ފުވައްމުލަކާއި އައްޑު އަތޮޅުގެ ރަށްތަކަށް އަންނަ މީހުންގެ ތެރެއިން ކަރަންޓީނު ކުރަންޖެހޭ ފަރާތްތައް ކަރަންޓީނު ކުރަމުންދާ ހެރަތެރަ ފެސިލިޓީގައި ތިބި މީހުންގެ ކަރަންޓީނު މުއްދަތު ހަމަވެގެން ނަގަންޖެހޭ ސާމްޕަލްތައް ނަގައި އެސާމްޕަލް ތަކުގެ ނަތީޖާ މިހާރު ލިބިފައިވާކަމަށް ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިރޭގެ މީޑިއާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑރ. ނަޒްލަ ރަފީގު ވިދާޅުވެފައިވަނީ “ހެރަތެރަ އާއި ފުރަވެރިގެ ސާމްޕަލްތަކުގެ ނަތީޖާ ލިބި މާދަމާ ދޫކޮށްލަން ޖެހޭ މީހުން ދޫކޮށްލާނެ” ކަމަށެވެ. އެހެންކަމުން، މިވަގުތު ހެރަތެރަ ފެސިލިޓީގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދޫކޮށްލަންޖެހޭ ފަރާތްތައް މާދަމާ ދޫކޮށްލާނެއެވެ.
މާދަމާ ބައެއް ފަރާތްތައް ދޫކޮށްލާނެ ކަމަށް ބުނެފައިވާ އިރު މާލޭގައި ތާށިވެފައިވާ ފަރާތްތައް ކަރަންޓީނު ކުރުމަށް ހެރަތެރަ ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމާއި މުޚާތަބުކުރައްވަމުން މިދިޔަ ހަފުތާގެތެރޭ ވިދާޅުވެފައެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ 498 ގަ އެވެ. ބޭރު މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 706 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑިއާގެ 142 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ޖުމްލަ 1395 މީހަކު ވަނީ މިބައްޔަށް ރާއްޖެއިން ޕޮޒިޓިވުވެފައެވެ. އެ ބަލީގައި މިހާތަހަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ޚިޔާލުތައް