ފުވައްމުލައް ސިޓީއިން ދޫކޮށްފައިވާ ދަނޑުބިންތަކުގައި ދާއިމީ ބޮޑެތި މަސައްކަތްތައް ނުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ދަޑުވެރިންނަށް އަންގައިފިއެވެ.
ފުވައްމުލައް ސިޓީން ދޫކޮށްފައިވާ ދަޑުބިންތަކަކީ ވަގުތީގޮތުން ދޫކުރެވިފައިވާ ތަންތަނަށް ވުމުން އެފަދަ ތަންތަނުގައި އިންފާރު ރޭނުމާއި އިންވަކި ކުރުމަށް ފެންސް ޖެހުން އަދި ތަނބު ޖެހުން ފަދަ މަސައްކަތްތައް ނުކުރުމަށް ސިޓީ ކައުންސިލުން އެންގީ އެކައުންސިލުން ނެރުނު އިއުލާނެއްގައެވެ.
މީގެ އިތުރުން ދަނޑުބިންތަކަށް ދޫކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ފަތްކެޔޮގަސްތައް އިންދުމަށް ބޮޑެތި ވަޅުތައް ނުކޮމަށް ވެސް އަންގާފައިވެއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ހުއްދަ ނެތި އެފަދަ މަސައްކަތް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ.
ފުވައްމުލަކުގައި ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބައެއް ބިންތަކުގައި ފަތްކެޔޮ އިންދުމަށް ބޮޑެތި ވަޅުގަނޑުތައް ކޮނެ އެތަނުން ނަގާ ފަސް (ވެލި) އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ގޮތުގައި ވިއްކައިގެން މަންފާ ހޯދާކަމުގެ ޝަކުވާ ވެސް އާއްމުން ކުރަމުން އައިސްފައި ވެއެވެ.

ފުވައްމުލަކު ވަގުތީ ދަނޑު ބިން. ފޮޓޯ: އަބްދުﷲ އާސިފު
ފުވައްމުލަކު އުތުރުކޮޅުން ދަނޑުވެރިކަމަށް ބިންތައް ދޫކޮށްފައިވާ ސަރަހައްދުގެ ބައެއްގައި ޓްވަރިސްޓް ހޮޓަލެއް އެޅުމުގެ މަސއްކަތް ކޮންމެވެސް ވަރަކަށް ކުރެވި ފަހުން އެމަސައްކަތް ހުއްޓާލެވިފައިވާ ތަނެކެވެ. އެސަރަަހއްދުގައި ޓްވަރިސްޓް ހޮޓަލެއް އެޅުމުގެ މަޝްވަރާތަކެއް ފަހުންވެސް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ތަފާތު ކޮންސެޕްޓަކަށް ފަތުރުވެރިކަމަށް ތަރައްގީކުރަން ވާހަކަ ދެކެވިފައި ވަނީ ގެންމިސްކިތް ފަންނާއި ބައްތި ސަރަހައްދާއި ދެމެދުން ބައެއް ކަމަށް ވެއެވެ.
އެސަރަަހައްދުގައި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ބައެއް މީހުން އޭރު ދެކޮޅުހެދި އެއްސަބަބކީ އެއީ އެންމެ އާދައިގެ މީހުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ދަނޑުވެރިކުރަން ފުވައްމުލަކުން ލިބެން އޮތް ހަމައެކަނި ބިންކޮޅު ކަމަށްވާތީ ކަމަށް ބުނަމުންނެވެ.
ޚިޔާލުތައް