ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ ޖެހުނު މީހުންގެ އަދަދުތަކަށް ބަލާއިރު އާބާދީ ނިސްބަތުން އެންމެ ގިނަ މީހުންނަށް މިރޯގާ ޖެހިފައިވަނީ މެދު ބިދޭސީ އާބާދީ ބޮޑު ގަތަރުގައެވެ. 2.88 މިލިއަނެއްހާ މީހުން ދިރިއުޅޭ ގަތަރުގެ ބިދޭސީން އާބާދީ އަކީ 2 މިލިއަނަށްވުރެ ބޮޑު އަދަދެކެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގަތަރުގައި އާބާދީ ނިސްބަތުން ކޮރޯނާ ރޯގާ އެންމެ ގިނައިން ޖެހިފައިވާ ގަތަރުގެ އާބާދީގެ ކޮންމެ 23.8 މީހުންގެ ތެރެއިން އެކަކަށް މިރޯގާ ޖެހިފައިވެއެވެ. އާބާދީ ނިސްބަތުން ދެވަނައަށް އަދި ތިންވަނަ އަށް އެންމެ ގިނަ މީހުންނަށް މިރޯގާ ޖެހުނީ އާބާދީގެ ކޮންމެ 33.5 މީހުންގެ ތެރެއިން އެކަކަށް މިރޯގާ ޖެހުނު ފްރެންޗް ގިއާނާ އާއި އާބާދީގެ ކޮންމެ 33.96 މީހުންގެ ތެރެއިން 1 އެކަކަށް މިރޯގާ ޖެހުނު ބަހުރެއިންއެވެ.
ގަތަރުގެ ސިއްހީ މާހިރުން ބުނާގޮތުގައި އެގައުމުގެ އާބާދީގެ ނިސްބަތުން މިހާ ގިނަ މީހުންނަށް މިރޯގާ ޖެހުނުކަން ރިކޯޑްކުރެވިއިފާ އެއްސަބަބަކީ ޓެސްޓްކުރެވޭ އަދަދު އިތުރުވުމެވެ. މިދިޔަ އަންގާރަ ދުވަހު އެކަނިވެސް 6 ލައްކަ މީހުން އެގައުމުން ކޮރޯނާ ރޯގާއަށް ޓެސްޓްކުރިކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ހާމަކުރެއެވެ. ދެވަނަ ސަބަބެއްކަމަށްވަނީ ބިދޭސީން އާބާދީގެ އިތުރުވުމެވެ. ކުރިއަށް ވޯލްޑް ކަޕް 2022 އަށް ތައްޔާރުވުމަށް އެތަކެއް ސަތޭކަ ބިދޭސީން ގަތަރުގައި މަސައްކަތް ކުރަމުންދާއިރު ބިދޭސީ ކޭމްޕްތައް ތޮއްޖެހުމަކީވެސް މިރޯގާ ގަތަރުގައި ފެތުރުމަށް މަގުފަހިވިއެއްކަމެކެވެ. ގަތަރުގެ ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި ބިދޭސީންގެ ސިއްހީ ހާލަތު ކަށަވަރުކުރުމަށް ހަރުކަށީ ފިޔަވަޅުތަކެއް މިހާރު އެޅިފައިވާ ކަަމަށެވެ.
ގަތަރުގައި މިހާގިނަ އަދަދެއްގެ ބަޔަކަށް މިރޯގާ ޖެހުނުނަމަވެސް އެގައުމަކީ، މިރޯގާގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް މަދު ގައުމެކެވެ. އިއްޔެ ނިޔަލަށް ގަތަރުން މިރޯގާ ޖެހިގެން މަރުވެފައިވަނީ 194 މީހުންނެވެ. އެއީ މިރޯގާ ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު 0.16 މީހުންނެވެ. ސިއްހީ މާހިރުން އަންދާޒާކުރާ ގޮތުގައި މަރުވާ މީހުން މަދުވުމުގެ އެއް ސަބަބަކީ އެގައުމުގެ އާބާދީގެ ޒުވާނުން ހިއްސާކުރާ މިންވަރު އިތުރުވުމެވެ. އެގޮތުން، ގަތަރުގެ އާބާދީގެ އެވްރެޖް އުމުރަކީ 31.5 އަހަރެވެ. މީގެއިތުރުން، ގަތަރުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފާއިތުވީ ކުރު މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހޭދަ އިތުރުވުމުގެ ސަބަބުން ސިއްހީ ނިޒާމަށް އައި ކުރިއެރުމަކީވެސް މިރޯގާގައި މީހުން މަރުވާ ނިސްބަތް މަދުވުމުގެ އެއް ސަބަބެވެ. ގަތަރުން މިރޯގާ ޖެހޭ ގިނަ ބަޔަކީ އަލާމާތްނެތް ކޭސްތަކާއި އާދައިގެ ކޭސްތަކެއް ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރެއެވެ. މިކަމުގެ އެއްސަބަބަކީ ޓެސްޓްކުރެވޭ ނިސްބަތްވެސް އިތުރުވުމެވެ.
އާބާދީގެ ނިސްބަތުން މިރޯގާ ޖެހޭ މީހުން 16 ވަނައަށް އެންމެ ގިނައީ ރާއްޖޭގައެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ 75 މީހުންގެ ތެރެއިން އެކަކަށް މިރޯގާ ޖެހިފައިވެއެވެ. މީގެ ދެހަފުތާ ކުރިން ރާއްޖެ އުޅުނީ 17 ވަނާގައެވެ. އޭރު ކޮންމެ 105 މީހުންގެ ތެރެއިން އެކަކަށް މިރޯގާ ރާއްޖޭގައި ޖެހިފައިވެއެވެ. ބިދޭސީ އާބާދީ ބޮޑު ރާއްޖެއިން މިބަލި ޖެހިފައިވާ 7225 މީހުން މިހާތަނަށް ފެނިފައިވާއިރު މިބަލީގައި 28 މީހަކު މިރޯގާގައި މިވަނީ މިހާތަނަށް ނިޔާވެފައެވެ. އެހެންކަމުން، މިރޯގާ ޖެހުނު މީހުންގެ ނިސްބަތުން މިބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ 0.39 އިންސައްތައެވެ. އެއީ ގަތަރާއި އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ. ގަތަރުގައި މިރޯގާ ފެތުރޭޭ ނިސްބަތް ބަލާ ބައިނަލް އަގްވާމީ މިންގަޑުކަމަށްވާ އާރު ރޭޓް ދަށްވާން ފަށާފައިވީ ނަމަވެސް ރާއްޖޭގައި ދަނީ މައްޗަށެވެ. އެޗްޕީއޭއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ 178 މީހަކަށް މިރޯގާ ޖެހުނެވެ. މީގެ ކުރިން އެޗެޕީއޭއިން ހާމަކޮށްފައިވާ ގޮތުން މިރޯގާ ފެތުރޭ ނިސްވބަތް ރާއްޖޭގައި އުޅެނީ 9 ގައެެވެ. މިއީ ނިސްބަތުިން ކަންބޮޑުވާންވީ ރޭތެކެވެ. މިއަދަދު 10 އަށް އަރައިފިނަމަ ލޮކްޑައުންއަކަށް ދާންޖެހިދާނެކަމަށްވެސް ސިއްހީ މާހިރުން ބުނެއެވެ. މިއަދާއި ހަމައަށް މިރޯގާ ޖެހިގެން 173 މީހުން އެދުމަތިކޮށްގެން ފަރުވާ ދޭއިރު ކޮރޯނާ ރޯގާއަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 18 އެނދެވެ.
ޚިޔާލުތައް