ދިވެހިރާއްޖޭގެ ކޯވިޑް-19ގެ ހާލަތު މިދުވަސްވަރު ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ. ފާއިތުވި 3 ދުވަހުވެސް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް ހުރީ 100 އިން މަތީގައެވެ.
އެއާއެކު މާލޭ ސަރަހައްދުގައި ރެއިން (26 ޖެނުއަރީ 2021) ފެށިގެން ޕާޓީތަކާއި، ރަސްމިއްޔާތުތައް އަދި ހަފުލާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
އަދި މިރެއިން (27 ޖެނުއަރީ 2021) ފެށިގެން މާލޭގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުން އެހެން ރަށްރަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހުމާއި 29 ޖެނުއަރީއިން ފެށިގެން ފަތުރުވެރީން ނޫން މީހުން، ރާއްޖެއިން ބޭރުން އަންނަނަމަ 10 ދުވަހަށް ކަރަންޓީން ވާން ޖެހޭގޮތަށް އުސޫލަށް ބަދަލުގެނައުން ހިމެނެއެވެ.
މާލޭގެ ކަރަންޓީން ރިލީޒް ސާމްޕަލް ނަގާތަންތަނުން ބޭނުން ފަރާތްތަކަށް ހިލޭ ކޮވިޑް-19 ގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
އިއްޔެގެ އަދަދުތަކަށް ބަލާއިރު ޖުމްލަ 145 މީހުން، އަލަށް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ރާއްޖޭގެ މުޅި ޖުމްލަ މިއުޅެނީ 15247 ގައެވެ. އަދި 51 މީހަކު މިވަނީ ބަލީގައި މަރުވެފައެވެ. ބަލީގައި މިހާރު ތިބީ 1273 މީހުންނެވެ.
މީގައި ހިމެނެނީ މާލޭ ސަރަހައްދުން އިއްޔެ ޕޮޒިޓްވި 93 މީހަކާއި އަތޮޅުތަކުގެ މީހުން ދިރިއުޅެ ރަށްރަށުން 14 މީހަކަައި ރިޒޯޓުތަކުން 36 މީހަކާއި ފަތުރުވެރިކަމުގެ އުލަނދުތަކުން 2 މީހުންނެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 ޙާލަތު، 26 ޖެނުއަރީ 2021
މާލޭސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށް އަރާފޭބުން މަނާކުރުމާއި ބައެއް ރަށްރަށަށް ދަތުރުކޮށްފައި ވާނަމަ ޕީސީއާރު ޓެސްޓް ހެދުމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުވުމަށް ވަނީ ނޯޓިސްތައް ނެރެފައެވެ.
އިއްޔެ ވަނީ ފުވައްމުލައް ސިޓީއިން ވެސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވްވެ ފުވައްމުލަކުގެ ޖުމްލަ 5 އަށް އަރާފައެވެ. ފުވައްމުލަކުން އިއްޔެ ޕޮޒިޓިވް ވީ ދިވެހި ފިރިހެނެކެވެ. އޭނާގެ ހޯމް ކަރަންޓީން ކޮންޓެކްޓަކު ނެތްކަމަށާއި ރަށަށް ދަތުރުކުރުމުގައި ކްލޯޒް ކޮންޓެކްޓެއް ހުރިތޯ ބަލަމުން އަންނަ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މައުލުމާތު ދެއްވިއެވެ.
ޚިޔާލުތައް