އަށާރަވަނަ ބައި
ސައި ތައްޔާރު ވުމުން މިއަދު މޭޒުމައްޗަށް ސައި ނެގީ ވެސް ރައިހާއެވެ. އަދި އާމިރު ނިކުތުމުގެ ކުރިން ސައި ބޮއެގެން އަވަހަށް ވަނީ ކޮޓަރިއަށެވެ.
އޮފީހަށް ދާންވެގެން ރައިހާ ނިކުތީ ގަޑިޖެހެން ފަނަރަ ވަރަކަށް މިނިޓަށް ވެފައި ހުއްޓައެވެ.އޭރު ސިޓިންގރޫމު އޮތީ ހުސްކޮށެވެ. މެޒުމަތީގައި ތައްޔާރުކޮށްފައި ހުރި ސައި ހުރި ގޮތަށް ހުއްޓެވެ. އާމިރު އަދިވެސް ނުނިކުންނަނީކަން އެނގުމުން ހިތަށް އުދަނގޫ ގޮތެއް ވިއެވެ.
ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާ ތަޅު ލުމަށްފަހު ރައިހާ ހިނގައިގަތީ ލިފްޓާދިމާއަށެވެ. ލިފްޓްގެ ދޮރު ހުޅުވުނު އަޑާއެކު އާމިރު ގޮވައިލިއަޑު ވެސް ރައިހާއަށް އިވުނެވެ. އެހެންނަމަވެސް ބަލާނުލާ ރައިހާ ވަނީ ލިފްޓަށެވެ. ރައިހާ ހީކުރި ގޮތާ ޚިލާފަށް އިތުރަކަށް އާމިރުގެ އިޝާރާތެއް ނުވިއެވެ. ހިތް އެދުނު ގޮތާ ޚިލާފަށް ރައިހާ ފަސްއެނބުރި ބަލައެއް ނުލައެވެ.
އޮފިހަށް ގޮސް ކުރަން ހުރި ބައެއް މަސައްކަތްތައް ނިންމުމަށްފަހު ލިބުނު ހުސް ވަގުތު ކޮޅުގައި ދަބަސްތެރެއިން ފޯނު ނަގައި ވައިފައި ޖައްސައިލިއެވެ.
ރައިހާއަކަށް މާގިނަ މެސެޖްތަކެއް ނާންނާނެއެވެ. ކޮއްކޮ ފޮނުވާފައި ހުރި ބައެއް ފޮޓޯތައް ބަލައިލިއެވެ. ދެން، ދެން ހުރި މެސެޖްތަކުގެ ތެރޭ ޝައިގުވެރިކަން ހުރި މެސެޖެއް އޮތްތޯ ޗެކް ކުރަނިކޮށް ފެނުނީ އާމިރުގެ މެސެޖްތަކެކެވެ. ފޮނުވާފައި ހުރި ގަޑިއަށް ބަލައިލުމުން ރައިހާއަށް ޙައިރާންކަން ލިބިގެންދިޔައެވެ. އެންމެ ފަހު މެސެޖް ލިޔެފައި އޮތީ ދަންވަރު ދޭއް ޖެހިއިރުއެވެ.
ޒަހާއާ އެކު ސޯފާގައި ތިބީ އެއްވެސް މީހަކަށް އެމަންޒަރު ދައްކަން ނޫންކަމާ ޒަހާއަކީ އާމިރު ކައިވެނި ކުރުމަށް ހަމަ ޖެހިފައިވާ އަންހެންކުއްޖާކަމަށް ވެސް ލިޔެފައި އޮތެވެ. އަދި އެދެމީހުންގެ ކައިވެނި ވަރަށް އަވަހަށް ކުރުމަށް ރޭވިފައިވާ ކަމަށްވެސް މެސެޖްގައި ލިޔެފައި އޮތެވެ. އާމިރު މާލެ އައި އިރު ޒަހާ ހުރީ މާލޭގައި ކަމާއި އެރޭ އެގެއަށް ޒަހާ އައީ އާމިރު މާލެ އައިސް ޒަހާއާ ބައްދަލުކުރަން ނުދިއުމުން ކަމަށްވެސް ލިޔެފައި އޮތެވެ.
ފެނުނު މަންޒަރުން ރައިހާއަށް އުދަނގުލެއް ވި ނަމަ މަޢާފަށް އެދޭކަމަށް ވެސް ލިޔެފައި އޮތެވެ.
”އާމިރު ކީއްވެބާ އަހަރެން ގާތު މިވާހަކަ މިބުނީ! ކޮބައިބާ ސަބަބަކީ!” ރައިހާ ވިސްނައިލިއެވެ.
”އަހަންނަށް ކީއް! އާމިރާ އެކަށޭނަ މީހަކާ އާމިރު އިންނާނެނު! އަހަރެން މިއީ އެކަން އެނގެން ޖެހޭ މީހެއް ވެސް ނޫނެއްނު! ހަ ހަ ހަ! …..” ރައިހާ ހީވަނީ އަމިއްލަ ނަފުސަށް ވިސްނައިދޭން އުޅޭހެންނެވެ. އަދި ބޭއިޚުތިޔާރުގައި ހީނލީ ހީވަނީ މީހަކަށް ދައްކަން ހެނީހެންނެވެ.
”އާމިރު ކީއްވެތަ ޒަހާއާ ބައްދަލުކުރަން ނުދިޔައީ! މައްސަލައެއް އުޅެނީބާ!” ރައިހާއަށް އިތުރަށް ވިސްނާ ލެވުނެވެ.
ވިސްނާލަން އިރުކޮޅަކު ހުރުމަށްފަހު ރައިހާ ފޯނު ދަބަހަށްލިއިރު ހުރެވުނީ ހިތަށް އުދަނގޫ ގޮތެއްވެފައެވެ. ކޮންމެވެސް ކަމަކާ މޮޅިވެފައެވެ.
ކުދިން ސްކޫލުން ނިމޭގަޑިއަށް ސްކޫލް ދޮށަށް ދިޔައިރު ވެސް ޠޮބީއަތު ހުރީ ގޯސްވެފައެވެ. މީހާއަށް ހުރެވުނީ ރުންކުރު ވެފައެވެ.
އައިނާމެން ގޮވައިގެން ގެއަށް ދިޔައިރު ސިޓިންގރޫމުގައި އުޅެނީ ގެންގުޅޭ މީހާ އެކަންޏެވެ. ހަމަ ޖެހުމުގެ ނޭވައެއް ލުމަށްފަހު ކޮޓަރިއަށް ވަދެ ކުދިންގެ ޔުނިފޯމް ބަދަލު ކުރަން އެހީތެރިވެދިނެވެ. ކުދިން ކާން ނިކުތްއިރު ރައިހާ ހުރީ ކުދިންނަށް ކާން ތައްޔާރުކޮށްގެންނެވެ. އެހެން އިންއިރު ބައެއްފަހަރު އާމިރު ގޭގައ ނޫޅެނިތޯ ހިތާ ހިތާ ސުވާލު ކުރެވެއެވެ. މެއިޑް ގާތު އަހާފާނަމޭ ވެސް ކިތަންމެ ފަހަރަކު ރައިހާ ހިތަށް އެރިއެވެ.
ރައިހާ ދެކުދިންނަށް ބަތްތަށި މޮޑެ ނިމުނުތަނާ ލިފްޓް ހުޅުވުނު އަޑަށް ރައިހާއަށް އެފަރާތަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އާމިރު ސިޓިންގްރޫމަށް ވަންނަނީއެވެ. އައިނާ އަށާއި އަޔާދުއަށް އާމިރު ފެނުމުން އަނގައިގަ ހުރި ހުރިހާ ދަތެއް ފެންނަވަރަށް ހެވިއްޖެއެވެ. ކުދިންގެ މޫނުމަތި އުޖާލާވެ އުފާވެރިކަން ފައުޅުވެގެން ދިޔައެވެ. ކުދިންނަށް މިއައި ބަދަލު ފެނުމުން ރައިހާ ވީ އުފަލެއް ނޫނެވެ. ފާޑަކަށް ހިތުގައި ޖެހުނީއެވެ. އަދި އާމިރަށް ނުބަލަން ވެގެން ދުރަށް ނަޒަރު ހުއްޓައިލިއެވެ.
އާމިރު ހިނިތުންވަމުން އައިސް އިށީނީ ކުދިން ގާތުގައެވެ. އަޔާދުގެ ކޮނޑުމަތީ އަތްބާއްވަމުން ދާން އުޅޭ ތަނަކާ ބެހޭ ގޮތުން ސުވާލުކުރިއެވެ. ދެކުދިން އެއްފަހަރާ އާމިރުއާ ވާހަކަ ދައްކަމުން ދިޔައިރު އެކުދިންގެ ވާހަކަތައް އަޑުއަހަމުން ސުވާލުކުރަމުން އަދި ކުދިންގެ ސުވާލަށް ޖަވާބުދެމުން އާމިރު ދިޔައިރު ހީވަނީ އެއީ އެކުދިންގެ އުފަން ބައްޕަ ހެންނެވެ. ކުދިންނާއެކު އާމިރު އިނަސް ދުރަށް ބަލަހައްޓައިގެން އިން ރައިހާއަށް ލޮލުގެ ހިމަކޮޅުން ބަލަމުން ދިޔަކަމެއް ރައިހާއަކަށް ނޭނގެއެވެ.
”ކައިގެން އަމީދައްތަމެންގެއަށް މިއަދު ދާނީ ކާރުގަ ދޯ! މަންމަ ދެކޮޅަށް ހިނގާ ހިނގާ ވަރުބަލިވެގެން އެއިނީ ތުންކޮޅު އޫކޮށްގެން! އައިނާ ބަލާބަލަ އައިނާ މަންމަ! އެހެން އިންނައިރު ކިހާ ލޯބި.”
އާމިރު ރައިހާއަށް ބަލަން އިނދެ ބުނި އެއްޗަކުން ނުހޭން އިންދާ ވެސް ރައިހާއަށް ހެވިއްޖެއެވެ. ރައިހާ ހޭން ފެށީމަ ދެކުދިން ވެސް ހުނެވެ. އެކަމަކު އާމިރެއް ނުހެއެވެ. އާމިރު އިނީ ރައިހާ ހޭން ފެށީމާ ކަޅި ޖަހާނުލައި ރައިހާއަށް ބަލަހައްޓައިގެންނެވެ. އަދި އަޔާދު ގަޔާ ދުރުކޮށްލާފަ ތެދުވެގެން ހިނގައިގަންނަމުން ރައިހާގެ ކޮނޑުމަތީގައި އަތުން ޖަހާލަމުން ”ނަވް ދެޓްސް މައިގާރލް” އޭ ބުނަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރުމަތީ ހުއްޓެމުން ތަޅުދަނޑި ނަގައިގެން މިއަންނަނީއޭ ބުންޏެވެ.
އާމިރު ލޯމަތިން ހަމަ ގެއްލުމާއެކު ރައިހާ ދެކުދިންނަށް ލެކްޗަރ ދިނެވެ. އާމިރަށް އައިނާމެން ގޮވައިގެން ކާރުގައި އަބދު ދަތުރު ނުކުރެވޭނެ ކަމަށާ އެހެން މީހުންނަށް ވެސް އުދަނގޫ ވާނެކަމާ އެކަން ދަންނަން ޖެހޭނެކަމަށް ކުދިންނަށް ވިސްނައިދެވޭތޯ ބެލިއެވެ. އަދި މީހަކު އެއްޗެއް ދިނަސް ކަމެއް ކޮށްދޭން ބުއްޏަސް މަންމަ ގާތު އަހަންޖެހޭނެކަމަށާ ބުނަން ޖެހޭނެކަމަށް ކުދިންގާތު ލޯތްބާއެކު ބުނެދިނެވެ. އެއީ އަބަދުވެސް ރައިހާ ދައްކަމުން އަންނަ ވާހަކަތަކެކެވެ. ކުދިން ކިޔަމަންތެރިކަމާއެކު ބޯޖަހާއިލިއެވެ.
އާމިރު ތަޅުދަނޑި ހިފައިގެން އައިއިރު ސިޓިންގރޫމުގައި ހުރީ ރައިހާ އެކަންޏެވެ. ކުދިން ފެންނާކަށްނެތެވެ.
”ކޮންތާކަށް އެދެބެން ލާ ފޮރުވައިގެން މިހާރު ތިހިރީ!” އާމިރުގެ މިޒާޖުގައި މިހާވަރަށް ސަމާސާ އެކުލެވިފައިވާކަން ރައިހާއަށް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.
”އާމިރު! އަހަރެން ބޭނުން ވާހަކައެއް ދައްކަން!” ރައިހާ އާމިރުގެ މޫނަށް ނުބަލަން ވެގެން ދުރަށް ނަޒަރު ހުއްޓައިލިއެވެ. އަޑުގައިވަނީ ސީރިއަސްކަމެވެ.
”ރައި ބޭނުންކޮންމެ ވާހަކައެއްވެސް ބުނެވޭނެ! ބުނޭ އަވަހަށް! އޮފިހަށްދާން ލަސްވެދާނެ!”
އެއްކަލަ އޯގާތެރި އަޅާލާ އަޑެވެ. ރާގެވެ. ރައިހާގެ ހިތް ތެޅިލިއެވެ.
”އަހަންނާ އަހަރެންގެ ކުދިންނަކީ ވަރަށް އާދައިގެ ބައެއް! އެކުދިންނަށް އެކުދިންގެ ފެންވަރު އޮޅޭފަދަ އެއްވެސް ގޮތަކަށް ކަންތައް ވާކަށް އަހަރެން ނޭދެން. މިހާރުވެސް އަހަރެމެން މިއުޅެނީ ބައެއްގެ ބޯހިޔަލުގައި. އެކަމަށްވެސް އަހަރެން މިވަނީ ދަރާފައި! އަހަރެންގެ ޒަމީރު ގަބޫލެއް ނުކުރޭ މިހެން އަބަދު ބަޔަކު ދިނީމައި ކައިގެން ބަޔަކުދިނީމާ ބަޔެއްގެ ބޯ ހިޔަލުގައި އުޅޭކަށް! …………. އަހަރެމެންގެ ފެންވަރެއް ނޫން ކާރުގައި އުޅުމަކީ!….. އަހަރެންގެ ކުދިން އުޅެންވާނީ އެކުދިންގެ ފެންވަރުން! މާދަމާ އާމިރު ……….!”
ރައިހާ ހުއްޓައިލިއެވެ. ބުނަން ބޭނުންވާ ވާހަކަ ބުނަން ނޫޅެވުނު ނަމައޭ ރައިހާ ހިތަށް އެރިއެވެ.
”އަހަރެން ވަރަށް ދެރަވެއްޖެ! ރައި އަހަރެން ތިހާ ދުރުކޮށްލީމަ! އަހަރެން ނުދެކެން ތިއީ ދުރުބައެއްގެ ގޮތަށް!”
އާމިރު ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. އެހެންނަމަވެސް ލިފްޓަށް އެރުމުގެ ކުރިން ރައިހާއާ ވީފަރާތަށް އެނބުރުނެވެ. އޭރު އާމިރު ހިނގާފާއި ދާތަން ބަލަހައްޓައިގެން ހިތާމަވެރި ގޮތަކަށް ރައިހާ ހުއްޓެވެ. އާމިރު ބަލައިލުމުން ރައިހާ އިސްޖަހައިލިއެވެ.
”އަހަރެން ބުނީތީ ދެން މިއަދު ހިނގާ ކާރުގަ!” އާމިރު އެދޭގޮތް ހާމަ ކުރުމަށްފަހު އާމިރު ފޭބީ ތިރިއަށެވެ.
ރައިހާވެސް ކުދިން ގާތު ބުނީ މިއަދު ކާރުގަ ދާނީ ކަމަށެވެ.
ކުދިން އަމީރާމެން ބަޔަށް ފޮނުވާލުމަށްފަހު ރައިހާ އުޅުނީ ހިނގައިގަންނާށެވެ!
”ރައި ޕްލީޒް! ގޮއްސާނަންތަ އަހަންނާއެކު!”
އާމިރުގެ އަޑުގައި ހުރި ޖާދޫއަކުންކަމެއް ނުވަތަ އެއަޑުގައި އެކުލެވިފައިވާ އާދޭހުގެ އަސަރުން ކަމެއް ރައިހާއަކަށް ނޭނގުނެވެ. ދެފައި ހަރަކާތެއް ނުކުރިއެވެ. އާމިރާދިމާއަށް ބަލަން ހުރުމަށްފަހު ކުރީ ސީޓަށް އަރާ އިށީނދެއްޖެއެވެ.
ކާރު ދުއްވާލަމުން ކާރުގެ ސެޓުން އާމިރު އިއްވައިލީ ރީތި ދިވެހި ލަވައެކެވެ. ބަލަހައްޓައިގެން އިނީ މަގުމައްޗަށެވެ.
”ދަންވެލީމާ ތިޔަ ހަނދާންވަނީ، ނޭނގި ނިންޖާ އަރާމޭ ދަނީ ……ދެން މިބޭޒާރު ކޮށްލީ ހިތޭ …މިލްކު ނުވިކަން މިޔޭ ގޯހަކީ ….”
ރައިހާއަށް ބަލައިލެވުނީ އާމިރުގެ މޫނަށެވެ. އެހެން އިރުކޮޅަކު ރައިހާ އިނެވެ. އާމިރުގެ ނަޒަރު ހުރީ ދެން ވެސް މަގުމައްޗަށެވެ.
”ކާރު މަޑުކޮށްބަލަ!”
އިންގޮތަށް އިނދެ ރައިހާ ބުންޏެވެ. އާމިރު ރައިހާގެ މޫނަށް ބަލައިލީ އެ ހިސާބުންނެވެ. އެކަމަކު ކާރު މަޑެއް ނުކުރެއެވެ.
”ޒަޚަމް ނުވާހިތުގެ ވެރިންނަކަށް ހިތް ޒަޚަމް ވުމުން އެ ޒަޚަމްވާ ހިތުގައި އަޅާވޭނެއް އިޙުސާސެއް ނުވާނެ! އެއީ ނަސީބުވެރިން!”
”ރައިއަށް ކިހިނެއް އަނެކާގެ ހިތް ޒަޚަމް ނުވާކަމެއް އެނގެނީ! އެނގޭނަމަކަ ތިހެނެއް ނުބުނީސް!” އާމިރުގެ އަޑުގައި ސަމާސާގެ އަސަރެއް ނެތެވެ. އެ އަޑުގައިވަނީ ބުނަން ނޭނގޭ އެހެންކަހަލަ އއަސަރެކެވެ. އެ އަސަރު މާނަކުރާކަށް ރައިހާއަކަށް ނޭނގުނެވެ.
އިތުރަށް އާމިރާ ޖަދަލް ކުރާކަށް ރައިހާ ބޭނުމެއް ނުވިއެވެ. ކާރު ވެސް މަޑު ނުކުރާނެކަން އެނގޭތީ އޮފީހާ ހަމައަށް ދެވެން ދެން ވެސް ރައިހާ އިނީ މަޑުންނެވެ. އެކަމަކު އަލުން އާމިރަކާ ވާހަކައެއް ނުދައްކައެވެ. ބަލަން އިނީ ކާރުގެ ލޯގަނޑުން ބޭރެވެ. ވިސްނަމުން ދިޔައީ އާމިރު ދެއްކި ވާހަކައަށެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދެއެވެ. އެއްބަޔަކަށް އުފާވެރިކަން އަދި އަނެއް ބަޔަކަށް ހިތާމަޔާ ހިތްދަތިކަން ދައްކަމުންނެވެ. އެއްބަޔަކަށް ކާމިޔާބީ އަނެއްބަޔަކަށް ނާކާމިޔާބީއެވެ. އަނެއްބަޔަކު ކުރިން ވެސް އުޅެމުން ދިޔަ ހާލަތު ބަދަލުވުމެއް ނެތިއެވެ. އެކަމަކު އެންމެން ވެސް ހިއއްސާކުރާ އެއްކަމެއް އޮތެވެ. މާދަމާއަށް ކުރާ އުންމީދެވެ. އިންތިޒާރެވެ. އެ އިންތިޒާރު ފޮނިވުން ނުވުން އޮތީ ތަޤުދީރާ ގުޅިފައެވެ.
ރައިހާ އާމިރު މެންގޭގައި ދިރިއުޅޭތާ މަހެއްވަނީއެވެ. އާމިރުގެ ވާހަކަ ދެއްކުމުން ބައެއްފަހަރު ރައިހާއަށް އެތައްމާނައެއް ދޭހަވެއެވެ. ރައިހާ މާނަ ކުރަން ބޭނުން ނޫން ދިމަދިމާއަށް ވެސް ވިސްނުން ގެންދަން މަޖުބޫރުވާ ވާހަކަތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެކަމަކު އެހެންވާނީ ކިހިނެއްހެއްޔެވެ! އާމިރުމެންފަދަ މީހުންނާ އަރާ އަރަފޯދޭނީ އެފެންވަރުގެ މީހުންނެވެ. ރައިހާގެ ޚިޔާލު މައިތިރިކުރަނީ އެ ގޮތަށް އެ ހިތަށް ވިސްނައިދީގެންނެވެ.
ވަރަށް ވިއްސާރަ ދުވަހެކެވެ. ކުރީ ދުވަހުގެ އިރު އޮއްސުނީއްސުރެ ވެސް ވާރޭ މެދު ނުކެނޑެއެވެ. ވައިގެ ތެތްފިނިކަން އެހާ ބޮޑެވެ. ހެނދުނު ތެދުވިއިރު ވެސް ވާރޭ ވެހެނީއެވެ. މަގުތަކުގައިވަނީ ފެން ބޮޑުވެފައެވެ. ސައިކަލް ނުދުއްވާމީހުން ކާރެއް އަތުޖެހޭތޯ ބުރަމަސައްކަތްތަކެއް ކުރަނީއެވެ. އެހެންނަމަވެސް މި ކަހަލަ ވިއްސާރަ ދުވަހެއްގައި އަމުދުން ކާރެއް ލިބުން އޮންނަނީ ވުމަށްވުރެ ނުވުން ކައިރި ކަމަކަށެވެ.
(ނުނިމޭ)
ޚިޔާލުތައް