އަށްވަނަ ބައި
ދޮރު ހުޅުވައިލަމުން އެތެރެއަށް ވަން ޙަމްދާން ނޭވާ ލީވެސް އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރުމަށްފަހު އެވެ. ދޮރުން އެތެރެއަށް ވަދެވުމާއެކު ދެލޯ މަރާ ބާރުކޮށްލިއެވެ. އަދި ދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. މިހާރުވެސް ކޮޓަރި ތެރޭގައިވަނީ ޝީލާ އެންމެ ފަހުން ބޭނުން ކުރި ސެންޓްގެ މީރު ވަހެވެ. ކިތަންމެ ހިތްވަރު ކުރިއަސް އަނެއްކާ ވެސް ޙަމްދާންގެ ދެލޯ ތެމިގެން އައެވެ.
އިރުކޮޅަކު ދޮރުފަތުގައި ލެނގިލައިގެން ހުރުމަށްފަހު ގޮސް އަމިއްލަ އެނދުގައި މަޑުމަޑުން އިށީނެވެ. އަދި ދެން ތެދުވެ އެނދުގެ ބެޑްޝީޓް ނަގާ ހޫރައިލިއެވެ. ބާލީސްތައް ވެސް މެއެވެ. އެއަށްފަހު ހުސް ގޮދަޑީގެ މަތީގައި އުއްޑުން އޮށޯވެ ދެލޯ މަރައިލިއެވެ. ޙަމްދާންގެ ލޮލަށް ނިދި އައީ އެ ހިސާބުންނެވެ.
ހޫދުގެ އުމުރުން ހަތަރު އަހަރަށް އޮއްވާ އެއްދުވަހަކު ސްކޫލުން ނިމިގެން ގެއަށް އައި ވަގުތެވެ. ހޫދު ބަލާ ދިޔައީ ޙަމްދާންގެ ބައްޕައެވެ. އެ ދުވަހު ޙަމްދާން މަސައްކަތް ކުރަމުން ދިޔަ ކޮލެޖުގައި މީޓިންއެއް އޮތުމުން ހޫދުބަލާ ނުދެވުނީއެވެ. އެހެން ނުދެވޭ ދުވަސްދުވަހު ހޫދު ބަލާ ދާނީ ޙަމްދާންގެ ބައްޕައެވެ.
ހޫދު ސައިކަލުން ބޭލުމަށްފަހު ޙަމްދާންގެ ބައްޕަ ސައިކަލް ޕާކު ކުރަން އުޅުނު ވަގުތެވެ. މަގުހުރަސްކޮށް ދުއްވައިގަތް ހޫދު ދުއްވައިގަތްކަން ޙަމްދާންގެ ބައްޕައަށް ރޭކާލީ ވެސް އަޑުފަށްގަނޑެއް އިވުމުންނެވެ. އިވުނު އަޑާއެކު ޙަމްދާންގެ ބައްޕައަށް ފުރަތަމަ ވެސް ބަލައިލެވުނީ ބެހެއްޓި ތަނުގައި ހޫދު ހުރިތޯއެވެ. ހޫދު ނުފެނުމުން އެ ނަޒަރު މަޑުމަޑުން ދަތުރުކުރީ މަގުގެ މެދުގައި ވެއްޓިފައި އޮތް ސައިކަލާއި ދިމާއަށެވެ. އޭރު ސައިކަލް ދުއްވަން އިން މީހާ ސިއްސައިގެން ގޮސް ޖެހުނުތަނުން ތެދުވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ސައިކަލުގެ ދަށުގައި އޮތް ހޫދު ފެނުމުން ޙަމްދާންގެ ބައްޕައަށް ބޭއިޚުތިޔާރުގައި މަގޭދަރިއޭ ކިޔައި ދުއްވައި ގަނެވުނެވެ.
ޙަމްދާންގެ ބައްޕަގެ ދެ އަތްދަނޑި މައްޗަށް ހޫދު ނެގިއިރު ހީވަނީ ފަށްޖަހާލާފައި އޮތް ފޮތިކޮޅެއް ގެންގުޅުނުހެންނެވެ. ދެން ހަދާނެ ގޮތެއް ނޭނގި ހުރި ޙަމްދާންގެ ބައްޕަ ކާރަކަށް ލާފައި ހޮސްޕިޓަލަށް ފޮނުވީ އެތަނަށް ދިޔަ ގެ ކައިރީ ބައެކެވެ.
ދަރިފުޅުގެ އެކްސިޑެންޓްގެ ޚަބަރު އިވުމުން ތެޅެމުން ފޮޅެމުން އޭޑީކޭއަށް ދިޔަ ޙަމްދާން ހުރީ ދަރިފުޅަށް ދެރަ ގޮތެއް ނުވުމަށް އެދި ދުޢާކުރުން މަތީގައެވެ.
ޑޮކުޓަރ ހޫދު ބެއްލެވުމަށްފަހު ބޮލަށް ގެއްލުންތަކެއް ވެފައި ހުރިތޯ ޔަގީން ކުރުމަށް ބައެއް ޓެސްޓްތައް ހެދުމަށް ހޫދު އެޑްމިޓްކުރިއެވެ. ނަސީބުކަންދިމާކުރިގޮތުން މާބޮޑު ގެއްލުން ތަކެއް ނުވެ ހޫދު ސަލާމަތްވިއެވެ. އެހެންނަމަވެސް ވަރަށް ގަދައަށް ހުން އައުމުން ހޮސްޕިޓަލުގައި ހޫދު ބާއްވައިގެން ހަފުތާއަކު ތިބެން ޖެހުނެވެ. އޮފީސް ގަޑި ނިންމާލާފައި ހޮސްޕިޓަލަށް ވަންނަ ގޮތަށް ޙަމްދާން ގެއަށް ދާނީ ރޭގަނޑު ނިދަން ވީމައެވެ. އެނޫން ގަޑިތަކުގައި ޑިއުޓީ ބަހައިގެން ތިބެނީ ޙަމްދާންގެ މަންމަ އާއި ބައްޕައެވެ.
ހޫދު ހޮސްޕިޓަލުން ދޫކޮށްލި ދުވަހުގެ ކުރީ ދުވަހެވެ. އޮފީސް ނިންމި ގޮތަށް ޙަމްދާން އައީ ހޮސްޕިޓަލަށެވެ. އޭރު ޙަމްދާންގެ ބައްޕަ އެ އުމުރެ އެހެންމީހަކާއެކު ހޮސްޕިޓަލުގެ ކެންޓީނާ ދިމާއަށް ދަނީއެވެ.
“އަހާނ! މާރަނގަޅަކަންނު މިވީ! ދަރިފުޅާ ޙަމްދާން، އަވަހަށް ހިނގާ ސައިބޯން!”
ޙަމްދާންގެ ބައްޕަގެ މޫނު ޙަމްދާން ފެނުމުން އަލިވެގެން ދިޔައެވެ.
“މަންމަތަ އިނީ ޙޫދު ގާތު؟”
ޙަމްދާން އެހި ސުވާލަށް ޙަމްދާންގެ ބައްޕަ އާނއެކޭ ބުނުގެ ގޮތުން ބޯ ޖަހައިލިއެވެ.
“އެބައަންނަން ބޭގް ބާއްވާފަ! ”
ލެޕްޓޮޕް ބޭގަށް އިޝާރާތް ކުރަމުން ޙަމްދާން ހިނގައިގަތީ ޙޫދު ބާއްވާފައި އޮތް ރޫމާ ދިމާއަށެވެ.
ހޮސްޕިޓަލުގެ ކެންޓީންތެރޭގައި މީހުން ތަންކޮޅެއް މަދު ގަޑިއެކެވެ. ހުސް މޭޒުތައް ވެސް ކޮންމެވެސް ވަރަކަށް ހުރުމުން ޙަމްދާންއަށް ބައްޕަމެން ތިބިތަން ވަރަށްފަސޭހައިން ފެނިއްޖެއެވެ.
ގޮނޑި ދަމާލަމުން ޙަމްދާން އިށީނީމާ ޙަމްދާން ބައްޕަ އެދުނީ ކޮންމެވެސް އެއްޗެއް ކެއުމަށެވެ. ޙަމްދާން ބުނީ އޮފީސް ނިންމާލާފަ އައީ ކައިގެން ކަމަށެވެ.
“މުފީދު، މިއީ އަހަރެންގެ ޙަމްދާން! އެތާ ބާއްވާފައި އެއޮތް ސޮރުގެ ބައްޕަ މިއީ!”
ޙަމްދާންގެ ބައްޕަ ޙަމްދާން ބައްޕަގެ ރަޙުމަތްތެރިޔާއަށް ތަޢާރަފު ކޮށްދިނެވެ.
“ދަރިފުޅާ! މިއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް! ވަރަށް ޒަމާން ކޮށްފަ މި ދިމާވީ! ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނަނީ މިހެންވީމަ ދޯ މުފީދު!”
މުފީދުއަށް ދޯ ދެމުން ޙަމްދާންގެ ބައްޕަ ޖަހައިލީ ހިނިގަނޑެކެވެ.
“އާން! ދެމީހުންގެ ދަރިން އެއްފަހަރާ މިތާ އެޑްމިޓް ނުކުރިނަމަ ކިހިނެތް ދިމާވާނީ ވެސް ދޯ”
ހެމުން ހެމުން މުފީދު ވެސް ކުޑަ އިރުގެ ރަޙުމަތްތެރިޔާ ޚަލީލާ އެއްބަސް ވިއެވެ.
“ބައޕާ! އަޅުގަނޑު އޮފީސް ދަތުރެއްގައި މާދަމާ ރޭ އެބަ ޖެހޭ ކުލާސްތަކެއް ނަގަން ރާއްޖެތެރެއަށް ދާން! ….. ހޫދު މިތާ ބާއްވާފަ އޮތީމަ ނުގޮސް ވޭތޯ ވެސް ވަރަށް މަސައްކަތް ކޮށްފިން!”
ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭހެން ޙަމްދާންގެ ޙަރަކާތްތައް ހުރިތަން ޙަމްދާންގެ ބައްޕައަށް ފާހަގަ ކުރެވުނެވެ. ޙަމްދާން އިނީ ނިތުގައި ކަނާތުގެ ދެއިނގިލިން ހިފަހައްޓައިގެންނެވެ. އެއީ ޙަމްދާން ކަމަކާ ކަންބޮޑުވީމާ ވަރަށް ގިނައިން އިންނަ ގޮތެކެވެ.
“ދެން ހަމަ ދަރިފުޅު ފުރައިގެން ދާންވީނު! އެހެންނޫނަސް މާދަމާ މެންދުރު ޙޫދު ދޫކޮށްލާނެ ވާހަކަ ޑޮކުޓަރ ބުނުއްވިއޭ! ދަރިފުޅުގެ އޮފީހުގެ އެއްވެސް ކަމަކަށް ދަރިފުޅަކަށް ހުރަހެއް ނޯންނާނެ! މަންމައާ ބައްޕަ މިތިބީނު!”
ތެދެކެވެ. ޙަމްދާންއަށް ލިބޭ ތުރާލާ ދަތި ވަގުތުގައި ހިތާމަޔާ ހިތްދަތި ވަގުތުގައި ވެސް އޭނަގެ އެންމެ ގާތުގައި ތިބީ އޭނަގެ މައިންބަފައިންނެވެ. މައިންބަފައިންނަށްޓަކައި ޙަމްދާންގެ ހިތުގައިވަނީ ލޯތްބާ ޝުކުރެވެ. އެފަދަ ބަޔަކު އޭނަގެ މައިންބަފައިންގެ ގޮތުގައި ދެއްވީތީއެވެ.
ޖެހިގެން އައިރޭ ޙަމްދާން ފުރައިގެން ދިޔައީ ކޮލެޖުގެ ފަރާތުން ހިންގާ ޑިގްރީ ކޯހެއްގެ ދަރިވަރުންނަށް ކިލާސްތަކެއް ނެގުމަށް ރާއްޖެތެރެއަށެވެ.
ކިލާހުގެ ތިންގަޑި އިރުގެ ފުރަތަމަ ސެޝަން ނިންމާލާފައި ޙަމްދާން ދިޔައީ ކިލާހުގެ ދަރިވަރުންނާ އެކު ކެއުމަކަށެވެ. ކައި ނިމެން އުޅެނިކޮށް އައީ އަހުމަދުގެ ކޯލެކެވެ. ނުނަގަން އިނދެފައި ވެސް ޙަމްދާން އެކޯލް ނެގިއެވެ. އަހުމަދަކީ ޝީލާގެ ރަށުގައި އުޅުނު އިރު އެކުގައި އުޅެވިފައިތިބި މީހުންގެ ތެރެއިން އެތައް އަހަރެއް ފާއިތުވި އިރުވެސް އަދިވެސް ދެ ގޮތެއް ނުވެ ދެމިހުރި އެކުވެރިއެކެވެ.
“ހަލޯ! ކޮން އަނގައެއް ތަޅުވަން ތި ގުޅީ! އާދޭ ކާން!”
ޢާންމުކޮށް ވެސް ދެމީހުން ވާހަކަދައްކާ މަޖާ ރާގުގައި ޙަމްދާން ވާހަކަ ފެށިއެވެ.
“ކިހިނެތް ހާލު! ކޮބާ ހޫދު! ހޮސްޕިޓަލުން ދޫކޮށްލީތަ މިހާރު!”
އަހުމަދުގެ އަޑުގައި އެހެން ފަހަރު ތަކުގައި އެ ހުންނަކަހަލަ މަޖާ ގޮތެއް ނެތްކަން ފުރަތަމަ ވެސް ޙަމްދާންއަށް ފާހަގަ ކުރެވުނެވެ.
“އޭ! ކޮންކަމެއްތަ ގޯސްވީ! ޔަގީން ދެމީހުން ފައިޓް ހަދައިގެން ތިއުޅެނީ! ކޮބާ ރާމިޒާ!”
ޙަމްދާން އެ އިޝާރާތް ކުރީ އަހުމަދުގެ އަންހެނުންނަށެވެ.
ޙަމްދާން ބުނި އެއްޗަކަށް ޖަވާބެއް ނުދީ އިރުކޮޅަކު ހުރުމަށްފަހު އަހުމަދު ބުނީ ކައި ނިމިގެން ގުޅުމަށެވެ.
“ނޫނޭ މިގަޑިވެސް ރަނގަޅޭ! … އަސްލު ކީއްވީ! ބުނެބަލަ!”
ޙަމްދާން ބޭނުންވީ އަހުމަދު އެއްޗެއް ބުނަން ބޭނުމިއްޔާ މިހާރު ވެސް ބުނުމަށެވެ.
“މިރޭގެ ޚަބަރު އަޑު އެހިންތަ!”
އަހުމަދު މިދެއްކީ ކޮންކަހަލަ ވާހަކައެއް ޚަބަރުގައި ގޮވި ވާހަކައެއް ބާވައޭ ޙަމްދާން ހިތަށް އެރިއެވެ.
“ނޫނޭ ނާހަން! އަނެއްކާވެސް މީހަކު ގަޔަށް ވަޅިހެރީތަ! އަހަރެން މިއުޅެނީ ރާއްޖެތެރޭގައޭ!”
އަހުމަދު ވަކި ޖަވާބެއް ނުދީ ހިމޭންވިއެވެ. އަހުމަދުގެ އަޑު އިވުނީ ދެތިން ފަހަރު ޙަމްދާން ގޮވައިލުމުންނެވެ. އޭރު ޙަމްދާން ވެސް ހުރީ ފާޑަކަށް ބިރުގެންފައެވެ. ހިތް ނުތަނަވަސް ވެފައެވެ.
“ޝީލާ ނިޔާވެއްޖެ!….. ކާރު އެކް……..”
“ކީކޭ! ކީކޭ! އަހުމަދޫ….”
ޙަމްދާންގެ އަޑު ބެދިއްޖެއެވެ. ވާހަކަދައްކަން ނުކުޅެދުނެވެ.
“ޙަމްދާން! އަހަންނަށް އެނގޭ ޙަމްދާން ކިހާ ދެރަވާނެކަން! އެކަމަކު ޙަގީގަތާ ޖެހޭނީ ކުރިމަތިލާކަންނު! އަމިއްލަ ދަރިފުޅު މިސްކީނަކަށް ވާކަށް އެކަކުވެސް ނޭދޭނެ! …… ކެތްތެރިވޭ! ”
އަހުމަދު ޙަމްދާންއަށް ވަރަށް ހިތްވަރު ދިނެވެ. އަމިއްލަ ދަރިފުޅުގެ މައިމީހާ އަބަދަށްޓަކައި ދަރިފުޅާ ވަކިވެގެން ދިޔަ ޚަބަރުން ހަމްދާންއަށް ކުރީ ބަޔަން ކުރަން ދަތި އަސަރެކެވެ. ޝީލާ ޙަމްދާންއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޙަމްދާންގެ ހިތުގައި އަދިވެސް އޮތީ ޝީލާއަށްޓަކައި ލޯތްބެވެ. އެކުގައި ކާން އިށީނދެ ތިބި ޙަމްދާންގެ ދަރިވަރުން ވެސް ޙަމްދާން ދެއްކި ވާހަކައިގެ އަޑު އިވުނު ހިސާބުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދެނެގެންފިއެވެ.
ޙަމްދާން ތެދުވެ ދަރިވަރުންގެ ފަރާތުން އިޒުނަ ހޯދައިގެން މިސްރާބުޖެހީ އުޅޭގެއާ ދިމާއަށެވެ. ގެއަށް ހަމަ ވަދެވުނު ތަނުން އައީ ޙަމްދާންގެ ބައްޕަގެ ކޯލެކެވެ. ބައްޕަ އެ ގުޅަނީ އެ ޚަބަރު ލިބިގެންކަން ޙަމްދާންއަށް ޔަގީން ކުރެވުނެވެ.
“ހަލޯ ! ބައްޕާ!”
“އާން، ދަރިފުޅު ކިހިނެތްތަ! ”
“ރަނގަޅު! ކޮބާ ހޫދު! ރަނގަޅުތަ! ބުނޭ ބައްޕަ މާދަމާ ދަރިފުޅަށް ވައިބާރއިން ގުޅާނަމޭ!”
ޙަމްދާން ބޭނުންވީ ފޯނު ބާއްވާށެވެ. ޝިލާ ނިޔާވި ވާހަކަ އަޑުއަހަން ޙަމްދާންއަށް އުދަނގުލެވެ.
“ބައްޕަ މި ގުޅީ ދަރިފުޅާ ވާހަކައެއް ދައްކަން ވެގެންނޭ!”
“ބައްޕާ!…….”
ޙަމްދާންއަށް ވާހަކަދައްކަން އުދަނގޫވެ ބަސް ހުއްޓުނެވެ. ބައްޕަގެ ކުރިމަތީ ދެރަވާކަން އަންގާކަށް ވެސް ޙަމްދާން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް…..
“ބައްޕަ ބުނީ…… އެއްކަލަ މުފީދުބެގެ ދަރިފުޅު މާދަމާ ހޮސްޕިޓަލުން ދޫކޮށްލަނީޔޯ! އެމީހުން ކުއްޔަށް ތިބި ކޮޓަރި އެ ގޭ މީހުން ބުނެގެން ހުސްކުރަން ޖެހިގެން……”
ބައްޕަ މުޅިން އެހެން ވާހަކައެއް ފެށުމުން ޙަމްދާން އަށް ހަމަ ނޭވާ ލެވުނެވެ. ދެން ހުރީ ކަނުލާ އަޑުއަހާށެވެ. ބައްޕައަށް ޝީލާ ނިޔާވި އެކްސިޑެންޓްގެ ވާހަކަ ނޭނގެނީތާއޭ ޙަމްދާންގެ ހިތް ބުންޏެވެ.
“މިގޭ މިބައިގަ އެހެރަ ހުސް ކޮޓަރި އެމީހުން ތިބެން ދުވަސްކޮޅަކަށް ދޭން ކަމަށް! ދަރިފުޅު ބުނަނީ ކީކޭ! މިރޭ މުފީދުއަށް ބައްޕަ ޖަވާބެއް ދޭންވާނެ! އެހެންވެ!”
ބައްޕަގެ ވާހަކަ ނިމުމުން ޙަމްދާން ބުނީ ބައްޕައަށް ފެންނަ ގޮތަކަށް ނިންމީމަ ރަނގަޅު ވާނެކަމަށެވެ. ބޭނުންވީ މި ގަޑީގައި ސިކުނޑިއަށް ލުޔެކެވެ. ހުސް ވަގުތު ކޮޅެކެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޙަމްދާންއަށް އެނދުމައްޗަށް ވެއްޓި ގަނެވުނެވެ. ޝީލާ މި ދުނިޔެއާ ވަކިވެގެން އެދިޔައީ އެންމެ ކުޑަމިނުން ދަރިފުޅާ ވެސް ވާހަކަ ދައްކާ ނުލާތާ ދެތިން ހަފުތާ ފަހުންނެވެ. ވައިބަރއިން ޝީލާ ގުޅި އެއްވެސް ފަހަރަކު ޙަމްދާން ޝީލާއެއް ނުދެކެއެވެ. ޝީލާ ގުޅާ އުޅުނީ ވެސް މަންމަގެ ފޯނަށެވެ. ބައެއް ފަހަރު މަންމަގެ ހާލުގެ ވާހަކަ އަހައިލިއަސް އެހެން އެއްވެސް ވާހަކައެއް ޝީލާ ނުދައްކައެވެ. ޝީލާގެ ހަނދާންތައް އައިސް ޙަމްދާން ވަށައިލި ހިނދު ޚިޔާލުގެ ސްކްރީނުން ފެނުނީ އެދެމީހުންގެ އެންމެ އުފާވެރި ދުވަސްކޮޅެވެ. އެހެންނަމަވެސް އެ ސްކްރީނުގެ ވާފަށް ދެމެމުން ގޮސް އެންމެ ފަހުން މަޑުކޮށްލީ ޝީލާ އެންމެފަހުން އެގޭގައި ހޭދަ ކުރި ދުވަހަށެވެ. ޝީލާއާ އެއްކޮޓަރިއެއްގައި ނިދި ރެއަށެވެ. އެންމެފަހުން ދެމީހުން ދޭތެރޭ ދެކެވުނު ވާހަކައަށެވެ. އަދި ދެން އެންމެ ފަހުން ޙަމްދާން ޝީލާއަށް ފޮނުވި މެސެޖް ތަކެވެ.
(ނުނިމޭ)
ޚިޔާލުތައް