A wide advertisement which will be shown on all devices. (700 x 100)

އެރައިޒް މަޝްރޫއުގެ ޖަމިއްޔާތަކުގެ ބައްދަލުވުމުގައި ބައިވެރިވީ އެވެއަރ ސޮސައިޓީއާއި ވަންފުވައްމުލައް އިން

ފުވައްމުލަކު އެއާޕޯރޓް ސަރަހައްދުގައި ސޯލާ ޕެނެލް ހަރުކޮށް ހަކަތަ އުފެއްދުމުގެ މަޝްރޫއޫ - އެރައިޒް
އެރައިޒް (އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ) މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމްއާއި ގުޅޭގޮތުން ފުވައްމުލަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ބައިވެރިވީ އެވެއަރ ސޮސައިޓީއާއި ވަން ފުވައްމުލައް ޖަމިއްޔާއިން އެކަންޏެވެ.
މިއީ ފުވައްމުލަކުގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން ފުވައްމުލަކު އެއަރޕޯޓް ސަރަހައްދުގެ އެތެރޭގައި 2 މެގަވޮޓް ސޯލާ ޕެނެލް ހަރުކޮށް ކަރަންޓް އުފެއްދުމަށް ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއާއި ގުޅިގެން މީގެ ކުރިން ފުވައްމުލަކު ރައްޔިތުންގެ މެދުގައި ކުރެވުނު ސާވޭގެ ނަތީޖާތައް ހިއްސާކުރުމާއި ސާވޭގައި އާއްމުން ފާޅުކޮށްފައިވާ ޚިޔާލުތަކަށާއި ކަންބޮޑުވުންތަކަށް އެޑްރެސްކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ.

ވަންފުވައްމުލައް އަދި އެވެއަރ ސޮސައިޓީ- ފުވައްމުލަކުގެ ދެ އެންޖީއޯ

މިމަޝްރޫއޫގެ ދަށުން އުފައްދާ ކަރަންޓް ފުވައްމުލަކުގެ ކަރަންޓް ވިއުގައިގެ ތެރެއަށް ދޫކޮށްގެން ސަރުކާރުން ކަރަންޓް ސަބްސިޑީޒްގެ ގޮތުގައި މިހާރު ހޭދަކުރާ ފައިސާއިން 6.3 މިލިޔަން ރުފިޔާ އެހެން ކަންކަމަށް ބޭނުންކުރަން ސަލާމަތް ކުރެވޭނެކަމަށް ވެއެވެ. އަދި އަންދަން ޖެހޭ ޑީސަލް މަދުކުރެވި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ހަކަތަ ބޭނުންކުރުން އިތުރުކުރެވިގެން ދާނެއެވެ.
ފުވައްމުލަކުގައި މިހާރު އެވްރެޖްކޮށް 3.7 މެގަވޮޓް ކަރަންޓް ބޭނުންކުރާކަމަށް ފެނަކައިގެ މެނޭޖަރ އަޝްރަފު ނޫމާނު (އައްރާ) ހާމަކުރައްވައެވެ. މިހާރު ފުވައްމުލަކުގައި 5.6 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ މިންވަރަށް އިންޖީނު ކެޕޭސިޓީ ހުރިކަމަށާއި އޯފްޕީކް ގަޑީގައި ބޭނުންކުރާނީ 2.9 މެގަވޮޓް ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް 25 އަހަރަށް 16 މެގަވޮޓް ކަރަންޓް ފުވައްމުލަކަށް ބޭނުންވާނެ ކަމަށް އަޝްރަފު ހާމަކުރެއްވިއެވެ.

ފުވައްމުލަކުގައި 2023ގައި ކަރަންޓް ބޭނުން ކުރާނެކަމަށް ބެލެވޭ ގޮތް- މައުލޫމާތު ތިމާވެއްޓާއި ބެހޭ މިނިސްޓްރީ

މިހާރު އޮފްޕީކްގަޑީގައި ފުވައްމުލަކަށް ބޭނުންވާ 2.9 މެގަވޮޓްގެ ތެރެއިން އެރައިޒް މަޝްރޫއުން 2 މެގަވޯޓްގެ ކެޕޭސިޓީ އިންސްޓޯލްކޮށްގެން 1.8 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދޭނެ ކަމަށް ބެލެވޭ އިރު، އެއީ މުޅި ފުވައްމުލަކަށް ބޭނުންވާ ހަކަތައިގެ ގާތްގަޑަކަށް %50 އެެވެ.
މިމަޝްރޫޢުގަިއ ހިމެނޭ މައިގަނޑު 3 ބަޔަކީ ބިމުގައި ސޯލާޕެނެލް ހަރުކޮށްގެން ކަރަންޓް އުފެއްދުމާއި، އެގޮތުން އުފެއްދޭ ކަރަންޓް ބެޓަރީ ނިޒާމެއްގައި ރައްކާކުރުމާއި ކަރަންޓް ގްރިޑް އަޕްގްރޭޑް ކުރުމެވެ. މީގެ ތެރެއިން ބިމުގައި ސޯލާޕެނެލް ހަރުކޮށްގެން ކަރަންޓް އުފެއްދުމުގެ މަރުހަލާގެ ޕްރިބިޑް ކޮލިފިކޭޝަން ވަނީ މިއަހަރު ޖެނުއަރީ މަހު ނިންމާފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ބިޑްހުށަހެޅުމުގެ މަރުހަލާ ކުރިޔަށް ގެންދެވެނެކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހާމކުރައްވައެވެ.

ބިންމަތީގައި ސޯލާ ހަކަތަ އުފައްދާ ޕެނަލްތައް ބަހައްޓާފައިވާ ގޮތުގެ މިސާލެއް – ފުވައްމުލަކު އެއަރޕޯޓގައި ވެސް ސޯލާ ޕެނެލް ހަރުކުރެވޭނީ މިކަހަލަ ގޮތަކަށް

މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގިއްޖެ ނަމަ އާއްމުންގެ ކަރަންޓް ބިލުވެ ކުޑަވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއްނެވެ. އެންމެ ފުރަތަމަ ކަމަކީ ސަބްސިޑީޒްއާއި ނުލައި ކަރަންޓް ފޯރުކޮށް ދިނުމެވެ. އެއިގެ ފަހުން ރައްޔިތުންގެ ކަރަންޓް ބިލް ކުޑަވެގެން ދިއުމެވެ.
ފުވައްމުލަކަކީ 50 އަށް ވުރެގިނަ ޖަމްއިއްޔާތައް ހަރަކާތްތެރިވާ ރަށެއް ކަމަށްވާއިރު މިފަދަ މަޝްވަރާ ބައްދަލުވުންތަކުން އެދެވޭ ތަރުހީބެއް ލިބެމުން ނުދާކަން ފާހަގަ ވެއެވެ. އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ވަން ފުވައްމުލަކާއި އެވެއަރ ސޮސައިޓީއިން ވަނީ ތިމާވެއްޓާއި ބޭހޭ މިނިސްޓްރީއާއެކު މިޕްރޮޖެޓްގައި ބައިވެރިވެ އެހީތެރިކަން ދޭނެ ކަން ހާމަކޮށްފައެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުހައްމަދު މާލެއިން

    މި ޕްރޮޖެކްޓް އެކި ރަށް ހިމެނޭއިރު، މިކަމާ ބެހޭ ގޮތުން މައުލޫމާތު ހިމަނާލަން އާޓިކަލެއްހާ ހިސާބުވެސް ކޮށްލަންކެރުނީ ފުވައްމުލަކުގެ މިކަލް ނޫހަށް އެކަނި ކަންނޭގ. އެންވަޔަރަމަންޓް މިނިސްޓްރީއަށްވެސް ސުރުހީ އަޅާލާފަ ޓްވިޓަރ ނުވަތަ ފޭސްބުކަށް އެކަނި ލާންކެރުނީ އެއްވެސް ތަފްސީލެއް އާންމުންނަށް ނުދީ. މިއާ ގުޅޭ މައުލޫމާތެއް ފެނޭތޯ ގޫގަލްގަ ސާރޗްކޮށްގެން ފެނުނީ މި އާޓިކަލް އެކަނި. މާލޭގަ އެންވަޔަރަމަންޓް މިނިސްޓްރީ ހުރުމުގެ ބަދަލުގައި ފުވައްމުލަކުގައި މިނިސްޓްރީ ހުންނަ ނަމަ މުޅި ރާއްޖެއަށްވެސް މާ ފައިދާވާނެ ހެން ހީވޭ. ކަންކަންކުރަން ކުރާ ހިތްވާ ބަޔަކަށް ކަންކަންކުރެވޭނީ.