ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކަށް އެ ކުންފުނިން ގެނައި ބަދަލުގެ ސަބަބުން މިވަގުތަށް ރައްޔިންނަށް އެދެވޭ ތަސައްލީއެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓާ މަލީހު ވިދާޅުވީ މިއީ ދިރާގުން އަގަށް ގެނައި ބަދަލުތަކަކީ ސަރުކާރުން ހުށަހެޅި އަގެއްނޫން ކަމަށާއި އެއީ ދިރާގުން އަމިއްލައަށް އިސްނަގައިގެން ގެނައި ބަދަލެއްކަމަށެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން މަލީހު ކުރިން ވިދާޅުވެފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި މިދިޔަ އަހަރު ޖޫސްމަސްތެރޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާ ކަމަށެވެ.
އިތުރަށް ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން އެކަމަށް އިރުޝާދު ދިނުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް އެކަމަށް އަމަލީ ސިފައެއް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ. އިންޓާނެޓްގެ އަގާއި ސްޕީޑާއި ގުޅޭ ގޮތުން ގިނަ ބަޔަކުދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ދިރާގުން މިއަދު ގެނައި އާ ބަދަލުތަކާއެކު ހޯމް ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި، އިތުރު ޑޭޓާ އާއި ސްޕީޑް ލިބޭނެ އެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާ އެކު، ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި އަވަސް ސްޕީޑު ވެސް ލިބޭނެ އެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހު ފީން 21-40 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ އެވެ.
ޚިޔާލުތައް