ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީން 3 ވަނަ ގުރޫޕުގައި އައި މީހުންގެ ވެސް މުއްދަތު ހަމަވެގެން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު ރޭ، 6 ޖުލައި 20202 ގައި ދޫކޮށްލައިފިއެވެ. އެ އެންމެން ވެސް ވަނީ ކޮވިޑް-19 އަށް ނެގަޓިވް ވެފައެވެ.
ޓެސްޓް ނަތީޖާ ނެގަޓިވް ވުމުން މި އެންމެން ކަރަންޓީނުން ދޫކުރެވޭނީ އެކަމުގެ ލިޔުން ހަވާލު ކުރެވުމުންނެވެ. މިމީހުންގެ ސާމްޕަލް ނަގާފައިވަނީ މި ޖުލައި 4 ވަނަ ދުވަހު އެވެ. މިގްރޫޕުގައި 41 މީހުން ހިމެނެއެވެ. މި މީހުން ދޫކޮށްލުމާއެކު ސަރުކާރުން ހޯމް ކަރަންޓީނަށް ގެނައި އެންމެން ވެސް ކަރަންޓީނު މުއްދަތު ހަމަކޮށް ދޫކޮށް ނިމުނީއެވެ. ނަމަވެސް އަމއިްލަ ގޮތުން ހޯމް ކަރަންޓީނަށް އައި މީހުން އަދިވެސް ފުވައްމުލަކުގައި ތިބި ކަމުގެ މައުލޫމާތު ލިބެއެވެ. އަމިއްލަ ގޮތުން ހޯމް ކަރަންޓީނަށް އަންނަ މީހުންގެ މައުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި ހޯމް ކަރަންޓީން ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކޮށް މިހާތަނަށް ސާމްޕަލް ނަގައި ޓެސްޓްކުރި ޖުމްލަ 218 ފަރާތް ވެސް ވަނީ ކޮވިޑް-19 އަށް ނައްސި ވެފައި ކަމަށެވެ.
މިއެންމެންގެ ސާމްޕަލްތައް ވެސް ޓެސްޓު ކޮށްފައި ވަނީ މާލެއިން ކަމަށް މައުލޫމާތު ލިބެއެވެ. އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ޚާއްސަ ކުރެވިގެން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ޓެސްޓު ކުރަން ވެސް ވަނީ ފަށާފައެވެ. ނަމަވެސް ފުވައްމުލައް ސިޓީން ނަގާ ސާމްޕަލްތައް އައްޑޫ ސިޓީގައި ޓެސްޓް ކުރެވޭނެ ގޮތެއް ނުވެއެވެ.

ހޯމް ކަރަންޓީނުގެ ނޯޓިސް ކޮންމެ ގެއަކުވެސް ހަރުކުރެވިފައި ހުންނަން ޖެހޭ.
ޚިޔާލުތައް