A wide advertisement which will be shown on all devices. (700 x 100)

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ. މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުވި އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިސަރުކާރުގައި ހުރި ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންފީޒުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. މިކަމާއި ގުޅިގެން މަލީހު ވިދާޅުވެފައި ވަނީ، ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އެއީ އޭނާގެ މައްސަލައެއް ކަމަށް އެމްޑީޕީއިން ފާހަގަކުރާއިރު، ކޭމްއަކީ ގާނޫނީ ވަކި ޝަހުސެއް ކަމަށެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް މަލީހުވަނީ ކުރިން ވިދާޅުވެފައެވެ. އެއީ، ގާނޫނުއަސާސީން ވަޒީރަކަށް ވެސް ލިބިފައި އޮންނަ ހައްގެއް ކަމަށާއި ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ އަބަދުވެސް ކުރާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !