ވަޒީފާ މާހައުލަށް ދިވެހިން އަހުލުވެރިކުރުމުގެ މަގްސަދުގައި އެމްޓީސީސީއިން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގެ އޯޕެންޑޭ މާދަމާ ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެމްޓީސީސީއިން ހާމަކުރެއެވެ. މާދަމާ މެންދުރު ފަހު 2 އިން ހަވީރު 6 އަށް އޯޕަންޑޭ ކުރިއަށްދާނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައެވެ. މިޕްރޮގްރާމުގައި ޓަގު، ބަސް، އެކްސްކަވޭޓާރ، ކްރޭން، ލޯރީ، ރޯލާ ފަދަ ބަރުއުޅަނދުފަހަރު އޮޕަރޭޓްކުރުމަށް ދަސްކޮށްދިނުން ހިމެނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާ ކުރިއަށްދާ އޯޕަންޑޭގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ބުންޏެވެ.
މިޕްރޮގްރާމް ކުރިއަށްދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އެމްޓީސީސީއިން އުމްރާނީ ތަރައްގީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފަންުނުވެރިން ބިނާކުރުމަށް ކަމަށްވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
ހުނަވަރު ޕްރޮގްރާމްގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5،000ރ. ލިބޭނެކަމަށް އެމްޓީސީސީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފައެވެ. މިއީ ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ފުރުސަތު ދިވެހިންނަށް ހުޅުވާލީ މިވަގުތު އެ ކުންފުނީގައި ހެވީ ވެހިކަލް އޮޕަރޭޓް ކުރަން ތިބި ހުރިހާ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހިންނަށް އެ ފުރުސަތު ހޯދައި ދިނުމަށްކަމަށެވެ. “އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރޭގައި 130 ބިދޭސީން އެބައުޅޭ މި މަސައްކަތްތައް ކުރާ. މި މަސައްކަތަކީ ފަސޭހައިން ދަސްވެ ފުދޭވަރަކަށް ރަނގަޅު އާމްދަނިއެއް ލިބޭ މަސައްކަތެއް،” އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މި ދާއިރާއިން ތަމްރީން ލިބިގެން ވަޒީފާގެ މާހައުލަށް ނުކުންނަ މީހުންނަށް މަހަކު 12،000ރ. އާއި 20،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށެވެ.
އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި 2018 ވަނަ އަހަރު އިފްތިތާހުކުރި ޕްރޮގްރާމެކެވެ.
ޚިޔާލުތައް