެއިން ދިއުމަށެވެ.
”ނުގޮއްސިއްޔާ!………..” ޒާހިލް ބުނަން އުޅުނު ވާހަކަ ހުއްޓައިލީ ޒާހިލްގެ މަންމަގެ ރުޅިވެރި ބަލާލުމުގެ ސަބަބުންނެވެ.
”އެއީ ދޮގެއް އޭނައަކަށް ނޭނގޭނެ! ދަރިފުޅު ހުންނާނީ މިގޭގަ! މަންމަ ކޮޓަރީގަ ދަރިފުޅަށް ހުރެވޭނެ!” މައިދައިތަ ހުރީ ހަދާނެގޮތް ހުސްވެފައެވެ.
”ނޫން މަންމާ! އަޅުގަނޑަކަށް ދެން މިގެއަކު ނުހުރެވޭނެ! އަޅުގަނޑު މޮޔަވެދާނެ! ….. މޮޔަވެދާނެ!”
ޒާހިލް ކޮޓަރިއަށް ވަނުމުން ރައިހާ މައިދައިގެ ވާހަކައަށް ޖަވާބުދިނެވެ. އަދި އިސްޖަހާލައިގެން އިނދެ ރައިހާ ދެލޮލުން އޮހެމުންދިޔަ ކަރުނަ ފޮހެލިއެވެ.
ތެދެކެވެ. އެހެން އަންހެނަކާއެކު ޒާހިލް އުޅޭތަން ދެކޭކަށް ރައިހާ އަކަށް ކުޅަދާނައެއް ނުވާނެއެވެ. އެކަން ރައިހާގެ މައިދައިތަ ވެސް ގަބޫލުކުރިއެވެ.
”ދަރިފުޅު ދާނެ އެހެންތަނެއް އެބަހުރިތަ! ދަރިފުޅު އެކަނި ނަމަތާ! މިތިބަ ދެކުދިންގެ ރައްކާތެރިކަމަށް ވެސް ވިސްނަން ހުރީ ހަމަ ދަރިފުޅު! މިފަދަ ޒަމާނެއްގަ ……… ” މައިދައިތަ ހުރީ ހަދާނެ އެއްވެސް ގޮތެއް ނެތިފައެވެ.
އެގެއަކީ ޒާހިލް ބައްޕަގެ ގެއެކެވެ. ޒާހިލްމެންގެ ބައްޕަ ނިޔާވުމުން މަންމައަށް ލިބުނު ބައިވެސް ހަތަރު ބެއިންނަށް ހަމަޔަށް ދިނީއެވެ. ގޭ ފަސްބުރިއަށް ނެގުމަށްފަހު އަނެއް ތިންބެއިން ދިރިއުޅެނީ ރައްޖެއިން ބޭރުގައި އެމީހުންގެ ފްލޯރތަކުން ލިބޭ އެއްޗަކުންނެވެ. އެންމެ ތިރީބައި ހުންނަނީ ގުދަނަކަށް ކުއްޔަށް ދީފައެވެ. އެތަނުން ލިބޭއެއްޗެއް ފަސްބަޔަށް ބަހާ މަންމައަށް ވެސް ބައެއް ދެއެވެ. އެހެންވީމާ ޒާހިލްގެ ބައިގައި ޒާހިލް ބަހައްޓަން ބޭނުން ނޫން މީހަކަށް ނުހުރެވޭނެއެވެ.
”މަންމަ ގޮތެއް ފެނޭތޯ އެބަބަލަން!” އަތުގެ ނުފުށުން މޫނުމަތި ފޮހެމުން މައިދައިތަ ވަނީ ކޮޓަރިއަށެވެ. އިރުކޮޅަކުން މީހަކާ ފޯނުން ވާހަކަ ދައްކާއަޑު އިވެއެވެ.
މައިދައިތަ ނުކުތްއިރު ކޮންމެވެސް ވަރަކަށް ހަމަ ޖެހިލާފައި ހުރިކަން މޫނުމަތިން ހާމަވެއެވެ.
”ހައްވަ މެންގޭގަ އެބަހުއްޓޯ ކޮޓަރިއެއް! ތަނެއް ލިބެންދެން ތިބެވިދާނެޔޯ ބުނީ! އެކަމު ކާން ލާރި ދޭންށޯ ޖެހޭނީ!” މައިދައިތަ ބަލައިލީ ދެ މާމަ ދަރިންގެ މޫނަށެވެ.
”ހެނދުނު ތެދުވެގެން ސްކޫލަކަށްނު ދާނީ ދޯ!” ދެކުދިންގެ ބޮލުގައި ފިރުމާލަމުން ޒާހިލްގެ މަންމަ ވާހަކަދެއްކީ ރައިހާއާއެވެ.
”ދަރިފުޅު އޮފީހުގަ ހުރެފަ ކުދިން ނިމޭގަޑީގައި އެ ދެބެން ގޮވައިގެން އައިސް މިގެއަށް ލާފަ ދާނީ! އޮފީސް ނިމިގެން އަންނަމުން ދެބެން ގޮވައިގެން ގެއަށް ދާނީ! މެންދުރު ކުދިން މިގެއިން ކާނީ! ދާއިރު ރޭގަނޑަށް ކާއެއްޗެހި ހިފައިގެން ދާން ހަދާނީ!”
މައިދައިތަ ނިންމި ގޮތް ރައިހާއަށް ކަމުދިޔައެވެ. އެނޫން ދެން ވަކި އޮތީ ވެސް ކޮން ގޮތެއް ހެއްޔެވެ. އަތަކު މާގިނަ ފައިސާއެއް ނެތެވެ. މަސް ނިމެންދެން ވެސް ފުއްދާ ނުލެވޭނއެވެ.
ޒާހިލް ހޫރާލުމުން ގޮސް ޖެހުނުތަނުގައި ރައިހާ އަދިވެސް އިނީ ދެން ކަންތައް ވާނެ ގޮތަކާމެދު ވިސްނުމުގައެވެ. ހުރިހާ ކަމެއް މިހިނގީ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އަމީރާ ފޯނު ކުރީ ރައިހާ އެހެން އިންދައެވެ. އެވަގުތަކީ މީހަކާ ވާހަކަދެއްކޭފަދަ ޙާލަތެއްގައި ރައިހާ އިންވަގުތަކަށް ނުވާތީ ފޯނަށް ޖަވާބެއް ނުދެއެވެ. ރައިހާ ހަލޯއޭ ބުނާއިރަށް އަމީރާ ރައިހާގެ ހާލު ދަނެގަންނާނެއެވެ. ދެން ވީގޮތެއް ނުބުނަނީސް ހުއްޓާވެސް ނުލާނެތީ ފޯނަށް ޖަވާބު ނުދިނީއެވެ. ރައިހާގެ މިހާރުގެ ހާލަތު ކިޔައިދިނުމުން އަނެއްކާނވެސް އަމީރާ އެހީވާން އުޅެގަންނާނެއެވެ. އެހެން މީހެއްގެ އެހީއާއި ހަމްދަރުދީ މިވަގުތު ރައިހާ ކިތަންމެ ބޭނުމަސް އެމީހަކީ އަމީރާއަށް ވާކަށް ރައިހާ ނޭނދެއެވެ.
ދެކުދިންނާ މައިދައިތައާ ވެގެން ރައިހާ ގެންގޮސް ބޭންދީ މައިދައިތަގެ އެނދުގައެވެ. އެއަށްފަހު މައިދައިތަ އުޅުނީ ކުދިންނާ ރައިހާގެ ސާމާންތައް ޕެކްކުރުމުގައެވެ. ރައިހާގެ ގިނަ އެއްޗެހި ހުރީ ޒާހިލްގެ ކޮޓަރީގައިކަމުން އެތާތިބި ދެމީހުން ނުކުންނަންދެން މައިދައިތަ މަޑުކޮށްގެން ހުއްޓެވެ.
ފަސް ހައަހަރުވަންދެން ދިރިއުޅުނުގެ ….. މުޅި ދިރިއުޅުން ހިބައިން ދިން ލޯބިވާ ފިރިމީހާގެ ގެ….. ޒުވާންކަމާ ލޯތްބާ އުފަލާ އަރާމު އެތަނެއްގައި ކަފުންކުރި ގެ ……. ދިރިއުޅުމުގެ ކުލަ ރީތި ހުވަފެންތަކާ ފޮނި އުންމީދުތަކުން ޖަރީކުރަންމުންދިޔަ މުސްތަގުބަލުގެ ގަނޑުވަރުގެ ބިންގާ އެޅިގެ …… ރައިހާ އެގެއިން ނިކުންނަމުން ފަސް އެނބުރި އެތައް ފަހަރަކު ބެއްޔެވެ. ހިތި ހިންދިރުވާލުމަކާއެކު ދެލޯ މަރައިލަމުން އެގެއިން ނިކުމެގެން ކުރިއަށް ދިޔައީ ދެން އެގޭ ހަތަރުފާރުން އެތެރެއަށް ނުވަންނަން ހިތުން ހުވާ ކުރަމުންނެވެ.
ނިދަން އޮށޯވެ އޮތަސް ރައިހާގެ ލޮލާ ނިދި ވަނީ ރުޅިވެފައެވެ. ދެލޮލުން ހުސްނުވެ ތާޒާކަރުނަ ފައިބާތީ އެވެސް ހުސްވުމެއް ނެތް އެއްޗަކީބާއޭ ފެންނަ މީހަކު ހިތަށް އަރާނެއެވެ. ތަޤުދީރު ރައިހާ މިގެނައީ ހަތަރުފަރާތުން ވެސް ކޮޅު ބެދިފައިވާ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށެވެ. ދާންވީ ކޮން ކޮޅަކަށްކަން އެއްގޮތަކަށް ވެސް ރައިހާގެ ވިސްނުމަކަށްނައެވެ. މާދަމާ އިރު އެރުމުން ދެން ކަންތައް ވާނީ ކިހިނެތްކަމާމެދު ވިސްނާލިޔަސް ސިކުނޑިފަޅައިގެން ހިނގައިދާނެހެން ހީވެއެވެ. އެ ކުޑަކުޑަ ކޮޓަރީގެ ހަތަރުފާރު އައިސް ރައިހާ ވަށައިލާ ބައްދައިލާ ކަމުގެ އިހުސާސުން މީހާ ހާސްވަނީއެވެ.
އެންމެ ދެރަވަނީ ހުރިހާ ވަގުތެއްގައި ވެސް އެހީތެރިވެދެމުން އައި އެންމެ ގާތް ފަރާތަށް ވެސް މިކަން ހިނގައިގެން އުޅޭކަން އަންގަން ނުކެރުމެވެ. ނުނިދިގެން ތެދުވެ ދެކުދިންނަށް ބަލަހައްޓައިގެން ވެސް އެތައް ފަހަރަކު ރައިހާ އިނދެފިއެވެ. ކުދިންގެ މުސްތަޤުބަލާމެދު ވިސްނައިލުމުން ހިތުގެ ހިނގުން ހުއްޓެނީހެން ހީވި ފަހަރެއްވެސް ދިޔައެވެ.
މޭމަތީގައި ފިރުމާލަމުން ތެދުވެ، ދޮރެއްނެތް އެ އޮޓަރީގެ ފާޚާނާއަށް ވަނެވެ. އަދި ނުކުމެ އެ ގެއިން ގެނައި ތަކެތީގެ ތެރޭ ހުރި ފުޅިއަކުން ފެން ފޮދެއް ބޮއެލިއެވެ.
ފަތިސްވާން ގާތްވިފަހުން ރައިހާއަށް އެންމެ ފަހުން ނިދިއްޖެއެވެ. ހޭލެވުނީ ކުދިން ގޮވާ އަޑަށެވެ. އެމީހުން ބަނޑުފައިވާނެކަން ރައިހާއަށް ނުވިސްނުނީއެވެ. ޚުދު ރައިހާ ވެސް ވަނީ ހައިވެގެން ގޮސް ހާންތިވާވަރު ވެފައެވެ. ކުރީ ދުވަހު މައިދައިތަ ވަރަށް ކިޔައިގެން ދެތިން ސުވަލެއްގެ ބަތްކޮޅެއް އަނގަޔަށް ލިއެވެ. އެވެސް ދިރުވަން ހަދައިގެން އެންމެ ފަހުން އޯކަށް ދެމެން ފެށީމައި ހުއްޓައިލިއެވެ.
”އައިނާ، ދަރިފުޅާ! ގެއިން ގެނައި ކޮތަޅުގައި ހުންނާނެ ބިސްކޯދާ ޕެކެޓާ! ނަގައިގެން ކޮއްކޮއާ ދެކުދިން ކައިބަލަ!”
ރައިހާ އުޅުނީ ތެދުވެ މޫނުދޮވެލާ ހަދާލާށެވެ. އެހެންނަމަވެސް ފާޚާނާގެ ދޮރާ ހަމައަށް ނުދެވެނީސް ރައިހާ އަނބުރައިގެން ވެއްޓުނީއެވެ.
ހަދާނެ ގޮތްހުސްވެ ބިރުން މޫނުމަތި ހުދުވެފައިވާ ދެކުދިން މަންމަގެ ގައިގާ އޮޅުލަ އޮޅުލާފައި ރޯން ތިބި މަންޒަރުން ޢަދާވާތްތެރިއަކު ވެސް ހިތްފަޅައިގެން ހިނގައިދާނެއެވެ. އެންމެ ފަހުން އައިނާއަށް ލިބުނުޚިޔާލަކުން މަންމަގެ ތުނބުގައި ފެން ފުޅިޖައްސައިލިއެވެ. އެހެންނަމަވެސް އެދެބެންގެ ނުހަނު ލޯބިވާ މަންމަގެ އެއްވެސް ހަރަކާތެއް ނެތުމުން ދެބެން ވެސް ތިބީ ޙަރަކާތް ހުއްޓިފައެވެ. ރޮމުން ކަރުނަ ފޮހެމުން މަންމަޔަށް ގޮވަގޮވައި ތިއްބެވެ.
( ނުނިމޭ)
ޚިޔާލުތައް