ފުވައްމުލަކު ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވެއްޖެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ފުވައްމުލަކުގައި ހޯމް ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު މިއަދު ނެގި ސާމްޕަލެއް ވަނީ ޕޮޒިޓްވެފައި، އަދި ނަތީޖާ ނުލިބޭ ސާމްޕަލްތައް އެބަހުރި” ފުވައްމުލަކު ހޮސްޕިޓަލުން ދާދިދެންމެއަކު ވިދާޅުވެއްޖެއެވެ.
މިވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތުކަމަށާއި ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބޭއްވުން ވަރަށް މުހިއްމުކަމަށް ވެސް ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
މުޅިދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް ފުވައްމުލަކު ސިޓީއިން މީހަކު ޕޮޒިޓިވުވީ ފުރަތަމަ ފަހަރެވެ. ފުވައްމުލަކު ސިޓީއިން މިއަދު އެކަކު ޕޮޒިޓިވުވެފައިވާއިރު އަދިވެސް ނަތީޖާ ނުލިބޭ ސާމްޕަލްތައް ހުރިކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިހާތަނަށް ރާއްޖެއިން 4446 މީހަކު މިރޯގާއަށް ޕޮޒިޓިވުވެ 19 މީހަކު މިރޯގާޖެހިގެން މަރުވެފައިވެއެވެ. އަދި 2693 މީހުން މިރޯގާއިން ސަލާމަތްވިއިރު، މިރޯގާ ޖެހިފައި ތިބި 1719 މީހުން އަދިވެސް ރާއްޖޭގައި އެބަތިއްބެވެ. މުޅި ދުނިޔެއިން 18.7 މިލިއަން މީހުންނަށް މިރޯގާ ޖެހި 705 ހާސް މީހުން މިރޯގާގައި މިދުނިޔެދޫކޮށްފައިވެއެވެ.
ޚިޔާލުތައް