ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މޭމަހުގެ 10 ގެ ކުރިން ބާއްވަން ފާސްކުރި ‘ސަންސެޓް ގާނޫނު’ގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިާޚބު ބޭއްވުމަށް ރައްޔިތުންގެ މަޖުލީހުން އިއްޔެ ފާސްކޮށްފިއެވެ.
މަޖުލީހުގެ އިއްޔެ ޖަލްސާއިން ފާސްވެގެން ދިޔައީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކާއި އެއްގޮތަށް އިންތިޚާބު ބޭއްވުމުގައި އަމަލުކުރާ ގޮތަށެވެ. ފާއިތުވެދިޔަ 2020 ވަނަ އަހަރު ފާސްކުރި “ސަންސެޓް ގާނޫނު” ގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިޚާބު ނުބޭވޭގޮތަށް އޮތް މާއްދާ ވަނީ އުވާލާފައެވެ. ވުމާއެކު ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ދެމިއޮތަސް މިހާރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކަމިޝަނަށް ކުރިޔަށް ގެންދިއުމުގެ މަގު މިވަނީ ހުޅުވިގެން ގޮސްފައެވެ.
ނަމަވެސް ގާނޫނަށް ގެންނާނެކަމަށް ކުރިން ބެލެވުނު، ބައެއް އިސްލާހުތައް، އިންތިޚާބީ ކަންކަމުގައި ކަނޑައަޅާފައިވާ މުއްދަތު ކުރުކުރުމުގެ ހުށަހެޅުމަށް ބަދަލެއް ނުގެނެސް އާއްމު އިންތިޚާބުގެ ގާނޫނުގައިވާ ގޮތަށް އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އިންތިޚާބުގެ ކަންކަން ކަނޑައެޅިފައި މުއްދަތުތަކަށް ކަންކަން ނުނިންމޭނެ ކަމަށް ބެލެވޭނަމަ، އަދި އެގޮތުން އިންތިޚާބު ބޭއްވުން ލަސްކުރަން ޖެހޭނަމަ އެކަން 30 ދުވަހުގެ ކުރިން އިލެކްޝަންސް ކަމިޝަނުން ރައްޔިތުންގެ މަޖުލީހުގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ.
އެއާއެކު އިލެކްޝަންސް ކަމިޝަނުން ކުރިން ލަފާކޮށްފައިވާ އަންނަ މޭމަހު 3 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރެވޭނީ މިއަދު ފާސްކުރި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ތަޝްދީގުކޮށް ގެޒެޓް ކުރުމުންނެވެ.
މިއަދުގެ މަޖުލިސް ޖަލްސާ ފަށާގަޑި ޖެހުނު އިރު ކޯރަމް ހަމަވާ ވަރަށް (24) މެމްބަރުން ހަމަނުވެގެން ޖަލްސާ ފެށުނީ ލަހުންނެވެ. ޖަލްސާފެށީ 24 މެންބަރުންނާއެކު 30 ވަރަކަށް މިނިޓް ފަހުންނެވެ. ޖަލްސާ ފެށިއރުވެސް އިދިކޮޅު މެމްބަރަކު މަޖުލިސް ތަޅުމުގައި ނެތެވެ. ނަމަވެސް ޖަލްސާފެށިގެން އިރުކޮޅެއް ވީތަނުން އިދިކޮޅު މެމްބަރުންގެ ވެސް ޖަލްސާއަށް ފްލޯއަށް ވަނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ހައިކޯޓަށް 3 މައްސަލައެއް ހުށަހާޅަަފއި ވެއެވެ. އަންނަ އާދީއްތަ ދުވަހު އެތަނުން އެއް މައްސަލައެއް ނިންމުމަށް ވަނީ ތާވަލް ކުރެވިފައެވެ. އެއީ އެއިންތިޚާބުގައި އަންހެނުންނަށް ވަކި ދާއިރާތަކެއް ކަނޑައެޅި ގޮތުން އެހެން މީހުންގެ އިންތިޚާބީ ހައްގުތަކެއް ގެއްލިގެންދާތީ ކަމަށް ބުނެ ހުށަހެޅި މައްސލަައެކެވެ. އަނެއ ްމައްސަލއަކީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ މައްސަލައެކެވެ.
ޚިޔާލުތައް