ދުނިޔެ ސިއްސުވާލި ކޮރޯނާ ރޯގާ ރާއްޖޭގެ މާލެ ސަރަހއްދުގައި ފެތުރެމުންދާއިރު މިރޯގާ މަޑުމަޑުން ރަށްރަށަށްވެސް ވާސިލުވާން މިހާރުވަނީ ފަށާފައެވެ. އެގޮތުން، އިއްޔެގެ ނިޔަލަށް މިރޯގާ ވަނީ 13 ރަށަކުން ފެނިފައެވެ. އަދި 9 ރިސޯޓަކުން 6 ޓްއަރިސްޓުންނާއި 11 ދިވެހިންނަށް ވަނީ މިރޯގާ ޖެހިފައެވެ. މިރޯގާގެ ފެނުުނު ރިސޯޓުތައް އެޗްޕީއޭއިން އާންމު ނުކުރިނަމަވެސް މިރޯގާ ފެންނަމުންދާ ރަށްތައްވަނީ އާންމުކޮށްފައެވެ. އެގޮތުން މިރޯގާ މިހާތަނަށް ފެނިފައިވަނީ ފުވައްމުލަކު ސިޓީ ގެ އިތުރުން ހއ.ކެލާ އާއި ހއ. އިހަވަންދޫ އާއި ހއ. ފިއްލަދޫ އާއި ހދ.ނާވައިދޫ އާއި ރ. ހުޅުދުއްފާރާއި ބ.ކުޑަރިކިލާއި ބ.ކަމަދޫ އާއި ޅ.ހިންނަވަރާއި ޅ.ނައިފަރާއި ކ.މާފުއްޓާއި ވ.ފުލިދޫ އާއި އައްޑޫ ސިޓީގެ ހިތަދޫއެވެ.
އިއްޔެ 143 މީހުންނަށް ކޮރޯނާ ރޯގާ ޖެހުނުއިރު މާލެ ސަރަހައްދުން 140 މީހަކަށް މިރޯގާ ޖެހުނެވެ. އަދި 3 މީހަކަށް މިރޯގާ ޖެހިފައިވަނީ އެހެނިހެން ސަރަހައްދުތަކުންނެވެ. ރެއާއި ހަމައަށް ބަލާއިރު 150 މީހަކަށް ދަނީ އެދުމަތިކުރެވި ފަރުވާ ދެމުންނެވެ. އެދުމަތިކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަށް ބަލާއިރު މީގެ ދެދުވަސްކުރި އަށްވުރެ 5 މީހުން މިވަނީ އިތުރުވެފައެވެ. ކޮރޯނާ ރޯގާއަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 18 އެނދެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ ރޯގާ ޖެހިފައިވަނީ 5366 މީހަކަށެވެ. އޭގެތެރެއިން 2884 މީހުން މިރޯގާއިން ސަލާމަތްވެފައިވާ އިރު 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިވަގުތު ކޮރޯނާ ރޯގާ ޖެހިފައިތިބި މީހުންގެ އަދަދަކީ 2461 މީހަކަށެވެ. މިރޯގާގެ ސަބަބުން އެކަހެރި ކުރެވިފައިވާ މީހުންގެ އަދަދަކީ 1507 އެވެ. ފުވައްމުލަކު ސިޓީއިން މިހާތަނަށް ފެނިފައިވަނީ ކޮރޯނާ ރޯގާގެ އެންމެ ކޭސް އެކެވެ.
މުޅި ދުނިޔެއަށް ބަލާއިރު 20,797,379 މީހުންނަށް މިރޯގާ ޖެހި 746,411 މީހުން މިވަނީ މިއަދާއި ހަމައަށް މަރުވެފައެވެ. އެންމެ ގިނަ މީހުންނަށް މިރޯގާ ޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 5,360,302 މީހުންނަށް މިހާތަނަށް މިރޯގާ ޖެހިފައިވާއިރު ބްރެޒިލް އިން 3,170,474 މީހުންނަށް މިރޯގާ ޖެހިފައިވެއެވެ. މިހާރު އެންމެ ބާރަށް މިރޯގާ ފެތުރެމުންދާ އިންޑިއާގައި އިއްޔެގެ ނިޔަލަށް 2,395,471 މީހުންނަށް މިރޯގާ ޖެހިފައިވެއެވެ.
ޚިޔާލުތައް