ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ފެށުމާއި ގުޅިގެން، މަލީހު ރައްދު ދެއްވައިފިއެވެ. މިދިޔަ ހުކުރު ދުވަހު ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފެށުމާއި ގުޅިގެން މަލީހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ “ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން، ޑިމޮކްރަސީގެ އަސާސްތައް ފުނޑު ފުނޑުކޮށްލުން، މީ ނުރައްކަލުގެ ރަގަބީލެއް. މީކާއީލް ގޮވައިގެން ސްޕްރީމް ކޯޓަށް ވަންނާނަން”.
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި ވަޒީރު، މަލީހު މަގާމުން ދުރުކޮށް ދިނުމަށް އެދި އެމްޑީޕީ ޕީޖީ ގްރޫޕުގެ 10 މެންބަރަކު ސޮއިކޮށްފައިވެއެވެ. އެއީ މި މަސައްކަތުގައި އިސްކޮށް ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ) އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގޭ) އެވެ.
ފުވައްމުލަކު ތިން މެންބަރުން ތަމްސީލުކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ބޮޑު ފާޑުކިއުމެއް އަބަދުވެސް މަލީހަށް އަމާޒުވެއެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައި ވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށް ވެސް އެ މެންބަރުން ގޮވާލާފައި ވެއެވެ.
ޚިޔާލުތައް