A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 22

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ބާވީސް ވަނަ ބައި (ފަހުބައި)

“އެރޭ އެ ވިއްސާރަ ރޭ ……. އަހަރެންގެ ފަރާތުން ލިބުނު ޙިމާޔަތާމެދު ރުހެންތަ! އެރޭ އެ ވިއްސާރަ ރޭ އަހަރެންގެ ހަށިގަނޑުގެ ބީހުމުން ރައިއަށް އަރާމެއް ނުލިބޭތަ! އެރޭ އެ ވިއްސާރަ ރޭ އަހަރެންގެ ހަށިގަނޑުގެ ހޫނުން ރައިއަށް ހަމަޖެހުމެއް ނުލިބޭތަ! އަދި ހަމަ އެ ވިއްސާރަ ރޭ ރައިގެ ހިތް އަހަންނަށް އެދުނުކަމަށް އެއްބަސް ނުވެވޭތަ! އަޅެ ތި ހިތާ ސުވާލުކޮށްފަ މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކަށް ނޫނެކޭ އަންނަންޏާ ބުނެބަލަ އާމިރު ތި ހަދަނީ ދޮގެކޭ! ތިފަދަ އިޙުސާސެއް ތިމަންނައަކަށް ނުކުރެވެޔޭ! ”

ރައިހާ އިނީ ބުނާނެ އެއްޗެއް ކިޔާނެއެއްޗެއް ނޭނގިފައެވެ. އެންމެ ފަހުން އާމިރުގެ ނަމުން ގޮވައިލެވުނީއެވެ. އެވެސް އަދި ވައި އަޑުންނެވެ. ވަކި ހިސާބަކުން އެ އަޑު ހިނދިގެން ދިޔައީއެވެ.

“ދެން ގޮސް އަރާމުކޮށް ނިދާލާ! މާދަމާ އިރާދަކުރެއްވިއްޔާ އަހަރެން ރައިއާ ބައްދަލުކުރާނަން!” އާމިރު ފޯނު ނިއްމައިލިއެވެ.

އަޖާބެއްކަހަލަ އިންސާނެކެވެ. އަހަރެންގެ ޖަވާބަކީ ކޮބައިތޯ އަހާފަ ބުނުވުމަކާ ނުލައި އެ ޖަވާބަކީ ކޮބައިކަން ކަނޑައެޅީއެވެ. އަހަރެންގެ ހިތް އޮންނަގޮތް އަބަދުވެސް އާމިރަށް މާކުރިން އެނގެއެވެ.

ދެކެވުނު ވާހަކަތައް އެއީ ހުވަފެނެއްނޫންބާވައޭ ވެސް އާމިރު ފޯނުކަނޑައިލުމުން ރައިހާ ހިތަށް އެރިއެވެ. ދުނިޔެއަކީ ހާދަ ފާޑެއްގެ ތަނެކެވެ. އެއްދުވަހު ހެއްވިއްޔާ އަނެއް ދުވަހު ރޮއްވާނެއެވެ. ޖެހިގެން އަންނަ ދުވަހު ރޮއްވާފަ ހަމަ އެދުވަހު ހެއްވަފާނެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނަނީ މިހެންވީމަތާއެވެ.  ދެން ހަމަ ކުއްލިއަކަށް ހިތަށް އައި އެއްޗަކުން މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“އަނެއްކާ އަމީ އަހަންނާ ރުހޭނެތަ!” ރައިހާ ކަންބޮޑުވީ އެންމެ ގާތް ރަޙުމަތްތެރިޔާ، ހުރިހާ ވަގުތެއްގައި ހުރިހާ މާނައެއްގައި އެހިތެރިވަމުން އަންނަ އެންމެ ގާތް އެކުވެރިޔާ މިކަމާ މެދު ދެކޭނެ ގޮތެކެވެ. އަހަރެން އާމިރު ދެކެ ކިތަންމެ ލޯބިވިޔަސް އަދި އާމިރު އަހަރެން ދެކެ ކިތަންމެ ލޯބިވިޔަސް ރައި ނުރުހެންޏަކާ އާމިރު ގާތަކަށް އަހަންނަކަށް ނުދެވޭނެއެވެ. މީހެއް ވެއްޖިއްޔާ ގޮތެއްވެސް ހުންނަން ވާނެއެވެ.

ރައިހާއަށް ހީކުރެވުނު ގޮތަށް އާމިރަށް ގެއާ ހަމައަށް އާދެވުނީ މެންދުރެއްހާއިރު ވީފަހުންނެވެ. ރައިހާ އުޅުނީ ކެއްކުމުގައެވެ. އާމިރަށް މީރު ކާއެއްޗިއްސަކީ ކޮބާކަން ރައިހާއަށް މިހާރު އެނގެއެވެ. ރީތި ރާގެއް އިއްވާލަ އިއްވާލާ ހުރެ ކެއްކުމުގެ މަސައްކަތް ކުރާއިރު އަތްމަތި ވަރަށް އަވަހެވެ.

ގޭގެ ބެލް ޖެހިއަޑަށް ރައިހާގެ ސަމާލުކަން އެދިމާއަށް އެނބުރުނެވެ. މިގެއަކީ ބޭރުން މީހުން އައިސް ގޮސްވާގެއެއްނޫނެވެ. އަނެއްކާ ކާކުބާވައެވެ! ރައިހާ ހިތާ ހިތާ ސުވާލުކޮށްލިއެވެ. އާމިރު އަތުގައި ގައިމުން ގޭގެ ތަޅުދަނޑި އޮންނާނެއެވެ.

ޙައިރާން ވެ ހުރެ ހުޅުވި ދޮރުން އެތެރެއަށް ދެމިގަތް އާމިރު ފެނުމުން ރައިހާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެވަގުތު މެއިޑް ފެންނަން ހުރިކަން އެއީ ރައިހާގެ ނަސީބޭ އާމިރު ހިތަށް އެރިއެވެ.

މެންދުރު ކެއުމުގެ ކުރިން އާމިރު އެދުނީ އަމީރާއާއި ޚާލިދު ވެސް އެގެއަށް ކާން އައުމަށެވެ. އިތުރު ބަޔަކުވެސް ކާން އަންނާނެއޭ އާމިރު ބުނުމުން ރައިހާ ހުރީ އެ އަންނަ ބަޔަކާމެދު ސުވާލު އުފެދިފައެވެ. ކާން ހަދާފަ ރައިހާ ވަނީ ކޮޓަރިއަށެވެ.

ކާން ފަށަންވެގެން އާމިރު ބުނެގެން މެއިޑް އައިސް ރައިހާއަށް ގޮވުމުން ނުދާން ދައްކާނެ ބަހަނާއެއް ނެތުމުން ކުދިން ގޮވައިގެން ނިކުތް ރައިހާއަށް އަނގަމަތީ އަތް އަޅާލެވުނު އިރު ދެ ތުންފަތް ދޫކޮށްލާފަ ނިކުތް ތޫލިއަޑު މާހައުލުގައި ގުގުމައިލިއެވެ.

އަމީރާ ފެނުމުން ކުށްވެރިއަކު ފަދއިން ރައިހާ އިސްޖަހައިލިއެވެ. އެކަމަކު ގޮސް އެމީހުންނާ ބައިވެރިވެ ކާން ތައްޔާރު ވި ވަގުތު އާމިރު ވާހަކަ ދައްކަން ފެށިއެވެ.

“އަމީ! ދޮންބެ ދީމާ ދޫކުރީ ދީމާއަށް ވެސް ރަނގަޅަކަށް! ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން! ކައިވެނި ކުރުމަށްފަހު ދީމާ ބޭނުންވާ ލޯބި އަހަރެންގެ ފަރާތުން ނުލިބުމުން ދެން ޖެހޭ މައްސަލަތައް މާގޯސްވާނެ! އެކަކަށް ވެސް ހަމަ ޖެހިގެނެއް ނޫޅެވޭނެ! ދިރިއުޅުން ފެއިލް ވެގެން ދިއުމަށް ކާވެނި ކުރުމަށްވުރެ ދޮންބެ ހިތަށްއެރީ ދީމާއަށް ވެސް ރަނގަޅުވާނީ ކައިވެނީގެ ކުރިން ދެމީހުން ދުރުވުމޭ! އެހެންވެ އެ ފިޔަވަޅު އެޅީ!”

އަމީރާ އިނީ އިސްޖަހާލައިގެނެވެ.

“ދޮންބެ ނިންމާ ކޮންމެ ގޮތެއް އަހަންނަށް ރަނގަޅު! ތިއީ ދޮންބެގެ ލައިފް! ދޮންބެ ލޯބިވާ ކުއްޖަކާ ދޮންބެ އިންނާނީ! އަހަރެމެން ނުބެހޭނަން! ” އަމީރާ ހިތްހަމަ ނުޖެހުނަސް އެކަމެއް މޫނުމައްޗަކުން ނުދައްކައެވެ.

އެހެންވީމަ މިވަގުތަކީ އަހަރެން އެ އަންހެން ކުއްޖަކަށްޓަކއި މުދަލާ ތަނަވަސްކަމާ ރީތި ނަން ދޫކޮށްލި އަންހެންކުއްޖަކީ ކާކުކަން ބުނެދޭންވީ ވަގުތުކަމަށް ދެކެނީ! އެކުއްޖަކީ އަމީގެ ކަނާތްފަރާތުގައި ތި އިންދަ ރައިހާ!”

އަމީރާއަށް ފުރަތަމަ ބަލާލެވުނީ ވެސް ވާތްފަރާތަށެވެ. އެ ފަރާތުގައި އެކަކު ވެސް ނެތެވެ. އަމީރާއަށް ބަލަން އިން ޚާލިދު ލޮލުން އިޝާރާތް ކޮށް ރައިހާ ދައްކައިލިއެވެ.

މުޅިން އަލަށް ފެނުނު މީހަކަށް ބަލާ ފަދައިން އަމީރާ އިނީ ރައިހާއަށް ބަލަހައްޓައިގެންނެވެ. އިވުނު އަޑު ޔަގީން ކުރަން ނުކުޅެދިފައެވެ. މަދު ސިކުންތުކޮޅަކަށްފަހު ދެން ފެނުނީ ފުންމައިގެން ތެދުވެ ރައިހާ ގައިގާ އޮޅުލާ ގަތްތަނެވެ. ދެ ރަޙުމަތްތެރިންގެ މި ގުޅިލާމެހިފައިވާ ގުޅުމުން ހެކިކޮށްދެނީ އެމީހުން އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެ ދެމެދުގައި އޮތް ޚާލިސް ގުޅުމެވެ.

އަމީރާގެ ފަރާތުން ރައިހާއަށް ކުރިން ހީކުރެވުނު ނުރުހުމުގެ އެއްވެސް ނިޝާނެއް ނުފެނުމުން ރައިހާ ހުރީ އުފަލުން ފޮޅިފައެވެ. އެހެންނަމަވެސް ރައިހާގެ އެ އުފާވެރިކަން މާބޮޑަކަށް ފާޅުކުރާކަށް ރައިހާއަކަށް ނުކެރުނެވެ.

ރޭގަނޑުގެ ކެއުން ނިމުމުން ރައިހާ ވަނީ ކުދިން ނިންދެވުމަށެވެ. ކުދިން ނިދީމާ ވެސް އާމިރުގެ ކުރިމައްޗަށް އަންނަން ނުކެރޭނެތީ ރައިހާ މަޑުކޮށްލީ ކޮޓަރީގައެވެ. އާމިރުގެ މެސެޖް ލިބުނީ ރައިހާ އެހެން އޮއްވައެވެ.

ކޮޓަރިން ބޭރަށް ރައިހާ ނިކުތުމުން އާމިރު އެދުނީ ދެމީހުން އެކުގައި ކުޑަކޮށް ބޭރަށް ނިކުމެލުމަށެވެ. ރައިހާގެ ފަރާތުން ފެހި ސިގުނަލް ލިބުމުން އާމިރު ބޭނުންވީ ސައިކަލުގަ ދާށެވެ. އެކަމަކު ރައިހާ ބުނީ އަދި ވަރި ސާބިތު ނުކުރާތީ މީހުންނަށް އެ ގޮތަށް ފެންނަން ބޭނުން ނުވާކަމަށެވެ.

ޒާހިލް ކޯޓުން ބޭރުން ރައިހާ ވަރިކުރިތާ މިހާރު ދޮޅުމަހެއްހާ ދުވަސްވާން ދާއިރު އަދި އޮތީ ވަރި ސާބިތު ނުކޮށެވެ. އެއީ މުހިންމު ކަމެއްކަމަށް ރައިހާއަށް ނުވެފައި އޮތީއެވެ. ވަރި ކުރީ ޒާހިލް އެވެ. އެހެންވީމާ އެ ވަރި ސާބިތު ކުރަން ރައިހާ ހުށަހާޅައިފިއްޔާ އެކަމަށް ދާ ޚަރަދު ވެސް ދޭން ޖެހޭނީ ރައިހާއެވެ. އެވަރު ރައިހާއަށް އެގެއެވެ. ޒާހިލްގެ ބޭނުމަކަށް ވާނީ ވެސް އެގޮތެވެ. ކުރީ ރޭ ޒާހިލް ގާތުގައި ވަރި ސާބިތުކުރަން ކޯޓަށް ދާނެ ވާހަކަ ބުނެވިފައި އޮތް ހަނދާން ރައިހާ ހުއްޓެވެ.

ދެމީހުން ލިފްޓަށް ވަނީ އެކު އެކީގައެވެ. ގްރައުންޑަށް ލިފްޓް މަޑުކުރުމުން ގަރާޖުން ކާރު ނެރެގެން އާމިރު އެހީ ރައިހާ ދާން ބޭނުން ވަކި ތަނެއް އޮއްތޯއެވެ. ނެތޭ ރައިހާ ބުނީ ބޮލުންނެވެ. އާމިރު ކާރު ދުއްވައިލީ ބްރިޖާ ދިމާއަށެވެ.

“ޖަހާދެންތަ ރީތި ލަވައެއް!” ކާރުގެ ސެޓުން ލަވައެއް ސެޓްކުރަމުން އާމިރު އެހީ ރައިހާގެ މޫނަށް ބަލަން އިނދެގެންނެވެ. ދެން އިވެން ފެށީ ކުރީދުވަހު ވެސް އާމިރު ޖެހި ލަވައެވެ.

” ދަންވެލީމާ ތިޔަ ހަނދާންވަނީ، ނޭނގި ނިންޖާ އަރާމޭ ދަނީ ……ދެން މި ބޭޒާރު ކޮށްލީ ހިތޭ …މިލްކު ނުވިކަން މިޔޭ ގޯހަކީ ….” ރައިހާއަށް ބަލާލެވުނީ އާމިރުގެ މޫނަށެވެ.

“ކީއްވެ އަބަދު ތި ލަވަ ޖަހަނީ! އެންމެ ރީތީ ތި ލަވަ؟” ރައިހާ ހައިރާންވެގެން ސުވާލުކުރިއެވެ.

“ރައިއަށް އެނގޭތަ މި ލަވައިގެ މިތަންކޮޅު މިއީ ހަމަ ސީދާ އަހަރެންގެ ހިތުގެ އަޑު! އަހަންނަކަށް ނޭނގެ ރޭގަނޑު ނިދަން އޮށޯވެ ވެސް އަބަދު މި ލަވަ އަޑު އެހެނީ!…… ކޮން އިރަކުއްސުރެކަން އެނގޭތަ! ” ރައިހާ ބަލައިލީ ސުވާލުގެ ނަޒަރަކުން އާމިރަށެވެ.

“އަހަރެންގެ ހިތުގައި ތި އަންހެންކުއްޖާގެ ލޯބީގެ ބިންގާ އެޅުނު އެ ދަތުރަށްފަހު މާލެ އައީއްސުރެން!”

“އާމިރު!” ރާއަށް ދަމާލަމުން ރައިހާ ހައިރާންކަމާއެކު އާމިރަށް ބަލަހައްޓައިގެން އިންތަން ފެނުމުން އާމިރު ހިފީ ރައިހާގެ އަތްތިލާގައެވެ.

“ހަނދާން އެބަހުރިތަ އެއްދުވަހު އަހަރެން ބުނި ވާހަކައެއް! ރައި ބުނީމެއްނު އަހަންނާ ދިމާއަށް، ތީ ތިމަންނައަށް ޚަރަދު ކުރަން ޖެހޭ މީހެއް ހެއްޔޭ، އޭރުވެސް އަހަރެންގެ ހިތުގައި ތި ލޯބީގެ ވިންދު ޖަހާ!  އެދުވަހު އަހަރެން ދިން ޖަވާބާއެކު އަހަންނަށް ގަބޫލުކުރެވުނީ ފިރިމީހާގެ އަޅާލުން ނުލިބުނީމާ ރައި އަމިއްލައިން ޒާހިލް ދޫކޮށްލާނެ ކަމަށް! އެ ދަތުރު ރައިހާއާ ދޭތެރޭ ކަން ހިނގި ގޮތް އެންމެ ގާތުން ދުށްމީހަކީ އަހަރެން! ހިއެއް ނުކުރަން މި ކަހަލަ ޒަމާނެއްގަ އެހެން ހަދާލީމަ ވެސް އެކަހަލަ މީހަކަށް އާދޭސްކޮށްގެން އެކުގައި އުޅެން މީހަކު ހުރެދާނެ ކަމަކަށް! އެކަމު އަހަންނަށް ކުރެވުނީ ކުށްހީއެއް! ރައި ތިއީ އެއަށްވުރެ މާ ކެތްތެރި ރަނގަޅު އަންހެނެއް!”

އާމިރު ހިފަހައްޓާލައިގެން އިން ރައިހާގެ އަތްތިލަ ގެންގޮސް ތުންފަތުގައި މަޑުމަޑުން ޖައްއިލިއެވެ. ދެން އިނގިލިތަކަށް ފިތާލަމުން އަތްތިލަ ގެންގޮސް ބޭއްވީ އާމިރުގެ ފައިގެ ފަލަމަސްގަނޑު މަތީގައެވެ. އާމިރުގެ ފަރާތުން މިފެންނަ ލޯބިވެތި ހަރަކާތްތަކުން ރައިހާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށް ވެސް ވާންވެގެން އާދެއެވެ.

“ތަޤުދީރުގެ މިރީތި ފުރިހަމަ ނިންމުން ރައި ދެކިބަލަ! އަހަރެންގެހިތް އެދި ގޮވި ގޮވުމާ އެއްގޮތަށް އަހަރެން ގާތަށް ރައިއަށް އާދެވުނީ އަހަންނަށް ވެސް ނޭނގި އަދި ރައިއަށް ވެސް ނޭނގި! މާނައަކީ އަހަރެމެންނަކީ ޤުދުރަތުން އެއްތަން ކުރުވި ބައެކޭ! ކާކުތަ ބުނާނީ ދުރުހިލޭ އަންހެނަކު ބަލިވެގެން އެކުއްޖާއަށް ހޭހަން ކުރަން އަހަންނަށް ޖެހޭނެއޭ! ……… އެނގޭތަ! އެ ދަތުރު ނިންމަލާފަ އެނބުރި އައިސް އަހަރެން ކުރި ކޮންމެ ނަމާދެއްގައިއ އަހަރެން ދުޢާކުރިން ރައިގެ ކުށަކާ ނުލާ ކޮންމެވެސް ސަބަބަކާ ހެދި ރައި އަހަންނަށް ލިބުން! އިރާދަ ކުރެއްވީތީ އަހަރެމެން ދެމީހުން ވަކި ނުކުރައްވާނެ!”

ރައިހާއަކަށް ކެތެއް ނުކުރެވުނެވެ. ދެލޮލުން ފޭދިގެން ފޭބި ކަރުނަތިކި ފޮހެލީ އާމިރަށް ބަލަން އިނދެގެންނެވެ. އަދި ދެން މަޑު މަޑުން އާމިރާ ގާތްވެލުމަށްފަހު އާމިރުގެ ކޮނޑުގައި ބޯއަލާއިލިއެވެ.

ދުއްވަމުން ދިޔަ ކާރު ހުޅުމާލޭ ފިތުރޯނު މަގުގެ އެއްފަރާތުގައި މަޑުކޮށްލުމަށްފަހު ރައިހާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. މަޑުމަޑުން ބޮލުގައި ފިރުމަމުން އާމިރު ވާހަކަ ދެއްކީ ހަމަ އެކަނި ރައިހާއަށް އިވޭ ވަރަށެވެ.

“މިއީ އަހަރެން މުޅިއުމުރަށް ވާ ވައުދެއް! އަހަރެމެން ދެމީހުންކުރެ ކޮންމެވެސް އެކަކު މަރުވަންދެން އެކުގައި ވުމަށް ކުރާ ހުވައެއް! އަހަރެން އެއްވެސް ޙާލަތެއްގައި ރައި ދޫކޮށެއް ނުލާނަން! އަހަންނަށް ޔަގީން ރައިވެސް އަހަރެން ދޫކޮށްފައި ނުދާނެކަން! ރައިއަށް އުފާވެރިކަމާ ލޯތްބާ އަޅާލުމާ ހުރިހާއެއްޗެއް ރައި ހިތް ފުރޭ ވަރަށް ދޭނަން! އަހަރެންގެ މި ހުވާގެ މަތީގައި މަރުވަންދެން ވެސް ހުންނާނަން!”

ރައިހާ ނޭފަތް ޖައްސައިލީ އާމިރުގެ ކަނދުރާގައެވެ.

“ފެށޭ ހަފުތާގައި ވަރި ސާބިތުކުރަން ލާނަން! އަހަރެން ބޭނުމީ މިހާރުވެސް ތި ދެއަތުގެ ޙިމާޔަތް! އާމިރުގެ އަނތްބަކަށް ވުމުގެ ފުރުސަތު އާމިރު އަހަންނަށް ދީގެން އެކަމާ ހިތާމަކުރާނެ ދުވަހެއް އަހަރެން އާމިރަކަށް ނުދައްކާނަން! މިއީ އަހަރެންވެސް އުމުރަށް ވާވައުދެއް!”

ރައިހާގެ ބުނި ކޮންމެ ލަފުޒަކީ އާމިރަށްޓަކައި މިލިއަންޑޮލަރުގެ ލަފުޒެކެވެ. އާމިރުގެ ހިތް ފުރިގެން އައެވެ. އުފަލުންނެވެ.  ރައިހާގެ ބުރަކަށީގައި އިނގިލިތައް ހިންގާލަމުން އާމިރު ރައިހާއަށް ދެއްކީ ހަނދުމަހެއްގެ ފަނަރަ ވިލޭރޭގެ ހިތްގައިމު ހަނދެވެ.

“އަހަރެމެންގެ ވަޢުދާ ހުވާގެ އަޑު އަހަމުން އެހެރަ ހަނދު ހެކިވެއްޖެ!”

އާމިރުގެ އަޑު އިވުމުން ރައިހާ ބަލައިލީ އެނބުރިލާފައި ހަނދަށެވެ. ދެން ވަރަށް ގާތުން އާމިރުގެ މޫނަށެވެ. އަދި ދެން ދެލޮލުން އެ ނަޒަރު ތިރިވެ އާމިރުގެ ދެ ތުންފަތަށެވެ. އާމިރުގެ މޫނާ ކައިރިވަމުން ދިޔަ، ރައިހާގެ ފަރާތުން މިހާތަނަށް ލިބިފައި ނުވާ އެ ފޮނި ހަދިޔާ އާމިރު ލިބިގަތީ ނިހާޔަށް ބޭނުންވެފައި  އިސްނަގަން ނުކެރި ހުއްޓައެވެ.

ނިމުނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !