އެކާވީސް ވަނަ ބައި
”ޒާހިލްއާ އަހަރެން ކައިވެނި ކުރީ ޒާހިލް ދެކެ ލޯބިވާތީއެވެ. އެކުގައި އުމުރު ހޭދަކުރަން ބޭނުންވާތީއެވެ. އަހަރެން ޒާހިލްއާ އެކު އުޅުނީ ދަރިން ހޯދުމަށްފަހު އެދަރިންނާ އަހަންނާ ޒާހިލް އެއީ އަހަރެންގެ މުޅި ދުނިޔެ ކަމަށް ނިންމައިގެންނެވެ. ޒާހިލްގެ ފަރާތުން އަހަންނަށް ލިބުނު އެއްޗެއް ނެތެވެ. އަހަންނަށް ޚަރަދު ކުރަން ޖެހޭ ފަރާތަކީ ތިއީ ކަމަށް ވީއިރު ވެސް ތި ފަރާތަށް އަހަރެން ޚަރަދުކޮށްގެން، ބައްޔެއް ވީމާ އަހަރެން ބެލުން އެއީ ތިފަރާތުން ކުރަން ޖެހޭ ކަމަކަށްވިޔަސް ދުރުހިލޭ މީހުން އަހަރެން ބެލިޔަސް އަހަރެން ކެތްކުރީ ޒާހިލް ދެކެވި ލޯތްބަކުންނެވެ. އެ ލޯބީގެ ނާޖާއިޒު ފައިދާ ނަގާ ޒާހިލް އަހަރެން ތި ދިރިއުޅުމާ ދުރަށް ދާން މަޖުބޫރު ކުރީ ޒާހިލްގެ ބޭވަފާތެރިކަން އިސްކޮށްގެންނެވެ. ބޭވަފާތެރިކަމުގެ ރަހަ އަހަންނަށް ވަރަށް ހިއްޗެވެ. ………. އެކަން އެހެން ނުވިނަމަ ޒާހިލްގެ ހުރި ހުރިހާ އުނި ސިފައަކާއެކު ވެސް ފަހަރެއްގައި އަހަރެންގެ މުޅި އުމުރު ވެސް ޒާހިލްއާއެކު ހޭދަ ކުރީހެވެ.
ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ދިރިއުޅުމަށް ދެން ތި ޒާހިލްއެއް ނާންނާނެއެވެ. ……… ޒާހިލް ބޭނުންވެގެން ނުވަތަ ނުވެ ހުއްޓާނަމަވެސް ޒާހިލްގެ ފަރާތުން އަހަންނަށް ލިބުނު މި ދެ ދަރިންނަށްޓަކައި ޒާހިލް އަށް ޝުކުރިއްޔާއޭ ބުނަން ބޭނުމެވެ.
މިފެށޭ ހަފުތާގައި ވަރި ސާބިތު ކުރުމުގެ ކަންތަކާ އަހަރެން އުޅޭނެ ވާހަކަވެސް ބުނެލަމެވެ. އެކަމަށް ހޭދަ ކުރާނެ ފައިސާ މިހާރު އަހަރެން އަތުގައި އެބަހުއްޓެވެ.”
ރައިހާ މެސެޖު ލިޔެ ނިންމާލުމަށްފަހު ޒާހިލްއަށް ފޮނުވައިލިއިރު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ދެން ހަށިފުރާ ނޭވާއެއް ލިއެވެ. އަދި ދެން ހަމަ ޖެހިލައިގެން ނިދައިލިއެވެ.
ކިތަންމެ ދަންކޮށްފައި ނިދިޔަސް ކުރަން ހުރި ބައެއް މަސައްކަތް ނިންމުމަށްޓަކައި ރައިހާ ފަތިހު ފަތިހާ ތެދުވެ އުޅެގަތެވެ. އަދި މެންދުރު ވުމުގެ ކުރިން އަމީރާމެންގެއަށް ދިޔައީ އަމީރާ އަވަހަށް އަންނާށޭ ބުނުމުންނެވެ.
މެންދުރަށް ކެއްކީ އެންމެންވެގެންނެވެ. އެއީ އަބަދުވެސް އެކަން އޮންނަ ގޮތެވެ. ރައިހާ އެގެއަށް ގޮއްސިއްޔާ އަމީރާ ވެސް ރައިހާ ވެސް ކެއްކުމުގައި ބައިވެރިވާނެއެވެ. އެކިކަހަލަ ރެސިޕީތައް ޓެސްޓްކުރުން އޮންނާނެއެވެ.
ކައްކާ ނިމިގެން ރައިހާއާއި އަމީރާ ތިބީ އެކިކަހަލަ ވާހަކަ ދެއްކުމުގައެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަންތަން ފެނުނީ ދީމާއެވެ.
މިހާ ނުގަޑިއެއްގައި ދީމާ ފެނުމުން އަމީރާ ވެސް ހައިރާންވިއެވެ.
“ދީމް!” ޙައިރާންކަން އެކުލެވިފައިވާއަޑަކުން އަމީރާއަށް ކިޔައިލެވުނެވެ.
“ކީއްތަ ވެގެން މިއުޅެނީ! ކީއްވެތަ ޢާމިރު މިހާ ކުއްލިއަކަށް ކައިވެނި ހުއްޓާލަން ބޭނުންވީ! ކޮބާ އަހަރެންގެ ކުށަކީ!” ދީމާ ހުރީ ރުޅިއާ މޮޅިން ހަފުސްވެފައެވެ. އަމީރާ ވެސް ދީމާއާ ދިމާއަށް ބަލަން އިނީ ޙައިރާންވެފައެވެ. އެއީ ކުރިން އެނގިފައި ނެތްކަމެއްކަން އެ ބެލުމުން ރައިހާއަށް ހީވިއެވެ.
އިވުނުއަޑުތަކުން ވަރަށްގިނަ އެއްޗެހި ރައިހާއަށް އެނގުނެވެ. އިތުރަށް އެދެފަރާތުގެ ދެމެދު ދެކެވޭ ވާހަކަތައް އަޑުއަހަން އެތާ ނުހުންނަން ވެގެން ރައިހާ ދިޔައީ ޓެރެހަށެވެ. ދެކޭ މީހުން ގަބޫލުކުރާނީ އެތާ އެ ދެކެވެނީ ބައެއްގެ ޒާތީ ވާހަކަތަކެއް ކަމަށްވާތީ އެވާހަކަ އަޑުއަހަން ނުހުންނަން ރައިހާ ދިޔައީ ކަމަށެވެ.
އާމިރާ ބެހޭގޮތުން ކުރިން ނޭނގި އޮތް މި ހަޤީގަތުން ރައިހާގެ ހިތް ރޮއްވައިލިއެވެ. ދީމާގެ ކައިވެނި ހުއްޓިގެން މިދިޔަ ސަބަބަކީ ރައިހާއޭ ހިތަށް އެރުމުން ކުށްވެރިކަމުގެ އިހުސާސުން މީހާ ބަނދެލައިފިއެވެ. ރައިހާ ވަރަށް ދެރަވެ ހިތުގައި ޖެހުނެވެ. އާމިރު ރައިހާ ދެކެ އެހާ ލޯބިވަނީހެއްޔެވެ؟ އޭރުން ދީމާއަށް އެދެވުނީ ކިހާބޮޑު ލަނޑެއް ހެއްޔެވެ! އަނެއްކޮޅުން އާމިރު ލޯބި ނުވާމީހަކާއެކު ހަޔާތުގެ ބާކީ އޮތް ދުވަސްތައް އެކުގައި ހޭދަ ކުރުމަކީ ކިހާ ވޭން ހުރި ކަމެއް ހެއްޔެވެ؟ އެކި ޚިޔާލުތަކުން ރައިހާގެ ސިކުނޑިއަށް ވާންވެގެން ދިޔައެވެ. ރައިހާއަށް ކުށްވެރިކަމުގެ އިޙުސާސް ވީލެއް ބޮޑުކަމުން މޫނުގައި ދެއަތް އަޅައިލެވި އަތުގެ އިނގިލިތަކުން މޫނު ފޮރުވައި ލެވިއްޖެއެވެ. އަދި މުޅިދުނިޔެއަށް ވެސް ސިއްރުން އާމިރުގެ ނަމުން ގޮވައިލެވިއްޖެއެވެ.
އަމީރާ ގުޅުމުން ރައިހާ ދިޔައިރު އެތާ އިނީ އަމީރާ އެކަންޏެވެ.
“އަޅެ! ދޮންބެ ފުރި ވާހަކަ ރައި ވެސް ނުބުނަމެއްނު! ދޮންބެ ކޮންއިރަކު ފުރައިގެން ދިޔައީ!” އަމީރާއިނީ ދެރަވެފައެވެ.
“އަހަންނަކަށްވެސް ނޭނގެ ދޮންބެ ފުރި ދުވަހެއް! ހީވަނީ އަންގާރަ ނޫނީ ބުދަ ދުވަހުހެން!” ރައިހާ ދިނީ ތެދު ޖަވާބެވެ. ހަގީގަތުގައިވެސް އާމިރު ފުރި ދުވަހެއް ރައިހާއަކަށް ނޭނގެއެވެ.
”ހިނގާބަލަ ގުޅަމާ! ފުރައިގެން އެގޮތަށް ދިޔަ ސަބަބެއް ވެސް އޮންނާނެނު! ދެމީހުން މައްސަލައެއް ވެސް ނުޖެހެޔޯ ދީމާ ބުނީ! އެކަމަކު މި ފަހަކަށް އައިސް ދޮންބެ ފެންނަނީ ކޮންމެވެސްކަމަކާ ފިކުރު ބޮޑުވެފައި ހުންނަތަނޯ! އެހީމަވެސް ކަމެއް ވެގެން އުޅޭ ވާހަކައެއް ނުބުނެޔޯ! އަޅެ! ދެން ދީމާ ގާތު ނުބުންޏަސް ވަރިހަމަނު އަހަންނާ ޝެއަރ ކޮށްލިޔަސް! ގައިމު އަހަންނެއް ދޮންބެ ނިންމާ ނިންމުކާ ދެކޮޅެއް ނުވާނަން ވިއްޔަ!”
އަމީރާއަށް ހުރީ ރޮވޭގޮތް ވެފައެވެ.
ހަދާނެގޮތެއް ނޭނގުމުން އަމީރާ ނިންމީ ޚާލިދު އަންނަންދެން މަޑުކުރުމަށެވެ.
އާމިރާ ދީމާގެ ހުއްޓުނު ކައިވެނީގެ ވާހަކަ އަލުން ފެށީ ޚާލިދު ގެއަށް އައިސް ކާން ތިބި ވަގުތުގައެވެ. އަމީރާ ދެއްކި ވާހަކަ އަޑުއެހުމަށްފަހު ޚާލިދު ބުނީ ތި ވަނީ އާމިރަށް ދީމާއަށްވުރެ ބޮޑަށް ގަޔާވާ އެހެން ކުއްޖަކު ފެނުނީކަމަށެވެ. އެކުއްޖާދެކެ މާބޮޑަށް ލޯބި ނުވެވުނު ނަމަ ތިހާ ޒަމާންވީ ގުޅުމެއް ކަނޑާ ނުލާނެ ކަމަށެވެ. ކޮންމެ ގޮތެއްވިޔަސް ކޮންމެ މީހަކާ އިނަސް އެމީހަކާއެކު ދިރިއުޅޭނީ ދޮންބެ ކަމަށާ އަހަރެމެން އޭގެތެރެއަށް ނުވަނުން ރަނގަޅުކަމަށެވެ.
“ދޮންބެ ނިންމާ ގޮތަކާ އަހަރެމެން ރުހެން ވާނެ! އެ ނިންމުމަކަށް އިޙުތިރާމް ކުރަންވާނެ!” ޚާލިދަށް ފެންނަގޮތް ޚާލިދު އަމީރާއަށް ވަރަށް ސާފުކޮށް ކިޔައިދިނެވެ.
އިވުނު އަޑުތަކާ އެނގުނު ކަންތައްތަކަށްފަހު ރައިހާ ހުރީ މުޅިދުވަހު މޫޑް ގެއްލިފައެވެ. ނެގި މަޑުވެފައެވެ. ގެއަށް ދިއުމުގެ ކުރިން ހަވީރު އަތަށް އެޅީމާ ކުދިން ގޮވައިގެން އަމީރާއާ އެންމެން އެއްކޮށް ދިޔައީ ކާރުގައި ހުޅުމާލެއަށެވެ. އެއްވެސް ތާކަށް ފައިބާކަށް އަމީރާ ވެސް ރައިހާ ވެސް ބޭނުން ނުވުމުން ދުއްވާލާފަ އެނބުރި އައިސް އެމީހުން ގެއަށްލާފައި އަމީރާމެން ދިޔައިރު ވެސް ރައިހާގެ މިޒާޖު ހަމައަކަށް ނޭޅެއެވެ.
އެހެންރޭރެއަށްވުރެ އަވަހަށް ކުދިންނަށް ކާންދީގެން ރައިހާ ވަނީ ކޮޓަރިއަށެވެ. ދުވާލު އެތަން މިތާ އުޅެވުނީމާ ކުދިން ވެސް މާ އަވަހަށް ނިދައިފިއެވެ. ކުދިން ނިދީމާ ރައިހާ ނިކުތީ ސިޓިންރޫމަށެވެ. އަދި ފޯނު ނަގައިގެން ވައިބަރ ހުޅުވައި އެންމެ ފަހުން އާމިރަށް ފޮނުވި މެސެޖްތައް އަލުން ކިޔައިލިއެވެ. ދެން ވިސްނަން އިރުކޮޅަކުއިނދެފައި ބެލީ އާމިރު އެންމެ ފަހުން އޮންލައިން ވެފައި އިން ވަގުތެކެވެ. އެއްގަޑި އިރުކުރިއެވެ. ފަހަރެއްގައި ނިދީކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް އުންމީދުން ހިތަށް ހަމަ ޖެހުން ހޯދަމުން ރައިހާ މެސެޖް ލިޔުނެވެ.
“ފުރައިގެން ދާން ޖެހުނު ސަބަބު ހަމަ އެކަނި ބުނެ ދިނުން އެދެން!”
ރައިހާ ލިޔުނެވެ. ޖަވާބެއް އެވަގުތު ނުލިބުނަސް ރައިހާއަށް އޯކޭއެވެ. އެހެންވިޔަސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މެސެޖަށް ސީން އެރުމުން ރައިހާއަށް ހައިރާންކަން ލިބުނެވެ. އުފަލުން ހިތް ނަށައިލިއެވެ. ދެން ލިޔާތަން ފެނުމުން ހިތް އޭގެ މަގާމުދޫކޮށް ދާން އުޅޭހެން ހީވިއެވެ. އެކަމަކު ޖަވާބު އަންނާނެ ގޮތަކާމެދު ކަންބޮޑުވުން ވެސް އޮތެވެ.
”ރައި ބޭނުންތަ އެނގެން!” އާމިރު ޖަވާބު ލިޔުނެވެ.
“އަހަރެން ވަރަށް ބޭނުމޭ ބުނެފިއްޔާ؟” ސުވާލަކުން ރައިހާ ފުއްދައިލިއެވެ.
އާމިރު ހީނލިއެވެ. ހިތް އުފަލުން ނަށައިލިއެވެ. އުންމީދުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ. ހިތް ބުނަނީއެވެ. ރައިހާ އާމިރުގެ ވާހަކަ ގަބޫލުކުރާނެއެވެ. އާމިރުގެ ލޯބީގައި ކޮޅުފައިން ނުޖަހާނެއެވެ. ރައިހާ އާމިރުގެ މީހަކަށްވާން އާނ ބަސްދޭނެއެވެ. އޭރުން އާމިރަށް ދުނިޔޭގައިވާހާ އެއްޗެއް ހަމަވީއެވެ. އިތުރަށް ބޭނުންވާނެ އެއްވެސް އެއްޗެއް ނެތެވެ. މަދުވާނެ އެއްޗެއްވެސް ނެތެވެ.
“އަހަރެން މާލެ ދޫކޮށް ފުރައިގެން އައީ މާލޭގައި އުޅެން އުދަނގޫވެގެން! އަހަރެންގެ މި ބަސްނާހާ ހިތަށް ކުޅަދާން ނުވެގެން! ދެކެން ބޭނުންވާ މީހާ،……. އެކު އުޅެން ބޭނުންވާމީހާ، …….އެކަމަށް ރުހިދާނެ ކަމުގެ ކުޑަވެސް ނިޝާނެއް ފެނުނު ނަމައަހަރެން މާލެ ދޫކޮށްލާފަ…….. އެ ހިތްގައިމު ހިނިތުންވުމާ…….. އެ ކަތި ނަޒަރާ………އެ ނިސްވާނީ ހުނުމުގެ އަޑާ……… ރައިއަށް ހީވޭތަ މި ކަންކަން ދޫކޮށްލާފަ ފިލައިގެން އަންނާނެހެން!……… ރައި! އަހަންނަށް ލޯބި ދަސްވީ މީހަކު ދަސްކޮށްދީގެނެއްނޫން! އަހަރެންގެ ހިތުގެ ހިނގުމާ އެ ހިތުގައި ޖަހާ ވިންދާ އެ ވިންދުން ކުޅެދޭ ފޮނި ރާގުން އަހަންނަށް ލޯބި ދަސްވީ! މި ހުރިހާ ކަމަކާ ގުޅެނީ އެންމެ ސޫރައަކާ! އެންމެ އިންސާނަކާ! އަހަންނަށް އެއިންސާނާގެ ނުރުހުމުގެ އެންމެ ލަފުޒެއް ވެސް އެންމެ ކަޅިއަޅައިލުމެއް ވެސް ތަޙައްމަލެއް ނުކުރެވޭނެ! އެއަށްވުރެ އަހަރެންގެ ހިތް ބަލިކަށި! ލޯތްބަށްޓަކައި އަހަރެން ވަނީ ދީވާނާވެފަ! … ރައިއަށް ގަބޫލުކުރެވޭތަ!”
އާމިރު އިރުކޮޅަކަށް މަޑުކޮށްލިއެވެ.
ރައިހާ ހީނލިއެވެ.
“އެނގޭތަ އަހަރެން މިދައްކަނީ ކާކުގެ ވާހަކަ ކަމެއް! އަހަރެން ދީވާނާ ކޮށްލުމުގެ ބާރު ލިބިގެންވާ އަންހެންކުއްޖަކީ ކާކުކަން! އެ ކުއްޖަކަށްޓަކައި ދުނިޔޭގެ މާއްދީ އެތައް އެއްޗެއް އަހަރެން ދޫކޮށްލީ ކާކަށްޓަކައިކަން! ރައިއަށް އެނގޭތަ!”
އެތައް ސުވާލެއް އާމިރު ކުރީ އެއްނޭވާއިންނެވެ.
“އަދި ނުބުނަމެއްނު އެއްވެސް މީހެއްގެ ނަމެއް!”
ރައިހާއަށް ކަނޑައެޅިގެން އެ ދައްކަނީ ކާކުގެ ވާހަކަ ކަން އެނގޭއިރުވެސް ބޭނުންވީ އާމިރުގެ އަނގައިން އެނަން ކިޔުއްވާށެވެ. އާމިރުގެ އަނގައިން ރައިހާގެ ނަން ކިޔާއަޑު އަހާށެވެ.
“އެ ނަސީބުވެރިޔަކީ ތީ! އަހަރެންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިލި އަންހެންކުއްޖަކީތީ! އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ދަސްވީ ބުނުމަކާނުލާ އެނގުމަކާ ނުލާ! އެއީ ކިހާ ފޮނި ލައްޒަތެއްކަން އިހުސާސްވީ ތި ކުއްޖާގެ ފުށުން! އެވެސް އަދި ބީހުމަކާ ނުލާ! ރައި! ރައިހާ! މައި ގާލް!”
އާމިރަށް ހުރީ އާދަޔާ ޚިލާފު ޖޯޝެއް އައިސްފައެވެ.
“އާމިރު! އެނގޭތަ އަހަރެން މިއީ ދެކުދިންގެ މަންމައެއްކަން! އަހަރެން މިއީ މީހަކާއިނދެ ބާވެފައި ހުރި މީހެއްކަން! އާމިރު ވިސްނައިލިންތަ ބޮޑު ދެކުދިންގެ ދޮންބައްޕައަކަށް އާމިރުވާނެކަން!”
ރައިހާ އާމިރަށް ވިސްނައިދޭން ބޭނުންވީ ޙަޤީގަތެވެ. މީހުން ކިޔާފާނެ އެއްޗެކެވެ.
“ރައިއަށް އެނގޭތަ! ހަޤީގީ ލޯތްބަކީ ލޯކަނު އެއްޗެއްކަން! ރައިއަށް އެނގޭތަ ތެދުވެރި ލޯތްބަކީ ޝަރުތަކާ ނުލާ ވެވޭ އެއްޗެއްކަން! ރައި ގަބޫލުކުރަންތަ ތެދުވެރި ލޯބީގައި ތިފަދަ އެއްވެސް އެއްޗަކަށް ބެލުމެއް ނޯންނަކަން!”
ރައިހާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އާމިރަށް ވާހަކަ ދައްކަން ވަގުތު ދީގެންނެވެ.
“އަހަރެން ބޭނުންވަނީ އެންމެ ޖަވާބެއް! ކެރޭނެތަ އެ ޖަވާބު ދޭން!”
އާމިރު އަހަން އެ އުޅެނީ ކީކޭބާއޭ ރައިހާ ހިތަށް އެރިއެވެ.
“އެރޭ އެ ވިއްސާރަ ރޭ ……. އަހަރެންގެ ފަރާތުން ލިބުނު ޙިމާޔަތާމެދު ރުހެންތަ! އެރޭ އެ ވިއްސާރަ ރޭ އަހަރެންގެ ހަށިގަނޑުގެ ބީހުމުން ރައިއަށް އަރާމެއް ނުލިބޭތަ! އެރޭ އެ ވިއްސާރަ ރޭ އަހަރެންގެ ހަށިގަނޑުގެ ހޫނުން ރައިއަށް ހަމަޖެހުމެއް ނުލިބޭތަ! އަދި ހަމަ އެ ވިއްސާރަ ރޭ ރައިގެ ހިތް އަހަންނަށް އެދުނުކަމަށް އެއްބަސް ނުވެވޭތަ! އަޅެ ތި ހިތާ ސުވާލުކޮށްފަ މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކަށް ނޫނެކޭ އަންނަންޏާ ބުނެބަލަ އާމިރު ތި ހަދަނީ ދޮގެކޭ! ތިފަދަ އިޙުސާސެއް ތިމަންނައަކަށް ނުކުރެވެޔޭ! ”
(ނުނިމޭ)
ޚިޔާލުތައް