ތިންވަނަ ބައި
މި ވަގުތު ޝީލާ ވާނެތަނަކާ ބެހޭ ގޮތުން އޭނަގެ ސިކުނޑީގައި އެއްވެސް އެއްޗެއް ނެތެވެ. އެންމެފަހުން ފާޚާނާގައި އުޅެނީއޭ ހިތާ ނިކުންނާނެ އިރަކަށް ވެސް މަޑު ކުރިއެވެ. ޚަބަރެއް ހިލަމެއް ނުވެ ގިނަ އިރު ވާން ފެށުމުން ޙަމްދާން ގޮސް ފާޚާނާ ވެސް ބެލިއެވެ. ޝީލާގެ ނަމުން ގޮވަމުންނެވެ.
އެނެމެފަހުން ޝީލާއަށް ގުޅަން ޙަމްދާން ނެގީ ފޯނެވެ. އެހެން ނަމަވެސް ޚިޔާލު ބަދަލު ވުމުން ފޯނު އެނދުމަތީ ބާއްވަމުން އެނދުގައި އިށީނެވެ. އަދި ދެއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތުގެ އިނގިލިތައް މަހާލެވުނެވެ. ދެ ބުމަ ގޮށް ޖަހާލެވުނެވެ.
ޝީލާ ވާނެ ތަނަކާ މެދު ފިކުރު ހިންގަން އިންދާ ކޮޓަރީގެ ބޭރުން މީހެއްގެ ހިލަން ވާހެން ހީވެގެން ޙަމްދާން ޝީލާއާ ކުރިމަތިލާން ތައްޔާރު ވިއެވެ. އަދި ޝީލާ ކޮޓަރި ހުޅުވުމުގެ ކުރިން ކޮޓަރީގެ ބޮކި ނިއްވައިލިއެވެ.
އުފަލުން ނަށަމުން ލަވަ ކިޔަމުން ކޮޓަރިގެ ދޮރުހުޅުވި ޝީލާ ފުރަތަމަ ވެސް ޖެއްސީ ކޮޓަރީގެ ލައިޓެވެ. އެއަށްފަހު ކުރިއަށް ހިނގައިގެންފައި ހުއްޓެވުނީ ދިމާ ކުރިމަތީ އެނދުގައި އިށިނދެ އިން ޙަމްދާން ފެނުމުންނެވެ.
ޙަމްދާން ފެނުމުން ސިއްސައިގެން ދިޔަ ޝީލާ ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގި އިރުކޮޅަކު ގަނޑުވެފައި ހުއްޓެވެ. އެހެންނަމަވެސް އޭނަގެ ނަފުސު ހަމައަކަށް އަޅުވަމުން ހިނިތުންވެލާފައި އައިސް އިށީނީ ޙަމްދާންގެ ދާދި ގާތުގައެވެ.
ޝީލާ ޙަމްދާންއާ ޖެހި ފިތިގެން އިށީނުމުން ލިބުނު ޙައިރާން ކަމަށްވުރެ ބޮޑަށް ޙައިރާން ވީ ޝީލާގެ ގައިން ދުވި ސޯވޭޖް ސެންޓްގެ ވަހުންނެވެ. ޙަމްދާންއަށް ރަނގަޅަށް ޝީލާގެ މުޅި ހަށިގަނޑަށް ނަޒަރު ހިންގައިލެވުނެވެ. ހައިރާންވެ އިނދެއެވެ.
” ކޮންއިރަކު އައީ! ނުވެސް ބުނެ!”
ޝިލާ އެލިގަތީ ޙަމްދާންގެ ކޮނޑުގައެވެ.
” ކޮންތާކު އުޅެފަ ތިއައީ!”
ޙަމްދާން ދިނީ ޝީލާ ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. އޮޅުން ފިލުވަން ޙަމްދާން ބޭނުންވި ވާހަކައެވެ.
” މި އައީ ……. ހައްޖަ މެންގެއިން! ”
އަޅައަޅައިގަންނަމުން ޝީލާ ބުނީ ދޮގެއްކަން ޝީލާއަށް ރަނގަޅަށް ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެކަމަކު ޙަމްދާން ދެން ކަންތައް ކުރާނެ ގޮތެއް ޝީލާއަށް އެނގޭނަމަ އެ ދޮގު ހަދަން ފަސްޖެހުނީސްކަންނޭނގެއެވެ.
ޙަމްދާން ނެގީ ފޯނެވެ. ގުޅީ ހައްޖައަށެވެ. ޙަމްދާން ގުޅީ ހައްޖައަށް ކަން ޝީލާއަށް އެނގުނީ ހައްޖަ ހަލޯއޭ ބުނި އަޑު ސްޕީކަރުން އިވުމުންނެވެ. އެ ހިސާބުން ޝީލާ އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ. އަތް އެއްލާ ޙަމްދާން އަތުން ފޯނު ވެސް ޖަހައިގަތެވެ. ހައްޖައަށް ބުނެވުނީ ހަމަ އެކަނި ހެލޯ އޭ ކަމަށްވިޔަސް ހައްޖަ އެ އޮތީ ނިދަންކަން ޙަމްދާންއަށް އެނގުނެވެ.
ޝީލާ ފޯނު ހޫރައިލީ ޖެހިގެން ހުރި ބޮޑު އަލަމާރިއާ ދިމާއަށެވެ.
” ތިހާ އިތުބާރު ނުކުރެވޭ މީހަކާ އިނދެގެން ތި އުޅެނީ ކީއްކުރަން! އިތުބާރު ކުރެވޭ މީހަކު ހޯދައިގެން އިނދެގެން ދިޔާމަ ވީނު!”
ޝީލާ އައިތަން އަހަން އުޅެވުނީތީ ޙަމްދާން ދެރަވިއެވެ. އެއްވެސް އެއްޗެއް ނާހާ ނިދަން އޮށޯވެވުނު ނަމައޭ މިހާރު ހިތަށް އެބަ އަރައެވެ.
” ރަށުން ބޭރުގަ، ގައުމުން ބޭރުގަ ހިތު ހުރި ގަނޑެއް ގަނެފަ އައިސް އަދިވެސް މަތަ ގޯސް ކުރަންވީ! ……. ބަލަ އެންމެނަށް ވެސް އެނގެޔޭ…….. އެކަކު ރަށުން ފުރައިގެން ދިޔައިމަ ފަހަތުންކަން އަނެކަކު ފުރައިގެން ދިޔައީ!”
ޙަމްދާން އިނީ ޝީލާ އެ ކިޔާ އެއްޗެއް އެއްވެސް ވަރަކަށް ނުވިސްނިއެވެ. ރުޅި އަންނަން ޙައްޤީ ޝިލާ ހެއްޔެވެ؟ ނޫނީ ޙަމްދާން ހެއްޔެވެ؟
“މީ މިރަށު އެންމެނަށް ވެސް އެނގޭބޮޑު ސިއްރެކޭ! މާ މާތް މީހަކަށް ވެގެން ތި އުޅެނީ!”
“ޝީލާ، އެނގޭތަ ތިއީ އަހަރެންގެ ހަލާލު އަނބި މީހާކަން! އަދި ތި ކިޔެނީ ކީކޭކަން!
ކެތްތެރިކަން ކޮޅުން ލުމުން ޙަމްދާން ބޭނުންވީ ޝީލާގެ މަންމަ ހޭލައިގެން އައުމުގެ ކުރިން ޝީލާ ހުއްޓުވާށެވެ.
” އާން! އާން! އެނގޭ! …….. މިރަށުގެ ކިތައް މީހުންނަށް އެނގޭ އަތާއަތް ގުޅައިގެން ތިދެމީހުން ތިބިކަން! އަހާބަލަ ! ނިކަން ގޮސް އަހާބަލަ!”
ޝީލާ ހީވަނީ އެއްވެސް ކުށެއް ނުކުރާ މައުސޫމު ކުއްޖެއް ހެންނެވެ. ހީވަނީ ހުރިހާ ގޯހެއް ހަދާ ކުށެއް ކުރީ ޙަމްދާން ހެންނެވެ. އަދި އެބުނަނީ ކާކުގެ ވާހަކައެއްކަމެއް ވެސް އެއް ގޮތަކަށް ވެސް ޙަމްދާންގެ ވިސްނުމަކަށް ނައެވެ.
“ކާކު ކާކާ އަތާ އަތް ގުޅި ވާހަކައެއްތަ ތި ދައްކަނީ! ހިތު ހުރި ގޮތަކަށް އުޅޭނެ ތާކު އުޅެފަ އައިސް އަމިއްލަ މީހާގެ ކުށް ފޮރުވަން ދޮގު ނަހަދާތި!”
މި ފަހަރު އެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ޙަމްދާން ތެދުވެގެން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ.
“މިދައްކަނީ ތި ޙަމްދާންއާ މިރަށު ފިލިގަސްދޮށުގެ ޝަކީލްގެ އަންހެނުން ތޫބާގެ ވާހަކަ!”
ޝީލާ ބުނި އެއްޗެއްގެ އަޑު އިވުމުން ހުރި ހިސާބުގައި ޙަމްދާންއަށް ހުއްޓެވުނެވެ. އެއްވެސް ޙަރަކާތެއް ނެތި އިރުކޮޅަކު ހުރުމަށްފަހު ޙަމްދާން އެނބުރިލީ ޝީލާއާ ވީފަރާތަށެވެ.
“ޝިލާ، އަހަރެން ޝީލާ ދެކެ އަދިވެސް ލޯބި ވޭ! އަހަރެން ޝީލާއާ އިނދެގެން މިރަށުގައި ޝީލާ ގާތު މި އުޅެނީ އެހެން ގޮތެއް ނެތިގެން ކަމަށް ހީނުކުރާތި! ފާޑު ފާޑުގެ އިލްޒާމްތައް ކުށެއް ނުކުރާ ބައެއްގެ ބޮލުގައި އަޅުވަން ނޫޅޭ! އެހެން މީހުން ބަދުނާމު ކުރުމުގެ ކުރިން ވިސްނާލުން ރަނގަޅު!”
މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކޭތޯ ޙަމްދާން ބެލީ މަސްލަހަތަށްޓަކައެވެ. އަދި ޝީލާއަށް ވިސްނައިދިނުމުގެ ބޭނުމުގައެވެ.
“ކިހާ ރީތި! އަދިވެސް ޙަގީގަތް ހާމަ ކުރީތީ މަތަ ގޯސްވީ!”
ޝީލާ ހުރީ ދޫދޭ މޫޑެއްގައެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ރުޅިއައީ ތޫބާ ޙިމާޔަތް ކުރާ ރާގަކަށް ޙަމްދާން ވާހަކަ ދެއްކުމުންނެވެ.
” ހެޔޮ ނުވާނެ ޝީލާ!”
ޝީލާ ގާތަށް އައިސް ހުއްޓުނު ޙަމްދާން ބޭނުންވީ އަދި ވެސް ޝީލާއަށް ވިސްނައިދޭށެވެ. މަޑުމަޑުން ކަނާތް އުފުލައިލާ ޝީލާގެ މޫނުގައި ފިރުމާލަން ޙަމްދާން ބޭނުންވިއެވެ. އަނގައިން ނުބުނެ ވާހަކަ ނުދައްކާ، ހަމަ ލޮލަށް ނުފެނި އެތައް ދުވަހެއް ވުމުން ޙަމްދާން ހުރީ އެއްޗެހި ގޮވާ ޒުވާބު ކުރާ މޫޑަކު ނޫނެވެ. އޭގެ ބަދަލުގައި އަނބިމީހާގެ އޯގާތެރި ފިރުމުންތަކާއި ލޯބިވެތި ބީހުން ތަކަށް ބޭނުން ވެފައެވެ. ހީކުރީ އަނބިމީހާ ޙަމްދާން ރަށަށް އަންނައިރު އަރާމުކޮށް ގޭގައި ނިދާލާފައި އޮންނާނެ ކަމަށެވެ. ހީ ކުރި އެއްވެސް ގޮތަކަށް ކަންތައް ނުވުމުމާއެކު ވެސް ރުޅި އިސްނުކޮށް ވޭތޯ ޙަމްދާން ބެއްޔެވެ. އަބަދުވެސް ޙަމްދާން އިސްކުރަނީ ކެތްތެރިކަމެވެ.
ޝީލާގެ މޫނާ ދިމާއަށް ޙަމްދާން ގެންދިޔަ އަތުގައި ޖަހާ ދުރަށް ލަމުން ޝީލާ ހިނގައިގަތީ ހެދުން ހަރުގަނޑާ ދިމާއަށެވެ.
ޝީލާ ދުރަށް ދިޔަ މަންޒަރު ބަލަން އިރުކޮޅަކު ހުރުމަށްފަހު ދެ އަތަކަށް ބޯ ހޫރާލަމުން ޙަމްދާން ގޮސްވަނީ ފާޚާނާއަށެވެ. ހިތުގައި ޖެހުނު ވަރުން ޙަމްދާންއަށް ޙަމްދާން ކިހާ ނިކަމެތިކަން އަމިއްލައަށް އިޙުސާސް ކުރެވުނެވެ.
ޙަމްދާން ފާޚާނާއިން ނިކުތްއިރު ވެސް ޝީލާ ހުރީ ހެދުން ހަރުގަނޑު ކައިރީ މަޑުކޮށްގެންނެވެ. ޙަމްދާން އަރާ އޮށޯތީ އެނދުގެ އެއްފަރާތުގައެވެ. އެނދުގައި ބުރަކަށި ޖެހުމާއެކު ދެލޯ މަރައިލިއެވެ. އަދި ކަނާތްގުދުކޮށްލައި އަތް ގެންގޮސް ނިތްކުރިމަތީ ބާއްވައިލެވުނެވެ. ދެލޯ މަރާގެން އޮތަސް ޙަމްދާންއަށް ވިސްނެނީ މިރޭ މިހިނގި ކަންތަކާ މެދުގައެވެ. ޝީލާއަކީ މިހާ އުޅުން ގޯސް މީހެއްކަން ކުރިން ނޭނގުނީތީ މިއަދު ޙަމްދާން ދެރަވެއްޖެއެވެ. ބީރައްޓެހި ރަށެއްގައި މިހާ ނިކަމެތިވެގެން ޙަމްދާން އުޅުމުގެ މާނައެއް ނެތެވެ. އަމިއްލަ އަނބިމީހާ ތިމާއަށް ޤަދަރު ނުކުރާއިރު ތިމާ މީހާ އެހާ ދަށްފެންވަރަކަށް ވެއްޓެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވަޒީފާ އަދާކޮށްގެން ދެމީހުންނަށް ލިބޭ ފައިސާ އެއްވަރެކެވެ. އެހެންނަމަވެސް އަބަދު ވެސް ޙަމްދާންއަށް އޮންނަނީ ޝީލާއަށް ލާރި ދޭން ޖެހިފައެވެ. ޓިއުޝަން ނުދޭނަމަ ޙަމްދާން އުޅުނީހީ ލިބޭ މުސާރައިން ވެސް ދެކޮޅު ނުޖެހިއެވެ.
ވެފައިވާ ވަރުބަލިކަމާއެކު ނިދީގެ ޢާލަމަކަށް ދެވުނު އިރު ވެސް ޙަމްދާން އޮތީ އެ އޮތްގޮތަށެވެ.
އާދައިގެ މަތިން ފަތިހު ހޭލެވުމުން ފަތިސްނަމާދުކޮށްގެން ޙަމްދާން ނިކުތީ ބޭރަށެވެ. އޭރު އަދި އިރުއަރަން ވަގުތުކޮޅެއް އޮތެވެ. އާދަކޮށް ފަތިހު ހިނގަން ދާމީހަކަށް ޙަމްދާން ވާނެއެވެ. އެހެންނަމަވެސް މިރޭ ހިނގަން ދިއުމުގެ ފޯރިއެއް ޙަމްދާންގެ ނެތެވެ. އެހެންކަމުން ގެއާ ތަންކޮޅެއް ދުރަށް ހިނގާލާފަ ގޮސް ފޭބީ އަތިރިމައްޗަށެވެ. އިރުއަރާ އިރުގެ ދޯދިތައް ދުނިޔެއަށް ވެރިވަމުން ދިޔައިރު ވެސް ޙަމްދާން ހުރީ ހާމަކަން ބޮޑު މާކަނޑަށް ބަލަހައްޓައިގެންނެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން އެ ކަނޑުގައި އުފެދިފައިވާ ހަލަ ބޮލިކަމަށްވުރެ ޙަމްދާންގެ އަނބިމީހާގެ ސަބަބުން އެ ހިތުގައި އުފެދިފައިވާ ހަލަބޮލިކަން ވެސް ކުޑައެއް ނޫނެވެ. މި ފުން މިން ނޭނގޭ މާކަނޑު ފަދައިންނެވެ. ޝީލާގެ ފަރާތުން އެތައްކަމެއް ޙަމްދާން ތަޙައްމަލް ކޮށްފިއެވެ. އެހެންނަމަވެސް ….. ހިލޭ ފިރިހެނަކާ އެކު ……..ޙަމްދާއަށް ދެއަތަކަށް ބޯ ހޫރައިލެވުނެވެ. އަދި ދެލޯ މަރާ ބާރުކޮށްލަމުން ނޫންނޫން އޭ ބުނެ ލެވުނެވެ.
އަމިއްލަ މައިން ބަފައިންނާ އެތައް ހެޔޮއެދޭ ރައްޓެހިންނަކާ ދެކޮޅަށް ޙަމްދާން ޝީލާއާ އިނީ ކީއްވެހެއްޔެވެ. އެހެން ހިތަށް އެރުމާއެކު ޙަމްދާންގެ ހަނދާންތައް ގޮސް ގުޅުނީ އޭގެ ފަސްވަރަކަށް އަހަރު ކުރިއަށެވެ. އެ ހަނދާންތައް ތާޒާކަމާއެކު މިއަދު ހިނގި ކަމެއްހެން ޙަމްދާންގެ ހަނދާނަށް އައިސް ފުނި ޖެހުނެވެ. އޭރު ޙަމްދާން އުޅުނީ ލަންކާގައެވެ. ޝީލާ ވެސް އުޅުނީ ކިޔެވުމަށްޓަކައި ލަންކާގައެވެ. ކުރިން ޓީޗިން ޑިޕްލޮމާ ނިމެންދެން މަންމަ އުޅުނީ ޙަމްދާންއަށް ހުސްވެގެން ޙަމްދާން ގާތުގައެވެ. އެހެންނަމަވެސް ޑިގްރީއަށް ކިޔަވަން ފެށުމުން ދަރިފުޅު ވެސް އެކަނި އުޅެން ދަސްކުރަން ވާނެއޭ ޙަމްދާންގެ ބައްޕަ ކިޔާ ވަރުން ޙަމްދާންގެ މަންމަ ބައްޕަމެން ގާތަށް މާލެ ބަދަލުވީއެވެ. އެހިސާބުން ޙަމްދާން، ޙަމްދާން އާއެކުގައި އެ ކޯހުގައި ކިޔެވި އެހެންކުއްޖެއްކަމުގައިވާ ރާފިއު އުޅެމުން ދިޔަ އެޕާޓްމެންޓްން ކޮޓަރިހެއް ހޯދައިގެން ބަދަލުވީއެވެ.
ޑިގްރީގެ ދެވަނަ އަހަރު ނިމެން އުޅެނިކޮށް އައި ވިއްސާރަ ރެއެކެވެ. ޙަމްދާން އޮތީ ހަވީރުއްސުރެ ކޮޓަރީގައެވެ. ކާން ވެސް ނިކުންނަ ހިތް ނުވެފައެވެ. ޙަމްދާންގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއަކަށްވާތީ ގެއަށް ލާރި ދީގެން ކައްކައިދޭން މީހަކު އަންނާނެއެވެ. އެހެންކަމުން އަމިއްލައިން ކައްކަން ނުޖެހި ފަސޭހައިން ކެއުމުގެ ކަންތައް އެމީހުންނަށް ހަމަ ޖެހިފައި ހުރެއެވެ.
“ޙަމްދާން!
ރާފިޢު ގޮވާއަޑަށް ނިދި ޖެހިފައި އޮތް ޙަމްދާން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަދި ދޮރާ ދިމާއަށް ދަމުން ޖަވާބު ދިނެވެ.
“މި ހުޅުވަނީ!”
ހުޅުވަނީ ކަމަށް ޙަމްދާން ބުންޏަސް ޚިޔާލު ބަދަލުވެ ގޮސް ވަނީ ފާޚާނާއަށެވެ. ހޫނުފެނުން މޫނު ދޮވެލައިގެން ބޭރަށް ނިކުތްއިރު ރާފިޢުގެ އަޑު އިވެނީ ބަދިގެބައިންނެވެ. ރާފިޢު މިގަޑީގައި ވާހަކަ ދައްކަނީ ކާކާބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ބަދިގެ ބަޔަށް ވަނުމުގެ ކުރިން ސިޓިންރޫމުގެ ކުޑަދޮރެއް ހުލުވާލައި ވާރޭ ވެހޭތޯ ޗެކްކޮށްލިއެވެ. ނަސީބަކުން އޭރު ވާރޭ ހުއްޓާލައިފިއެވެ. އަލުން ކުޑަދޮރު ލެއްޕުމަށްފަހު ޙަމްދާން ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
ކާބައިގެ ދޮރުމައްޗަށް ހުއްޓުނު ޙަމްދާންގެ ފިޔަވަޅު ހުއްޓުމަކަށް އައީ ރާފިއުއާ އެކީ މޭޒުދޮށުގައި އިށީނދެ އިން އަންހެން ކުއްޖާ ފެނުމުންނެވެ. ކޮނޑާ ހަމައަށް ކޮށާލާފައިވާ ފަން އިސްތަށިކޮޅުން ބައެއް މޫނުމައްޗަށް އެޅިފައި އޮތުމުން އަރި މައްޗަކުން މޫނު އެހާ ރީތިކޮށެއް ނުފެނެއެވެ. ލައިގެނ އިނީ ކުރު ޓޮޕުކޮޅެކެވެ.
(ނުނިމޭ)
ޚިޔާލުތައް