A wide advertisement which will be shown on all devices. (700 x 100)

އާބާދީގެ ނިސްބަތުން 17 ވަނައަށް އެންމެ ގިނަ މީހުންނަށް ކޮރޯނާ ރޯގާ ޖެހުނީ ރާއްޖެއިން

ދުނިޔެ ސިއްސުވާލި ކޮރޯނާ ރޯގާ ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު އާބާދީ ނިސްބަތުން 17 ވަނައަށް އެންމެ ގިނަ މީހުންނަށް ކޮރޯނާ ރޯގާ ޖެހިފައިވަނީ ރާއްޖެއިންނެވެ. ފަސްލައްކަ އެއްހާ އާބާދީގެ ރާއްޖެއިން މިހާރުވަނީ 5 ހާހަށްވުރެ ގިނަ ކޭސް ފެނިފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ކޮންމެ 105 މީހުންކުރެ އެކަކަށް ކޮރޯނާ ރޯގާ ވަނީ ޖެހިފައެވެ. މި ނިސްބަތް އެންމެ މަތީގައި އުޅެނީ ބިދޭސީ އާބާދީ އާދަޔާ ޚިލާފަށް މަތީގައި އުޅޭ ގަތަރެވެ. ގަތަރުގެ ކޮންމެ 24 މީހުންކުރެ އެކަކަށް މިރޯގާ ޖެހިފައިވާ އިރު އެންމެ ގިނަ މީހުންނަށް މިރޯގާ ޖެހުނު އެމެރިކާ އުޅެނީ 9 ވަނާގައެވެ. އެމެރިކާގެ ކޮންމެ 63 މީހުންކުރެ އެކަކަށް މިރޯގާޖެހިފައިވެއެވެ.

ވެކްސިނެއް ހޯދުމުގެ ރޭހުގައި އެތަކެއް ކުންފުންޏެއް ވާދަކުރަމުންދާ މިރޯގާގެ ބިރުވެރިކަން އަދިވެސް ދުނިޔެއިން ނުފިލައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވެސް މިރޯގާގެ ބިރުވެރިކަން ދަނީ ފޯރަމުންނެވެ. އެގޮތުން، އިއްޔެެގެ ނިޔަލަށް 12 ރަށަކުން މިރޯގާ ފެނުނުއިރު 9 ރިސޯޓަކަށްވެސް ވަނީ މިރޯގާ ވާސިލުވެފައެވެ. ނުވަ ރިސޯޓުން 6 ފަތުރުވެރިންނަށާއި 10 މުވައްޒަފުންނަށް މިރޯގާ ޖެހުނުނެވެ. ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުން ތިބި ރަށްތަކަކީ ފުވައްމުލަކު ސިޓީ ގެ އިތުރުން ހއ.ކެލާ އާއި ހއ. އިހަވަންދޫ އާއި ހއ. ފިއްލަދޫ އާއި ހދ.ނާވައިދޫ އާއި ބ.ކުޑަރިކިލާއި ބ.ކަމަދޫ އާއި ރ. ހުޅުދުއްފާރާއި ޅ.ހިންނަވަރާއި ކ.މާފުއްޓާއި ވ.ފުލިދޫ އާއި އައްޑޫ ސިޓީގެ ހިތަދޫއެވެ.

އިއްޔެ 116 މީހުންނަށް ކޮރޯނާ ރޯގާ ޖެހުނުއިރު މާލެ ސަރަހައްދުން 111 މީހަކަށް މިރޯގާ ޖެހުނެވެ. އަދި 5 މީހަކަށް މިރޯގާ ޖެހިފައިވަނީ އެހެނިހެން ސަރަހައްދުތަކުންނެވެ. ރެއާއި ހަމައަށް ބަލާއިރު 145 މީހަކަށް ދަނީ އެދުމަތިކުރެވި ފަރުވާ ދެމުންނެވެ. ކޮރޯނާ ރޯގާއަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 18 އެނދެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ރޯގާ ޖެހިފައިވަނީ 5157 މީހަކަށެވެ. އޭގެތެރެއިން 2835 މީހުން މިރޯގާއިން ސަލާމަތްވެފައިވާ އިރު 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިވަގުތު ކޮރޯނާ ރޯގާ ޖެހިފައިތިބި މީހުންގެ އަދަދަކީ 2303 މީހަކަށެވެ. ފުވައްމުލަކު ސިޓީއިން މިހާތަނަށް ފެނިފައިވަނީ ކޮރޯނާ ރޯގާގެ އެންމެ ކޭސް އެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !