A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: 144 މީހަކު އެޑްމިޓްކުރެވި 9 މީހަކު އައިސީޔޫ ގައި

މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ ޖެހިގެން 144 މީހަކު މިހާރު އެޑްމިޓްކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 9 މީހަކު އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އެޗްޕީއޭއިން ރޭ ބުނެފިއެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލާޓަރަށް ލައިގެނެވެ.

ކޮރޯނާ ރޯގާ ޖެހިގެން އެޑްމިޓްކުރެވިފައިވާ  144  މީހުންނަށް ފަރުވާ ދެމުންދަނީ 4 ފެސިލިޓީއެއްގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-16 ގައި 4 މީހަކަށާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކަށާއި އަތޮޅު ތަކުގައި ގާއިމު ކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ށ.ފުނަދޫ ގައި އެކަކަށާއި ބ.އޭދަފުށި މެޑިކަލް ފެސިލިޓީގެ އެކަކަށް ކަމަށް  ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވެފައިވެއެވެ. ރެއާއި ހަމައަށް 144  މީހަކު އެޑްމިޓް ކުރެވުނު އިރު އޭގެ ކުރީރެއާއި ހަމައަށް އެޑްމިޓް ކުރެވިފައިވަނީ 129 މީހެކެވެ. މިއީ ރާއްޖޭގައި ކޮރޯނާ ރޯގާ ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން އެޑްމިޓް ކުރެވި ފަރުވާދެމުންދާ ފަހަރެވެ. ކޮރޯނާ ރޯގާއަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 18 އެނދެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ރޯގާ ޖެހިފައިވަނީ 4898 މީހަކަށެވެ. އޭގެތެރެއިން 2791 މީހުން މިރޯގާއިން ސަލާމަތްވެފައިވާ އިރު 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިވަގުތު ކޮރޯނާ ރޯގާ ޖެހިފައިތިބި މީހުންގެ އަދަދަކީ 2088 މީހަކަށެވެ. ފުވައްމުލަކު ސިޓީއިން މިހާތަނަށް ފެނިފައިވަނީ ކޮރޯނާ ރޯގާގެ އެންމެ ކޭސް އެކެވެ.

މީގެ އިތުރުން އިންޑިއާ އަށް ދިޔަ ދިވެހިންގެ ތެރެއިން އަށް މީހަކު ޕޮޒިޓިވްވި ކަމަށްވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ މިއަދުއެވެ. ޕޮޒިޓިވްވީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރުު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !