ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ވެކްސިން ދިނުން މެދުކެނޑުމަށް ފަހު އަލުން ފެށުމަށް ތައްޔާރުވަމުން ދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ހާމަކުރައްވައި ފިއެވެ.
ފުވައްމުލައް ސިޓީން ކޮވިޑް-19ގެ ވެކްސިން ދިނުން މެދުކެނޑުނީ އިއްޔެ ފުވައްމުލައް ސިޓީއިން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިން އަށް ފުވައްމުލައް ސިޓީ ލުމުންނެވެ. ދެމީހަކު ކޮވިދް-19 އަށް ޕޮޒިޓިވް ވި ދުވަސްވަރަކީ ފުވައްމުލައް ސިޓީގައި ތިބި އެންމެ ދޮށީ އުމުރުގެ މީހުންނަށް ކޮވިޑް-19ގެ ރޯގާއިން ދިފާއު ވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްކޮޅެވެ.
ވެކްސިން ޖެހުން މެދުކެނޑުމާއި ގުޅިގެން ފުވައްމުލައް ސިޓީގެ ވަރަށް ގިނަ ބަޔަކު ހޮސްޕިޓަލުގެ އިސްވެރިންނާއި ގުޅުއްވާ މިކަމުގެ ކަންބޮޑުވުން ފާޅުކުރައް ވަމުން ގެންދަވާ ކަމަށްފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއެވެ. ކޮމިއުނީޓީ ތެރެއިން ދެމީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެންމެ އިސްކަންދީގެން ކުރަންޖެހޭ ކަންތަތައް ހަމަޔަކަށް އެޅުވުމަށްފަހު އަނެއްކާވެސް ވެކްސިން ޖެހުމުގެ މަސައްކަތާއިގެން ހޮސްޕިޓަލުގެ ޓީމު ކުރިޔައް ދާނެކަމަށް މެނޭޖަރު ހާމަކުރެއްވިއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސް ތަކުގެ ކޮންޓެކުޓް ޓްރޭސިން މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށް ހަމަކުރެއްވިއެވެ.
މިވަގުތު ރަށުގެ ހާލަތަށް އައިސްފައިވާ ބަދަލާއިއެކު ކަންކަން އަލުން ތަރުތީބު ކުރަން ޖެހޭތީ ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ އެންމެހާ ކަންކަން ޒިކުރާ ކޮލެޖުގައި ކުރިޔަށް ގެންދިއުމަށް މިއަދު މިވަނީ ހަމަޖައްސާފައިކަމަށް ވެއެވެ. ޒިކުރާ ކޮލެޖުގައި ވެކްސިން ޖަހަން ފެށުމުން ކޮންމެ ދުވަހަކު ވެސް ހެނދުނުން ފެށިގެން ހަވީރު 6:00 އަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެއެވެ. އެއާއެކު ދުވާލަކަށް ވެކުސިން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް އަހުމަދު ސައީދު ވިދާޅުވެއެވެ.
ނަމަވެސް ވެކްސިން ދޭން އަލުން ފަށާނެ ވަކި ދުވަހެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގައި ޒަރޫރީ ބޭނުންތަކުގައި ނޫނީ ރޭ 12:00 އިން ފެށިގެން ގެއިން ބޭރަށް ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.
ޚިޔާލުތައް