ފުރަތަމަ ބައި
ސިޓިންގރޫމުގެ މޭޒުމަތީ ބާއްވާފައި އޮތް ތަޅުދަނޑި ނަގައިގެން ބޭރަށް ނިކުތް ޙަމްދާން މޫނު ހިއްލާލައި ބަލައިލީ އުޑުމައްޗަށެވެ. އެކި ހިސާބުން ވިއްސާރަ ވިލާ ފެންނަން ހުއްޓަސް އެހާ އަވަހަށް ވެހިގަންނާނެ ހެނެއް ހިއެއް ނުވެއެވެ. އަތުގައި އޮތް ޖީއެން ސައިކަލުގެ ތަޅުދަނޑި ދެއަތަކަށް އަނބުރަމުން ޙަމްދާން ދެން ހިނގައިގަތީ ސައިކަލާ ދިމާއަށެވެ. ތުނބުން ރީތި ރާގެއް ފުމެމުންނެވެ.
ގޯތިތެރެއިން ސައިކަލު ނެރެ ދާންވީ ކޮޅަށް ސައިކަލު އަނބުރާ ލެވުނުއިރު ފަހަތުން މީހަކު ގޮވައިލިހެން ހީވިއެވެ. އެހެންނަމަވެސް ފަހަތަށް އެނބުރޭކަށް ޙަމްދާން މިވަގުތު ބޭނުމެއްނުވިއެވެ. އެހެންކަމުން ސައިކަލް ދުއްވައިލީއެވެ.
ޙަމްދާންއަކީ ރަށު ސްކޫލުގައި އިނގިރޭސި ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ޝީލާ ވެސް ވަޒީފާ އަދާކުރަނީ ހަމަ އެ ސްކޫލްގައެވެ. ޝީލާ އަކީ ހިސާބު ޓީޗަރެކެވެ. ޝީލާއާ ޙަމްދާން ކައިވެނި ކުރީ ރައްޓެހިވެގެން ދެތިންމަހެއްހާ ދުވަހު އުޅުމަށްފަހުއެވެ. އެއް ތަނެއްގައި ދެމީހުން ވަޒީފާ އަދާކުރާތީ ޖެހޭ ކޫސަނި މައްސަލަ ތަކަށްވުރެ ލިބޭ ފަސޭހަ މާބޮޑެވެ.
ޝަކީލް އަކީ ތޫބާގެ ފިރިމީހާއެވެ. ޝަކީލް މަސައްކަތް ކުރަނީ ރަށުގެ އިންޖީނުގޭގައެވެ. ތޫބާ އަކީ ނަރުހެކެވެ. ތޫބާ އެއީ ޝަކީލްގެ އަލަތު އަނތްބެއް ނޫނެވެ. ދަރިފުޅުގެ ދޮންމަންމައެވެ.
ޝަކީލްމެން އުޅޭ ގޭގެ ދޮރުމަތިން އެއްފަރާތުގައި ސައިކަލް ޕާކުކުރުމަށްފަހު ތަޅުދަނޑިއަތަށް ނަގަމުން އެ ގެއާ ދިމާއަށް ޙަމްދާން ބަލައިލިއެވެ. ތޫބާގެ ސައިކަލް ގޯތި ތެރޭ ހުއްޓާ ފެނުމުން ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ކީއްވެކަމެއް ނޭނގުނެވެ. މޫނުމައްޗަށް އައީ ލުއި ހިނިތުންވުމެކެވެ. އިޚުތިޔާރަކު ނޫނެވެ.
އެތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު ގޯތި ތެރެ ކުނި ކަހަން ތޫބާ ހުއްޓާ ޙަމްދާންއަށް ފެނިއްޖެއެވެ.
“ރަނގަޅަށް ވެއްޖިއްޔާ ދަންވަރު ޑިއުޓީ ނިންމާފަ އައިސް އަދި ނުނިދާ އެ އުޅެނީ!”
ޙަމްދާންއަށް ތޫބާގެ މިފަދަ ރަނގަޅު ކިތަންމެ ސިފައެއް ފާހަގަ ކުރެވެއެވެ.
ސަލާމް ގޮވައިލުމަށްފަހު ސިޓިންގރޫމު ދޮރުން އެތެރެއަށް ވަން ޙަމްދާންގެ ސަލާމުގެ ޖަވާބު ބަލައިގަތީ ނުވަ އަހަރުގެ ކިއާރާއެވެ.
ޙަމްދާން ފެނުމުން ކިއާރާ ގޮސް އިށީނީ އެހެން ދުވަސް ދުވަހެކޭ ވެސް އެއްގޮތަށް ޓިއުޝަން ނަގަން އިންނަ މޭޒުކައިރީ ހުންނަ ކިއާރާއަށް ޚާއްސަ ގޮނޑީގައެވެ. ކިއާރާ ހުރީ ސަރ ގެ އިންތިޒާރުގައި ކަހަލައެވެ.
ކިއާރާއަކީ ޝަކީލް ކުރިން މަސައްކަތް ކުރި އަތޮޅުގެ ރަށެއްގެ އަންހެނަކާ އިނދެގެން ލިބުނު ކުއްޖެކެވެ. ކިއާރާގެ އުމުރުން ހަތް އަހަރުވަންދެން އުޅުނީ ކިއާރާގެ މަންމަ ގާތު އެ ރަށުގައެވެ. އެހެންނަމަވެސް ކިއާރާގެ މަންމަ އެހެން މީހަކާ އިނުމުން ޝަކީލް ބޭނުންވީ ކިއާރާ ޝަކީލް ގާތަށް ގެނައުމަށެވެ. އެންމެ ބޮޑު އެއްސަބަބަކީ ދޮންބައްޕައަކާ އެކު ދިރިއުޅެން ކިއާރާ ދޫކޮށް ނުލުމެވެ. އަނެއް ސަބަބަކީ ކިއާރާގެ މަންމަ ގާތު ހުރެގެން އެރަށުން ކިއެވޭ ވަރަށްވުރެ ރަނގަޅު ގިނަ ފުރުސަތުތަކެއް މި ރަށުން ލިބެން ހުރުމެވެ.
ތޫބާ އަކީ ޝަކީލް ދެ އަނތްބަށް އިން ކުއްޖެކެވެ. ކައިވެންޏާ ހަމައަށް އައި އިރުވެސް ޝަކީލްއަކީ މީހެއްގެ ފިރިއެއްކަމެއް ތޫބާއަކަށް ނޭނގެއެވެ. އެނގުނު އިރު ތޫބާއަށް ހުރެވުނީ ޝަކީލްއާ ވަކި ނުވެވޭވަރަށް ޝަކީލް ދެކެ ލޯބި ވެވިފައެވެ.
ދެ އަނތްބަށް އިންނަން ކިތަންމެ ބޭނުން ނުވިއަސް ތޫބާގެ ސަބަބުން ކިއާރާގެ މަންމައަށް ނިކަމެތިކަމެއް ދޭކަށް ތޫބާ ބޭނުމެއް ނުވިއެވެ. ދެއަނތްބަށް އިންނަން އެއްބަސްވީ ވެސް އެހެންވެއެވެ. ތޫބާ ގަބޫލުކުރާ ގޮތުގައި އެކަކަށް ދެރައެއް، ހިތާމައެއް ދީފައި އަނެކަކަށް އުފަލެއް، ހަމަ ޖެހުމެއް ނުލިބޭނެއެވެ. ތޫބާގެ ސަބަބުން ތޫބާ ކަހަލަ އަންހެނެއްގެ ހިތުގައި ވޭން އަޅާކަށް ތޫބާ ނޭނދެއެވެ.
ޝަކީލް ކިއާރާގެ މަންމަ ވަރިކުރީ ތޫބާއަށް ނުވެސް އެނގިއެވެ. ތޫބާއަށް އެނގުނު ހިސާބުން އެ ވާހަކަ ދެއްކުމުން ޝަކީލްގެ ޖަވާބަކީ އެ ގޮތަށް އެކަން ކުރީ ހުރިހާ ފަރާތަކަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ވާތީ ކަމަށެވެ.
ގޯތި ތެރެއިން ކުނި ނަގާ ނިމިގެން ތޫބާ ޖިންސްގެ ޖީބުން ފޯނު ނަގައި ގަޑި ބަލައިލިއެވެ. ދެން ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އިރުކޮޅަކުން ފެނުނީ ޗޮކުލެޓްކުލައިގެ މަގަކަށް ކޮފީ ހަދައިގެން ހިފައިގެން ނިކުތްތަނެވެ.
ކޮފީތަށި ހިފައިގެން އައިސް ޙަމްދާންގެ ކުރިމަތީ ބެހެއްޓި އިރުވެސް ހަމްދާން އިނީ ކިއާރާއަށް ފިލާވަޅު ހެދުމުގައި އެހީތެރިވެދޭށެވެ. އެހެންނަމަވެސް ކޮފީގެ ހިތްގައިމު މީރުވަސް ނޭފަތުގައި ޖެހުމުން ޙަމްދާން ބަލައިލީ ކޮފީތަށީގައި ތޫބާ ހިފަހައްޓައިގެން ހުރި އަތަށެވެ. ބޭނުންވީ ތޫބާގެ މޫނަށް ބަލާލާށެވެ. އެހެންނަމަވެސް އެއީ ޙަމްދާން ނުކުރާނެ ކަމެކެވެ.
”ތޭންކްސް!”
ޙަމްދާންގެ އަޑު އިވުމުން ހިނގާލަފަ ގޮސް ގޮސް ހުރި ތޫބާ އެނބުރި ބަލައިލިއެވެ. އެހެންނަމަވެސް ތޫބާއަށް ފެނުނީ މަސައްކަތާ މަޝްޣޫލުވެގެން އިން ޙަމްދާންއެވެ.
ކިއާރާއަށް ޓިއުޝަންދޭން އެގެއަށް ޙަމްދާން އަންނަ ކޮންމެ ދުވަހަކު ވެސް އެ ކޮފީ ތަށި ޙަމްދާންއަށް ލިބެއެވެ. ހީވަނީ އެ ކޮފީތައްޓަކީ ތޫބާ ކޮންމެހެން ވެސް ޙަމްދާންއަށް ދޭން ޖެހޭ އެއްޗެއް ހެންނެވެ. ނުވަތަ އެއީ ތޫބާ ކުރާހިތުން އާދަކޮށް އަދާކޮށްދޭ ޚިދުމަތެއް ހެންނެވެ.
“މިއަދު ޑިއުޓީއަށް ނުދާ ދުވަހަކީތަ!”
ތޫބާ ބަލައިލިކަން އެނގުމުން ހަމްދާން ކުރީ ޢާންމުކޮށް ވެސް ޙަމްދާން ކޮށް އުޅޭ ސުވާލެވެ.
“ނޫނޭ!……… އިއްޔެ އިރާކޮޅު އޮތީ! މިއަދު އޮފް”
ހުއްޓިލާފަ ކުޑަކޮށް ހީނލަމުން ތޫބާ ޖަވާބު ދިނެވެ. މިފަހަރު ތޫބާއާ ދިމާއަށް ބަލާނުލައެއް ޙަމްދާނަކަށް ނީނދެވުނެވެ.
ހީނލާއިރު ތޫބާގެ ދެ ތުންފަތަށް އަންނަ ތަފާތުކަމަކީ ޙަމްދާންއަށް ހަނދާން ނައްތާލެވޭ ހިތްގައިމު ކަމެއް ނޫނެވެ.
“ކޮބާ ޝަކީލް! ހޭނުލަނީތަ!”
ޢާންމުކޮށް ވެސް ޝަކީލް އޮންނާނީ ހަފުތާ ބަންދުގައި މިގަޑީގައި ނިދަންކަން ޙަމްދާންއަށް އެނގެއެވެ. އެހެންނަމަވެސް ތޫބާއާ ކޮންމެވެސް ވާހަކައެއް ދައްކަން ހިތް އެދޭތީ އެ ގޮތަށް ސުވާލުކުރީއެވެ.
” އަދި ނުތެދުވޭ!”
ފިރިމީހާ ދިފާޢު ކުރާ ރާގުގައި ޖަވާބު ދިނުމަށްފަހު ތޫބާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
ހަފުތާ ބަންދުގައި ވެސް ގޭތެރޭގެ އެއްވެސްކަމެއް ކުރުމުގެ ޝައުގެއް ޝަކީލްގެ ނުހުރެއެވެ. އިރާކޮޅުގެ ޑިއުޓީ ނިންމާފައި ގެއަށް އައިސް ތޫބާއަށް ނިދޭއިރު ހުންނަނީ އެކެއް ޖަހަން ކައިރިވެފައެވެ. އެހެންނަމަވެސް ފަތިހު ފަތިހާ ތެދުވެ ގޭތެރޭގެ ހުރިހާކަމެއް ތޫބާ ކުރެއެވެ. އަންހެނުން ކުރާ ކަންތަކާ ފިރިހެނުން ކުރާ ކަންތަކެވެ. ތޫބާ ބަލަނީ ވީހާވެސް މަސްލަހަތު ހަމަ ޖެހޭ ގޮތަށް ހުރިހާކަމެއް ވެސް ކޮށް ނިންމާލެވޭތޯއެވެ. ދެމީހުން ޒުވާބުކޮށް ރުޅި އިސްކޮށް ހެދުމަކީ ތޫބާއަށް ވަރަށް އުނދަނގޫ ކަމެކެވެ. އެއް ވާހަކައެއް ދެފަހަރަކު ބުނަން ޖެހުމަކީ ތޫބާއަށް ވަރަށް ނުވާ ކަމެކެވެ. ދެވަނަ ފަހަރަކު ބުނުމަށްވުރެ އެކަމެއް އަމިއްލައިން ކޮށް ނިންމާލުން ތޫބާއަށް މާ ފަސޭހައެވެ. ޝަކީލްއަށް އެންމެ ކަމުދަނީ ތޫބާގެ މި ފަދަ ސިފަތަކެވެ. ތޫބާއަކީ އެކުގައި ދިރިއުޅެން ވަރަށް ފަސޭހަވާނެ އަންހެނެކެވެ.
ޙަމްދާން އިނީ ތޫބާ ނިކުމެގެން ދިޔަ ދޮރަށް ބަލަހައްޓައިގެންނެވެ. އެހާ ބުރަކޮށް އުޅެމުން ވެސް ހެނދުނު ހެނދުނާ ތެދުވެ ގޭތެރޭގެ މަސައްކަތް ކުރާތީ ޙަމްދާންއަށް އަބަދުވެސް ޝީލާއާ ތޫބާ އަޅާކިޔެއެވެ. ހުކުރު ދުވަހަށް ވިޔަސް އަދިވެސް ޝީލާ އޮންނާނީ އެނދުގައެވެ. އެނދުން ހިއްލާލާނީ ދެ ގެއެއްގެ ޓިއުޝަން ނިންމާފަ ގެއަށް ގޮސް ޙަމްދާން ގޮވަން ފެށީމައެވެ.
ބަދިގޭގެ މަސައްކަތުގައި ޝީލާ އެކޭ އެއްވަރަކަށް ނޫނަސް ޙަމްދާން ވެސް އެހީތެރިވެދެއެވެ. އިނދެގެން މި ހޭދަވި ދެއަހަރުތެރޭ ދެމީހުންގެ ދެމެދު އެތައް މައްސަލައެއް ޖެހުނަސް ޙަމްދާންއަކީ މައްސަލަ ބޮޑުކުރާ މީހަކަށް ނުވާތީ އަދި އިނދެގެން އުޅެވެނީއެވެ.
ޝީލާގެ ހުރިހާވެސް އެއްޗަކީ ވަޒީފާއެވެ. ސްކޫލްގެ ކަމެއް ވެއްޖިއްޔާ ކޮންމެ ޙާލެއްގައި ވެސް ޝީލާ އެކަމެއް ނިންމާނެއެވެ. ވަރަށް ފުރިހަމައަށެވެ. ދަރިއަކު ލިބުނީމާ ކިހާވަރަކުން ދާނެބާއޭ ޙަމްދާން ހިތަށް އަރައެވެ. އެހެންވިޔަސް ޝީލާ ދެކެ ޙަމްދާން ލޯބި ވެއެވެ. އެއީ ޙަމްދާންގެ އަލަތު ލޯތްބެވެ.
ޓިއުޝަން ގަޑި ނިމުމުން ޙަމްދާން ނިކުމެގެން ދާން ހިނގައިގަތެވެ. އެހެންނަމަވެސް ވަކި މަޤުސަދެއް ނެތި ހުއްޓިލާފައި ބަދިގެއާ ދިމާއަށް ބަލައިލެވުނެވެ.
ޙަމްދާން ތެދުވެގެން ހިނގައިގަތުމުން ޙަމްދާންގެ ޙަރަކާތްތަކަށް ބަލަން ހުރި ތޫބާ ދޮރުފަތާ ނިވައިވެލިއެވެ. ފަހަތަށް އެނބުރި ނަޒަރު ހިންގައިލި ޙަމްދާންގެ ލޮލުގައި ތޫބާ އަޅައި ނުގަތެވެ. މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް ގެންނަމުން ޙަމްދާން ހިނގައިގަތީ ސައިކަލާ ދިމާއަށެވެ. އެ މަންޒަރު މާރީއްޗަށް ވެސް ތޫބާއަށް ފެނުނެވެ.
އެއްބަޔަކު ދިރިއުޅުން ތަނަވަސް ކުރަން ބުރަ މަސައްކަތް ކުރާއިރު އަނެއްބަޔަކަށް އެއީ މުހިންމު ކަމަކަށް ނުވެއެވެ. ނުވަތަ ލިބޭ އެއްޗަކީ އެންމެ ރަނގަޅު މިންވަރު ކަމަށް ނިންމައި އިތުރު އެއްޗެއް ހޯދާހާ ހިތްވަރު ނުހުންނަނީއެވެ. ނުވަތަ އެއަށްވުރެ ކަންނެތީއެވެ.
ދުވަސްތައް މާޒީވަމުން ދެއެވެ. ހަމްދާންއާ ތޫބާގެ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ބަދަލުވަމުން ދިޔަ ކަމެއް ދިޔައީ ދެމީހުން ކުރެ އެކަކަށް ވެސް ނޭނގިއެވެ.
ކިއާރާއަށް ޓިއުޝަން ދޭން ދާ ދުވަސްތައް ޙަމްދާން އިތުރު ކުރިއެވެ. ނަތިޖާއެއްގެ ގޮތުން ކިއާރާގެ ފެންވަރު ވެސް އައީ ރަނގަޅު ވަމުންނެވެ. ޝަކީލް ހުންނަނީ ދަރިފުޅަށް ލިބެމުން އައި ކުރިއެރުން ފެނި އުފާވެފައެވެ. ޙަމްދާން ކުރިއަށްވުރެ ގިނައިން ފެނުމުގެ ނަސީބު ލިބޭތީ ތޫބާ ހުންނަނީ އެއަށްވުރެ އުފާވެފައެވެ. ޑިއުޓީ އޮންނަ ގޮތަކުން ޙަމްދާންއަށް ކޮފީތަށި ދޭން ނުހުރެވިއްޖެއްޔާ ތޫބާ މުޅި ދުވަހު ހުންނަނީ މޫޑު ގޯސް ވެފައެވެ. ޙަމްދާންއަށް ތޫބާ ދޭ ކޮފީތަށި ނުލިބެންޏާ ޙަމްދާންއަށް މުޅި ދުވަހުން ބައެއް އުނި ވާކަމުގެ އިހުސާސް ކުރެވެއެވެ.
ސިޔާސީ ގޮތުން ގައުމަށް އައި ބަދަލާއެކު ޝަކީލްގެ ވަޒީފާ އެހެން އަތޮޅަކަށް ބަދަލުވިއެވެ. އެކަމާ ޝަކީލް ވަރަށް ކަންބޮޑުވިއެވެ. ތޫބާވެސް ވަރަށް ކަންބޮޑުވިއެވެ. ފިރިމީހާއާ ވަކިން ދިރިއުޅެން އާދަވެފައި ނުވާ ތޫބާއަށް އެކަންވީ ވަރަށް އުދަނގޫ ކަމަކަށެވެ. އަނެއްކޮޅުން ކިއާރާގެ ކަންތައް ބަލަހައްޓަމުން ރޭގަނޑާ ދުވާލު ޑިއުޓީ އަދާކުރުން ވީ ވަރަށް ކަންބޮޑުވާން ޖެހުނު ކަމަކަށެވެ. ގޭގައި އިތުރު މީހަކު ވެސް ނުހުންނާތީއެވެ.
މި ހުރިހާ ކަމަކަށްވުރެން ބޮޑަށް ޝަކީލް ފުރައިގެން ގޮސް ވީ މަދު ދުވަސްކޮޅަކަށް ވިޔަސް ތޫބާ ކަންބޮޑުވި އެހެންކަމެއް ވެސް އޮތެވެ.
ޝަކީލް ފުރިފަހުން ޙަމްދާން ޓިއުޝަން ދޭން އެގެއަށް އައި ދުވަހެކެވެ. ތޫބާ ހުރީ އެ ގަޑިއަކަށް އިންތިޒާރު ކޮށްކޮށެވެ.
“އަހަރެމެންނަށް ވާހަކަ ދައްކާލެވިދާނެތަ!…. މުހިންމު ވާހަކައެއް ބުނަންވެފަ …….!”
ޖުމުލަ ފުރިހަމަ ނުކޮށް ތޫބާ ހުއްޓައިލިއެވެ. އާދައިގެ މަތިން ޙަމްދާންއަށް ތައްޔާރުކުރި ކޮފީތަށި ގެނެސް މޭޒުމަތީ ބެހެއްޓުމަށްފަހު ތޫބާ ހިނގައިގަތުމުގެ ކުރިން ހަމްދާން ބޯޖައިލިތަން ތޫބާއަށް ފެނުނެވެ.
ޙަމްދާން ތޫބާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޙަމްދާންގެ އެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުރުން އެއީ ތޫބާއަށް ކުޅަދާނަކަމެއް ނޫނެވެ. އެހެންކަމުން އިސްޖަހައިލަމުން ތޫބާ ހިނގައިގަތީ ދުރަށެވެ. އެހެންނަމަވެސް އަޅަން މިއުޅޭ ފިޔަވަޅާ މެދު ވިސްނާލަން ތޫބާ އަށް އިށީނދެވުނީ ސިޓިން ރޫމުގެ ސޯފާގައެވެ. އެތާ އިންނައިރު ޙަމްދާންގެ ކޮންމެ ޙަރަކާތެއް ތޫބާއަށް ރީތިކޮށް ފެނެއެވެ.
ޓިއުޝަންގަޑި ނިމުމުން ޙަމްދާން އެނބުރި ބަލައިލީ ތޫބާއަށެވެ. އޭރު ތޫބާއަށް އިނދެވުނީ ސޯފާގެ އަތްގަނޑުގައި ބޯއަޅައިގެން ނިދިފައެވެ.
ޙަމްދާން ނިކަން ރަނގަޅަށް ތޫބާއަށް ބަލައިލިއެވެ. ޔަގީނުން ވެސް ތޫބާއަށް ލިބިފައވާ ކަހަލަ ރީތި ހަށިގަނޑެއް ލިބިފައިވާ އެހެން މީހަކު ޙަމްދާންގެ ލޮލުގައި މިހާތަނަށް އަޅައގެންފައެއް ނުވެއެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ތޫބާގެ ބަރުދަން ހުންނާނީ ސާޅީސް ފަހަކާ ސާޅީސް އަށަކާ ދެމެދުގެ މިންވަރަކަށެވެ. ގޭގައި ހުރި ހުރިހާ މަސައްކަތެއް ކުރާއިރު ވެސް އަތްތިލާގެ އިނގިލިތައް ފެންނަނީ ނިޔަފަތިތަކާއެކު ސާފުތާހިރުކޮށެވެ. އެއިން އެނގެނީ ތޫބާ ހަށިގަނޑަށް ފަރުވާ ބަހައްޓާ މިންވަރެވެ.
(ނުނިމޭ)
ޚިޔާލުތައް