ސޯޅަވަނަ ބައި
ހަދާނެ ގޮތްހުސްވެ ބިރުން މޫނުމަތި ހުދުވެފައިވާ ދެކުދިން މަންމަގެ ގައިގާ އޮޅުލަ އޮޅުލާފައި ރޯން ތިބި މަންޒަރުން ޢަދާވާތްތެރިއަކު ވެސް ހިތްފަޅައިގެން ހިނގައިދާނެއެވެ. އެންމެ ފަހުން އައިނާއަށް ލިބުނުޚިޔާލަކުން މަންމަގެ ތުނބުގައި ފެން ފުޅިޖައްސައިލިއެވެ. އެހެންނަމަވެސް އެދެބެންގެ ނުހަނު ލޯބިވާ މަންމަގެ އެއްވެސް ހަރަކާތެއް ނެތުމުން ދެބެން ވެސް ތިބީ ޙަރަކާތް ހުއްޓިފައެވެ. ރޮމުން ކަރުނަ ފޮހެމުން މަންމަޔަށް ގޮވަގޮވައި ތިއްބެވެ.
ކުރީދުވަހު ގުޅުމުން ވެސް ރައިހާ ފޯނު ނުނެގުމުން އަމީރާ ހުރީ ނިހާޔަތަށް ކަންބޮޑުވެފައެވެ. ރައިހާގެ ހާލު ބަލާލާނަމޭ ހިތާ ފޯނު ނަގައިގެން ރައިހާގެ ނަމްބަރަށް ގުޅައިލިއެވެ.
އެނދުގެ ބާލިސް ދަށުގައި އޮތް ފޯނުގެ ރިންގްގެ އަޑު އިވުމުން އައިނާ ދުއްވައިގަތީ މާމަކަމަށް ހީކޮށް މަންމައަށް ވީގޮތް ކިޔައި ދިނުމަށެވެ. ހަލޯ ވެސް ބުނެ ނުލާ ހާސްވެ ގޮތް ހުސްވެފައިވާ ފަސްއަހަރުގެ އެ ކުޑަ ކުޑަ ކުއްޖާފުޅު ފެށީ މަންމަގެ ހާލުގެ ވާހަކައެވެ.
”މާމާ! ޕްލީޒް އާދޭ! މަންމަ މިއޮތީ ވެއްޓިފަ! ލޯ ވެސް ނުހުޅުވާ! މާމަ ބަލާބަލަ، ކޮއްކޮވެސް ރޮނީ އައިނާ ކޮއްކޮ ވެސް މިހިރީ ވަރަށް ބިރުން! މާމާ!………..މާމާ!”
ކުޑަ ކުޑަ އައިނާ ރޮނީއެވެ. އަޔާދު ރޯއަޑު ވެސް އަމީރާގެ ކަންފަތަށް އިވެމުން ދިޔައެވެ. އެއަޑަކީ މިހާތަނަށް އަމީރާ އެހި އެންމެ ވޭން ދެނިވި އަޑެވެ.
”އައިނާ! ކޮންތާކު ތިތިބީ! ގެއަކު ނޫންތަ! ކޮބާ މާމަ!”
އަމީރާ ބޭނުންވީ ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުމެވެ.
”ބައްޕަޔާ މަންމަ އިއްޔެ ރުޅިވީ! ބައްޕަ މަންމަ ގެއިން ފޮނުވައިލީ! މީ މާމަގެ ފްރެންޑެއްގެ ގެ!” އައިނާ އައިނާއަށް ކިޔައިދޭން އެނގޭ ވަރަށް ތަފްސީލް ދިނެވެ. އަމީރާގެ އަޑު އިވުމުން އައިނާއަށް އުފާވެރިކަން އިޙުސާސްވިއެވެ.
”އައިނާ ކޮއްކޯ! މަންމަގެ މޫނުގައި ފެން އުނގުޅަބަލަ! ދެކުދިން ކޮޓަރިން ނުނިކުންނާތި އަމީދައްތަ މިދަނީ ތިކުދިން ގާތަށް! ހަނދާންކޮށް މަންމަ ގާތު ތިބޭތި އިނގޭ!”
އަމީރާ އަޑުގެ ކޮޅަށް ގޮވަން ފެށީ ޚާލިދަށެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ޚާލިދު ދުވެފައި ނުކުތީ ވީ ކީއްކަން އޮޅުން ނުފިލައިގެންނެވެ. ޚާލިދު ގާތު ވެގެން އުޅޭގޮތް އަމީރާއަށް ކިޔައެއް ވެސް ނުދެވުނެވެ. މީހާ ހާސްވެފައި ހުރިވަރުން ކިޔެނީ ހުސް ރައިހާގެ ނަމެވެ. ޒާހިލް އެގެއިން އެމީހުން ނެރެލި ވާހަކަ ވެސް ބުނެވުނީ ވަރަށް މަސައްކަތުންނެވެ.
”ކާރު ނެރެބަލަ! ވަރަށް އަވަސް ކުރާތި!”
ޚާލިދުއަށް ތިރިއަށް ގޮސް ކާރު ގަރާޖުން ނެރެވުނުއިރު އަމީރާ ހުރީ އެވަރު ވެސް ލަސްވެފައެވެ. ކާރަށް އެރުމަށްފަހު ރައިހާ އޮތީ ކޮން ގެއެއްގައިކަން ނޭނގޭ ހަނދާން ވެއްޖެއެވެ. ރައިހާގެ ފޯނަށް ގުޅަން އުޅެފައި ވެސް ޚިޔާލު ބަދަލުވެގެން ނިންމީ ރައިހާގެ މައިދައިތައާ ބައްދަލުކުރުމަށެވެ.
ޒާހިލްގެ މަންމަ ކިޔައިދިން ގޯޅިގަނޑުން ކާރުގައިދާން އުނދަގޫވާނެތީ އަމީރާ ފޭބީއެވެ. ދުވެލާފަ އަމީރާއަށް ދެވޭނަމަ މި ވަގުތު އަމީރާ ދިޔައީހީ ވެސް ދުވެފައެވެ. އެ ގޭގެ ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވީ މުސްކުޅިފުރައިގެ ފިރިހެނެކެވެ.
”ރައިހާ!” އަމީރާގެ އަނގައިން ނުކުތީ ރައިހާގެ ނަމެވެ. އެވަރަކުން އެ ބޭބެއަކަށް އަމީރާ އެދައްކަނީ ކާކުގެ ވާހަކަ ކަމެއް ނޭނގުނެވެ.
”ތިނަން ކިޔާ މީހަކު ނޫޅޭ މިގެއަކު!” އެ ބޭބެ ޖަވާބުދިނީ ނުރުހިފައި ހުރެގެންނެވެ. އެހެން ވިޔަސް އަމީރާ ދުލެއް ނުކުރިއެވެ.
”ކޮބާ! ހައްވައްތަ!” އަމީރާ ވަރަށް ހަނދާންކޮށްގެން ޒާހިލްގެ މަންމަ ބުނި ނަން ކިޔައިލިއެވެ.
”ހައްވާ ހޯދަން!” އެ ބޭބެ ގޮސް އިށީނީ ދުފާއެތިގަނޑު ހިފައިގެން ރޭޑިއޯ އަޑު އަހާށެވެ.
އެ ގޮވި ހައްވައެއް އައުމާ ދެމެދު ވެސް ގަރުނެއްގެ އިރު ފާއިތުވިހެން އަމީރާއަށް ހީކުރެވުނެވެ. އިރުކޮޅަކުން މޮޑެފައި އޮތް ފުށްގަނޑެއް ހިފައިގެން ރައިހާގެ މައިދައިތައަށްވުރެ ތަންކޮޅެއް ޒުވާން އަންހެނަކު އެތަނަށް ނުކުމެއްޖެއެވެ.
”ރައިހާ ކޮބައިތޯ!” އެމީހާ ބަލައިލީ އަމީރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށެވެ. ޖަވާބެއް ދިނީ ވެސް އޭގެ ފަހުންނެވެ.
ހައްވާ ދެއްކީ މައްޗަށް އަރަން ހުރި ކުޑަވަރެއްގެ ހަނި ވަކަރު ސިޑިއެކެވެ.
”މަތީގައި!” ހައްވަގެ އަޑު އިވުމުގެ ކުރިން ވެސް އަމީރާ ހުރީ ހިނގައިގެންފައެވެ.
އެ ހިމަ ވަކަރު ސިޑިން އަރަން އަމީރާ ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. މައްޗަށް އެރީ ޚާލިދުއަށް ގުޅަމުންނެވެ. އެތާހުރީ އެންމެ ކޮޓަރިއެކެވެ. ކޮޓަރިއަކަށްވުރެ ބޮޑަށް އެއީ ކުޑަވަރެއްގެ ކޮއްޓެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ސިޑިން މައްޗަށް އެރެވުނީމާ އަމީރާ ދުވެލާފާކަހަލަ ގޮތަކަށް ގޮސް ފެންނަން ހުރި ހަމަ އެކަނި ދޮރުގައި ތަޅާގަތެވެ. އިރުކޮޅެއް ވެސް ނުވެ ފެނުނީ ދޮރު ހުޅުވުނުތަނެވެ.
ހުޅުވުނު ދޮރުން އެތެރެއަށް ވަންނަން ވެސް އަމީރާގެ ޚިޔާލަށް އައީ އިރުކޮޅެއް ފަހުންނެވެ. ފެނުނު ހިތް ހަލާކުވާފަދަ މަންޒަރުން އަމީރާގެ ހެއަށް ގޮތް ނުވީވެސް ކިރިޔާއެވެ. އަމީރާ ފެނުމުން އައިނާއާއި އަޔާދު އައިސް އަމީރާގެ ގައިގާ އޮޅުލައިގަތެވެ. އަމީރާ ގައިގާ އޮޅުލައިގެން ތިއްބަސް ދެކުދިން ވެސް ބަލަމުން ދިޔައީ އެކުދިންގެ މަންމައަށެވެ.
އަމީރާއަށް ފެނުނީ އެނދުގައި ލެނގިލައިގެން ތަރަފާލުމަތީ އިން ރައިހާއެވެ. ރައިހާގެ ބޯވަނީ އެއްފަރާތަކަށް ވެއްޓިފައެވެ. އޭރު ވެސް ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ރައިހާ އެވަގުތު ވައްތަރީ މޮޔައަކާއެވެ.
ހުއްޓުން އަރާފައިވާ އަމީރާއަށް ފެނުނީ އެންމެ ގާތް އެންމެ ލޯބިވާ ރަޙުމަތްތެރިޔާގެ ނިކަމެތި ހާލެވެ. އެ ރަޙުމަތްތެރިޔާ އެންމެ ލޯބިވި އިންސާނާ އަމީރާގެ މި ރަޙުމަތްތެރިޔާ ދުނިޔޭގައި ބިކަކޮށްލައިފިއެވެ. ދުނިޔެއަށް ގިނަ ކޮށްލީއެވެ. ބާކީކޮށްލީއެވެ.
އައިނާ އާއި އަޔާދު ދުރަށް ޖައްސަމުން ބާރަށް ހިނގާލާފަ ގޮސް އަމީރާ އިށީނީ އެނދުގައެވެ. އަދި ރަހުމަތްތެރިޔާއަށް ގޮވާލަމުން މޫނުގަ ހިފާ އަމީރާގެ އުނގުގައި ރައިހާގެ ބޯ ބާއްވާލަ ދިނެވެ. އަދި ރަޙުމަތްރިޔާއަށް ހިތްވަރުދެމުން ބުރަކަށިގަޔާ މޫނުގައި ފިރުމަމުން ދިޔައެވެ.
އަމިރާގެ އޯގާތެރި އަތުން ފިރުމަން ފެށުމުން ރައިހާއަށް ކުރި އަސަރު ވަކިން ބޮޑެވެ. މޮޔައަކު ފަދައން އަމީރާގެ ގައިގާ އޮޅުލައިގެން އަޑުން އަޑު ނަގާ ރޮއެ ގަތެވެ. މަންމަ ރޯތަން ފެނުމުން އަޔާދުއާ އައިނާވެސް ރޯން ފަށައިފިއެވެ. ކިތަންމެ ހިތްވަރުކުރިޔަސް އަމީރާގެ ލޮލުން ވެސް ކަރުނަ ފައިބަނީއެވެ.
އެވަގުތަކީ ޚާލިދު އައިސް އެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލި ވަގުތެވެ. ފެނުނު މަންޒަރުން ޚާލިދަށް ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ދުލަށް ނައިސް ވަގުތު ކޮޅެއް ނެގިއެވެ. ފިރިހެނުންނަކީ ހާދަ މަކަރުވެރި އަނިޔާވެރި ބައެކޭ ޚާލިދުގެ ހިތަށް އަރާ ފޭބި އަދަދެއް ވެސް ނޭނގެއެވެ. ޒާހިލްގެ ހިތަކީ އަޅެ ހިލަގަނޑެއްހެއްޔެވެ.
ކުރިން ވެސް ރައިހާއަށް ޒާހިލް ކިހާ އަޅާނުލާ ކަމާ ނުބައިކަން ޚާލިދުވަނީ ތަޖުރިބާ ކޮށްފައެވެ. އެހެންވިޔަސް މިވަރު މީ ތަންކޮޅެއް ބޮޑުވަރެވެ. ރައިހާއަށް އަޅާ ނުލިޔަސް އެތިބަ މައުސޫމު ދެކުދިންނަކީ ޒާހިލްގެ އަމިއްލަ ލޭވިއްޔާއެވެ. އެކުދިން ބަލާ ބެލެހެއްޓުން އެއީ ދީނީގޮތުންނާ ޝަރުޢީ ގޮތުން ވެސް ޒާހިލް ކުރަން ޖެހޭކަންތަކެވެ. ނޫނެކެވެ . ގަހަކަށް ނެތް ލޯތްބެއް ފަތަކަށް ނުޖެހޭނެއެވެ.
އަމީރާ، ރައިހާއާއި ރައިހާގެ ދެކުދިން ގެންދިޔައީ އަމީރާމެންގެ ގެއަކަށެވެ. އެއީ ރައިހާއަށް އެނގޭވަރެވެ. އަމީރާގެ ހުރިހާ ވެސް ޝަކުވާއަކީ ރައިހާ އެ ހުރިހާ ކަމެއް ހިނގިއިރު އެއިން އެއްވެސް ވާހަކައެއް އަމީރާގާތު ނުބުނީމައެވެ. އަމީރާ ހުއްޓާނުލާ ވާހަކަ ދެއްކި އިރުވެސް ރައިހާ އިނީ އިސްޖަހާލައިގެންނެވެ.
އަމީރާމެން އެގެއަށްލާފައި ޚާލިދު ދިޔައީ އޮފީހަށެވެ. އޮފީސް ނިންމާލާފައި އެގެއަށް އައުމަށް ޚާލިދު ގާތު އަމީރާ ބުންޏެވެ.
”ރައި! ރައި ބޭނުންހާ ދުވަހަކަށް މިގޭގަ ހުރެވޭނެ! ރައިގެ ތިންމައިންނަށް މިގޭގައި މަނާ އެއްވެސް ކަމެއް ނޯންނާނެ! އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ! ދެކުދިންނާއެކު ރައި ހަމަ އުޅެންވީ! އޮފީހަށް ދާގަޑީގައި ކުދިން ވެސް ތިބޭނީ ސްކޫލްގަނު! ސްކޫލް ނިމުނީމަ އެ ދެބެން ގެނެސް އަހަންނާ ހަވާލުކޮށްލާތި! ……….ޒާހިލް ހީކުރި ގޮތްދޯ!….. ބަލައްޗެ އޭނަ އަދި ރައިއަށް އާދޭސްކުރަން އަންނާނެ! ކޮންތާކުން ރައިކަހަލަ ކެތްތެރި އަޅާލާ ރަނގަޅު އަންހެނަކު އޭނަ ހޯދާނީ! ހެދިހާ ގޮތަކަށް ހެދިގެން އުޅޭނެ މީހަކު……..!”
ބުނަން ބޭނުން ކިތަންމެ ވާހަކައެއް އާމިރާގެ ދުލަށް އައެވެ. އެހެންނަމަވެސް ޒާހިލްގެ ކަންތައްތަކާ ބެހުމަކީ ރައިހާ ނުރުހޭކަމަކަށްވާތީ އަމީރާ ހުއްޓާލީއެވެ. އޭރު އަމީރާ ހުރީ ރުޅިއައިސްގެން ގޮސް ހަލާކުވާވަރު ވެފައެވެ.
އެ ދުވަހުގެ ބާކީ ބައި ރައިހާއާއެކު ހޭދަ ކޮށްފައި ޚާލިދު އައުމުން އަމީރާމެންގެ ދެމަފިރިން ގެއަށް ދިޔައިރު ރައިހާ ވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. ކޮންމެވެސް ވަރަކަށް ކައި ހެދުމުން ގައިގާ ވަރުޖެހި ހިތާމަތަކަށް ވެސް ލުއި ވެލައިފިއެވެ.
ރައިހާމެން ތިބެނީ ހަ ބުރީގެ އެގޭގެ ފަސްވަނަ ފަންގެފިލާގައެވެ. ރައިހާމެން އުޅޭ ކޮޓަރި ނޫނަސް އިތުރު ދެ ކޮޓަރިއާ ގެންގުޅޭ މީހާގެ ކޮޓަރިއާ ސިޓިންރޫމާ އެކު ބަދިގެ ވެސް އެ ފަންގެފިލާގައި ހުއްޓެވެ. މުޅިތަނުގެ ޖާގަ ފުދޭވަރަކަށް ބޮޑެވެ. މިއީ ބިން އޮވެގެން އަޅާފައިވާ ގެއެކޭ ރައިހާ ހިތަށް އެރިއެވެ.
އިތުރު ދެ ކޮޓަރި ހުއްޓަސް އެގެއިން ގެންގުޅޭ މީހާ ފިޔަވާ އިތުރު މީހަކު ކާގަޑިއެއްގަ ވެސް ރައިހާ ނުދެކެއެވެ. އެހެންކަމުން މިއީ ހުސް ފްލޯރއެކޭ ރައިހާ ހިތަށްއެރިއެވެ. އެކަމަކު މެއިޑަކު ހުރުމުގެ ބޭނުމެއް ރައިހާއަކަށް ނުވިސްނުނެވެ. އިތުރު ބަޔަކު ނޫޅެއްޏާ ކުދިވެރިންނަށް ވެސް މާ މިނިވަންކަން އޮންނާނެތީ ރައިހާއަށް އެ ގޮތް މާރަނގަޅެވެ.
ވަގުތަކީ އެންމެ އެކަށޭނަ ފަރުވާއެވެ. ޖެހިގެން އައި ދުވަހު ރައިހ ހުރީ ވަރަށްބޮޑަށް ހަމައަކަށް އެޅިފައެވެ. ރަނގަޅަށް ނިދުމުން ކަމަށް ވެސް ވެދާނެއެވެ. އޮފީހުން ނެގި ޗުއްޓީ ވެސް ނިމޭތީއާ އެކު ރައިހާ ހުރީ ހިތްހަމަ ޖެހިފައެވެ. މަސައްކަތަށް ނިކުތުމުން ޚިޔާލުތަކާ ފިކުރުތަކުން ސަލާމަތް ވާން އެއޮތީ ރަނގަޅު ފުރުސަތެކެވެ.
ގެނައި އަންނައުނާ ކުދިވެރިންގެ ސްކޫލް ސާމާނާ އެހެނިހެން އެއްޗެހި އަލަމާރިއަށާ ކަބަޑްތެރެއަށް ލައި ހިންދެމި ލެވުނު އިރު މެންދުރުވާން ގާތްވެއްޖެއެވެ.
ދެން އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން އަތް ދަބަހުން ފޯނުނެގީ މައިދައިތަ މަތިން މާބޮޑަށް ހަނދާން ވުމުންނެވެ. އޭރު މައިދައިތަ ދެ ފަހަރަކު ގުޅާފައި އޮތެވެ. މައިދައިތަގެ މިސްކޯލްތައް ފެނުމުން އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެ ނަމްބަރަށް ގުޅައިލިއެވެ.
”އައްސަލާމު ޢަލައިކުމް!” މައިދައިތަގެ އަޑު އިވުމުން ރައިހާއަށް ހުއްޓުމެއް އައެވެ. އެތައް ހަނދާން ތަކަކާ އެތައް ޚިޔާލުތަކެއް ތާޒާކަމާއެކު ހިތަށް އުނދަގޫ ކުރިއެވެ. އެހެން ނަމަވެސް ރައިހާ ބެލީ އެއްވެސް ތަފާތުކަމެއް ނުދައްކާ އެ ދެމެދުގައި ކުރީން ވެސް އޮތް ގުޅުން އޮތްކަން ދެއްކުމަށެވެ.
”މަންމާ! ސައި ބޮއެފިންތަ! ކޯއްޗެއް ސަޔަށް ހުރީ!” ރައިހާގެ އަޑު އިވުމުން މައިދައިތަ ފެށީ ރޯންށެވެ.
( ނުނިމޭ)
ޚިޔާލުތައް