ދެވަނަ ބައި
ޔަގީނުންވެސް ތޫބާއަށް ލިބިފައވާ ކަހަލަ ރީތި ހަށިގަނޑެއް ލިބިފައިވާ އެހެން މީހަކު ޙަމްދާންގެ ލޮލުގައި މިހާތަނަށް އަޅައގެންފައެއް ނުވެއެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ތޫބާގެ ބަރުދަން ހުންނާނީ ސާޅީސް ފަހަކާ ސާޅީސް އަށަކާ ދެމެދުގެ މިންވަރަކަށެވެ. ގޭގައި ހުރި ހުރިހާ މަސައްކަތެއް ކުރާއިރު ވެސް އަތްތިލާގެ އިނގިލިތައް ފެންނަނީ ނިޔަފަތިތަކާއެކު ސާފުތާހިރުކޮށެވެ. އެއިން އެނގެނީ ތޫބާ ހަށިގަނޑަށް ފަރުވާ ބަހައްޓާ މިންވަރެވެ.
ބަލާ ބެލުމަށް އެ ދޮން ދެއަތްތިލާގައި އެއްވެސް ކުރަކި ކަމެއް ނެތެވެ. ތޫބާގެ މޫނަށް ބަލަން އިން ޙަމްދާންގެ ނަޒަރު އެއަށްވުރެ ތިރިއަށް ދަތުރުކުރަން ފެށުމުން މަޑުމަޑުން މޫނު އަނބުރައިލީ ދުރަށެވެ.
މޭޒުގެ އެއްފަރާތުގައި ބަހައްޓަފއި ހުރި ފޮތް ހަރުގަނޑުގައި ކިޔަވަން ގެންގުޅުނު ފޮތްތައް ބަހައްޓަން ހުރި ކިއާރާއަށް ޙަމްދާން ބަލައިލިއެވެ.
“ކިއާ، މަންމައަށް ގޮވާލަބަލަ!”
ޙަމްދާން ބޭނުންވީ ކިއާރާ ލައްވާ ތޫބާއަށް ގޮވުމަށެވެ. ގަސްދުގައި ތޫބާ އެތާ އިނދެގެން ނުނިދާނެކަން ޙަމްދާންއަށް އެނގެއެވެ. ކިއަރާ ގޮސް ތޫބާއަށް ގޮވަން ފެށުމުން އަނެއްކާ ވެސް ޙަމްދާން އެނބުރުނީ ތޫބާއަށް ފުރަގަސްދީގެން ކުރިން އިންގޮތަށެވެ.
“ކިއާ ދޭބަލަ ކޮޓަރިއަށް!”
ތޫބާގެ އަޑު އިވުމުން މޭޒުމަތީ އޮތް ގަލަން ނަގާ ޖީބުގައި ޖަހަމުން ޙަމްދާން ތެދުވެ ތޫބާއަށް ބަލައިލިއެވެ. ދެލޮލާ މޫނު ފޮހެލަމުން ތޫބާ ވާހަކަ ދެއްކީ ކިއާރާއާއެވެ. އެ ވަގުތު ކިއާރާގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ތޫބާ ވެސް ޙަމްދާންއާ ދިމާއަށް އެނބުރި ބަލައިލަނީއެވެ. ތޫބާގެ ނަޒަރު ހަމްދާންއާ ދިމާއަށް ހުރިކަން އެނގުމުން ކަނާތް ޖިންސްގެ ޖީބަށް ކޮއްޕާލަމުން ޙަމްދާން ކޮނޑުއަރުވައިލިއެވެ. އެއީ ޙަމްދާން ކުރި ސުވާލެކެވެ.
“އަހަރެން ބުނީ….. ކުޑަ ކަމަކާ ޑިސްކަސް ކޮށްލަން ބޭނުމޭ!”
ވަރަށް އުދަނގުލުން ތޫބާ ބޭނުން ވެގެން އުޅޭކަމުގެ ވާހަކަ ބުނެލިއެވެ. ޙަމްދާންއަށް ހުރެވުނީ ތޫބާގެ ލޮލަށް ބަލަހައްޓައިގެންނެވެ.
“ހިނގާ ޑިސްކަސް ކޮށްލަމާ! ….. ކަމެއް ގޯސްވީތަ އަނެއްކާ!”
ވާހަކަ ދައްކަމުން ހަމްދާން ދިޔައީ ކުރިއަށެވެ. ކުޑަކޮށް ހީނލަމުންނެވެ. އެންމެފަހުން ތޫބާ ފަސްދީ ގޮސް އިށީނީ ތޫބާ ކުރިން އިށީނދެ އިން ސޯފާއާ ޖެހިގެން ހުރި ސޯފާގައެވެ.
ހަމްދާން އިށީނުމުން ތޫބާ ވެސް ހަމްދާންއާ ކުރިމަތިވާގޮތަށް އެނބުރި ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ވިސްނަން ފެށިއެވެ.
“ޝަކީލް ކިހިނެތްތަ އެކޮޅުގައި! ވަރަށް ބިޒީ ވާނެ ދޯ!”
ތޫބާ އަކީ ބަސްމަދު ކުއްޖެކެވެ. މި ގޮތަށް ޙަމްދާންއާ ވާހަކަ ދައްކަން ދުވަހަކުވެސް ތޫބާ އުޅެފައެއް ވެސް ނެތެވެ. އެހެންކަމުން ތޫބާއަށް ބުނަން ޖެހިފައި އޮތީ ކިތަންމެ މުހިންމު ވާހަކައަކަށް ވިޔަސް އެ ވާހަކައެއް ބުނަން ތޫބާއަށް ކިހާ އުދަނގޫ ވާނެކަން ޙަމްދާންއަށް އެނގެއެވެ.
ޙަމްދާން ވާހަކަ ދެއްކުމުން ވެސް ތޫބާ އިނީ ވާހަކަ ދައްކަން ނުކުޅެދިފައެވެ. ތޫބާގެ އަޑެއް ނީވުމުން ދުރަށް ބަލަހައްޓައިގެން އިން ހަމްދާން ތޫބާއަށް ބަލައިލިއެވެ. ޙަމްދާންއަށް ފެނުނީ ހީވެސް ނުކުރާ މަންޒަރެކެވެ. ތޫބާގެ ދެލޮލުން މަޑުމަޑުން ފޭދިގެން ވެއްޓުނު ކަރުނަތިކި ހެކި ދިނީ ތޫބާ އެއިނީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ކަމެވެ. އެހެން ނޫންނަމަކަ ތޫބާގެ ފަރާތުން މި ފަދަ މަންޒަރެއް އެހެން މީހަކަށް ނުފެނުނީހެވެ.
“ތޫބާ!”
ހަމްދާންއަށް ގޮވައިލެވުނީ ތޫބާގެ ނަމުންނެވެ. ވީ ކީއްހޭ އަހާލާފަދަ ގޮތަކަށެވެ. އެ އަޑުގައިވަނީ އޯގާތެރިކަމެވެ. ދެންވެސް ޖަވާބު ދެވޭހާ ހިތްވަރެއް ތޫބާގެ ނެތީކަންނޭނގެއެވެ. ޖަވާބެއް ނުލިބުނެވެ. ޙަމްދާން އިންތަނުން ކުޑަކޮށް ކުރިއަށް ޖެހިލާ ހިފީ ތޫބާގެ އަތްތިލާގައެވެ. އެއީ ޙާލަތު ނިޔާ ކުރިގޮތުން ޙަމްދާންއަށް ގެނެވުނު ހަރަކާތެކެވެ.
“ޝަކީލް ބޭނުމޯ ދެއަނތްބަށް މީހަކާ އިންނަން!”
ޙަމްދާން ހިފެހެއްޓި އަތް ދަމައިގަންނަމުން ތޫބާ ޖަވާބު ދިނެވެ. ލިބުނު ހައިރާންކަމުގައި އެއްޗެއް ނުބުނެވި ޙަމްދާންއަށް އިރުކޮޅަކު އިދެވުނެވެ.
“އަނެއްކާ! މިފަހަރު ކޮންތާކުން މީހަކު ހޯދައިގެން! ”
ޙަމްދާންގެ އަޑުގައި ޙައިރާންކަން އެކުލެވިފައި ވިޔަސް ބޮޑަށް އައީ ރުޅިއެވެ.
ދެން ވެސް ތޫބާ ޚިޔާރު ކުރީ ހިމޭންކަމެވެ. ހަމްދާން ވެސް ތޫބާއަށް ވަގުތު ދީގެން އިނެވެ.
“ނާހަން އިތުރަށް އެއްވެސް އެއްޗެއް! އަހަރެން ބޭނުންވަނީ …… ކޮންމެވެސް މީހެއްގެ އައިޑިއާ! އަހަންނަކަށް ނޭނގެ އަހަރެން ހަދާނެ ގޮތެއް!”
އިސްޖަހާލައިގެން އިނދެ ތޫބާ މަޑު މަޑުން އިއްވިއެވެ.
“ވަގުތަކީ އެންމެ އެކަށޭނަ ފަރުވާ! އަހަންނަށް ފެންނަނީ …..”
ޙަމްދާން ވާހަކަ ދައްކަން ފެށުމުން ތޫބާ އިސްއުފުލައި ބަލައިލީ ޙަމްދާންގެ މޫނަށެވެ. އެހިސާބުން ޙަމްދާންއަށް ވާހަކަ ދައްކަން އުނދަނގޫ ވިއެވެ.
“އަދި ވަކި ގޮތެއް ނުނިންމާ މަޑުކޮށްލަން! ފަހަރެއްގައި ޝަކީލްގެ ޚިޔާލު ބަދަލު ވެސް ވެދާނެއެންނު!”
އެކަކުވެސް އަނގައިން ނުބުނެ ތިބުމަށްފަހު އިވުނީ ޙަމްދާން ބުނަން ފެށި ވާހަކަ ބުނެ ނިންމިއަޑެވެ.
ތޫބާ ގޮތް ނިންމާނީ ޙަމްދާންގެ ޚިޔާލާ އެއްގޮތަކަށް ކަމެއް ޙަމްދާންއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެނގޭ ކަމަކީ ތޫބާ އެދުނު ގޮތަށް ޙަމްދާންއަށް ފެންނަ ގޮތް ހަމްދާން ބުނެފިކަމެވެ.
އެގެއިން ޙަމްދާން ނިކުމެގެން ދިޔައިރު ވެސް އިތުރަށް ތޫބާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޙަމްދާން ގޮސް ދޮރާ ހަމައިން އެނބުރި ބަލައިލިއިރު ފެނުނީ އެ ބޮޑު ދެލޮލުން ޙަމްދާންއަށް ބަލަން އިންތަނެވެ. އެއީ ކަރުނުން ފުރިފައިވާ ދެލޮލެކެވެ. އެދެލޮލާ ލޯ ބައްދަލުވި ހިނދު ޙަމްދާންގެ މެއަށް ބާރުވެގެން ދިއައެވެ.
ހަވީރު ވާން އުޅެނިކޮށް ތޫބާގެ މެސެޖެއް ޙަމްދާންއަށް ލިބުނެވެ. އޭގައި އޮތީ ޙަމްދާން އުންމީދުކުރިފަދަ ވާހަކައެއް ނޫނެވެ.
“މިގެއަށް ޓިއުޝަނަށް އައުން ދެން ނިމުނީ! މިމަހުގެ ފީ ޓްރާންސްފަރ ކޮށްދޭނަން!”
ތޫބާގެ މެސެޖް ހަމްދާން ކިޔައިލީ ކިތައްފަހަރު ކަމެއް ޚުދު ޙަމްދާންއަކަށް ވެސް ނޭނގެއެވެ. އަހަންވީ ކީކޭ ކަމެއް ބުނަންވީ ކީކޭ ކަމެއް ވެސް ޙަމްދާންއަކަށް ނޭނގުނެވެ. އެންމެ ފަހުން އެއްވެސް އެއްޗެއް ނޭހުނެވެ. ނުވެސް ބުނެވުނެވެ.
އޭގެ ދެ ދުވަސް ފަހުން ކިއާރާ ސްކޫލަށް ނުގޮސް ހުއްޓައިލިކަން ޙަމްދާންއަށް ނޭނގުނީ ޙަމްދާން ކިޔަވައިދޭ ގްރޭޑަކަށް އެ ގްރޭޑް ނުވާތީއެވެ.
އާދައިގެ މަތިން ދުވަސްތައް މާޒީއާ އެކުވަމުން ދުނިޔޭގެ ކަލަންޑަރުން ގަނޑުތައް އުކެމުން ދެއެވެ. ޝީލާއާއި ޙަމްދާންގެ ދިރިއުޅުން ވެސް ބިޔަ ރާޅުތައް އުފެދި ހޮޅިލަމުންދާ ކަނޑެއްގައި ދަތުރު ކުރަމުންދާ އުޅަނދެކޭ އެއްގޮތަށް ކުރިއަށް ދެއެވެ.
ސްކޫލުން ލިބުނު ކުރު ވޯކުޝޮޕެއްގައި ޙަމްދާން ފުރައިގެން މާލެ ދިޔައެވެ. އޭރުވެސް ޝީލާ ޙަމްދާންއާ އަނގައިން ނުބުނާތާ ހަފުތާއެއް ވެދާނެއެވެ. ޙަމްދާން އެންމެ ކަންބޮޑުވަނީ ދިމާވާ މައްސަލައަކީ ކޮބައިކަމާ މައްސަލަ ޙައްލު ކުރަން ކުރެވޭނެ އެއްވެސް ކަމެއް ޙަމްދާންއަށް ނޭނގޭތީއެވެ. ރަނގަޅަށް ކުރެވޭ ކަމެއް އަދި ގޯސްކޮށް ކުރެވޭކަމެއް ވެސް ބައެއްފަހަރު އޮންނަނީ ނޭނގި އޮޅިފައެވެ.
ދަރިއަކު ނުލިބެނީސް ދެމީހުން ދުރުވާން ވެސް ބައެއް ރައްޓެހިން ޙަމްދާންއަށް ލަފާ ދެއެވެ. އެހެންނަމަވެސް އިނދެ ވަރިކުރުމަކީ ޙަމްދާންއަށް ކުރަން ވަރަށް އުދަނގޫ ކަމެއްކަން ޝީލާއަށް އެނގެއެވެ.
އެއް ހަފުތާގެ ވޯކުޝޮޕު ނިމުނު އިރު ޙަމްދާންގެ ބައްޕަ ބަލިވެގެން ފުރައިގެން ރާއްޖެއިން ބޭރަށް ދާން އޮތީ ޖެހިފައެވެ.
ޙަމްދާންއަކީ މާލޭގެ ގެދޮރު ހުރި މަންމަ އެއްގެ ދެވަނަ ފިރިހެން ދަރިއެވެ. ޝީލާއާއި ޙަމްދާންއާ ދިމާވީ ކޮލެޖުގައި ޑިގްރީއަށް ކިޔެވި ދުވަސްވަރު ލަންކާއިންނެވެ. ކިޔަވައި ނިމިގެން މާލެއައިސް ޙަމްދާން ބޭނުންވީ ޝީލާއާއެކު ޝީލާގެ ރަށުގައި ވަޒީފާ އަދާކުރަން ދިއުމަށެވެ. ޙަމްދާން ޝީލާ ގާތު ނުބުނެ އޮތް ސިއްރަކީ ޙަމްދާންގެ މަންމައަކީ މާލޭގެ ރަށްވެއްސެއް ކަމެވެ. ޝީލާއަށް ހީވެފައި އޮތީ ޙަމްދާންގެ ޢާއިލާ މާލޭގައި ތިބެނީ ކުއްޔަށްކަމެވެ. ޙަމްދާންގެ އައިޑީކާޑުގައި އޮންނާނީ ބައްޕަގެ ރަށާ ގޭގެ އެޑްރެހެވެ. ޙަމްދާންގެ އަސްލު ޙަމްދާން ފޮރުވާފައި ބޭއްވީ އަލަތު ދަރިފުޅު ލިބޭ ދުވަހަކުން ސަރޕްރައިޒަކަށް ޝީލާއަށް އެކަން އެންގުމަށެވެ. އެ ދުވަހަކުން ދަރިފުޅު ގޮވައިގެން ޙަމްދާން އުޅޭނީ ޝީލާއާ އެކު މަންމަމެން ގާތު މާލޭގައެވެ. ސަބަބަކީ މާލޭގައި ދިރިއުޅުމަކީ ޝީލާގެ ހުވަފެނެއްކަން ޙަމްދާންއަށް އެނގޭތީއެވެ.
އެ ދުވަހެއް ނައިސް ޙަމްދާންއާ ޝީލާގެ ގުޅުން އެއްދުވަހުން އަނެއް ދުވަހަށް އައީ ހީނަރު ވަމުންނެވެ. ރަށަށް ދެވުމާއެކު ޙަމްދާންއަށް ކުރިން ފާހަގަ ކުރެވިފައި ނުވާ ކިތަންމެ ކަމެއް ޝީލާގެ ފަރާތުން އައީ ފެންނަމުންނެވެ. ދެރަކަމަކީ މި ގޮތަށް ތިލަވަމުން އައި އެއްވެސް ކަމަކީ ޙަމްދާންއަށް އެކަމަކާ ރުހެވުނު ކަމަކަށް ނުވި ކަމެވެ. ބައްޕަ ގޮވައިގެން ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ޙަމްދާން ޝީލާއަށް ގުޅިއެވެ. ފުރަން ޖެހުނު ވާހަކަ ބުނަން ވެގެންނެވެ. އެހެންނަމަވެސް ޝީލާ ފޯނު ނުނެގުމުން މެސެޖަކުން އެކަން އެންގިއެވެ.
ދެ ހަފުތާ ރާއްޖެއިން ބޭރުގައި ހޭދަ ކުރަން ޖެހުނު އިރު އެ ސާދަ ދުވަހުގެތެރޭ ދެފަހަރަކު ވައިބަރއިން ގުޅުމުން ޝީލާ ވާހަކަ ދެއްކިއެވެ. އެހެން ނޫނީ މަދު ފަހަރަކު ހަމްދާން ކުރާ މެސެޖަކަށް ޖަވާބު ލިޔެލައެވެ. ޙަމްދާން ވެސް މިހާރު އެކަން މާބޮޑުކަމަކަށް ނަހަދާ ވަރިހަމަ ކޮށްލައެވެ. ކަނޑު ވާ މީހާ ވެސް ކަނޑު ވުމުން ބިރު ކެނޑޭ އުސޫލުން ޙަމްދާން ވެސް މިހާރު އެ ދިރިއުޅުމަށް ހޭނިއްޖެއެވެ. އެނބުރި މާލެ އަންނަ ވާހަކައެއް ޙަމްދާން ޝީލާ ގާތަކު ނުބުނެއެވެ. ބޭނުން ކަމަކަށް މިހާރު ދެން ނުވާތީއެވެ. ޝީލާއަށް ޙަމްދާން މުހިންމު ނޫނިއްޔާ ޙަމްދާންއަށް ވެސް މިހާރު ޝީލާ މުހިންމެއް ނޫނެވެ. މި އަހަރު ނިމުމުން ޝީލާ ބޭނުމިއްޔާ ޝީލާ ދޫކޮށްލާނީއޭ ވެސް މިހާރު ޙަމްދާން ހިތަށް އަރަމުން ދިޔައެވެ.
ޙަމްދާން ޝީލާގެ ރަށަށް ދަތުރު ކުރަމުން ދިޔަ ލޯންޗު ރަށަށް ލެފީ މެންދަމު ބާރަ ޖަހަން އުޅެނިކޮށެވެ. ޙަމްދާން ހިތަށް އެރިއެވެ. ޝީލާ އޮންނާނީ މި ގަޑީގައި ނިދާފައެވެ. ގުޅިޔަސް ހިތަށް އެރި އެއްޗެއް ނޫނީ ނުބުނާނެއެވެ. އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން ހިނގާލާފައި ގެއަށް ދިއައްޔާއެވެ. އޭރުން ބޮލަށް މާ ފަސޭހަވާނެއެވެ.
މުޅިރަށް އޮތީ ނިދާ މަރުވެފައެވެ. މަގުމަތި ފެންނަނީ ހަމަހިމޭންވެފައިވާތަނެވެ. ލޯންޗުން އެރަށަށް އައި މަދު މީހަކު ނޫނީ އެ ރަށުގައި ހޭލާ ހުރި މީހަކު ހުރި ހެނެއް ހިއެއްނުވެއެވެ.
ލޯންޗުން ފައިބަމުން ދަބަސް ހުޅުވާލާފައި ނެގި ގޭގެ ތަޅުދަނޑިއާ ކޮޓަރީގެ ތަޅުދަނޑި ހިމެނޭ ތަޅުދަޑި ފަތި ލީ ޙަމްދާން ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓްގެ ޖީބަށެވެ. ގޭގެ ދޮރުމަތީ މަޑުކުރުމަށްފަހު ތަޅުދަނޑިފަތި ނަގައިގެން ސިޓިންރޫމުގެ ދޮރު ހުޅުވައިލިއެވެ. އަދި މަޑުމަޑުން ދޮރު ލައްޕާ ތަޅު ލުމަށްފަހު ގޮސް ޙަމްދާންމެންގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ތަޅުލާފައި ހުރުމުން ތަޅުދަނޑިން ދޮރު ހުޅުވައިލިއެވެ. ޙަމްދާންއަށް ލިބުނީ ޙައިރާން ކަމެކެވެ.
ކޮޓަރިއަށް ވަން ޙަމްދާން ކޮޓަރީގެ ބޮކި ޖެއްސުމުން ފެނުނީ އެމީހުން ނިދާ އެނދު ހުހަށް ހުރިތަނެވެ. ލިބުނު ޙައިރާން ކަމުގައި ދެ އުކުޅުގައި އަތް ވިއްދައިލައިގެން ޙަމްދާންއަށް ހުއްޓި ހުރެވުނީއެވެ. މި ވަގުތު ޝީލާ ވާނެތަނަކާ ބެހޭ ގޮތުން އޭނަގެ ސިކުނޑީގައި އެއްވެސް އެއްޗެއް ނެތެވެ. އެންމެފަހުން ފާޚާނާގައި އުޅެނީއޭ ހިތާ ނިކުންނާނެ އިރަކަށް ވެސް މަޑު ކުރިއެވެ. ޚަބަރެއް ހިލަމެއް ނުވެ ގިނަ އިރު ވާން ފެށުމުން ޙަމްދާން ގޮސް ފާޚާނާ ވެސް ބެލިއެވެ. ޝީލާގެ ނަމުން ގޮވަމުންނެވެ.
(ނުނިމޭ)
ޚިޔާލުތައް