އައްޑޫ ސިޓީ އީކުއޭޓާރ ވިލެޖްގެ ކަރަންޓީނު ފެސިލިޓީގައި މާބޮޑު ހަމަނުޖެހުމަށް ހިގާފައިނުވާ ކަމަށް މަންޒަރު ދުށްފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ހިއްސާކުރަމުން ބުުނެއެވެ. އެފެސިލިޓީގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވުވި ޚަބަރާއި ގުޅިގެން އެމައުލޫމާތު ހޯދުމަށް އެފެސިލިޓީގައި ތިބި ބަޔަކު ފެސިލިޓީ ބަލަހައްޓަމުން ދިޔަ ފަރާތްތަކާއި ދެކެވުނު ވާހަކަތަކެއް ހޫނުވެ، ދެފަރާތުން ބަހުގެ ހަމަލާތަކެއް ރޭ ބަދަލު ކުރެވުނު ކަމަށް މިކަލް ނޫހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ހާމަކުރެއެވެ. ކަރަންޓީނު ކޮށްފައިވާ ބަޔަކު ނިކުންނަން މަސައްކަތް ކުރި ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފެސިލިޓީގައި ހިގާފައިވަނީ އެފަދަކަމެއް ނޫން ކަމަށްވެސް އެފަރާތުން ބުނެއެވެ.
ފުވައްމުލަކުގެ ގިނަ ބަޔަކު ކަރަންޓީނު ކުރެވިފައިވާ އީކުއޭޓާ ވިލެޖުގައި ރޭ ހިގާފައިވާ ހާދިސާގައި ޝާމިލްވާ ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އެފަރާތުން ނުވަތަ އެތާގައި އެވަގުތު ތިބި އެއްވެސް މީހަކު އެފެސިލިޓީއިން ނިކުންނާކަށް މަސައްކަތެއް ނުކުރެއެވެ. އަދި އެމައްސަލައެއް ދިމާވީ އެފެސިލިޓީގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވުވި ޚަބަރު ލިބުމުން، އެމައުލޫމާތު ޔަގީންކުރުމަށް އެފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތަކާއި ސުވާލުކުރެވި އެދެވޭ ޖަވާބެއް ނުލިބި، އެއިގެ ބަދަލުގައި “ދެން ޖެހޭނީ ޕޮލިހާއި ހަވާލުކުރުމަށް” ކަމަށް ބުނެގެން ހޫނު ބަސްތަކެއް ދެފަރާތުން ބަދަލުކުރެވުނު ކަމަށް ވެސް އެފަރާތުން އެއްބަސްވެއެވެ.
“އަޅުގަނޑުމެން މިފެސިލިޓީގައި ތިބޭތާ 18 ދުވަސްވެއްޖެ. އަދި ކޮވިޑް ޓެސްޓަށް ސާމްޕަލް ނެގިފަހުން ވެސް ދެތިން ދުވަސްވެއްޖެ. އެސާމްޕަލްގެެ ނަތީޖާ ނުލިބި އަޅުގަނޑުމެންނަށް މިއިވެނީ މިފެސިލިޓީ އިން މީހަކު ޕޮޒިޓިވްވި ޚަބަރު. އެހެންކަމުން އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެންގެ ނަތީޖާ ލިބުނުތޯ ކަށަވަރުކުރަން” ރޭގެ މައްސަލާގައި ޝާމިލްވާ މީހަކު އެފެސިލީއިން އެދުނު ކަންތައްތައް ތަފުސީލު ކުރައްވަމުން ވިދާޅުވިއެވެ.
“ފެސިލިޓީ އިން ޖަވާބުދެއް ވަނީ އެފެސިލިޓީގެ މީހަކު ޕޮޒިޓިވްވިކަމެއް ކިހިނެތްހޭ އެގެނީ؟ މުޅި މީޑިއާގައި މިވާހަކަ އޮތްއިރުވެސް އެފަރާތުން އުޅެނީ އެމައުލޫމާތު ސިއްރުކުރަން އަދި މައުލޫމާތު ސާފުކުރުމަށް އެދުމުން ޕޮލިހާއި ހަވާލުކުރާނެކަމަށް ބުނީ” ރޭގެ މައްސަލައާއި ގުޅޭ ގޮތުން އެމައްސަލާގައި ޝާމިލްވާ މީހަކު ބުންޏެވެ. އިތުރަށް އޭނާ ބުނެފައިވަނީ ކޮޓަރިތަކުން ބޭރަށް ނިކުމެފައި ވަނީ ހުއްދަ އޮންނަ ހިސާބަށް ކަމަށާއި އަދި ފެސިލިޓީއިން ދާން އެއްވެސް މީހަކު މަސައްކަތް ނުކުރާ ކަމަށެވެ. އެފެސިލިޓީގެ ކަރަންޓީނުގައި ތިބި ފުވައްމުލަކު ބަޔަކު ރޭގެ ހާދިސާގައި ޝާމިލުވެއެވެ.
މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އެ ވީޑިއޯއިން ވެސް ބަޔަކު ފުލުހުންގެ އަމަލު ކުއްވެރި ކުރާކަމަށް ބުނާ އަޑުއިވެއެވެ.
ޚިޔާލުތައް