ފުވައްމުލައް ސިޓީގެ ރައްޔިތުން ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހަން ތައްޔާރުވެއްޖެއެވެ. ފުވައްމުލައް ހޮސްޕިޓަލުން އާއްމުކުރި ގޮތުގައި ވެކްސިން ދިނުމަށް ތައްޔާރުވުމުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައެވެ. އަދި ފުވައްމުލައް ސިޓީއަށް ވެކްސިން ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަމަށެވެ.
ވެކްސިން ދިނުމަށް ތައްޔާރުވުމުގެ ގޮތުން ކޮވިޑް-19ގެ ވެކްސިން ދިނުމުގައި އަމަލީގޮތުން މަސައްކަތްކުރާ ސިއްޙީ އެހީތެރިންނަށް ކަމާއިބެހޭ ޚާއްސަ މައުލޫމާތާއި އިރުޝާދު ދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ. މި ތަމްރީނު ސެޝަން ކުރިޔަށްގެންގޮސްފައި ވަނީ އޮންލައިން ކޮށެއެވެ. މި ހަރަކާތުގައި ވެކްސިން ދިމުނުގެ ޕްރޮގްރާމް ރޭވުމާއި ވެކްސިން ދޭނޭ ތަރުތީބާއި ގުޅޭ ގޮތުން އިރުޝާދު ދެވިފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް ވެކްސިން ދޭން ތައްޔާރުވުން. ފޮޓޯ؛ފވމ ހޮސްޕިޓަލް
ފުވައްމުލައް ސިޓީގައި ވެސް ކޮވިޑް-19 އިން ދިފާޢުވުމަށް އެންމެ ފުރަތމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެއިގެ ފަހުން 80 އަހަރުން މަތީ ދޮށީ އުމުރުގެ މީހުނަށެވެ. އެއިގެ ފަހުން ވެކްސިން ދޭނީ ބަލީގެ “ހައި ރިސްކް” މީހުންނަށެވެ. ހައިރިސްކް މީހުންނަކީ ކޮވިޑް-19 ރޯގާއިން ދިފާޢުވުމުގައި އެންމެ ނުރައްކާ ބޮޑު މީހުންނެވެ.
ފުވައްމުލައް ސިޓީގައި ވެސް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދާނީ އެޗް.ޕީ.އޭ.ގެ ގައިޑްލަނާ އެއްގޮތްވާގޮތުގެ މަތީން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް ވެކްސިން ދޭން ތައްޔާރުވުން. ފޮޓޯ؛ފވމ ހޮސްޕިޓަލް
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މިއަދު ވެކްސިން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއާއި ހަވާލާދީ މީޑީއާތަކުން ބުނެފައިވެއެވެ. ނަމަވެސް ބައެއް ރަށްތަކަށް ވެކްސިން ގެންދިއުމުގައި ލަސްތަކެއް ދިމާވެގެންނާއި އަދި މިނޫންވެސް ސަބަބުތަކާއި ހުރެ މިއަދު ވެކްސިން ޖަން ހުރިހާ ހޮސްޕިޓަލެއްގައި ނުފެށިދާނެ ކަމަށް ބެލެވެއެވެ.
އެގޮތުން ފުވައްމުލައް ސިޓީއަކީ މާލެއާއި ސީދާ ފްލައިޓު ދަތުރުތަކުން ގުޅުވާލެވިފައިވާ ރަށެއް ކަމަށްވިޔަސް ފުވައްމުލަށް އެންމެ އަވަހަށް ވެސް ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ މިރޭގެ ފްލައިޓުންނެވެ. އަދި މިރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގައި ވެސް ވެކްސިން ޖަހަން ފެށިދާނެއެވެ.
ނަމަވެސް ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފާށާނެ ވަކި ދުވަހެއް އަދި ގަޑިއެއް ހަމކޮސްފައެއް ނުވެއެވެ.
ޚިޔާލުތައް