ފުވައްމުލައް ސިޓީގައި ކޯވިޑް-19 ފެތުރޭތޯ ބެލުމުގެ ސާވޭއަކަށް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ފުވައްމުލަކު ހޮސްޕިޓަލުން ފަށައިފިއެވެ.
މިއަދާއި މާދަމާ ސާމްޕަލް ނެގުމަށް ހަމަޖެހިފައި ވަނީ ރަށުގެ އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އެގޮތުން މިސާވޭއަށް 150 ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ހަމަޖެހިފައި ވެއެވެ.
މި ސާވޭއަށް ރަށުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިދުނުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިފައި ވެއެވެ.

ވެކްސިންގެ އާއްމު ސައިދް އިފެކްޓްތައް.
މިދުވަސްކޮޅު ފުވައްމުލަކުގެ ދެބިތުން އައްޑޫއާއި ހުވަދޫ އަތޮޅުގެ ރަށްތަކުގައި ވެސް ކޮވިޑް-19ގެ ކޮމިއުނީޓި ސްޕްރެޑެއް އޮތްކަމަށް ބެލެވި ބައެއް ރަށްތައް އެޗްޕީއޭގެ މޮނިޓަރިންއަށް ލައި، ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގދ. ތިނަދޫގައި ބަލި އުޅޭކަމަށް ވަނީ ބެލެވިފައެވެ. ހިތަދޫ ކްލަސްޗަރއާއި ގުޅިގެން މިހާތަނަށް 28 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ކޮވިޑް-19 ގެ ދެކުނުގެ އަތޮޅުތަކުގެ ހާލަތަށް ބަލާއިރު ފުވައްމުލަކު ހޮސްޕިޓަލުން ރެންޑަމް ސާމްޕަލް ނަގައި ރަށުގައި ބެލިފެތުރޭތޯ ބެލުމަކީ ހޮސްޕިޓަލުން މިވަގުތުން ނެގި ވަރަށް މުހިންމު ޑިސިޝަނެއް ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ބުންޏެވެ.
މީގެކުރިން ވެސް ފުވައްމުލަކުގައި ވަނީ ރޭންޑަމް ސާމްޕަލް ނަގައި ބަލިފެތުރޭތޯ ބަލާފައެވެ. ނަމަވެސް އެފަހަރުގެ ހުރިހާ ސާމްޕަލް ތަކެއް ވީ ނެގަޓިވްއެވެ.
މިވަގުތު ފުވައްމުލައް ސިޓީގައި ތިބީ ކޮވިޑް-19ގައި 3 ބަލިމީހުންނެވެ. އެ އެންމެންނަކީ ވެސް ހޯމް ކަރަންޓީނުން ބައްޔަށް ޕޮޒިޓިވް ވި މީހުން ކަމަށްވާތީ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަކށް ނުބެލެވެއެވެ.

ފާއިތުވި ޖެނުއަރީ މަހު ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19ގެ ސާމްޕަލް ނަގައި ޓެސްޓް ކުރުވި އަދަދުތައް.
ފުވައްމުލައް ސިޓީގައި ކޮމިއުނީޓި ސްޕްރެއްޑެއް އޮތްކަމަށް ނުބެލެވޭ އަނެއް ސަބަބަކީ ފާއިތުވި ޖެނުއަރީ މަހު ފުވައްމުލަކު ހޮސްޕިޓަލުން ޓެސްޓްކުރި ފްލޫ ކްލިނިކްގެ 142 ސާޕަލް އާއި ދަތުރުވެރިންގެ 39 ސާމްޕަލްގެ ނަތީޖާ ވެސް ނައްސިވެފައި ވުމުންނެވެ.
ނަމަވެސް އެއިގެ ފަހުން ހާލަތު ބަދަލުވެފައި އޮވެދާނެތީ ރަށުގައި ބަލި ފެތުރޭތޯ ބެލުމަކީ މިވަގުތަށް މުހިންމު ކަމެކެވެ.
ޚިޔާލުތައް