ފުވައްމުލަކު ސަރަހައްދުގައި މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ އޮއިވާލި ކަނދުފަތިތައް ކަޑައިގެން ދިޔުމުގެ ސަބަބުން އާ ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ. މި ކަނދުފަތީގެ އިތުރުން ދެވަނަ ކަނދުފައްޗެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިހާރު އަޅާނިމިފައިވާ އޮއިވާލި ކަނދުފަތީގެ ނަންބަރަކީ FAD No:529 SE FAD 11.5 miles.
މި ކަނަދުފަތިތަކަކީ ހުހުރިހާ މަސްވެރިންގެ ލާބަ އާއި މަންފާއަށްޓަކައި އަޅާފައިވާ ކަނދުފަތިތަކެކެވެ. އެގޮތުން އޮއިވާލި ކަނދުފަތީގައި ދޯނިތައް ނަގިލިލުމާއި ވާ އައްސައިގެން ތިބުމާއި އަދި އޮއިވާލި ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވެއެވެ. ކަނދުފައްޗަށް ދިމާވާ ގެއްލުންތަކާއި މައްސަލަތައް ލަސްނުކޮށް ކައުންސިލާއި ހިއްސާކުރުމަށް ވެސް އެދިފައި ވެއެވެ.
އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގެ އަމިއްލަ ކާމިޔާބު އުފެއްދުމެކެވެ. ފުރަތަމަ ކޮޅުގެ އޮއިވާލި ކަނދުފަތީގައި ދާގަނޑެއް ހަރުހަކުރެވިފައި ވިޔަސް މިހާރުގެ ކަނދުފަތިތަކުގައި އޭގެ ބަދަލުގައި ހުންނަނީ ކުދި ބޮއެތަކެއް ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ. އެއީ ކަނދުފައްޗާއި ހަމަޔަށް ފަސޭހައިން މަސްވެރިންނަށް ދެވޭގޮތަށް ބަލާފައެވެ.
މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލި ކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 56 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.
ޚިޔާލުތައް