ވިހިވަނަ ބައި
ކޮންމެ ގޮތެއްވިޔަސް ރައިހާއަކީ އަދި މީހެއްގެ އަނތްބެކެވެ. އެކަން ރައިހާ ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި އާމިރު ވެސް އެކަން ދަންނަން ޖެހޭނެއެވެ.
އާމިރުގެ އަތުގެ ތެރެއިން ދެމިގަނެގެން ރައިހާ ނުކުތީ ކަނި ޖަހަމުން ދިޔަ ވާރޭ ތިކިތަކުގެ ތެރެއަށެވެ.
ތިމަންނަ މި ކުރިކަމަކުން ތިމާފަދަ އިންސާނެއްގެ ހިތް ކަތިލެވޭކަން ނޭނގި ހުރެ ރައިހާ އިސްކުރީ ރައިހާ ގަބޫލުކުރާ އުސޫލެވެ. ރައިހާ ގޮސް ސައިކަލް ކައިރީ މަޑުކުރީ އާމިރަށް ފުރަގަސްދީގެންނެވެ. ވޭނީ ލޮލަކުން ރައިހާއާ ދިމާއަށް ބަލަން ހުރި އާމިރު ހިނގައިގަތީ ރައިހާއަށް ދެން ދުވަހަކު ވެސް އާދޭސް ނުކުރަން ނިންމައިގެންނެވެ. ރައިހާއާ ވިހާވެސް ދުރުން އުޅުމަށް ވެސް ނިންމީ ގާތްވި ވަރަކަށް އެހިތަށް ކުރާނެ އަސަރު ބޮޑުވާނެކަން އެނގޭތީއެވެ. އަދި އަމިއްލަ ހިތާ ނަފުސު ކޮންޓްރޯލުން ނެއްޓިއްޖެއްޔާ ވާން ނުޖެހޭ ކިތަންމެ ކަމެއް ހިނގާފާނެތީއާ ވެސް އެކުގައެވެ.
އާމިރަށް ސައިކަލް ޕާކުކޮށްފަ ރައިހާ ކޮބައިތޯ ބެލެނު އިރު ރައިހާ ފެންނާކަށްނެތެވެ. ބާރު ބާރަށް ހިނގާފައިގޮސް ގޭތެރެއަށް ވަދެގެން ދިޔަ ރައިހާ އިތުރަށް އާމިރަށް ފެންނަން ބޭނުން ނުވަނީކަންނޭނގެއެވެ.
ކޮޓަރިއަށް ވަދެވުމާއެކު އެނދުގައި ނިދިފައި ތިބި ދެބެންނަށް ރައިހާ ބަލައިލިއެވެ. އެއީ ރައިހާގެ މުޅި ދުނިޔެއެވެ. އައިނާގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލާފަ ތެދުވެ އަނެއްކާ ވެސް ކުދިންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ދެން އަޔާދުގެ މަގަތުން އެނދުގައި އިށީނދެ ނެގީ ފޯނެވެ.
ފޯނު މުށުތެރެއަށް ލައިގެން ބިންމައްޗަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ރައިހާ އިނެވެ. ފޯނުގައި ލިޔާނެ އެއްޗަކާމެދު ވިސްނަނީކަންނޭނގެއެވެ. އެކަމަކު އަނބުރާ ދަބަހަށް ފޯނު ލިއެވެ. އަދި ހަމަ އެ ސިކުންތުގައި އަނެއްކާ ވެސް ފޯނު ނަގައިގެން ލިޔަން ފެށިއެވެ.
”އަހަންނަކީ ވަރަށް ބޮޑު މަޖުބޫރީއެއް. އެއްވެސް މީހަކު އަހަރެންގެ މަޖުބޫރީގެ ފައިދާ ނަގާކަށް އަހަރެން ފުރުސަތެއް ނުދޭނަން! ……. އާމިރު! އަހަރެންގެ ހިތް އެއްބަސްވޭ ތިއީ އަހަރެންގެ ވަރަށް ޚާއްސަ މީހެއްކަމަށް! އެހެންނަމަވެސް އޭގެ މާނައަކީ……………އަހަންނަށް މަޢާފުކޮށްދީ! ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން ވަރަށް ގިނަ ގޮތްގޮތުން އާމިރު ވެސް އަހަންނަށް އެހީތެރިވެދީފިކަން! އެކަމަކު އަހަންނަށް އާމިރަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ! ……… އައިމް ސޮރީ !”
ރައިހާ ލިޔުނީ ލިޔަން ބޭނުންވި އެތައް ހާސް ލަފުޒެއްގެ ތެރެއިން މަދު ލަފުޒުކޮޅެކެވެ. މެސެޖް އާމިރަށް ފޮނުވައިލުމަށްފަހު ރައިހާ ނިދީއެވެ. ފޯނު ނިއްވާލުމަށްފަހުއެވެ.
ސިޓިންގރޫމަށް ވަނުމަށްފަހު ވެސް އާމިރު ކޮޓަރިއަށް ނުވަދެ މަޑުކުރިއެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާހެދި ރައިހާއަށް އިންތިޒާރުވެވެނީއެވެ. ރައިހާގެ ފަރާތުން އާމިރަށް ލިބުނީ ކޯޢްޗެއްހެއްޔެވެ! ރައްޓެހިވެގެން ފަސްއަހަރު އެކުގައި ހޭދަ ކުރި ފަރާތަށްވުރެ ރައިހާއަށް އިސްކަން ދެވެނީ ކީއްވެހެއްޔެވެ! އަބަދު ލޮލުގެ ކުރިމަތީ ރައިހާގެ ސޫރަ ސިފަވަނީ ކިއްވެހެއްޔެވެ! ހޭލާ ހުންނަވަގުތާއި ނިދިފައި އޮންނަ ވަގުތު ވެސް ރައިހާގެ ޚިޔާލުން ބަނދެވިފައި މިވަނީ ކީއްވެހެއްޔެވެ! ރައިހާ އެބުނަނީ ތެދެކެވެ. އާމިރާ ދީމާގެ ފެންވަރަށް ބަލާއިރު ރައިހާ އެއީ ސުމެކެވެ. އެކަމަކު ހިތް މި ގޮތަށް އެއްބަސް ނުވަނީ ކީއްވެހެއްޔެވެ! އަހަންނަށް ރައިހާއާއެކު ހޭދަ ކުރެވޭ ވަގުތުކޮޅުތައް މިލިއަން ޑޮލަރުގެ އުފަލުން މިންކުރެވެނީ ކީއްވެހެއްޔެވެ! ލޯބީގައި އެކަކު އަނެކެއްގެ ފަރަގު އެއީ ނެތް އެއްޗެކެވެ. ރައިހާއަށް އެވަރު ނޭނގެނީހެއްޔެވެ!
”އައި ލަވް ޔޫ ރައި! އައި ލަވް ޔޫ! ލަވް ޔޫ ސޯ މަޗް! ތިނޫން އަންހެނެއް ދުވަހަކު ވެސް ބޭނުމެއްނޫން! ހުވާކޮށްފަ ބުނަން ދުވަހަކު ވެސް ބޭނުމެއްނޫން!”
އާމިރުގެ ދެއަތް ބޮލުގެ އސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. އަދި ލޮލުން ފޭދިގެން ފޭބި ކަރުނަ ތިކި މިނިވަންކަމާއެކު ދޫކޮށްލިއެވެ.
ހެނދުނުތެދުވެ ރައިހާ އުޅުނީ އެހެން ދުވަހެކޭ އެއްވެސް ތަފާތެއް ނެތިއެވެ. އެހެންނަމަވެސް އާމިރު ނުފެނުނުމުން އެކަނިވެރިކަން އިޙުސާސްވެއެވެ. ކޮންމެވެސް ގޮތަކަށް ދިމާވާނެ ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ދެލޯ ހޯދަމުން ދިޔައީ މުޅިދުނިޔެއަށް ވެސް ސިއްރުން އެންމެ މީހެކެވެ. އެއީ އާމިރެވެ.
އެއްދުވަސް ފާއިތުވެ ދެވަނަ ދުވަހެއް ވެސް ފާއިތުވީ އާމިރު ލޮލަށް ނުފެނިއެވެ. އާމިރު ނުފެނި ވަގުތު ދިގުލައިގެން ދިޔަ ވަރަކަށް ރައިހާގެ ހިތް ރޮމުން ދިޔައެވެ. ދިރިއުޅުމަށް ވީރާނާ ކަމުގެ ހިޔަނި އެޅިފައިވާކަމުގެ އިޙުސާސުން މީހާ މާޔޫސްކުރުވަނީއެވެ. ޙަޔާތުގައި ކޮންމެވެސް ކަހަލަ ހުސްކަމެއް ވާކަމަށް ހިތް ބުނަނީއެވެ. އަހަންނަށް މިވަނީ ކީއްހެއްޔެވެ! ރައިހާ ބޭނުންވަނީ ރޮއެލާށެވެ. ހިތަށް ލުއިކަމެއް ލިބެންދެން ރޮއެލާށެވެ.
އާމިރާ ދިމާ ނުވާތާ ތިންވަނައަށް ވީދުވަހު ރައިހާއަކަށް ކެތެއް ނުކުރެވުނެވެ. ފޯނު ހިފައިގެން އިށީނީ އާމިރަށް ގުޅާނީއޭ ހިތާއެވެ. އެހެންނަމަވެސް ގުޅާކަށް ރައިހާއަކަށް ނުކެރުނެވެ.
ތެދުވެގެން ގޮސް ޓަކިޖެހީ ގޭ މެއިޑް ކޮޓަރީގައެވެ. ދޮރުހުޅުވުމުން އެހީ އާމިރާ ބެހޭގޮތުންނެވެ. އޭނަގެ ޖަވާބުން ރައިހާގެ ޙަރަކާތް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގި ދެން ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެއެވެ. ހުޅުވުނު އަނގަ ލައްޕާލަން ނޭނގިފައި ރައިހާއަށް ހުރެވުނެވެ. އެންމެ ފަހުން ދޮރު ލައްޕާލާފައި އައިސް ކުރިން އިންތާ ސިޓިންރޫމު ސޯފާގައި އިށީނދެއްޖެއެވެ.
އާމިރު މިހާ ކުއްލިއަކަށް ފުރައިގެން ދާން ޖެހުނު ސަބަބެއް ރައިހާ އަކަށް ނުވިސްނެއެވެ. އަނެއްކާ މާކުރިން ރޭވިފައި އޮތް ދަތުރެއް ބާވައެވެ؟ ކައިވެނި ކުރަން އަންނަ ހަފުތާއަށް އޮއްވާ ފަހަރެއްގައި އެކަމާ ގުޅޭ ތަކެތި ގަތުމަށް ކުރި ދަތުރަކަށް ވެސް ވެދާނެއެވެ. ވިސްނުން އެކި ކޮޅުކޮޅަށް ހިންގުމަށްފަހު ރައިހާ ނިންމީ އަމީރާއަށް ގުޅުމަށެވެ. އޭރުން ފަހަރެއްގައި އެނގިދާނެއެވެ. ކުރިއަށްއޮތީ ހުކުރު ދުވަސްކަމަށްވާތީ ރައިހާ ނިންމީ ގުޅުމުގެ ބަދަލުގައި ހުކުރު ދުވަހު އަމީއާ ބައްދަލުކުރަން ދިއުމަށެވެ.
އާމިރު ފުރައިގެން ދާން ޖެހުނު ސަބަބާ އާމިރާއެކު ހޭދަ ކުރެވުނު ވަގުތުތަކާ އާމިރުގެ ވާހަކަ ދެއްކުމުގައި ހުރި އޯގާތެރިކަމާ މެދު ރައިހާއަށް އެރޭ ވިސްނުނެވެ. އާމިރުގެ ހަށިގަނޑުގެ ބީހިލުންތަކުން ކުރިން އިޙުސާސް ނުވި ކިތަންމެ މީރުކަމަކުން ރައިހާގެ ހަށިގަނޑުގެ ވިންދު އަވަސްކުރުވިއެވެ. އާމިރު އެރޭ ރައިހާ ގާތު ބުނަން އުޅުނީ ކީކޭބާވައޭ ވެސް ހިތަށް އެރި ފުރަތަމަ ފަހަރަކީ އެއެވެ. ރައިހާގެ ހިތް އާމިރަށްޓަކައި ރުޔެވެ. އާމިރާ ނުލާ އުޅުން އެއީ ވޭނެއްކަމުގެ އިޙުސާސް މިވީ އާމިރު މާދުރަށް ދިއުމުން ހެއްޔެވެ!
ހެނދުނުތެދުވެ އަމީރާމެންގެއަށް ދާން ތައްޔާރުވުމުގެ ކުރިން އަމީރާމެންގެ އެހެން ޕްލޭނެއް އޮވެދާނެއޭ ހިތަށް އަރާ ފުރަތަމަ ގުޅާލަން ނިންމިއެވެ. ފޯނުނަގައި ބަލައިލިއިރު މައިދައިތަގެ ތިން މިސްކޯލު އޮތެވެ. އެހެންކަމުން ފުރަތަމަ މައިދައިތައަށް ގުޅައިލިއެވެ.
”ހަލޯ މަންމާ!” މައިދައިތަގެ އަޑުއިވުމުގެ ކުރިން ފޯނު ނެގުމުން ފުރަތަމަވެސް ރައިހާ ގޮވައިލިއެވެ. އެކަމަކުވެސް މައިދައިތަގެ އަޑެއް ނީވުމުން ދެވަނަ ފަހަރަކުވެސް ގޮވައިލިއެވެ.
” ރައި، މިއީ މަށޭ! މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެން މިއުޅެނީ!” އިވުނީ ރައިހާ އުންމީދުކުރި އަޑެއް ނޫނެވެ. އަދި އަހަން ބޭނުންވި އަޑެއްވެސް ނޫނެވެ. އެކަމަކު ރައިހާއަށް ފާހަގަ ކުރެވުނީ އެ އަޑުގައި ދުވަހަކުވެސް ނުހުންނަ މައިތިރިކަން މިއަދު އެ އަޑުގައި އެކުލެވިފައިވި ކަމެވެ.
ރައިހާ ގޮސް ފޯނުދިނީ އައިނާ އަތަށެވެ.
”ދަރިފުޅު ބައްޕަ! އަހާބަލަ މާމަ އޮތީ ކޮން ވޯޑެއްގަތޯ!” ރައިހާ އައިނާ އަތަށް ފޯނުދިނަސް ޒާހިލްއިވޭ ވަރަށް ވާހަކަ ދެއްކީ ރައިހާ އެނގެން ބޭނުންއެއްޗެއް ޒާހިލްއަށް އިއްވުމަށެވެ.
” މަންމަ ގާތު ބުނޭ ދަރިފުޅުމެން ގޮވައިގެން އަންނާށޭ! ހޮސްޕިޓަލަށް! ބައްޕަ މެސެޖު ކުރާނަން މާމަ އޮތް ތަން!” ޒާހިލް ފޯނު ބޭއްވުމުން ރައިހާ ކަންބޮޑުވިއެވެ. އަނއްކާ މައިދައިތަގެ ބަލިވުން ރައިހާ އެގެއިން ނިކުމެގެން އައި އައުމާ ގުޅުމެއް ނެތްހެއްޔެވެ! މައިދައިތައާ މެދު ރައިހާގެ ހިތް ލޯބިން ފުރިގެން އައެވެ.
ދެކުދިން ތައްޔާރުކޮށްގެން ރައިހާއަށް ހޮސްޕިޓަލަށް ދެވުނުއިރު ދިހައެއް ޖަހަނީއެވެ. ހޮސްޕިޓަލްތެރެއަށް ވަދެ ޒާހިލްއަށް އެމީހުން އެތާ ތިބިކަން މެސެޖަކުން އަންގައިލިއެވެ. އިރުކޮޅަކުންޒާހިލް އައިސް ހިފީ އަޔާދު އަތުގައެވެ. ނަޒަރު ހުރީ ރައިހާ އަށެވެ.
“ރައި!”
ރައިހާގެ ނަމުން ޒާހިލް ގޮވައިލި އަޑު އިވުމުން ރައިހާގެ ހަނދާން ދަތުރު ކުރީ ޒާހިލްގެ އެނދުގައި ޒާހިލްއާ ހިލޭ އަންހެނަކު ނިދަން އަރާ ތިބި މަންޒަރަށެވެ. އެއަށްފަހު ރައިހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ނެރެ ކޮޓަރިން ބޭރަށް ހޫރައިލި މަންޒަރަށެވެ. ރައިހާގެ ހިތް ނަފުރަތާ ފޫހިން ފުރިގެން އައެވެ. ދެވަނަ ފަހަރަކު ރައިހާގެ ނަންވެސް އެ ދުލުން ކިޔާކަށް ރައިހާ މިހާރަކު ނޭދެއެވެ. އެހެންވެ ޖަވާބެއް ދިނުމުގެ ބަދަލުގައި މޫނު އަނބުރައިލީ ދުރަށެވެ.
“ސްޓިލް ޔޫއާ މައި ވައިފް!” އިވުނު އަޑާއެކު ރައިހާގެ ކަނާތުގެ ޝަހާދަތް އިނގިލި ޒާހިލްއާ ދިމާއަށް ހިއްލާލެވުނީ އިޚުތިޔާރުންބޭރުގައެވެ. ޒާހިލްއަށް ރައިހާގެ ނަޒަރު ހުއްޓުނު އިރު އެ ދެ ލޮލުން ޒާހިލްއަށް ފެނުނީ ނަފްރަތެވެ. އެ ދެ ލޮލުގައިވަނީ އިންޒާރުގެ ވިދުވަރެކެވެ.
އައިނާއާއި އަޔާދުގެ މަތިން ހަނދާން ވުމުން ރައިހާގެ އިނގިލި ތިރިކޮށްލިއެވެ. އަދި ދެން މޫނު އަނބުރައިލީ އަނެއްކާވެސް ދުރަށެވެ.
ރައިހާގެ ފަރާތުން ޒާހިލްއަށް ލިބުނީ މާޔޫސްކަމެވެ. ނަފުރަތެވެ. ދުރުހިލޭކަމެވެ. އައިނާ ބަލާއެބަ އަންނަމޭ ބުނަމުން އަޔާދުގެ އިނގިލީގައި ހިފައިގެން ޒާހިލް ހިނގައިގަތެވެ.
ޒާހިލް އައީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ހުއްދަ ކަރުދާސްކޮޅު އައިނާއަތަށް ދިއްކޮށްލަމުން މާމަ ދަރިފުޅުމެންގެ އިންތިޒާރުގައި އެބައޮތޭ ބުންޏެވެ.
މައިދައިތަ އޮތް ވޯޑަށް ރައިހާއަށް ވަދެވުނުއިރު މައިދައިތަ އޮތީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެމީހުން އައުން ލަސްވެގެން ހެން ހީވެއެވެ.
ރައިހާ އާއި އައިނާ ފެނުމުން މައިދައިތަ ފެށީ ރޯންށެވެ. އަދި އެދެމުން ދިޔައީ އަލުން ޒާހިލްއާ އެކު ދިރިއުޅެން އެގެއަށް ދިއުމަށެވެ. ޒާހިލް ބަދަލުވެއްޖެ ކަމަށާ ރައިހާއަށް އެހެން ހެދުނީތީ ދެރަވެ ރުއިކަމަށް މައިދައިތަ ބުނީ އަސަރާއެކުގައެވެ. އެއް ފުރުސަތު ދަރިންނަށްޓަކައި ދިނުން އެދި ރައިހާ އަތުގައި ހިފާ އާދޭސް ކުރަން ފެށުމުން ރައިހާ ބުނީ ވިސްނާލާފައި ޖަވާބެއް ދޭނެކަމަށެވެ. މައިދައިތަ އުޅުނުގޮތުން ރައިހާއަށް ވަރަށް އަސަރު ކުރިއެވެ. އެހެންކަމުން މައިދައިތަގެ ހުށަހެޅުމަށް ވަގުތުން ނޫނެކޭ ބުނަން ނުކެރުނީއެވެ.
އެދުވަހުގެ ބާކީއޮތްބައި ރައިހާ ހޭދަ ކުރީ މައިދައިތަ ގާތުގައެވެ. ދެބެން އެމީހުންގެ ބައްޕައާއެކު އެގެއަށް ފޮނުވާލާފައެވެ.
ނަސީބަކުން އެރޭ މައިދައިތަ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ރައިހާ މައިދައިތަ ގޮވައިގެން ގޮސް ގެއަށް ލައިދިނެވެ. އަދި މައިދައިތައަށް ބޭނުންވާނެ ބައެއް ކަހަލަ އެއްޗެހި ވެސް ގަނެ ގެއަށް ލިއެވެ. އެނބުރި ކުދިން ގޮވައިގެން ގެއަށް އައީ ބަތްޕެން ވެސް ކައްކައިފަ މައިދައިތައަށް ބޯންދީފައެވެ.
ނިދުމުގެ ކުރިން ރައިހާ އެއްކަމެއް ކުރިއެވެ. އެއީ ޒާހިލްއަށް މެސެޖު ކުރުމެވެ.
” ޒާހިލްއާ އަހަރެން ކައިވެނި ކުރީ ޒާހިލް ދެކެ ލޯބިވާތީއެވެ. އެކުގައި އުމުރު ހޭދަކުރަން ބޭނުންވާތީއެވެ. އަހަރެން ޒާހިލްއާ އެކު އުޅުނީ ދަރިން ހޯދުމަށްފަހު އެދަރިންނާ އަހަންނާ ޒާހިލް އެއީ އަހަރެންގެ މުޅި ދުނިޔެ ކަމަށް ނިންމައިގެންނެވެ. ޒާހިލްގެ ފަރާތުން އަހަންނަށް ލިބުނު އެއްޗެއް ނެތެވެ. އަހަންނަށް ޚަރަދު ކުރަން ޖެހޭ ފަރާތަކީ ތިއީ ކަމަށް ވީއިރު ވެސް ތި ފަރާތަށް އަހަރެން ޚަރަދުކޮށްގެން، ބައްޔެއް ވީމާ އަހަރެން ބެލުން އެއީ ތިފަރާތުން ކުރަން ޖެހޭ ކަމަކަށްވިޔަސް ދުރުހިލޭ މީހުން އަހަރެން ބެލިޔަސް އަހަރެން ކެތްކުރީ ޒާހިލް ދެކެވި ލޯތްބަކުންނެވެ. އެ ލޯބީގެ ނާޖާއިޒު ފައިދާ ނަގާ ޒާހިލް އަހަރެން ތި ދިރިއުޅުމާ ދުރަށް ދާން މަޖުބޫރު ކުރީ ޒާހިލްގެ ބޭވަފާތެރިކަން އިސްކޮށްގެންނެވެ. ބޭވަފާތެރިކަމުގެ ރަހަ އަހަންނަށް ވަރަށް ހިއްޗެވެ.
(ނުނިމޭ)
ޚިޔާލުތައް